Advertisement

އޮކްޓޯބަރު މަހު އިންޑިއާ އިން ކޮވިޑް ވެކްސިންގެ 8 މިލިއަން ޑޯޒް އެކްސްޕޯޓު ކުރާނެ

26 ސެޕްޓެންބަރު 2021 - 06:32 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އޮކްޓޯބަރު މަހު އިންޑިއާ އިން އެކްސްޕޯޓް ކުރާނީ ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން.


އޮކްޓޯބަރު މަހު އިންޑިއާ އިން ކޮވިޑް ވެކްސިންގެ 8 މިލިއަން ޑޯޒް އެކްސްޕޯޓު ކުރާނެ

26 ސެޕްޓެންބަރު 2021 - 06:32 0

ނިއު ދިއްލީ، އިންޑިއާ (ސެޕްޓެމްބަރު 25) - އިންޑިއާ އިން އޮކްޓޯބަރު މަހުގެ ތެރޭގައި ކޮވިޑް ވެކްސިންގެ އަށް މިލިއަން ޑޯޒް އެކްސްޕޯޓު ކުރާނެ ކަމަށް އެ ގައުމުން ބުނެފި އެވެ.

ކޮވިޑުގެ ނުރައްކާތެރި ރާޅެއް ކުރިމަތިވުމާއެކު މީގެ ފަސް މަސް ކުރިން އެކްސްޕޯޓް ކުރުން ހުއްޓާލި ކޮވިޑް ވެކްސިން، އޮކްޓޯބަރު މަހުން ފެށިގެން އަލުން އެކްސްޕޯޓް ކުރާނެކަން އިންޑިއާ އިން އިއުލާނު ކުރީ މިދިޔަ ހަފުތާގަ އެވެ.

ބޮޑު ވަޒީރު ނަރެންދްރަ މޯދީ މިހާރު އެމެރިކާ އަށް ކުރައްވަމުންދާ ދަތުރުފުޅުގައި ވަނީ އިންޑިއާ އާއި ޖަޕާން، އޮސްޓްރޭލިއާ އަދި އެމެރިކާ ހިމެނޭ "ކުއެޑް ގްރޫޕުގެ" ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފަ އެވެ.

އެ ބައްދަލުވުމުގައި މޯދީ ވައުދުވެވަޑައިގެންނެވީ ވެކްސިންގެ އެކްސްޕޯޓް އަލުން ފެށުމަށެވެ. ފޮރިން ސެކެޓްރީ ހަރްޝް ވަރްދަން ނޫސްވެރިންނަށް ވިދާޅުވީ އެ ވައުދާ އެއް ގޮތަށް އޮކްޓޯބަރު މަހު އަށް މިލިއަން ޑޯޒް އެކްސްޕޯޓު ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެކްސްޕޯޓް ކުރާނީ ޖޯންސަން އެންޑް ޖޯންސަންގެ ޑޯޒްތަކެއް ކަމަށާއި އޭގެ ބޮޑު ބައި ދާނީ އޭޝިއާ ޕެސިފިކްގެ ގައުމުތަކަށް ކަމަށެވެ.

"އެ ޝިޕްމަންޓް އޮކްޓޯބަރު މަސް ނިމުމުގެ ކުރިން ތައްޔާރުވާނެ. މިއީ ކުއެޑް ގްރޫޕުގެ ފަރާތުން އިންޑޯ ޕެސިފިކް އަށް ފޮނުވާ އަވަސް ޝިޕްމަންޓެއް."

ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ އެއް ގައުމަކީ އިންޑިއާ އެވެ. އެ ގައުމުން ކުރިން އަމާޒު ކުރީ ޑިސެމްބަރު 2022 ގެ ކުރިން އެއް ބިލިއަން ކޮވިޑް ވެކްސިން ޑޯޒް އެކްސްޕޯޓު ކުރުމަށެވެ.

އެކަމަކު ކޮވިޑުގެ ހާލަތު އިންޑިއާގައި ގޯސްވި ވަގުތު، ވެކްސިންގެ ދަތިކަން ވެސް ޖެހުމާއެކު މިދިޔަ މޭ މަހުން ފެށިގެން އޮތީ އެކްސްޕޯޓް ކުރުން މެދުކަނޑާލާފަ އެވެ. އެހެން ނަމަވެސް މިހާރު އެ ގައުމުގައި ކޭސްތަކުގެ އަދަދު ވަނީ ތިރިވެފަ އެވެ.

އިންޑިއާގައި މިހާތަނަށް ކޮވިޑް ވެކްސިންގެ 840 މިލިއަން ޑޯޒް ދީފައިވެ އެވެ. ބޮޑެތި މީހުންގެ އާބާދީގެ ގާތްގަނޑަކަށް 50 ޕަސެންޓު އެއް ޑޯޒް ޖަހާފައި ވާއިރު، 16 ޕަސެންޓު މީހުން ވަނީ ދެ ޑޯޒް ފުރިހަމަކޮށްފަ އެވެ.