Advertisement

ބަޔާން ލީޑުފުޅާކޮށްފި، ނާގަލްސްމަން އަށް ހިތްހަމަޖެހުން

25 ސެޕްޓެންބަރު 2021 - 12:56 0


ބަޔާން ލީޑުފުޅާކޮށްފި، ނާގަލްސްމަން އަށް ހިތްހަމަޖެހުން

25 ސެޕްޓެންބަރު 2021 - 12:56 0

މިއުނިކް (25 ސެޕްޓެމްބަރު) - ޖަރުމަން ލީގުގައި ރޭ ގްރޮއިތާ ފްރޫތު އަތުން 3-1 އިން މޮޅުވެ، ތާވަލްގެ އެއްވަނައިގައި އޮތް ބަޔާން މިއުނިކުން ލީޑު ފުޅާކޮށްފި އެވެ.

ގްރޮއިތާ ފްރޫތުގެ ދަނޑުގައި ކުޅުނު މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ބަޔާންގެ ޑިފެންޑަރު ބެންޖަމިން ޕަވާޑަށް ރަތް ކާޑު ދެއްކުމާއެކު، ބަޔާން މެޗު ނިންމާލީ 10 މީހުންނާ އެކު އެވެ. މި މެޗުން މޮޅުވެ ބަޔާން އެއްވަނައިގައި އޮތީ 16 ޕޮއިންޓާއެކު އެވެ. ދެވަނައިގައި 13 ޕޮއިންޓާއެކު އޮތީ ވުލްފަސްބާގެވެ.

ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ ކުޅުންތެރިއަކު މަދުކޮށް ވެސް ރަނގަޅަށް ކުޅެގެން ޓީމުން ހޯދި ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

"އެންމެ މުހިންމު ކަމަކީ މި މެޗުން މޮޅުވުން. މިއީ (ކުޅުންތެރިއަކު މަދުކޮށް ކުޅެ މޮޅުވުމަކީ) އެއްގޮތަަކަށް ވެސް ފަސޭހަކަމެއް ނޫން،" ކުރިން ހޮފެންހައިމް އާއި އާރްބީ ލައިޕްޒިގަށް ކޯޗުކޮށްދިން ނާގަލްސްމަން ބުންޏެވެ.

ފްރޫތުގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ 10 ވަނަ މިނިޓުގައި ބަޔާނަށް ލީޑު ހޯދައިދިނީ ތަޖުރިބާކާރު ފޯވާޑް ތޯމަސް މުލާ އެވެ. ބަޔާންގެ ދެވަނަ ލަނޑު މެޗުގެ 31 ވަނަ މިނިޓުގައި ކާމިޔާބުކުރީ ޖޮޝުއާ ކިމިޗެެވެ. ބަޔާންގެ ތިން ވަނަ ލަނޑަކީ މެޗުގެ ދެވަނަ ހާފުގައި ގްރޮއިތާ ފްރޫތުގެ ޑިފެންޑަރު ސެބެސްޓިއަން ގްރައިސްބެކްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މެޗުގެ 88 ވަނަ މިނިޓުގައި ބަޔާންގެ ގޯލު ހުޅުވާލީ ގްރޮއިތާ ފްރޫތުގެ ސްވިޒަލޭންޑްގެ ފޯވަޑް ސެޑްރިކް އިޓެން އެވެ.

ފްރޫތުގެ ކޯޗު ސްޓެފަން ލެއިޓްލް ބުނީ ބަޔާން ކަހަލަ ޓީމަކާ ދެކޮޅަށް ނަތީޖާ ނެރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. މުޅި މެޗަށް ބަލާއިރު އޭނާގެ ޓީމުގެ ކުުޅުމުން ކުރިއެރުން ފެނުނު ކަމަށް ފްރޫތު ބުންޏެވެ.