Advertisement

ފަލަސްތީނުގެ ބިމުން އިޒްރޭލް ފައިބަން އެއް އަހަރުގެ މުއްދަތެއް ދީފި

25 ސެޕްޓެންބަރު 2021 - 11:30 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އދ. ގެ އާއްމު މަޖިލީހުގައި ވާޗުއަލްކޮށް ތަގުރީރު ކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ


ފަލަސްތީނުގެ ބިމުން އިޒްރޭލް ފައިބަން އެއް އަހަރުގެ މުއްދަތެއް ދީފި

25 ސެޕްޓެންބަރު 2021 - 11:30 0

އެމެރިކާ (ސެޕްޓެމްބަރު 25) - ޔަހޫދީން ވެރިވެގަނެފައިވާ ފަލަސްތީނުގެ ބިންތައް ދޫކޮށްދާން އިޒްރޭލަށް އެއް އަހަރުގެ މުއްދަތެއް ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ދެއްވައިފި އެވެ.

އދ. ގެ އާއްމު މަޖިލީހުގައި ވާޗުއަލްކޮށް ވާހަކަދައްކަވަމުން މަހްމޫދު އައްބާސް ވިދާޅުވީ އެއް އަހަރު ތެރޭ ފަލަސްތީނުގެ ބިންތަކުން ނުފައިބައިފި ނަމަ، 1967 ގެ ކުރިން އޮތް ބޯޑަރުގެ މައްޗަށް ބިނާކޮށް ޔަހޫދީ ދައުލަތެއް ފަލަސްތީނުން ބަލައިނުގަންނާނެ ކަމަށެވެ.

މަހްމޫދު އައްބާސް، އދ. ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް އަށް ގޮވާލެއްވީ "ބައިނަލްއަގްވާމީ ސުލްހައިގެ ކޮންފެރެންސެއް" ބޭއްވުމަށެވެ. ސުލްހައިގެ ކޮންފެރެންސް ބާއްވަން އެދުމަށް ފަހު، ޝަރުތެއް ވެސް ކުރެއްވި އެވެ.

"އަޅުގަނޑުމެން އިޒްރޭލަށް އަންގަން ޖެހޭ، ފަލަސްތީނުގެ ބިމަށް އަރައިގެން އުޅޭ އިޒްރޭލަށް، އެ ބިންތަކުން ދިޔުމަށް ލިބޭނީ އެއް އަހަރު ކަމަށް. އެއީ އިރުމަތީ ގުދުސް އާއެކު 1967 ގައި އިޒްރޭލުން ހިފި ފަލަސްތީނުގެ ބިންތައް ދޫކޮށް ދާން ދެވޭ މުއްދަތު،" އޭނާ ވިދާޅުވި އެވެ.

އައްބާސް ވިދާޅުވީ "އދ. ގެ ގަރާރުތަކާ އެއް ގޮތްވާ ގޮތުގެ މަތިން މުޅި އަހަރު އެއްކޮށް މަސައްކަތް ކޮށްގެން ވެސް އިޒްރޭލާއި ފަލަސްތީނުގެ ދެ ދައުލަތް ގާއިމްކުރުމުގެ މައްސަލަ ހައްލު ކުރަން" ފަލަސްތީނު ރައްޔިތުން ތައްޔާރަށް ތިބި ކަމަށެވެ.

"އެކަމަކު އެކަން ހާސިލް ނުވާ ނަމަ، 1967 ގައި އޮތް ބޯޑަރުތަކާ އެއް ގޮތަށް އިޒްރޭލު ބަލައިގަތުމުގެ ބޭނުމަކީ ކޮބާ؟،" އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ފަލަސްތީނު ދައުލަތުގެ ބިމަށް އިޒްރޭލުން އަރައިގެން އުޅޭތީ "އެކަމުގެ ގާނޫނީ ސައްހަކަމެއް ނެތް ކަމަށް" ކަނޑައެޅުމަށް ފަލަސްތީނުން ބައިނަލްއަގްވާމީ ކްރިމިނަލް ކޯޓަށް މައްސަލަ ވައްދާނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

މެދުއިރުމަތީގައި ފަލަސްތީނާއި އިޒްރޭލުގެ ދެ ދައުލަތެއް ގާއިމް ކުރެވޭނެ ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ ސުލްހައިގެ މަރުހަލާތައް ކުރިއަށް ނުގޮސް، ހުއްޓިފައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ.

ފަލަސްތީނުގެ ރައީސް އދ. ގެ އާއްމު މަޖިލީހުގައި ވާހަކަ ދެއްކެވުމާއެކު އިޒްރޭލުން އަވަސްވެގަތީ އެ ވާހަކަތަކުގައި ބުރަދަނެއް ނެތް ކަމަށް ދެއްކުމަށެވެ.

"އައްބާސް އަނެއްކާވެސް އެ ދެއްކެވީ އޭނާ އަކީ މިހާރު މި މައްސަލައިގެ ތެރޭގައި މުހިއްމު މީހެއް ނޫން ކަން،" އދ. އަށް އިޒްރޭލުން ކަނޑައަޅާފައި ހުންނަ ސަފީރު ގިލާދް އެރްދަން ވިދާޅުވި އެވެ.

"ސުލްހަ އާއި މަޝްވަރާ އަށް ހަގީގަތުގައި ވެސް ތާއީދު ކުރާ މީހުން، އެއްވެސް ހަމައެއް ނެތި އދ. ގެ ޕްލެޓްފޯމެއްގައި އެފަދަ ގޮތަކަށް ޝަރުތުތަކެއް ނުކުރައްވާނެ."