Advertisement

ސިޓީ އަށް ބަދަލުވާން ބޭނުންވި، ޗެލްސީގައި މިހުރީ އުފުލަން: ޖޯޖީނިއޯ

25 ސެޕްޓެންބަރު 2021 - 10:32 0

ޗެލްސީގެ މެޗެއްގެ ތެރެއިން ޖޯޖީނިއޯ.


ސިޓީ އަށް ބަދަލުވާން ބޭނުންވި، ޗެލްސީގައި މިހުރީ އުފުލަން: ޖޯޖީނިއޯ

25 ސެޕްޓެންބަރު 2021 - 10:32 0

ލަންޑަން (ސެޕްޓެމްބަރު 25) - މީގެ ދެ އަހަރު ކުރިން އެންމެ ފުރަތަމަ ބޭނުންވީ މެންޗެސްޓާ ސިޓީ އަށް ބަދަލުވާން ކަމަށާއި އެކަަމަކު އޭގެ ބަދަލުގައި އެ ފަހަރު ފަހުން ޗެލްސީއާ ގުޅުމުން މިހާރު ހުރީ ވަރަށް އުފަލުން ކަމަށް އިޓަލީގެ މިޑްފީލްޑަރު ޖޯޖީނިއޯ ބުނެފި އެވެ.

އުމުރުން 29 އަހަރުގެ ޖޯޖީނިއޯ، 2018 ވަނަ އަހަރު ޖުލައި މަހު ޗެލްސީ އަށް ބަދަލުވީ ޖުމްލަ އެކު 57 މިލިއަން ޕައުންޑް (78 މިލިއަން ޑޮލަރު)ގެ ޑީލެއްގަ އެވެ. އެ ފަހަރު ޖޯޖީނިއޯ ގަންނަން އެންމެ ފުރަތަމަ ސިޓީން ހުށަހެޅި 56 މިލިއަން ޑޮލަރުގެ ޕްރޮޕޯސަލް ނަޕޯލީން ބަލައިގަތެވެ. އެކަމަކު، ފަހު ވަގުތު ނަޕޯލީން ސިޓީގެ ހުށަހެޅުން ދޫކޮށްލައި ޖޯޖީނިއޯ ވިއްކާލީ ޗެލްސީ އަށެވެ. އެއީ ކުރިން ނަޕޯލީ އަށް ކޯޗުކޮށްދިން މައުރީޒިއޯ ސާރީ ޗެލްސީގައި ހުރުމުން ނަޕޯލީން ނިންމި ގޮތެކެވެ.

ނަޕޯލީން އެ ފަހަރު ޖޯޖީނިއޯ ސިޓީ އަށް ނުވިއްކި މައްސަލައިގައި އަދިވެސް ސިޓީ އާއި ނަޕޯލީގެ ގުޅުން ރަނގަޅެއް ނޫނެވެ. މީގެ އެއް ސީޒަން ކުރިން ސިޓީން ނަޕޯލީގެ ސެނެގޯލް ޑިފެންޑަރު ކަލީދޫ ކުލިބާލީ ގަންނަން ބޭނުންވި ނަމަވެސް އެ ޑީލް ނުހިނގީ ނަޕޯލީއާ މަޝްވަރާނުކޮށް ކުލިބާލީގެ އޭޖެންޓް ލައްވައި ހުރިހާ ކަމެއް ފުރިހަމަ ކުރަން އުޅުމުންނެވެ.

ޔުއެފާގެ ރައީސް އަލެކްސަންޑަ ކެފެރިން (ކ) ޔުއެފާގެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ ޖޯޖީނިއޯއާ ހަވާލުކުރަނީ.


ޖޯޖީނިއޯ ބުނީ އެންމެ ފުރަަތަމަ ސިޓީގެ ހުށަހެޅުން ލިބުމުން އެ ޓީމާ ގުޅެން ބޭނުންވި ކަމަށެވެ. އެކަަމަކު، ފަހުން ޗެލްސީ އަށް ބަދަލުވެވުނީތީ މިހާރު ހުރީ އުފަލުން ކަމަށް ބުންޏެވެ.

"އަހަރެން ސިޓީ އަށް ސޮއިކުރުމާ ވަަރަށް ގާތަށް ދިޔަ. ބައެއް ފަހަރު ފުޓްބޯޅައިގައި ފަހު ވަގުތު ކަންތައްތައް ބަދަލުވާ ފަހަރު ވެސް އާދޭ. އަހަރެން ޗެލްސީގައި މި ހުރީ ވަރަށް އުފަލުން. މި ކްލަބްގައި މި ވަގުތު މި އޮތީ އަހަންނަށް ވަރަށް ކަމުދާ މާހައުލެއް،" ޖޯޖީނިއޯ ބުންޏެވެ.

ދާދި ފަހުން ޔޫރަޕްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހޯދި ޖޯޖީނިއޯ އަށް އެ ކާމިޔާބީ ލިބުނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި މި ފަހަރުގެ ސުޕަ ކަޕް ޗެލްސީގައި ހުރެ ކާމިޔާބު ކުރުުމުގެ އިތުރުން އިޓަލީއާ އެކު ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރުމުންނެވެ.

ޖޯޖީނިއޯ ބުނީ ބޮޑެތި މުބާރާތްތައް ކާމިޔާބު ކުރުމަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އަދި ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ ޓްރޮފީ އަތުގައި ޖެހުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނު ސަބަބަކީ އެއީ ވަރަށް ބުރަ މަސައްކަތުން ހާސިލްކުރެވުނު ކަމަކަށް ވާތީ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ޗެލްސީން އަމިއްލަ ދަނޑުގައި ބައްދަލުކުރާނީ ސިޓީއާ އެވެ. ސިޓީއާ ދެކޮޅަށް ޗެލްސީން އެންމެ ފަހުން ކުޅުނު ތިން މެޗުން ވަނީ މޮޅުވެފަ އެވެ. ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި މިއަދު ސިޓީއާ ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 16:30 ގަ އެވެ.