Advertisement

ކަރަންޓީނަށް ލުޔެއް ލިބޭނެ ކަމަށް ބަލައި ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިން އަލުން ބްރެޒިލް ސްކޮޑަށް

25 ސެޕްޓެންބަރު 2021 - 09:08 0


ކަރަންޓީނަށް ލުޔެއް ލިބޭނެ ކަމަށް ބަލައި ޕްރިމިއާ ލީގުގައި ކުޅޭ ކުޅުންތެރިން އަލުން ބްރެޒިލް ސްކޮޑަށް

25 ސެޕްޓެންބަރު 2021 - 09:08 0

ލަންޑަން (ސެޕްޓެމްބަރު 25) - އަންނަ މަހު ބްްރެޒިލުން ކުޅޭ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް ނެގި ސްކޮޑުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކަށް ކުޅޭ އަށް ކުޅުންތެރިން ހިމަނައިފި އެވެ.

މިދިޔަ މަހު އޮތް ވޯލްޑް ކަޕް ކޮލިފައިން މެޗުތަކަށް އިނގިރޭސިވިލާތުން ދަތުރުފަތުރު ކުރުމުގައި ސަމާލުވާން ކަނޑައަޅާފައިވާ ރެޑް ލިސްޓުގައި އޮތް ގައުމުތަކަށް ކުޅޭ ކުޅުންތެރިން ޕްރިމިއާ ލީގުގެ ކްލަބްތަކުން ރިލީސްނުކުރި އެވެ. އޭގެ ތެރޭގައި ބްރެޒިލާއި ދެކުނު އެމެރިކާގެ ގިނަ ގައުމުތަކެއް ހިމެނެ އެވެ. ރެޑް ލިސްޓުގައި އޮތް ގައުމަކަށް ގޮސްފައި އެނބުރި އިންގްލެންްޑަށް އައިސް 10 ދުވަހުގެ ކަރަންޓީނު ވާން ޖެހޭނެ އެވެ. އެހެންވެ، ކްލަބްތަކުން ކުޅުންތެރިން ދޫނުކުރީ އެވެ.

ބްރެޒިލުން މިދިޔަ މަހު ކުޅުނު ކޮލިފައިން މެޗުތަކުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންތެރިން ނުލައި ކުުޅުނުއިރު، ބްރެޒިލުން ވަނީ ކުޅުންތެރިން ރިލީސްނުކުރި މައްސަލައިގައި ފިޔަވަޅު އަޅައިދޭން ފީފާގައި އެދިފަ އެވެ. އެ މައްސަލައިގައި ފީފާ އިން ނިންމީ ދެކުނު އެމެރިކާގެ ގައުމުތަކަށް ރިލީސް ނުކުރި ކުޅުންތެރިން ކްލަބް ލެވަލްގައި ނުކުޅެވޭ ގޮތަށް ފަސް ދުވަހަށް ސަސްޕެންޑް ކުރާށެވެ. އެކަމަކު، ފަހުން އެ ގައުމުތަކުން މައްސަލަ އަނބުރާ ނެގުމުން ފީފާ އިން ވަނީ ސަސްޕެންޝަން އުވާލައިފަ އެވެ.

އިނގިރޭސިވިލާތުން ދަތުރު ފަތުރު ކުރުމުގެ ރެޑް ލިސްޓްގައި އޮތް ގައުމުތަކަށް ދާ އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުންތެރިން އަނބުރާ އިންގްލެންޑަށް އައިސް ކަރަންޓީނުވުމުގެ ކަންކަމުގައި ލުޔެއް ދޭން އިނގިރޭސި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތަށް ބަލައި ބްރެޒިލުން ވަނީ މިހާރު ގައުމީ ޓީމުގައި އިނގިރޭސި ކްލަބްތަކަށް ކުޅޭ ކުޅުންތެރިން އަލުން ހިމަނައިފަ އެވެ.

ބްރެޒިލުން އަންނަ މަހު ކުޅޭ ކޮލިފައިން މެޗުތަކަށް ނެގި ޕްރިމިއާ ލީގުގެ ކުޅުންތެރިންނަކީ ލިވަޕޫލްގެ އެލިސަން ބެކާ އާއި ފަބީނިއޯ، މެންޗެސްޓާ ސިޓީގެ އެޑަސަން މޮރާއެސް އާއި ގަބްރިއެލް ޖީސޫސް، މެންޗެސްޓާ ޔުނައިޓެޑްގެ ފްރެޑް، ލީޑްސް ޔުނައިޓެޑްގެ ރަފީނިއާ އަދި ޓޮޓެންހަމްގެ އެމަސަން ރޯޔާލް އެވެ.

ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ޕްރިމިއާ ލީގުގެ ކުޅުންތެރިން ސްކޮޑަށް އަލުން ނެގީ ކަރަންޓީނު ނުވެ، ލުއި އުސޫލުތަކެއްގެ ތެެރެއިން ގައުމީ ޓީމަށް ކުޅެފައި ގޮސް ކްލަބާ ގުޅެވޭ ގޮތަށް ހަދަން އިނގިރޭސި ސަރުކާރުން ރުހުން ދޭން އަނގަބަހުން އެއްބަސްވެފައިވާތީ ކަމަށެވެ. އަދި އަންނަ ހަފްތާ ތެރޭގައި ހުރިހާ ކަމެއް ރަސްމީކޮށް އިއުލާނު ކުރެވޭނެ ކަމަށް ބްރެޒިލް ފެޑެރޭޝަނުން އުއްމީދު ކުރެ އެވެ.