Advertisement

ލުބްނާންގެ ރައީސް އދ. ގައި ގޮވާލެއްވީ މާލީ އެހީތެރިކަން ދިނުމަށް

25 ސެޕްޓެންބަރު 2021 - 05:58 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ލުބްނާން ރައީސްގެ ވީޑިއޯ މެސެޖު އދ. ގެ އާއްމު މަޖިލީހުގެ ބަހުސް ކުރިއަށްދާ ތަޅުމުގައި ދައްކަނީ.-- ފޮޓޯ: އޭއެފްޕީ


ލުބްނާންގެ ރައީސް އދ. ގައި ގޮވާލެއްވީ މާލީ އެހީތެރިކަން ދިނުމަށް

25 ސެޕްޓެންބަރު 2021 - 05:58 0

އދ.، އެމެރިކާ (ސެޕްޓެމްބަރު 24) - ތޭރަ މަހަށް ދިގުދެމިގެން ދިޔަ ލުބްނާންގެ ސިޔާސީ ކާރިސާ އަށް ހައްލެއް ގެނައުމަށް އާ ސަރުކާރެއް އުފައްދާފައި ވާތީ އެ ގައުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް މިޝެލް އައޫން ގޮވާލައްވައިފި އެވެ.

"އިގްތިސާދަށް އަލުން ދިރުން ގެނައުމަށް ބޭނުންވާ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓާގެ މުހިއްމު މަޝްރޫއުތަކަށް ފަންޑު ހޯދަން ބޭރުގެ އެހީ ވަރަށް ބޮޑަށް ބޭނުންވޭ،" ކުރިން ރިކޯޑުކޮށް، އދ. ގެ އާއްމު މަޖިލީހަށް ފޮނުއްވި މެސެޖެއްގައި އައޫން ވިދާޅުވި އެވެ.

ލުބްނާންގެ ރައީސް އެހެން ވިދާޅުވެފައި ވާއިރު އެ ގައުމުގެ ބޮޑު ވަޒީރު ނަބީޖް މިކާތީ އާއި ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން ވަނީ ބައްދަލުކުރައްވާފަ އެވެ. ފްރާންސުން ލުބްނާނަށް ގޮވާލާފައި ވަނީ އަވަސް އިސްލާހީ ބަދަލުތަކެއް ގެނައުމަށެވެ.

މިކާތީ ވިދާޅުވީ ވީ އެންމެ އަވަހަކަށް އިސްލާހުތައް ތަންފީޒު ކުރަން ތައްޔާރަށް ހުންނެވި ކަމަށެވެ.

ލުބްނާނަށް ދިމާވެފައިވާ އިގްތިސާދީ ކާރިސާއަކީ 1850 ވަނަ އަހަރަށް ފަހު ދުނިޔޭގެ ގައުމަކަށް އައިސްފައިވާ އެންމެ ބޮޑު އިގްތިސާދީ ކާރިސާގެ ގޮތުގައި ވޯލްޑު ބޭންކުން ސިފަކުރެ އެވެ. އެ ހާލަތުން އަރައިގަތުމަށް ބޭނުންވާ އަވަސް މާލީ އެހީ ލިބޭނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާ އެކު އެއްބަސްވުމަކަށް އައިސްގެންނެވެ.

ލުބްނާންގެ އިންފްލޭޝަން މަތިވެ، ތަކެތީގެ އަގު އަތް ނުފޯރާ ފަށަށް އަރާފައި ވާއިރު، ދަތިތަކާ ހެދި ބައެއް ތަކެތި ލިބެނީ ރޭޝަންކޮށްގެންނެވެ. އެންމެ ބޮޑަށް ލިބުން ދަތިވެފައި ވަނީ ތެލާއި ކަރަންޓުގެ ހިދުމަތެވެ. އޭގެ ސަބަބުން ރައްޔިތުންގެ އާއްމު ދިރިއުޅުމަށް ވަނީ ބުރޫއަރާފަ އެވެ.

ލުބްނާންގެ ގިނަ ރައްޔިތުން ދެކޭ ގޮތުގައި މާލީ ގޮތުން އެފަދަ ހާލަތަކަށް ގައުމު ވެއްޓެން ޖެހުނީ ސިޔާސީ ފަރާތްތަކާ ހެދި އެވެ. އެގޮތުން މަގާމުތަކުގައި ތިބޭ މީހުންނަކީ ތަންދޮރު ނުދަންނަ ކޮރަޕްޓް ބަޔެއްގެ ގޮތުގައި ރައްޔިތުން ދެކެ އެވެ.

ރައީސް އައޫން އދ. ގެ އާއްމު މަޖިލީހަށް ފޮނުވި މެސެޖުގައި ވެސް ވިދާޅުވީ މީގެ ކުރިން ދުވަހަކު ވެސް އަންދާޒާ ނުކުރާ ފަދަ ހާލަތަކަށް ގައުމުން ދިޔެއީ "އިސްރާފު ކުރުމާއި ކޮރަޕްޝަން އަދި ކަންކަން މެނޭޖު ނުކުރެވުމުގެ ސަބަބުން" ކަމަށެވެ.