Advertisement

މަގާމުތައް ފުރަމުން ޖަވާ ކާމިޔާބީ އަށް ނެގީ ޗެލެންޖްތަކެއް

25 ސެޕްޓެންބަރު 2021 - 13:50 0

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ).-- ފޮޓޯ: އަދަދު


މަގާމުތައް ފުރަމުން ޖަވާ ކާމިޔާބީ އަށް ނެގީ ޗެލެންޖްތަކެއް

25 ސެޕްޓެންބަރު 2021 - 13:50 0

ފުޓްބޯޅަ އަށް ޝައުގުވެރިކަން ހުންނަ ކޮންމެ ޒުވާނެއްގެ އެންމެ ބޮޑު އަޒުމަކަށް ވާނީ މޮޅު ކުޅުންތެރިއަކަށް ވުމެވެ. ހުސެއިން ޖަވާޒް (ޖަވާ) ވެސް ޔޫތު ޓީމުތަކަށް ކުޅުނުއިރު، ދެކެމުން އައި ހުވަފެނަކީ މޮޅު ކުޅުންތެރިއަކަށްވެ މަތީ ފަންތީގައި ކުޅުމެވެ. އެކަމަކު، އެ އުއްމީދުތަކަށް އަނިޔާގެ ހިޔަނި އެޅި ފުޓްބޯޅަ އިން ކުރިއަށްދާން ޖަވާ އިހުތިޔާރުކުރަން ޖެހުނީ އެހެން މަގެކެވެ. ސްކޫލް ނިމުނު ގޮތަށް 1999 ވަނަ އަހަރު އޭނާ ނުކުތީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ވަޒީފާ އަށެވެ. އެހިސާބުން ބޭނުންވީ އިދާރީ މަގާމެއްގައި ހުރެގެން ވިޔަސް ފުޓްބޯޅައިން ކާމިޔާބީއެއް ހޯދާށެވެ. ނުވަތަ ކާމިޔާބީ ހޯދައިދިނުމުގައި އެހީތެރިވާށެވެ.

އޭނާ ގުޅުނުތާ އެއް އަހަރު ތެރޭގައި ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތް ރާއްޖޭގައި ބޭއްވި އެވެ. ރާއްޖޭގެ ފުޓްބޯޅައަށް ބައި ގަރުނު ފުރުމުގެ މުނާސަބަތުގައި ބޭއްވި އެ މުބާރާތުގެ ފައިނަލުން ޕެނަލްޓީ ޖަހައިގެން ސްރީ ލަންކާ އަށް ރާއްޖެ ބަލިވީ އެވެ.

"ވަރަށް ހިތްދަތިކޮށް ދިމާވީ ފައިނަލުގައި ބަލިވީ. އެ ދުވަހު ދަނޑުގައި އިނދެ ރުއިން،" ޖަވާ ވިދާޅުވި އެވެ.

އޭގެ ފަހުން 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުން ވެސް ރާއްޖެ ފައިނަލުން ބަލިވީ އެވެ. މި ފަހަރު ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް އަތުންނެވެ. އަދި 2005 ވަނަ އަހަރުގެ މުބާރާތުން ސެމީ ފައިނަލުން އިންޑިއާ އަތުން ރާއްޖެ ބަލިވެ ކެޓީ އެވެ. ދެން އައީ 2008 ވަނަ އަހަރުގެ މުބާރާތެވެ. މި ފަހަރު މުބާރާތް އޮތީ ރާއްޖެ އާއި ލަންކާގަ އެވެ. އެފްއޭއެމްގެ މުވައްޒަފެއްގެ ގޮތުން ގައުމީ ޓީމުގެ ތައްޔާރީތަކުގެ އިތުރުން މުބާރާތުގެ އިންތިޒާމުތަކުގައި ވެސް އޭނާ ހަރަކާތްތެރިވި އެވެ.

ޖަވާ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ހިފައިގެން.---


އެ ހަނދާންތައް އާ ކުރަމުން ޖަވާ ވިދާޅުވީ ގައުމީ ޓީމުގެ ތައްޔާރީގައި ބުނާ ކޮންމެ ކަމެއް ކުރަން ވެސް ތިބޭނީ ތައްޔާރަށް ކަމަށާއި ފެން އުފުލަން ޖެހުނަސް އެކަންކުރާނެ ކަމަށެވެ.

އެ ފަހަރު ގްރޫޕް ސްޓޭޖުގެ މެޗުތައް މާލޭގައި ކުޅުމަށް ފަހު ސެމީ ފައިނަލް ކުޅެން ރާއްޖެ ދާން ޖެހުނީ ލަންކާ އަށެވެ. އެ މެޗަށް ޖަވާއަށް ލަންކާ އަށް ދެވޭ ގޮތެއް ނުވި އެވެ. އެހެންވެ މެޗު ބެލީ މާލޭގައި ހުރެ ޓީވީންނެވެ. އެކަމަކު ހާސްކަން ބޮޑު އެ މެޗު ބެލުންވީ ޖަވާ އަށް އުނދަގޫ ކަމަކަށެވެ. މެޗު ކުޅެމުން ދިޔައިރު އޭނާ ދިޔައީ ސައިކަލުގައި މާލެ ވަށައި ބުރު ޖަހަމުންނެވެ. މެޗު ނިމުމުން ނަތީޖާ ބެލިއިރު، އިބްރާހިމް ފަޒީލް (އޮއްޕޮ) ގެ ގޯލުން ލަންކާ 1-0 އިން ބަލިކޮށް ރާއްޖެ ވަނީ ފައިނަލަށް ދަތުރުކޮށްފަ އެވެ.

ފައިނަލް މެޗު ކުޅުނު ދުވަސްވަރަކީ އެފްއޭއެމްގެ އިންތިހާބަށް ތައްޔާރުވަމުން ދިޔަ ދުވަސްވަރުކަމުން ޖަވާ އަށް މެޗު ބަލަން ލަންކާ އަށް ދިއުމުގެ ފުރުސަތެއް ނެތެވެ. އެކަމަކު އެފްއޭއެމްގެ ވެރިންގެ ކިބައިން ރަސްމީކޮށް ހުއްދަ ނުނަގާ ޖަވާ އާއި އެހެން ބައެއް މުވައްޒަފުންގެ ޓީމެއް ލަންކާ އަށް ދިޔައީ "ނޮން ރިފަންޑަބަލް" ޓިކެޓެއް ނަގައިގެން ރާއްޖެ ކާމިޔާބު ހޯދާނެ ކަމުގެ ޔަގީންކަމާ އެކު އެވެ.

"އަޅުގަނޑުމެން ފުޓްބޯޅައިގައި މި ހުންނަ ފޯރީގެ މަސައްކަތުގައި ކެތެއް ނުވާނެ އެހާ ކައިރީގައި މެޗެއް ކުޅޭއިރު ދަނޑަށް ނުގޮސް ހުންނަން،" ޖަވާ ވިދާޅުވި އެވެ.

"ޓޫކިލޯ އެ ލަނޑު ޖަހައި ރާއްޖެ ޗެމްޕިއަންކަން ހޯދުމުން ދަނޑު ތެރޭ އުޅެވުނު ގޮތެއް ހަނދާނެއް ނެތް. ހަނދާން ވަނީ ހަޅޭއްލެވުނުކަން. އަނެއް ދުވަހު އަޑެއް ވެސް ނެތް. އެހާ ވެސް އުފާވި އަޅުގަނޑު. އެއީ ނުވަ އަހަރު އެފްއޭއެމްގައި އެކި ގޮތަށް އެކި މަސައްކަތުގައި އުޅެވިފައި އަޅުގަނޑަށް ގަބޫލުކުރެވުނު ގައުމަށް ކަމެއްކޮށްދެވިއްޖެކަމަށް."

ޖަވާ ސިފަކުރައްވާ ގޮތުގައި 2008 ގައި އެ ކުރިމަތިވި ހުރިހާ ޕްރެޝަރަކާއި ފާޑުކިޔުންތަކާ އެކު ވެސް ކާމިޔާބު ހޯދުމަކީ ފުޓްބޯޅައިގެ "ބިއުޓީ" ފެނިގެންދިޔަ ކަމެއް ކަމަށެވެ.

އޭގެ ފަހުން ޖަވާ ދިޔައީ ސްޕޯޓްސް މެނޭޖްމަންޓް ކިޔަވަން މެލޭޝިއާ އަށެވެ. އެކަމަކު އެފްއޭއެމްގެ މަސައްކަތްތަކަށް ދޭތެރެ ދޭތެރެއިން ރާއްޖެ އާދެ އެވެ. ބަންގްލަދޭޝްގައި 2009 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް ދިމާވީ ވެސް އެފަދަ ދުވަސްވަރެއްގަ އެވެ. އެ ފަހަރު ފައިނަލުން އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު އަތުން ޕެނަލްޓީ ޖަހައިގެން ރާއްޖެ ބަލިވުންވީ ޖަވާ އަށް އަނެއްކާ ވެސް ބޮޑު މާޔޫސްކަމަކަށެވެ. އެހެން ސަޕޯޓަރުންނެކޭ އެއްގޮތަށް އެ ނާކާމިޔާބީ ޖަވާ އަށް ގަބޫލުކުރަން އުނދަގޫވި އެވެ.

ކިޔަވައިގެން އެނބުރި އައުމުން ޖަވާ އަށް އެފްއޭއެމްގެ ސީނިއާ މަގާމުތަކެއް ލިބުނެވެ. އަދި 2014 ވަނަ އަހަރު ރާއްޖޭގައި އޮފް އޭއެފްސީ ޗެލެންޖް ކަޕުގައި ވާދަކުރި ގައުމީ ޓީމުގެ މެނޭޖަރުކަން ލިބުނެވެ. އެއީ އަމިއްލަ ގައުމުގައި ބޮޑު ކާމިޔާބެއް ހޯދަން ރާއްޖެ އަށް ލިބުނު ރަނުގެ ފުރުސަތެކެވެ. އެކަމަކު ސެމީ ފައިނަލުން ބަލިވެ ކެޓީ އެވެ.

2018 ވަނަ އަހަރުގެ ފައިނަލަށް ފަހު ޖަވާ ސާފް ޗެމްޕިއަންޝިޕްގެ ތަށި ހިފައިގެން.


އޭގެ ފަހުން ޖަވާ އަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ލިބުނެވެ. ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕާ ކުރިމަތިލިއިރު ޖަވާ ހުރީ އެފްއޭއެމް އިދާރީ ގޮތުން ހިންގުމުގެ އެންމެ އިސް މަގާމުގަ އެވެ. އޭރު އޭނާ ހުރީ އެ މަގާމުގައި ހުރެ ކާމިޔާބެއް ހޯދައިދޭން އަޒުމު ކަނޑައަޅައިގެންނެވެ. އެކަމަކު 2018 ވަނަ އަހަރުގެ މުބާރާތަށް ތައްޔާރުވުންވީ ގޮންޖެހުން ބޮޑު ކަމަކަށެވެ.

"އެ މުބާރާތަށް ތައްޔާރުވަމުން ދިޔައިރުގައި ޓީމު ނެގި ގޮތަށާއި ނެޝަނަލް ކޯޗަށް މީޑިއާގެ ބައެއް ހިތްހަމަނުޖެހުން ހުރުމާއި އެހެން ބައެއް ކަންކަމާ ހެދި ވަރަށް އުނދަގޫ ސިޓުއޭޝަނެއްގައި މަސައްކަތް ކުރަމުންދިޔައީ،" ޖަވާ ވިދާޅުވި އެވެ.

އެކަމަކު އުނދަގޫތަކާ އެކު ވެސް ރާއްޖޭން ފައިނަލަށް ދިޔަ އެވެ. އޭރު ޖަވާ ހުރީ ފީފާގެ ބައްދަލުވުމަކަށް އިންޑޮނީޝިއާ އަށް ގޮހެވެ. މި ފަހަރު ވެސް މެޗު ބަލަން ދާން އޭނާ އަށް ހުރަހެއް ކުރިމަތިވީ އެވެ. އެކަމަކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެކަން ހަމަޖައްސައިދެއްވި އެވެ. އަދި ފީފާގެ އޮފިޝަލުންނާ ވާހަކަދައްކައިގެން ޖަވާ އިންތިޒާމު ހަމަޖެއްސި އެވެ.

"އަޅުގަނޑު ގޮސް ބެލިއިރު ޓީމުގެ ރޫހު ރަނގަޅު. އެކަމަކު ބޭރުގެ ތެރެއިން އަންނަ ފިއްތުންތަކަށް ޓީމު ތިބީ ވަރަށް އުނދަގޫވެފައި. އެހެން ނަމަވެސް އަޅުގަނޑުމެން އެންމެން އެފްއޭއެމްގެ ސްޓާފުން ކުރި މަސައްކަތުން އޮތް ޔަގީންކަން ތަށި ހޯދޭނެއޭ ޓީމަށް ސަޕޯޓް ދީގެން،" ޖަވާ ވިދާޅުވި އެވެ.

އެކަން ހާސިލްވި އެވެ. އިންޑިއާ 2-1 އިން ބަލިކޮށް ރާއްޖޭން ދެ ވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރި އެވެ. ދެ ކާމިޔާބީގައި ވެސް ޖަވާ ހިއްސާވީ އެވެ. ޖަވާ ވިދާޅުވި ގޮތުގައި ސާފް ޗެމްޕިއަންޝިޕުގެ ތަށި ލިބުމުން އެންމެ އުފާވި އަދި އެންމެ ފަހުރުވެރިވި ކަމަކީ އެފްއޭއެމްގެ ރައީސް ބައްސާމް ވަރަށް ހިކުމަތްތެރިކޮށް ކުރެއްވި މަސައްކަތުގައި ހިންގުމުގެ ބައިގައި އިސްކޮށް އުޅެވުމުން ކަމަށެވެ.

މި ފަހަރު މިއޮތީ އަނެއްކާ ވެސް ފުރުސަތު ލިބިފަ އެވެ. ޖަވާގެ ޖެނެރަލް ސެކްރެޓަރީކަމުގައި ރާއްޖޭގައި މި މުބާރާތް ބާއްވާއިރު މި ފަހަރު އަމިއްލަ ގައުމުގައި ބޮޑު ކާމިޔާބެއް ހޯދަން މިވަނީ މުހިއްމު ފުރުސަތެއް ލިބިފަ އެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ އެންމެ ފުރަތަމަ މިދިޔަ އަހަރު ބަންގްލަދޭޝްގައި ކުޅެން ރޭވި މުބާރާތެކެވެ. އެކަމަކު، ކޮވިޑްގެ ހާލަތުގެ ސަބަބުން މި އަހަރަށް ފަސްކުރީ އެވެ. މި އަހަރު ވެސް ބަންގްލަދޭޝްގައި ނުބޭއްވޭތީ މުބާރާތް ކެންސަލްކޮށްލަފާނެ ކަމަށް ވެސް ބެލެވުނެވެ. އެހެން ނަމަވެސް ރާއްޖޭން ފުރުސަތު ހޯދީ އެވެ.

ޖަވާ، "އަދަދު" އަށް އިންޓަވިއު ދެނީ.-- ފޮޓޯ: އަދަދު


"އަޅުގަނޑުމެން އަބަދުވެސް އޭއެފްސީގެ ބިޑްތަކުގައި ވެސް ދައްކުވައިދެނީ ދިވެހިންގެ އެއްބައިވަންތަކަމާއި ދިވެހިން ފުޓްބޯޅަ އަށް އޮންނަ ލޯބި. ސަރަހައްދުގެ ގައުމުތަކުގައި ކޮވިޑްގެ ހާލަތު ހުރި ގޮތުން މުބާރާތް ކެންސަލްވުމާ ގާތަށް ދިޔަ ނަމަވެސް އަޅުގަނޑުމެންގެ ވިސްނުމަކަށްވީ ސާފް ޗެމްޕިއަންޝިޕަކީ ދިވެހިން ވަރަށް ލޯބިވާ މުބާރާތަކަށްވާތީ، އަމިއްލަ ގައުމުގައި މުބާރާތް ބޭއްވުމުގެ ޝަރަފު ހޯދަން،" ޖަވާ ވިދާޅުވި އެވެ.

ރާއްޖޭން އަންނަ މަހު 1-16 ސާފް ޗެމްޕިއަންޝިޕް ހޯސްޓްކުރާއިރު، މި ފަހަރުގެ މުބާރާތަށް ނުކުންނާނީ ތަށި ދިފާއުކުރުމުގެ އަމާޒުގަ އެވެ. އެއީ ގައުމީ ޓީމަށް އޮތް ޗެލެންޖެކެވެ. ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ މުބާރާތާ ކުރިމަތިލާއިރު، މުބާރާތުގެ ތަށި ދިފާއުކުރި ހަމައެކަނި ޓީމަކީ އިންޑިއާ އެވެ. އެ ރެކޯޑާ ހަމަކުރުމުގެ ފުރުސަތު ރާއްޖެ އަށް އޮތީ ހުޅުވިފަ އެވެ.

މީގެ ކުރިން އެފްއޭއެމްގެ ސްޓާފެއްގެ ގޮތުގައި ހުރެ 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރުމާއި 2018 ވަނަ އަހަރު ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނަވައި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ޖަވާ ވަނީ އަމިއްލަ ޗެލެންޖެއް ފުރިހަމަ ކުރައްވައިފަ އެވެ. ސާފް ޗެމްޕިއަންޝިޕާ މި ފަހަރު ކުރިމަތިލާއިރު، ޖަވާގެ ހުންނެވީ އަމިއްލަ އަށް އިތުރު ޗެލެންޖެއް ނަގައިގެންނެވެ.

"މިހާރު މި އޮތީ އެ އަށް ވުރެ ބޮޑު ޗެލެންޖެއް. ތިން ވަނަ ފަހަރަކީ އަބަދުވެސް ހާއްސަ ފަހަރެއް. މުބާރާތް އޯގަނައިޒްކުރުމުގެ ޒިންމާއާ އެކު ކާމިޔާބު ކުރުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު ޗެލެންޖެއް،" ޖަވާ ވިދާޅުވި އެވެ.