Advertisement

އެންމެނަށް ވެކްސިން ފޯރުކޮށްދޭން ޝާހިދު އިސްނަންގަވައިގެން މަތީފަންތީގެ ބައްދަލުވުމެއް ބާއްވަނީ

23 ސެޕްޓެންބަރު 2021 - 17:27 0

އަމަން ހަލީމް

އަމަން ހަލީމް

އދ. ގެ އާންމު މަޖިލިހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު: އެންމެނަށް ވެކްސިން ފޯރުކޮށްދޭން ހާއްސަ މަސައްކަތްތަކެއް ކުރައްވާނެކަން ވަނީ އިއުލާނުކުރައްވާފައި. -- ފޮޓޯ: ޔުނައިޓެޑް ނޭޝަންސް


އެންމެނަށް ވެކްސިން ފޯރުކޮށްދޭން ޝާހިދު އިސްނަންގަވައިގެން މަތީފަންތީގެ ބައްދަލުވުމެއް ބާއްވަނީ

23 ސެޕްޓެންބަރު 2021 - 17:27 0

ދުނިޔޭގެ ހުރިހާ ގައުމުތަކަށް މިހާރަށް ވުރެ ހަމަހަމަ ގޮތެއްގައި ކޮވިޑް ވެކްސިން ލިބޭނެ މަގުފަހިކުރުމަށް ޔުނިވާސަލް ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމާ ގުޅޭ މަތީފަންތީގެ ބައްދަލުވެމެއް ބާއްވަން އދ. ގެ އާންމު މަޖިލިހުގެ ރައީސް އަބްދުﷲ ޝާހިދު އިސްނަންގަވައިފި އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ބާއްވަވާ ގްލޯބަލް ކޮވިޑް-19 ސަމިޓުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ "ޓުވާޑްސް ޔުނިވާސަލް ވެކްސިނޭޝަން: ފްރޮމް ހޯޕް ޓު އެކްޝަން" ބައްދަލުވުމުގައި، ކޮވެކްސް ފެސިލިޓީއަށާއި ވެކްސިންގެ ސަޕްލަޔި އާއި ޑިސްޓްރިބިއުޝަން ހަރުދަނާކުރަން ގައުމުތަކުގެ ތާއީދު ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އަދި ވެކްސިން ނުލިބޭ ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ދެނެގަނެ، އެންމެނަށް ވެކްސިން ލިބޭނެ މަގުފަހި ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވީ، ގުޅިގެން މަސައްކަތްކޮށްގެން ވެކްސިނުން އެއްވެސް މީހަކު ބާކީ ނުކުރުމުގެ އަމާޒު ހަގީގަތަކަށް ހެދޭނެ ކަމަށް އުއްމީދާއި އިތުބާރު އެބައޮތް ކަމަށެވެ. އަދި ހަމައެއާއެކު ދުނިޔޭގެ ހުރިހާ ގައުމެއްގެ މީހުންނަށް ވެކްސިން ފޯރުކޮށްދިނުމުގެ އަމާޒަށް ދެވޭނެ ކަމުގެ ޔަގީންކަން އޮންނެވި ކަމަށް ވެސް ވިދާޅުވި އެވެ.

"ވެކްސިނަކީ ކޮވިޑް-19އާ ދެކޮޅަށް އަހަރަމެންނަށް އޮތް އެންމެ ބޮޑު ދިފާއު، ދުނިޔެ އަލުން ހުޅުވާލަން އަހަރަމެންނަށް ލިބޭ އެންމެ ބޮޑު ފުރުސަތު، އަދި ވޭރިއަންޓްތަކާ ދެކޮޅު ރޭހުގައި އެންމެ ބޮޑު މުދާ," ޝާހިދު ވިދާޅުވި އެވެ.

މި ބައްދަލުވުން ބާއްވާނެ ސީދާ ތާރީހެއް ޝާހިދު ވިދާޅެއް ނުވި ނަމަވެސް، އެމަނިކުފާނުގެ ތަރުޖަމާނު މޮނިކާ ގްރޭލާއާ ހަވާލާދީ މީޑިއާ ރިޕޯޓުތަކުގައި ބުނީ، މި ބައްދަލުވުން އޮންނާނީ އަންނަ އަހަރުގެ ތެރޭގައި ކަމަށެވެ.

ޝާހިދު ވަނީ އދ. ގެ ރިޔާސަތާ ހަވާލުވެވަޑައިގެން ދެއްވި ފުރަތަމަ ހިތާބުގައި ވެސް ކޮވިޑް ވެކްސިން އެންމެނަށް ފޯރުކޮށްދޭން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުުން "ކޮވިޑް-19 އަށް ބަލާއިރު، ވެކްސިން އެބަ ހުރި، ހަދަންވީ ގޮތް ވެސް އެނގޭ، ވެކްސިން ފޯރުކޮށްދޭނެ ގާބިލުކަން ވެސް އެބަ ހުރި، މަދު ވަނީ ހަމައެކަނި ސިޔާސީ މަދަދު،" ޝާހިދު އެ ދުވަހު ވިދާޅުވި އެވެ.

ޝާހިދުގެ އދ. ގެ ރިޔާސަތުގެ އެޖެންޑާގައި ހިމެނޭ އުއްމީދު އެއް ދޯދިއަކީ ވެސް ކޮވިޑް-19 ވެކްސިން އެންމެނަށް ފޯރުކޮށްދޭން މަސައްކަތް ކުރުމެވެ.