Advertisement

ހުޅުމާލޭގައި 4000 ހައުސިން ޔުނިޓް އަޅަން 227 މިލިއަން ޑޮލަރުގެ ލޯނެއް

23 ސެޕްޓެންބަރު 2021 - 16:58 0

އުދުމާ މަހްމޫދް

އުދުމާ މަހްމޫދް

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ އިންޑިއާގެ އެގްޒިމް ބޭންކާ ދެމެދު ބަޔާޒް ކްރެޑިޓް ފެސިލިޓީގައި ސޮއިކުރުމަށް ބޭއްވި ވާޗުއަލް ހަފުލާގެ ތެރެއިން. -- ފޮޓޯ:ފަހިދިރިއުޅުން ކޯޕަރޭޝަން


ހުޅުމާލޭގައި 4000 ހައުސިން ޔުނިޓް އަޅަން 227 މިލިއަން ޑޮލަރުގެ ލޯނެއް

23 ސެޕްޓެންބަރު 2021 - 16:58 0

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި 4،000 ހައުސިން ޔުނިޓް އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާ އިންޑިއާގެ އެގްޒިމް ބޭންކާ ދެމެދު ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެގްޒިމް ބޭންކާ ފަހި ދިރިއުޅުން ކޯޕަރޭޝަނާ ދެމެދު ސޮއިކޮށްފައި ވަނީ 227 މިލިއަން ޑޮލަރުގެ ބަޔާޒް ކްރެޑިޓް ފެސިލިޓީއެއްގަ އެވެ. މި ފެސިލިޓީއަކީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިންޑިއާގެ ދެ ކުންފުންޏަކާ އެކު ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 4000 ސޯޝަލް ހައުސިން ޔުނިޓު ތަރައްގީކުރުމަށް ސަރުކާރުގެ ސަވަރިން ގެރެންޓީގެ ދަށުން ހަމަޖެހިފައިވާ ދެ ލޯނެވެ. މިއީ 116.45 މިލިއަން ޑޮލަރުގެ ލޯނަކާއި 110.5 މިލިއަން ޑޮލަރުގެ ލޯނެކެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރާ 4،000 ހައުސިން ޔުނިޓް

އެގްޒިމް ބޭންކުގެ މި ބަޔާޒް ކްރެޑިޓް ފެސިލިޓީގެ ދަށުން އިމާރާތްކުރެވޭ 4،000 ހައުސިން ޔުނިޓްގެ ތެރޭގައި ހިމެނެނީ ތިން ކޮޓަރި އަދި ތިން ފާހާނާގެ 2،800 ޔުނިޓާ ދެ ކޮޓަރި އަދި ދެ ފާހާނާގެ 1،200 ޔުނިޓެވެ. މި ޔުނިޓުތަކުގެ ތެރެއިން ތިން ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 900 އަކަފޫޓޫ ހުންނާނެ ކަމަށާއި ދެ ކޮޓަރީގެ ޔުނިޓުތަކުގެ ބޮޑު މިނުގައި 650 އަކަފޫޓް ހުންނާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މައުލޫމާތުދެ އެވެ.

މި 4،000 ހައުސިން ޔުނިޓްގެ ތެރެއިން 2،000 ޔުނިޓް އެޅުމަށް ހަވާލުކޮށްފައި ވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑްއާ އެވެ. އަދި އަނެއް 2،000 ޔުނިޓް އެޅުމަށް ހަވާލުކޮށްފައި ވަނީ އެގައުމުގެ ނެޝަނަލް ބިލްޑިންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާ އެވެ.

މި ދެކުންފުންޏަކީ ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް މަސައްކަތްކުރުމުގައި ތަޖުރިބާކާރު ދެ ކުންފުންޏެވެ.

އެންބީސީސީން ދަނީ އިންޑިއާގެ ހިލޭ އެހީގެ ދަށުން އައްޑޫގައި އަޅާ ނެޝަނަލް ކޮލެޖު ފޯ ޕޮލިސިންގް އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީސްގެ ބިޔަ މަޝްރޫއުގެ މަސައްކަތް ކުރަމުންނެވެ.

އެގްޒިމް ބޭންކާއި އެކު ބަޔާޒް ކެރިޑް ފެސިލިޓީގައި ސޮއިކުރެވުމާ އެކު މިމަޝްރޫއުތަކުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

މި ކްރެޑިޓް ފެސިލިޓީގެ އެއްބަސްވުމުގައި ސޮއިކުރަން ހާއްސަ ވާޗުއަލް ރަސްމިއްޔާތެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ރަސްމިއްޔާތުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން އަދި އެގްޒިމް ބޭންކުގެ އިސްވެރިންގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވަނީ ބައިވެރިވަޑައިގެންފަ އެވެ.

މީގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ސަންޖޭ ސުދީރު، ރައީސް އޮފީހުގެ އިސްވެރިން، އިންޑިޔާ އެގްޒިމް ބޭންކްގެ އޮފިޝަލުން އަދި މި މަޝްރޫއުތަކުގެ ކޮންޓްރެކްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވަނީ ބޯހިޔާވަހިކަމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށާއި އިތުރު 4،000 ޔުނިޓު ހެޔޮ އަގުގައި ލިބުމަކީ ރައްޔިތުންނަށް ލުއިތަކެއް ލިބި އިގުތިސާދަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވެސް ވަނީ މި ހައުސިން ޔުނިޓުތަކަކީ މިފަދަ އެހެން މަޝްރޫއުތަކާ އަޅާ ބަލާއިރު އަގު ހެޔޮ، ތަނަވަސް ޔުނިޓުތަކެއް ކަމަށް ފާހަގަކުރައްވާފަ އެވެ.