Advertisement

ނުނިމި އޮތް މަޝްރޫއަކަށް ފައިސާ ދޫކުރި ފެނަކައިގެ ކުރީގެ އިސް ދެ ވެރިޔަކަށް ދައުވާކުރަން ފޮނުވައިފި

22 ސެޕްޓެންބަރު 2021 - 22:03 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން. -- ފޮޓޯ: އަދަދު


ނުނިމި އޮތް މަޝްރޫއަކަށް ފައިސާ ދޫކުރި ފެނަކައިގެ ކުރީގެ އިސް ދެ ވެރިޔަކަށް ދައުވާކުރަން ފޮނުވައިފި

22 ސެޕްޓެންބަރު 2021 - 22:03 0

ފެނަކަ ކޯޕަރޭޝަނަށް ބިލިން ސޮފްޓްވެއާއެއް ހަދައިދޭން އަމިއްލަ ކުންފުންޏަކަށް ހަވާލުކުރި މަސައްކަތެއްގައި، އެ ސޮފްޓްވެއާ ނިމިގެން ނުލިބެނީސް، އެ މަސައްކަތަށް ފައިސާ ދޫކުރިކަމުގެ ތުހުމަތުގައި ފެނަކައިގެ ކުރީގެ ދެ އިސްވެރިޔަކާއި ދެކޮޅަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް މިއަދު ފޮނުވައިފި އެވެ.

އެ މައްސަލައާ ގުޅިގެން އޭސީސީން ދައުވާކޮށްދިނުމަށް އެދިފައިވާ ދެ ފަރާތަކީ ފެނަކައިގެ ކުރީގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓުގެ ހެޑު އިސްމާއިލް ޝަމްއޫން، މ. ފެހިވިދުވަރުގެ، ކ. މާލެ އަދި އެ ކުންފުނީގެ ސޭލްސް އެންޑް ބިލިން ޑިޕާޓްމަންޓްގެ ވެރިއެއްގެ ގޮތުގައި އޭރު ހުންނެވި އަހުމަދު ނަޖާހް، ނަންބަރު ރސ 13142، ކ. މާލެ އެވެ.

އެ މައްސަލައިގައި އޭސީސީން ބުނީ ފެނަކަ ކޯޕަރޭޝަނުން އެ ކުންފުނީގެ ކަސްޓަމަރުންނަށް ބިލްކުރުމަށްޓަކައި 2017 ވަނަ އަހަރުގެ ތެރޭގައި ބިލިން ސޮފްޓްވެއާއެއް ހެދުމަށް ޝުވެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ އަމިއްލަ އާ ހަވާލުކުރި ކަމަށެވެ. ނަމަވެސް، އެ ސޮފްޓްވެއާ އަދި މިހާތަނަށް ވެސް ފެނަކައަށް ލިބިފައިނުވާއިރު، އެ ސޮފްޓްވެއާ ނިމުނުކަމަށް ލިޔުން ދޫކޮށް، އެ މަސައްކަތަށް ފައިސާ ދީފައިވާކަމަށެވެ.

އެ މައްސަލައިގައި ތުހުމަތުވާ ދެ މީހުންގެ މައްޗަށް އޭސީސީން ކުރަން އެދިފައި ވަނީ ގާނޫނުލް އުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ދަށުން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއާއި ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަމުގެ ދައުވާ އެވެ.

އޭސީސީން އެ މައްސަަލައާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޝުވެކަށްދީފައިވާ ސޮފްޓްވެއާ މަޝްރޫއަކީ ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިޔަށް ގެންދަން ހަމަޖެހިފައިވާ މަޝްރޫއެއްކަމަށެވެ. އަދި އެ މަޝްރޫއުގެ ކޮލިޓީ ކޮންޓްރޯލަރަކީ ޝަމްއޫން ވެރިޔަކަށް ހުންނެވި އައިސީޓީ ޑިޕާޓްމެންޓެވެ.

ކޮންމެ މަރުހަލާއަކަށް ފަހު ޝުވެކުން ދޭ އިންވޮއިސް އެ ޑިޕާޓްމެންޓުން ބަލައި އެޕްރޫވްކުރަން ވެސް އެއްބަސްވުމުގައި އޮތް ނަމަވެސް އެކަން އެ ޑިޕާޓްމެންޓުން ކޮށްފައިނުވާކަން އޭސީސީން ވަނީ ފާހަގަކޮށްފަ އެވެ. އަދި ސޮފްޓްވެއާގައި ހުންނަންޖެހޭނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގިނަ ކަންކަން ޝުވެކުން ފުރިހަމަކޮށްފައިނުވާކަން އޭސީސީގެ ތަހުގީގަށް ހޯދިފައިވެ އެވެ. އެކަންކަން ބެލުމަކީ ޑިޕާޓްމެންޓުގެ ހެޑުގެ ހައިސިއްޔަތުން ޝަމްއޫންގެ ޒިންމާއެއްކަން އޭސީސީން ފާހަގަކުރެ އެވެ.

އެއްބަސްވުމުގައިވާ ގޮތުންނަމަ އެ ސޮފްޓްވެއާ ނިންމަން ޖެހޭ ތާރީހަކީ ނޮވެމްބަރު 8، 2017 އެވެ. އެކަމަކު އޭގެ އެއް އަހަރު ދުވަސްފަހުން ވެސް އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ސޮފްޓްވެއާ ނިންމާފައިނުވާކަމަށް އޭސީސީން ބުނެ އެވެ.

އެކަމަކު ނޮވެމްބަރު 6، 2017 ވަނަ ދުވަހު ސޮފްޓްވެއާގެ މަސައްކަތް ޝުވެކުން ނިންމާފައިވާކަމަށް ބަޔާންކޮށް ޝުވެކުން ފެނަކައަށް ހުށަހެޅި ސިޓީއެއްގައި ޝަމްއޫންއާއި ނަޖާހު ވެސް ސޮއިކޮށްފައިވާކަމަށް އޭސީސީން ތަހުގީގުގެ ޑޮކިއުމެންޓްތަކާއި ހަވާލާދީ ބުނެ އެވެ. އަދި އެ ސޮފްޓްވެއާ ފެނަކައިގެ ސާވާއެއްގައި ހޯސްޓުކުރެވެން އޮއްވާ، އެއްބަސްވުމުގައި ބަޔާންކޮށްފައި ނެތް ގޮތަކަށް އެ ސޮފްޓްވެއާ ޝުވެކުގެ ސާވާއެއްގައި ހޯސްޓުކުރަން ހުއްދަދީ އެކަމަށްޓަކައި ފައިސާ ދޫކުރަން އައިސީޓީ ޑިޕާޓްމަންޓުން ފެނަކައިގެ ފައިނޭންސް ޑިޕާޓްމެންޓަށް މެމޯއެއް ފޮނުވާފައިވާކަމަށް އޭސީސީން ބުނެ އެވެ.

އަދި ސޮފްޓްވެއާގެ ބާކީ ދެ މަރުހަލާގެ މަސައްކަތް އަދި މަޝްރޫއުގެ ބަދަލުތަކެއްގެ މަސައްކަތް ވެސް އޮއްވާ އެ މަސައްކަތްތައް ނިންމާފައިވާކަމަށް ބުނެ އެ މަސައްކަތަށްވާ ފައިސާ ދޫކޮށްދިނުމަށް އައިސީޓީ ޑިޕާޓްމަންޓުން ފެނަކައިގެ ޓެންޑާ ސެކްޝަނަށް އިންޓާނަލް މެމޯއެއް ފޮނުވާފައިވާކަމަށް އޭސީސީގެ ތަހުގީގަށް ވަނީ ހޯދިފަ އެވެ. އެ މެމޯގައި ސޮއިކޮށްފައިވަނީ ޝަމްއޫންކަން ވެސް އޭސީސީގެ ތަހުގީގަށް ހޯދިފައިވެ އެވެ.

އަދި މަޝްރޫއު ނުނިމި އޮއްވާ އެ މަސައްކަތަށްވާ ފައިސާ ފުރިހަމަ އަދަދުން ޝުވެކަށް ދޫކޮށްފައިވަނީ، ޝަމްއޫންއާއި ނަޖާހުގެ ސޮއިކޮށްފައިވާ ހުއްދަތަކަކަށް ރިއާޔަތްކޮށްގެންކަމަށް އޭސީސީގެ ތަހުގީގަށް ހޯދިފައިވާކަން ވެސް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. އެހެންނަމަވެސް އެ މައްސަލައިގައި ދޫކޮށްފައިވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް އޭސީސީން ހާމަކޮށްފައެއް ނުވެ އެވެ.