Advertisement

ދިވެހިވަންތަ ނަމަކަށް ނުވާތީ "ކަރިޝްމާ ޕާޓީ" އަށް އީސީގެ ހުއްދައެއް ނުލިބުނު

22 ސެޕްޓެންބަރު 2021 - 21:12 1

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް. -- ފޮޓޯ: އަދަދު


ދިވެހިވަންތަ ނަމަކަށް ނުވާތީ "ކަރިޝްމާ ޕާޓީ" އަށް އީސީގެ ހުއްދައެއް ނުލިބުނު

22 ސެޕްޓެންބަރު 2021 - 21:12 1

ދިވެހިވަންތަ ނަމަކަށް ނުވާތީ އާއި ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމަކަށް ވެސް ނުވާތީ "ކަރިޝްމާ ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދޭން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.

"ކަރިޝްމާ ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަން މ. ކެލަން, މުހައްމަދު އިސްމާއިލް ހުށަހެޅި ހުށަހެޅުމަށް ހުއްދަނުދޭން އީސީން ނިންމި މިއީ ދެވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ހަމަ އެފަރާތަށް އެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދިނުމަށް އީސީން ނިންމީ ޖެނުއަރީ 6، 2019 ވަނަ ދުވަހު އެވެ.

މި ފަހަރުވެސް ހުއްދައަށް އެދުމުން އެ ހުއްދަ ނުދޭން އީސީން ނިންމީ ކުރިން ވެސް ނިންމި ނިންމުމުގެ މައްޗަށް ބިނާކޮށްފަ އެވެ. ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގް "އަދަދު" އަށް ވިދާޅުވީ އެ ޕާޓީއަށް ކިޔަން ހުށަހެޅި ނަމަކީ ހިންދީ ނަމެއް ކަމަށާއި އެ ނަމަކީ އެއްވެސް ހާލެއްގައި ދިވެހިވަންތަ ނަމެއް ނޫންކަމަށެވެ.

"އެއްކަމަކީ ދިވެހި މުޖުތަމައާ ގުޅޭ ނަމެއް ނޫން. ދިވެހި ވަންތަކަމެއް ނެތް ނަމެއް. ކަރިޝްމާ އަކީ ހިންދީ ނަމެއް. އޭގެ މާނައަށް ބަލާއިރުގައިވެސް ސިޔާސީ ޕާޓީއަކަށް ކިޔަން އެކަށީގެންވާ ނަމެއް ނޫންކަމަށް ކޮމިޝަނުން މިފަހަރުވެސް ނިންމީ،" ދާދި ފަހުން ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ފުއާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރީގެ ނިންމުން ނިންމެވި ބިންގަލަކީ ރަނގަޅު ބިންގަލެއްކަމަށް މިހާރު ކޮމިޝަނުގައި ތިއްބެވި މެމްބަރުންނަށް ވެސް އެއްބަސްވެވުނު ކަމަށެވެ.

"އެހެންވެ އެ ނަން ސިޔާސީ ޕާޓީއެއްގެ ނަމެއްގެ ގޮތުގައި ގަބޫލުކުރެވޭކަމަކަށް ނުވާތީވެ، ރިޖެކްޓް ކުރީ،" ފުއާދު ވިދާޅުވި އެވެ.

އީސީން ކަރިޝްމާ ޕާޓީގެ ނަމަށް ހުއްދަ ނުދޭން ނިންމި ނިންމުން އިއުލާންކޮށް ކުރި ޓްވީޓު


ފުއާދު ވިދާޅުވީ ފުރަތަމަ ފަހަރު ވެސް ނަމުގެ މައްސަލައިގައި އެ ހުށަހެޅުން ބަލައިނުގަތްއިރު، އީސީން ވަރަށް ރަނގަޅަށް ޖަވާބުދާރީވެފައިވާކަން ފެންނަން އޮތް ކަމަށެވެ.

"އޭރު ވެސް ކޮމިޝަނުން އެގޮތަށް ނިންމެވީ (އެ ނަމަކީ) ދިވެހިވަންތަކާމާއި ދިވެހި ސަގާފަތާއި ދިވެހި އާދަކާދަފަދަ އެފަދަ އެއްވެސް ކަމަކާއި ގުޅުމެއް ނެތް ބީރައްޓެހި ނަމަކަށް ވާތީވެ،" ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ އީސީން ޕާޓީގެ ނަމެއްގެ ގޮތުގައި ދެވޭނެ ނަންތަކާއި ގުޅޭ މިންގަނޑެއް އޮންނަ ކަމަށާއި އޭގެ ތެރެއިން ބައެއް ކަންކަން ފުރިހަމަނުވާނަމަ ނަމަށް ހުއްދަ ނުދިނުމުގެ ބާރު އޮންނަ ކަމަށެވެ.

"މިސާލަކަށް ރާއްޖޭގެ ވަކި ސަރަހައްދަކަށް ނިސްބަތް ނުވުން ކަހަލަ ނުވަތަ ވަކި މުޖުތަމައުއަކަށް ނިސްބަތްވެގެން ނުވުން ކަހަލަ މިންގަނޑުތަކެއް އެއީ. އަދި އިލްމީ ގޮތުންނާއި ސަގާފީ ގޮތުން ދިވެހިންނާ ގުޅޭ ނަމަކަށް ވުން. އަދި ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމާ ގުޅުން ހުރި. އޮވޭ މިންގަނޑުތަކެއް ކަނޑައަޅާފަ އީސީގައި" ފުއާދު ވިދާޅުވި އެވެ.

މިހާރު ރާއްޖޭގެ ގިނަ ޕާޓީތަކަށް ދީފައިވަނީ އިނގިރޭސި ނަންތަކެއް ކަމަށްވީ ނަމަވެސް އީސީން އެ ޕާޓީތަކުގެ ނަންތައް ގަބޫލުކުރަނީ އެއީ ޑިމޮކްރެސީއާ ތަރައްގީއާ ގުޅުން ހުރި ނަންތަކަކަށް ވާތީ ކަމަށް ފުއާދު ވިދާޅުވި އެވެ.

"ކަރިޝްމާ" މި ނަން ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައިވަނީ ހިންދީ ފިލްމީ ތަރި ކަރިޝްމާ ކަޕޫރުގެ ނަމާ ގުޅިގެންނެވެ. އެހެންވެ އެ ނަމުގައި ޕާޓީއެއް ރަޖިސްޓްރީކުރަން ހުށަހެޅުމުން އެކަމަށް ސޯޝަލް މީޑިއާގައި ބައެއް އާއްމުން ވަނީ ހަޖޫޖަހައިފަ އެވެ.

ރާއްޖޭގެ މައި ޕާޓީތަކަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނޭޝަނަލް އެލަޔަންސް (ޕީއެންސީ) އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އެވެ. އޭގެ ކުރިން ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އާއި އިސްލާމިކް ޑިމޮކްރަޓިޕް ޕާޓީ (އައިޑީޕީ) އާއި މޯލްޑިވްސް ސޯޝަލް ލިބަރަލް ޕާޓީ (އެސްއެލްޕީ) އާއި ޕީޕަލްސް އެލަޔަންސް (ޕީއޭ) ފަގީރުކަންނައްތާލާ ޕާޓީ ވެސް ހިންގި އެވެ. ރާއްޖެ އަށް ރަސްމީކޮށް ޕާޓީ ނިޒާމު އައުމުގެ ކުރިން, 1940ގެ އަހަރުތަކުގެ ފަހުކޮޅު ރައްޔިތުންގެ މުތަގައްދިމް ޕާޓީގެ ނަމުގައި ޕާޓީއެއް ހިންގި އެވެ.