Advertisement

ޖިންސީ ގޯނާގެ މައްސަލާގައި ފިޔަވަޅު އަޅަން އަންގައިފިނަމަ، އަލީ ވަހީދު ގެނެވިދާނެ: ސީޕީ

22 ސެޕްޓެންބަރު 2021 - 19:07 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ސީޕީ މުހައްމަދު ހަމީދު: އަލީ ވަހީދު ގެނެވެން އޮތީ ޖިންސީ ގޯނާގެ މައްސަލައިގެ ތެރެއިން ކަމަށް ވިދާޅުވި - ފޮޓޯ: އަދަދު


ޖިންސީ ގޯނާގެ މައްސަލާގައި ފިޔަވަޅު އަޅަން އަންގައިފިނަމަ، އަލީ ވަހީދު ގެނެވިދާނެ: ސީޕީ

22 ސެޕްޓެންބަރު 2021 - 19:07 0

ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާލުމުން ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއަށް ގެނެވެން އެބަ އޮތް ކަމާއި އެއީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލާގެ ތެރެއިން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ކޯޓުތަކަށް ފިލައިގެން އިނގިރޭސިވިލާތުގައި ހުންނެވި އަލީ ވަހީދުގެ މައްޗަށް ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ. އެއީ މިދިޔަ މަހުގެ 11 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމަށް ހާޒިރުވާން ޗިޓް ފޮނުވުމުން ވެސް ކޯޓަށް ހާޒިރުނުވީމަ އެވެ.

އޭގެފަހުން ވެސް އަލީ ވަހީދު ރާއްޖެ ވަޑައިގެންފައިނުވާއިރު, ވިސާގެ މައްސަލައެއްގައި އިނގިރޭސިވިލާތުގެ ފުލުހުން އޭނާ ހައްޔަރުކޮށް ޑިޓެންޝަން ސެންޓަރެއްގައި ބަންދުކުރި އެވެ. މިހާރު އޭނާ މިނިވަންވެ, މީޑިއާތަކަށް ވާހަކަ ދައްކައި, އެތައް ބަޔަކަށް ގިނަ ތުހުމަތުތަކެއް ވަނީ ކޮށްފަ އެވެ.

އެހެންވެ, އޭނާ ރާއްޖެ ނުގެނެވި އޮތުމުން ކަންބޮޑުވެ, އެކަމަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މިއަދު "އަދަދު" އަށް ކޮމިޝަނާ އޮފް ޕޮލިސް ހަމީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ, އަލީ ވަހީދު ރާއްޖެއަށް ގެނެވޭނީ އިނގިރޭސިވިލާތުން އޭނާ ޑީޕޯޓް ކޮށްލުމުން ކަމަށެވެ. އެ ނޫންނަމަ ދެން އޭނާ ރާއްޖެ ގެނެވޭނީ އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެގެންނެވެ.

އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރޭވޭނީ ވަކި ބާވަތްތަކެއްގެ ކުށްތަކެއްގެ ތުހުމަތުގައިކަން ފާހަގަކުރައްވަމުން ހަމީދު ވިދާޅުވީ، ކޯޓުގެ ޝަރީއަތެއްގެ ހުރުމަތް ކަނޑާލި މައްސަލާގައި ރެޑް ނޯޓިސް ނެރެގެން އަލީ ވަހީދު ގެނެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެހެންނަމަވެސް, ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން އޭނާއަށް ފިޔަވަޅު އެޅުމަށް އިތުރަށް މަސައްކަތް ކުރެވޭނެ ކަމަށް ހަމީދު ވިދާޅުވި އެވެ. ނަމަވެސް, މިހާތަނަށް އެ މައްސަލާގައި އަލީ ވަހީދަށް ފިޔަވަޅެއް އެޅުމަށް އެއްވެސް ކޯޓަކުން ފުލުހުންގެ މައްޗަށް އަމުރެއް ކޮށްފައެއް ނުވެ އެވެ.

އަލީ ވަހީދުގެ މައްޗަށް ކުރެވޭ ސީރިއަސް ތުހުމަތުތަކާ ގުޅިގެން އޭނާ ރާއްޖެ ގެނެއުމަށް ކޯޓުން އެދިއްޖެ ނަމަ، އިނގިރޭސި ސަރުކާރުގައި ދަންނަވައިގެން، އެ ގައުމުގެ ފުލުހުންނާއި ދިވެހި ފުލުހުންނާ އޮންނަ ގުޅުމާއި އިންޓަޕޯލްގެ ޗެނަލްތަކުގެ ތެރެއިން ކަންތައްތަކެއް ކުރެވިދާނެ ކަމަށް ހަމީދު ދެކެވެޑައިގަންނަވަ އެވެ.

ކޯޓުގެ ހުރުމަތް ކަނޑާލައި ދެ މަހުގެ ހުކުމާ ގުޅުވައި އޭނާ ގެންނަން އަޅުގަނޑުމެންނަށް އުނދަގޫވެދާނެ. އެކަމަކު ޖިންސީ ގޯނާގެ މައްސަލާގައި އެދިއްޖެ ނަމަ އެކަމަށް އިތުރަށް މަސައްކަތް ކުރެވޭނެ.

ހަމީދު މި ނޫހަށް ވިދާޅުވީ ޖިނާއީ ގޮތުން ހިންގާ މައްސަލައެއްގެ ސީރިއަސް ކަމަށް ބަލައި ނޯޓިސް ނެރެވުނަސް އޭގެ ފަހުން އޮންނަ އިޖުރާއަތުތައް ހިނގާނެ ކަމަށެވެ. އެގޮތުން ނޯޓިސްއެއް އޮތުމަކުން އެ މީހާ ހައްޔަރުކޮށްގެން ގެނެވޭނެ ގޮތެއް ނޯންނަ ކަމަށާއި ނަމަވެސް, އޭގެ ސަބަބުން އެ ގައުމެއްގައި އުޅެން އުނދަގޫވެދާނެ ކަމަށް ވިދާޅުވި އެވެ.

ރެޑް ނޯޓިސް ނެރިގެން ތަހުގީގަށް ރާއްޖެއަށް ހާޒިރުކުރެވިފައިނުވާ ބައެއް މީހުން ތިބިކަން ވެސް ސީޕީ ފާހަގަ ކުރެއްވި އެވެ. މިހާރު ވެސް ރާއްޖޭގެ ނުވަ މީހެއްގެ މައްޗަށް އިންޓަޕޯލް ރެޑް ނޯޓިސް އެބަ އޮތެވެ.

އަލީ ވަހީދުގެ މައްސަލަ ހިނގާދިޔަ ގޮތް

އަލީ އިނގިރޭސިވިލާތަށް ވަޑައިގަތީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ކްރިމިނަލް ކޯޓުން ބާތިލްކޮށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ އެ ކޯޓުން ދިނުމުންނެވެ. އޭނާގެ ޕާސްޕޯޓް ދޫކުރީ ޖާމިނުވާ މީހެއްގެ ގޮތުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އެއްބަސްވުމުންނެވެ.

އެ އެއްބަސްވުމުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ. ނަމަވެސް، އަލީ ވަހީދު ރާއްޖެ ވަޑައިނުގެންނެވި އެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ހައިކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފުކުރި އެވެ. ނަމަވެސް، އަލީ ވަހީދު އުޅޭނޫޅޭ ތަނެއް ނޭނގި، ޗިޓް ނުފޮނުވިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިދޭން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލީ އެވެ.

އެފަހުން ދެވަނަ ފަހަރަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އަލީގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުގައި އެދުމުން އެ އަމުރު ނެރެނުދިން މައްސަލާގައި ހައިކޯޓަށް ދިޔަ އެވެ. ނަމަވެސް، އަލީގެ ގައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، މައްސަލަ ބަލައިގެންފައިނުވެ އެވެ.

ނަމަވެސް, ފަހުން ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ ހައިކޯޓުން ބެލުމަށް އަމުރުކޮށްފަ އެވެ. ހައިކޯޓުން މައްސަލަ ބެލުމަށްފަހު ބުނީ ދައުލަތުން އެދިފައިވަނީ އަލީ ވަހީދުގެ ކެންސަލްކޮށްފައި އޮތް ޕާސްޕޯޓް ހިފަހައްޓަން ކަމުން, ދައުލަތުން އެދޭ އަމުރު ނެރެދީގެން ނުކުންނާނެ ނަތީޖާއެއް ނޯންނާނެ ކަމަށެވެ.

އަލީ ވަހީދު މައްޗަށް ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފައިވެ އެވެ.

މި ތުހުމަތުތައް އޭނާގެ މައްޗަށް ކުރުމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުން ޖުލައި 9، 2020 ގައި އޭނާ މަގާމުން ވަކިކުރި އެވެ.