Advertisement

ބައިޑެންގެ ވެރިކަމުގައި މޯދީގެ ފުރަތަމަ އެމެރިކާ ދަތުރުފުޅު ފައްޓަވައިފި

22 ސެޕްޓެންބަރު 2021 - 12:52 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެމެރިކާއަށް ފުރާވަޑައިގަންނަވަނީ.


ބައިޑެންގެ ވެރިކަމުގައި މޯދީގެ ފުރަތަމަ އެމެރިކާ ދަތުރުފުޅު ފައްޓަވައިފި

22 ސެޕްޓެންބަރު 2021 - 12:52 0

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވެރިކަމަށް ވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އެ ގައުމަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ފުރާވަޑައިގެންފި އެވެ.

ނިއު ޔޯކުގައި ކުރިއަށްދާ އދ. ގެ އާއްމު މަޖިލީހުގެ ބަހުސްގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން އޮސްޓްރޭލިއާ، ޖަޕާން، އެމެރިކާ އަދި އިންޑިއާ ހިމެނޭ ކުއެޑްރިލެޓެރަލް ސެކިއިރުޓީ ޑަޔަލޮގް (ކުއެޑް)ގެ ބައްދަލުވުމުގައި ވެސް މޯދީ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިއީ ހަ މަހަށް ފަހު މޯދީ ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އޭގެ އިތުރުން މިއީ ބައިޑެން ރައީސްކަމަށް ވަޑައިގެންނެވި ފަހުން އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ބުދަ ދުވަހު ހެނދުނު ވޮޝިންޓަނަށް ވަޑައިގެންނެވުމަށް ފަހު އެޕަލް ކުންފުނީގެ ވެރިޔާ ޓިމް ކުކް ހިމެނޭ ގޮތަށް، އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ ވެރިނަންނާ މޯދީ ބައްދަލުކުރައްވާނެ އެވެ. އޭގެ ފަހުން އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސްއާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައި ވެ އެވެ.

ކުއެޑް ޑަޔަލޮގްގެ ބައްދަލުވުމަށް ބުރާސްފަތި ދުވަހު މޯދީ ބައްދަލުކުރައްވާނީ އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން އަދި ޖަޕާނުގެ ބޮޑު ވަޒީރު ޔޮޝިހިޑޭ ސޫގާ އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ އެވެ. އެ ތިން ބޭފުޅުންނަށް ހާއްސަ ފަރިއްކޮޅެއް ބައިޑެން ދެއްވާނެ އެވެ.

ބައިޑެން އާއި މޯދީގެ ފުރަތަމަ ރަސްމީ ބައްދަލުވުން އޮންނާނީ ހުކުރު ދުވަހު ވައިޓް ހައުސްގަ އެވެ. މީގެ ކުރިން މޯދީ އާއި ބައިޑެން ވަނީ ތިން ފަހަރެއްގެ މަތިން ވާޗުއަލްކޮށް ބައްދަލުކުރައްވާފަ އެވެ.

އދ. ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ބަހުސްގައި މޯދީ ވާހަކަދެއްކުމަށް ހަމަޖެހިފައި ވަނީ ވޮޝިންޓަނުން ނިއު ޔޯކަށް ވަޑައިގެން އަންނަ ހޮނިހިރު ދުވަހު އެވެ. ބެލެވޭ ގޮތުގައި މޯދީގެ ވާހަކަ ހާއްސަކުރައްވާނީ އަފްގާނިސްތާނުގެ ހާލަތާއި ޕާކިސްތާނުގެ މަޝްރަހަށެވެ.