Advertisement

ތާލިބާން ސަރުކާރަށް ފުރުސަތު ދިނުމާމެދު ދެބަސްވެ ސާކް ބައްދަލުވުން ކެންސަލްކޮށްފި

22 ސެޕްޓެންބަރު 2021 - 10:54 2

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސާކްގެ ބައްދަލުވުމެއްގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަދައްކަވަނީ. މި އަހަރު ސާކް ފޮރިން މިނިސްޓަރުންގެ ބައްދަލުވުން ކެންސަލް ކުރީ ތާލިބާން ސަރުކާރަށް ފުރުސަތު ދިނުމާމެދު ގައުމުތަކުން ދެބަސްވުމުން. -- ފޮޓޯ: އަބްދުﷲ ޝާހިދު/ ޓްވިޓާ


ތާލިބާން ސަރުކާރަށް ފުރުސަތު ދިނުމާމެދު ދެބަސްވެ ސާކް ބައްދަލުވުން ކެންސަލްކޮށްފި

22 ސެޕްޓެންބަރު 2021 - 10:54 2

އަފްގާނިސްތާނުގެ ތާލިބާން ސަރުކާރަށް ފުރުސަތު ދިނުމާ މެދު ހިޔާލު ތަފާތުވެ، މިހާރު ކުރިއަށްދާ އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވުމަށް ތާވަލުކުރި ސާކްގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުން ކެންސަލްކޮށްފި އެވެ.

ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މެމްބަރު ގައުމުތަކަކީ ދިވެހިރާއްޖެ، އިންޑިއާ، ޕާކިސްތާން، އަފްގާނިސްތާން، ބަންގްލަދޭޝް، ބޫޓާން، ސްރީލަންކާ އަދި ނޭޕާލް އެވެ. ކޮންމެ އަހަރަކު ވެސް އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި އެ ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމެއް ބާއްވަ އެވެ.

ނަމަވެސް ސާކްގެ ސެކްރެޓޭރިއެޓުން ގައުމުތަކުގެ ފޮރިން މިނިސްޓަރުންނަށް ފޮނުވި ސިޓީއެއްގައި ބުނީ ސެޕްޓެމްބަރު 25 ވަނަ ދުވަހު ބާއްވަން ތާވަލުކުރި "ފޮރިން މިނިސްޓަރުންގެ ބައްދަލުވުން ކެންސަލް ކުރީ ގައުމުތަކަށް އެއްބަސްވުމަކަށް ނާދެވިގެން" ކަމަށެވެ.

މިދިޔަ މަހު އަފްގާނިސްތާނުގެ ވެރިކަމަށް އައި ތާލިބާނުންގެ ސަރުކާރަށް އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދޭން ޑިމާންޑު ކުރަނީ ޕާކިސްތާނުން ކަމަށް ބޭރުގެ ނޫސްތަކުން ބުނެ އެވެ.

ޕާކިސްތާނުން އަންގާރަ ދުވަހު ވަނީ ފްރީޒްކޮށްފައިވާ އަފްގާނިސްތާނުގެ އެސެޓުތައް ދޫކޮށްލުމަށް ވެސް ގައުމުތަކަށް ގޮވާލާފަ އެވެ.

އަފްގާނިސްތާނުގެ ރައްޔިތުންގެ ގިނަ ހައްގުތަކެއް ހިފަހައްޓައިގެން މީގެ ކުރިން 1996 އިން 2001 އަށް ވެރިކަން ކުރި ތާލިބާން ސަރުކާރު ބަލައިގަތް ތިން ގައުމުގެ ތެރެއިން އެއް ގައުމަކީ ޕާކިސްތާނެވެ. ނަމަވެސް މި ފަހަރުގެ ސަރުކާރު ބަލައިގަތުމާ މެދު ޕާކިސްތާނުން ވެސް އަދި ގޮތެއް ނުނިންމަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ.ގެ އާންމު މަޖިލީހުގެ ބަހުސްގައި ރޭ ވާހަކަދައްކަވަމުން ވިދާޅުވީ ދެކުނު އޭޝިޔާގެ އަވައްޓެރި ގައުމެއްގެ ހައިސިއްޔަތުން "އަފްގާނިސްތާނުގެ މިއަދުގެ ހާލަތާމެދު ދިވެހިން ކަންބޮޑުވާ" ކަމަށެވެ. އަދި "އެ ގައުމުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުވުން" ބޭނުންވެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަންހެނުންނާއި އަންހެނުން ކުދިންގެ ހައްގުތަކާއި ސަލާމަތާއި ހިމާޔަތް އެ ގައުމުގައި އޮތުމަށް އެދެން. މިކަންކަން ހިފެހެއްޓި ކަށަވަރުވެފައި އޮތުމަށްޓަކައި، ރައްޔިތުން އިންތިހާބު ކުރާ ސަރުކާރެއް އެ ގައުމުގައި އޮތުން މުހިންމު،" ރައީސް ސޯލިހު ވިދާޅުވި އެވެ.