Advertisement

ނަޒާހާ ސުޕްރީމް ކޯޓުގައި: ބޭނުންވަނީ ލަސްވިޔަސް އޭނާގެ އަޑު އިއްވަން

22 ސެޕްޓެންބަރު 2021 - 11:23 4

ނާޒިމް ހަސަން

ނާޒިމް ހަސަން

ނަޒާހާ, 2015 ވަަނަ އަހަރު ހައިކޯޓު ބޭރުގައި: އޭނާ ބޭނުންވަނީ އަޑުއިއްވަން - ފޮޓޯ: ސަން އޮންލައިން


ނަޒާހާ ސުޕްރީމް ކޯޓުގައި: ބޭނުންވަނީ ލަސްވިޔަސް އޭނާގެ އަޑު އިއްވަން

22 ސެޕްޓެންބަރު 2021 - 11:23 4

އޭނާގެ ޅަ އުމުރު ދިޔައީ ޓްރޯމާތަކެއްގެ ތެރޭ އެވެ. އެފަދަ ޓްރޯމާތަކެއް ތެރޭ އަމިއްލަ ދަރިފުޅު ބޮޑުވާކަށް އޭނާ ބޭނުން ނުވީ އެވެ. އަދި, އެ ޓްރޯމާތަކުގެ ސަބަބުން އަންނަ ނޭދެވޭ އަސަރުތަކުން ދަރިފުޅުގެ މުޅި ހަޔާތަށް ގެއްލުންދޭން ވެސް އޭނާ ބޭނުން ނުވަނީ އެވެ.

ކުރީގެ ފިރިމީހާގެ ގަޔަށް ވަޅި ހަރައި މަރާލި ކަމުގެ ކުށް ސާބިތުވެ, އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ހ. ބައިކަނޑިގޭ, މަރިޔަމް ނަޒާހާ އިސްތިއުނާފު ހައްގު ދޫކޮށްލައިގެން އިން ސަބަބެއް ކަމަށް ފާހަގަކުރީ އެކަމެވެ.

ވަރަށް ޅަ އުމުރުގައި ކައިވެނިކޮށް ދަރިއަކު ލިބުނު ނަޒާހާގެ މައްޗަށް ސާބިތުވެފައިވަނީ އޭނާގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދު (ޝާޑު) ގެ ބުރަކައްޓަށް ފަސް އިންޗީގެ ތިލައެއް ހުރި ވަޅިއެއް ހެރިކަމުގެ ކުށެވެ. އެކަން ކުރި ކަމަށް ނަޒާހާ ކުރިމިނަލް ކޯޓުގައި ވެސް ހައިކޯޓުގައި ވެސް އިންކާރެއް ނުކުރެ އެވެ.

އެކަމަކު, ޝާޑަށް ހަމަލާދެވުނީ ޝަރީއަތުގެ މަޖިލީހުގައި ނަޒާހާ ބުނެފައިވާ ގޮތުގައި އޭރު ތަހައްމަލު ކުރަން ޖެހިފައިވާ އަނިޔާގެ ސަބަބުން ނަފްސާނީ ހާލަތެއްގައި ހުރެގެންނެވެ. ނަމަވެސް, ހައިކޯޓުން ވެސް ނިންމާފައިވަނީ އެކަން ނަޒާހާއަށް ސާބިތުކޮށް ނުދެވޭ ކަމާއި އެކަމަކު ގަސްދުގައި މީހަކު މަރާލުމުގެ ހުރިހާ ރުކުނެއް ސާބިތުވާ ކަމަށެވެ.

ނަޒާހާގެ މައްޗަށް މަރުގެ ކުށް ސާބިތުވި ނަމަވެސް, އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިނުވަނީ ޝާޑުގެ ވާރިސުންގެ ތެރެއިން އެންމެ މީހަކު ފިޔަވައި އެހެން މީހުން އެކަމަށް އިއުތިރާޒު ކުރުމުންނެެވެ. އެމީހުން ބުނެފައިވަނީ މަރަށް މަރު ހިފަން ވެސް އަދި ނަޒާހާގެ ފަރާތުން މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށެވެ. އެހެންވެ, ތައުޒީރީ އަދަބެއްގެ ގޮތުން އުމުރު ދުވަހުގެ (25 އަހަރު) ގެ ޖަލު ހުކުމެއް އިއްވީ އެވެ.

ކުރިމިނަލް ކޯޓުން 2010 ވަނަ އަހަރު ކުރި ހުކުމަށް ތާއިދުކޮށް ހައިކޯޓުން ނަޒާހާގެ މައްޗަށް ހުކުމް އައީ 2015 ވަނަ އަހަރު އެވެ. އޭރު އޮންނަ ގޮތުންނަމަ, ހައިކޯޓުގެ ހުކުމެއް އިސްތިއުނާފުކުރަން ބޭނުންވާނަމަ, 60 ދުވަހުގެ ތެރޭ އެކަމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ. ނަމަވެސް, ނަޒާހާގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ހަ އަހަރު ފަހުން, މިދިޔަ ޖުލައި މަހުގެ ތެރޭ އެވެ.

އެހެންވެ, ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލި އެވެ. އެ ނިންމުން ނަޒާހާގެ ފަރާތުން ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފުކޮށްފައިވާތީ, މިއަދު ވަނީ އަޑުއެހުމެއް ބާއްވާފަ އެވެ. އަޑުއެހުމުގައި ނަޒާހާ ވަނީ އިސްތިއުނާފީ ހައްގު އޭރު ދޫކޮށްލި ސަބަބުތައް ކިޔައިދީފަ އެވެ.

"ދަރިއަށްޓަކައި"

ޝަރީއަތުގައި މަޖިލީހުގައި ނަޒާހާ ބުނި ގޮތުގައި, އޭނާގެ މައްޗަށް ޝަރީއަތް ހިންގައި އެކަން މީޑިއާތަކަށް އަރަމުންދާތީ އާއިލާއަށާއި ހާއްސަކޮށް އޭނާގެ ފިރިހެން ދަރިފުޅަށް އޭގެ ސަބަބުން ފުރައްސާރަތައް ކުރިމަތިވެ, ނަފްސާނީ އަސަރުތައް ކުރަމުންދިޔަ ކަމަށެވެ. ސްކޫލުގައި ވެސް ދަރިފުޅަށް އެކަމާ ގުޅޭ ސުވާލުތައް އަމާޒުވަމުން ދިޔަ ކަމަށް ބުންޏެވެ.

އެހެންވެ, ސްޕްރީމް ކޯޓަށް ހުށަހަޅައިގެން އިތުރަށް ދަރިފުޅަށް އެ ވާހަކަތައް އަޑުއަހަން ޖެހޭނެ ގޮތްވުން ނަޒާހާ ބޭނުން ނުވީ އެވެ. އެކަމަކު, ކްލެމެންސީ ބޯޑަށް ހުށަހަޅައިގެން ހުކުމަށް ލުޔެއް ހޯދުމަށް އޭނާ މަސައްކަތް ކުރި އެވެ. ހައިކޯޓުން ވަނީ ނަޒާހާ އެދިއްޖެނަމަ އޭނާގެ ހުކުމް ލުއިކޮށްދެވިދާނެ ކަމަށް ކަނޑައަޅާފަ އެވެ.

އެގޮތުގެ މަތިން ނަޒާހާގެ ޖަލު ހުކުމުން ފަސް އަހަރު އުނި ކުރުމަށް ކްލެމެންސީ ބޯޑުން އޮތީ ނިންމާފަ އެވެ.

ނަޒާހާ ބުނި ގޮތުގައި, މިހާރު އޭނާގެ މައްސަލަ ސުޕްރީމް ކޯޓުގައި ގެންދަން ބޭނުންވާ ސަބަބަކީ ދަރިފުޅު ބޮޑުވެފައިވުމާއި ގާނޫނަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އޭނާއަށް އިންސާފު ލިބޭނެ ކަމަށް ގަބޫލު ކުރެވޭތީ އެވެ.

"އަޅުގަނޑު ދަރިފުޅާ ވާހަކަ ދެއްކިން, މިހާރު ވަނީ ފުރާވަރަށް އަޅާފައި, ދަރިފުޅު ބުނި މިހާރު ޓޭކް ކުރެވޭނެ ކަމަށް, ހިތްވަރު ކުރެވޭނެ ކަމަށް," ނަޒާހާ ބުންޏެވެ.

ނަޒާހާ (ކ-3) ކޯޓުގެ އަޑުއެހުމުގައި ރޮނީ.


އެހެންވެ, އެ ހިތްވަރާއެކު ކޯޓުގައި އަމިއްލަ ހައްގުގައި މަސައްކަތް ކުރަން އޭނާ ނިންމީ ކަމަށް ނަޒާހާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ބަޔާން ނަގައި ޝަރީއަތް ހިންގާފައިވަނީ އޭނާ ކުށްވެރި ކުރެވޭ ގޮތަށް އެކަންޏެވެ. އޭނާގެ ހާލަތަށް ބަލައި ނަފްސާނީ ހާލަތު ވެސް ބަލާފައި ނެތް ކަމަށެވެ.

"ގަބޫލު ކުރަމޭ ކުށް ކުރެވިފައޭ އޮތީ, ރިގްރެޓް ކުރަން, އެއީ ބައްޕަ މިއީ މަންމަ, ރަފް ޗައިލްޑްހޫޑެއް ދިޔައީ, އޭގެ ސައިޑް އިފެކްޓްސް އަންނާނެ, ކުޑައިރު ޓްރޯމާތައް އެގޮތުގައި ހުރެފިނަމަ," ނަޒާހާ, އޭނާގެ ހަޔާތުން ސަފުހާއެއް ކިޔައިދޭން މަސައްކަތް ކުރި އެވެ.

ލޮލުން ކަރުނަ, ބޭނުން ވަނީ އަޑު ޝަރީއަތަށް އިއްވަން

ނަޒާހާގެ ވަކީލް މަރިޔަމް ނިހާޔަތު ވިދާޅުވި އެވެ; "ލަސްކޮށް ނަމަވެސް, ނަޒާހާގެ އަޑު ޝަރީއަތަށް އިއްވަން އެބަ ޖެހޭ,"

ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ނިހާޔަތު އެހެން ވިދާޅުވަމުން ގެންދެވިއިރު ނަޒާހާގެ ލޮލުން ކަރުނަ އަންނަމުންދިޔަ އެވެ. ރުމާލުން އޭނާގެ ލޮލޮން ފައިބަމުންދިޔަ ކަރުނަތައް ފުހެމުން ދިޔަ އެވެ.

ނިހާޔަތު ވިދާޅުވި ގޮތުގައި, ނަޒާހާއަކީ ޝާޑުގެ ފަރާތުން ގެވެށި އަނިޔާ ލިބި އެކަމުގެ ޝިކާރާއަކަށްވި މީހެކެވެ. އެކަމުގެ ރިކޯޑްތައް ހުންނާނެ ކަމާއި ނަމަވެސް, މިއަދާ ހަމައަށް ވެސް އެއިން މައްސަލައެއް ބެލިފައި ނެތް ކަމަށް ވިދާޅުވި އެވެ.

"އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން ނަޒާހާއަށް ލިބިފައިވާ އަނިޔާތައް ވަޒަންކޮށް މިންކުރުމަށް އެސެސްމެންޓެއް ވެސް ހަދާފައި ނެތް," ނިހާޔަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި, ހައިކޯޓަށް މައްސަލަ ލައިގެން ނަޒާހާ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ހާލަތަށް ވެސް ބަލައި އިންސާފު ލިބޭނެ ކަމަށް އެ ހިތްވަރާއެކު އެވެ. ނަމަވެސް, އަލި މަގެއް ނުފެނި އޭނާ މާޔޫސްކޮށްލީ ކަމަށް ވިދާޅުވި އެވެ.

ނަޒާހާ މިއަދުގެ އަޑުއެހުމުގައި ވާހަކަ ދައްކަނީ: އޭނާ ބޭނުން ވަނީ ހާލަތަށް ރިއާޔަތްކޮށްދޭން


ނަޒާހާގެ ހާލަތު ބުނެދޭން އޭނާގެ ފަރާތުން ހެކި ހުށަހެޅި ނަމަވެސް, އެ ހެކިން އެއްވެސް މަރުހަލާއެއްގައި ހާޒިރުކޮށްފައި ނުވާ ކަމާއި އެހެންވެ, ނަޒާހާ މާޔޫސްވެ އިތުރަށް މައްސަލާގައި އޭރު ކުރިއަށް ދާން ބޭނުން ނުވީކަން ވަކީލް ފާހަގަ ކުރެއްވި އެވެ.

ނަމަވެސް, މިހާރު ނަޒާހާ ހުރީ ޝަރުއީ ދާއިރާއަށް އައިސްފައިވާ ކުރިއެރުންތަކާއި ގާނޫނުތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން އާ ހިތްވަރަކާއެކު މައްސަލައިގެން ކުރިއަށް ދާން ބޭނުންވެފައިވާ ކަމަށް ނިހާޔަތު ވިދާޅުވި އެވެ. ލަސްކޮށް ނަމަވެސް ޝަރީއަތަށް އޭނާގެ އަޑު އިއްވަން ބޭނުންވާ ކަމަށް ވެސް ވިދާޅުވި އެވެ.

ނިހާޔަތު ވިދާޅުވި ގޮތުގައި އެ ދުވަހު ވަޅި ނެގުމަށް ނަޒާހާއަށް ބައިވަރު ސަބަބުތައް ހުއްޓެވެ. އެ ވަށައިގެންވާ ހުރިހާ ކަމަކަށް ޝަރީއަތުން ބަލަން ޖެހޭ ކަމާއި ނަމަވެސް, މިހާތަނަށް އެކަން ބަލާފައި ނެތް ކަމަށް ވިދާޅުވި އެވެ. އެއީ, ނަޒާހާއަށް އިންސާފު ލިބުމުގައި އޮތް ވަރަށް ބޮޑު އުނިކަމެއްގެ ގޮތުގައި ނިހާޔަތު ސިފަ ކުރެއްވި އެވެ.

ދައުލަތުން އެއްބަހެއް ނޫން, ބޭނުމީ މައްސަލަ ބޭރުކުރަން

އިސްތިއުނާފަށް ސުޕްރީމް ކޯޓަށް ނުހުށަހަޅައި ލަސްކޮށް, މިހާރު އެ މައްސަލަ ކުރިއަށް ގެންދާން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެއްބަހެއް ނޫނެވެ.

އެ އޮފީހުގެ ވަކީލް ފާތިމަތު ޝިފާޒާ ވިދާޅުވި ގޮތުގައި, އިސްތިއުނާފުކުރުމަށް އޮންނަ މުއްދަތުގެ ބޭރުން މައްސަލައެއް ބަލައިގަނެވޭނީ އަމިއްލަ ބާރު ނުހިނގާ ފަދަ މަގުބޫލު ސަބަބެއް އޮންނަ ހާލަތްތަކުގައި އެކަނި ކަމަށެވެ.

ނަމަވެސް, ނަޒާހާ ދައްކާ ސަބަބުތަކަކީ އެފަދަ ސަބަބެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވަކީލް ވިދާޅުވި އެވެ. އަދި, މިހާރު ކްލެމެންސީ ބޯޑުން ނަޒާހާއަށް އަދަބު ލުއިކޮށްދީފައިވާކަން ވެސް ވަކީލް ފާހަގަކުރެއްވި އެވެ.

އެހެންވެ, މި މައްސަލަ އިސްތިއުނާފު މުއްދަތު ހަމަވިތާ ހަ އަހަރު ފަހުން ހުށަހަޅައިގެން ކުރިއަށް ގެންދަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރެވޭތީ, ރަޖިސްޓްރާގެ ނިންމުމަށް ތާއިދުކޮށްދޭން ފަނޑިޔާރުންގެ އަރިހުން އެދުނެވެ.

ނަމަވެސް, ނިހާޔަތު ވިދާޅުވީ ކްލެމެންސީ ބޯޑުން ނަޒާހާއަށް ލުޔެއް ލިބިފައިވުމަކީ އޭނާގެ އިސްތިއުނާފީ ހައްގަށް ހުރަސް އެޅިގެންވާނެ ކަމެއް ނޫން ކަމަށެވެ.

މައްސަލަ ބައްލަވާ ބެންޗުންގައި ތިއްބެވި ފަނޑިޔާރުން ނިންމެވީ ބަހުސް ކުރެއްވުމަށްފަހު އެކަމުގައި ގޮތެއް ނިންމަވައި, ދެ ފަރާތަށް ވެސް ލިޔުމުން އެކަން އެންގުމަށެވެ.

އުމުރުން 21 އަހަރުގައި ނަޒާހާގެ މައްޗަށް 25 އަހަރުގެ ހުކުމެއް އައިރު, މިހާރު އޭނާ ވަނީ ޖަލުގައި 11 އަހަރާއި ތިން މަސް ހޭދަކޮށްފަ އެވެ. އަދަބުން ފަސް އަހަރު މާފުކޮށްދީފައިވާއިރު އަދިވެސް އޭނާގެ ޖަލު ހުކުމްގައި ނުވަ އަހަރެއްހާ މުއްދަތު އެބަ އޮތެވެ.