Advertisement

ފްރާންސުން ރުޅިގަނޑު ބޭލުމަށް ފަހު އިންޑިއާއާ ގާތަށް!

22 ސެޕްޓެންބަރު 2021 - 11:13 1

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އޮސްޓްރޭލިއާ އާއި އެމެރިކާއާ ޖެހުނު މައްސަލައަށް ފަހު ފްރާންސުން ވަނީ އިންޑިއާއާ އެކު މަޝްވަރާ ބާއްވާފައި.


ފްރާންސުން ރުޅިގަނޑު ބޭލުމަށް ފަހު އިންޑިއާއާ ގާތަށް!

22 ސެޕްޓެންބަރު 2021 - 11:13 1

ޕެރިސް، ފްރާންސް (ސެޕްޓެމްބަރު 22) - ސަބްމެރީން އެއްބަސްވުމުގެ މައްސަލާގައި އެމެރިކާ އާއި އޮސްޓްރޭލިއާއާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމަށް ފަހު، ފްރާންސުން އިންޑިއާއާ އެކު މަޝްވަރާތައް ބާއްވައިފި އެވެ.

ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން އާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ފޯނުން ވާހަކަދެއްކުމަށް ފަހު އެއްބަސްވެވަޑައިގެންނެވީ އިންޑޯ ޕެސިފިކް ސަރަހައްދުގައި ދެ ގައުމުން އެކުގައި މަސައްކަތް ކުރުމަށެވެ.

ފްރާންސުން ހިތްހަމަނުޖެހުނީ އެ ގައުމުގެ ސަބްމެރީންތައް ގަންނަން 2016 ވަނަ އަހަރު އޮސްޓްރޭލިއާ އިން އެއްބަސްވުމަށް ފަހު، މިދިޔަ ހަފުތާގައި އެމެރިކާގެ ނިޔުކްލިއާ ސަބްމެރީންތަކެއް ގަންނަން ނިންމުމުންނެވެ. މިދިޔަ ހަފުތާގައި އިއުލާނު ކުރި ދިފާއީ އެއްބަސްވުމުގައި އެމެރިކާ އާއި އޮސްޓްރޭލިއާގެ އިތުރުން ދެން ހިމެނެނީ އިނގިރޭސި ވިލާތެވެ.

އެމެރިކާގެ އޮފިޝަލުން ބުނީ ރައީސް ޖޯ ބައިޑެން މަސައްކަތް ކުރައްވަމުން ގެންދަވަނީ ފޯނު މެދުވެރިކޮށް މެކްރޯންއާ މަޝްވަރާ ކުރެއްވުމަށް ކަމަށެވެ. މެކްރޯން މިދިޔަ ހުކުރު ދުވަހު ވަނީ އެމެރިކާ އާއި އޮސްޓްރޭލިއާގައި ތިބި ފްރާންސްގެ ސަފީރުން އަނބުރާ ގައުމަށް ގެންނަވާފަ އެވެ.

އަންގާރަ ދުވަހު މޯދީއާ އެކު ބޭއްވި މަޝްވަރާއަށް ފަހު ފްރާންސުން ބުނީ ދެ ލީޑަރުން އެއްބަސްވެވަޑައިގެންނެވީ "ހުޅުވާލެވިފައިވާ އިންޑޯ ޕެސިފިކް ސަރަހައްދުގައި ދެ ގައުމުން އެކުގައި މަސައްކަތް ކުރުމަށް" ކަމަށެވެ.

އިންޑިއާގެ ސްޓްރެޓެޖިކް ބާރު ވަރުގަދަ ކުރުމަށް ފްރާންސުން މެދުކެނޑުމެއް ނެތި އެހީވާނެކަމުގެ ޔަގީންކަން މެކްރޯން ދެއްވި އެވެ. ދެ ގައުމުގެ މަސައްކަތުގެ އަމާޒަކަށް ވާނީ "ސަރަހައްދުގައި ހަމަޖެހުން ގާއިމްކޮށް، ގާނޫނުގެ ވެރިކަން ހިންގުން" ކަމުގައި ފްރާންސުން ބުންޏެވެ.

އެމެރިކާ، އޮސްޓްރޭލިއާ އަދި އިނގިރޭސި ވިލާތުން ސޮއިކުރި "އޯކަސް" އެއްބަސްވުމަކީ އިންޑޯ ޕެސިފިކް ސަރަހައްދުގައި ޗައިނާގެ ބާރު ކުޑަކުރުމުގެ މަސައްކަތުގައި ހެދި އެއްބަސްވުމެކެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި އިންޑިއާ އާއި ފްރާންސްގެ ގުޅުން ވަރަށް ބޮޑަށް ރަނގަޅުވެފައި ވެ އެވެ. ދެހާސް ސޯޅަ ވަނަ އަހަރު ދެ ގައުމުން ވަނީ އެތައް ބިލިއަން ޑޮލަރެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ފްރާންސްގެ ރަފަލޭ ފައިޓާ ޖެޓުގެ 36 އުޅަނދު އިންޑިއާއަށް ވިއްކާނެ އެވެ.

އިންޑިއާގެ މީޑިއާއިން ރިޕޯޓު ކުރާ ގޮތުގައި ފްރާންސާއި އޮސްޓްރޭލިއާއާ ދެމެދު ހެދި ސަބްމެރީން އެއްބަސްވުން ކެންސަލް ކުރުމުން، ފްރާންސްގެ ސަބްމެރީންތައް އިންޑިއާއަށް ފޯރުކޮށްދިނުމާ ގުޅޭ މަޝްވަރާ ފެށުން އެކަށީގެންވެ އެވެ.

ފްރާންސްގެ ޑިފެންސް މިނިސްޓަރު ފްލޮރެންސް ޕާލީ ސެޕްޓެމްބަރު 2020 ގައި އިންޑިއާއަށް ކުރެއްވި ދަތުރުގެ ތެރެއިން ވެސް ވިދާޅުވެފައި ވަނީ ރަފަލޭ ފައިޓާ ޖެޓުގެ އެއްބަސްވުމަށް ފަހު، ސަބްމެރީން އާއި އެހެނިހެން ހަތިޔާރު އިންޑިއާއަށް ވިއްކުމަށް މަގުފަހިވެދާނެ ކަމަށެވެ.

"މިހާރު ފޯރުކޮށްދީފައި ހުރި ޖެޓުތަކާ މެދު އިންޑިއާގެ އެއާފޯސް އިން ވަރަށް ހިތްހަމަޖެހޭ. އެހެންވީމަ މުސްތަގްބަލުގައި ދެ ގައުމުގެ މެދުގައި އިތުރު ވިޔަފާރި ކުރެވިދާނެ،" ފްރާންސްގެ ޑިފެންސް މިނިސްޓްރީގެ އޮފިޝަލަކު ބުނެފައި ވެ އެވެ.