Advertisement

މުޖާޒާއި ތަހުމީނުގެ އިންކާރު: ދައުވާގައި ބުނާ ކަންކަން ނުވެސް އެނގޭ

21 ސެޕްޓެންބަރު 2021 - 19:37 1

ނާޒިމް ހަސަން

ނާޒިމް ހަސަން

ތަހުނީމާއި މުޖާޒު މިއަދު ކުރިމިނަލް ކޯޓުން ނެރެގެން ގެންދަނީ: ދެ މީހުން ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފައި. -- ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


މުޖާޒާއި ތަހުމީނުގެ އިންކާރު: ދައުވާގައި ބުނާ ކަންކަން ނުވެސް އެނގޭ

21 ސެޕްޓެންބަރު 2021 - 19:37 1

"ދައުވާތަކަށް އަޅުގަނޑު އިންކާރު, ސަބަބަކީ މިއީ އަޅުގަނޑަށް ނޭނގޭ ކަންތައްތަކެއް ވީމަ,"

ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މޭ 6 ގައި ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މުޖާޒް އަހްމަދަށް ދައުލަތުން ދައުވާތައް އިއްވުމުން އޭނާ މިއަދު ކޯޓުގައި ބުނީ މިހެންނެވެ.

ކާރަށް އަރާވަޑައިގަންނަވަނިކޮށް, ސައިކަލެއްގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލައިގެން ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ޖުމްލަ ހަތް މީހަކަށް ވަނީ ދައުވާކޮށްފަ އެވެ. އެމީހުންގެ ޝަރީއަތްތައް މިއަދު ކުރިމިނަލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އެގޮތުން, ދައުވާތަކަށް އިއުތިރާފުވެފައިވާ އަދުހަމް އަހުމަދު ރަޝީދުގެ ބައި ވަކިން ގެންދިޔުމަށްފަހު, އޭނާއާއެކު ދެން ދައުވާ އުފުލި މުޖާޒު އަހުމަދާއި އަލީ ހާޝިމް އަދި ތަހުމީން އަހްމަދުގެ ޝަރީއަތުގެ އަޑުއެހުން ކުރިއަށް ގެންދިޔަ އެވެ.

ތިން ގާޒީންގެ ބެންޗަކުން ބަލާ މި މައްސަލާގައި މި ތިން މީހުުންގެ މައްޗަށް މިއަދު ވަނީ ދައުވާ އިއްވާފަ އެވެ. އެގޮތުން, އައިއީޑީ ގޮއްވާލުމަށްފަހު އަދުހަމް ފިލުވަން މަސައްކަތް ކުރިކަމަށް ތުހުމަތުކުރެވޭ މުޖާޒްގެ މައްޗަށް ދެ ދައުވާއެއް އިއްވި އެވެ. އެއީ, ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެދިނުމުގެ ދައުވާ އެވެ.

އެ ދައުވާތަކުގައި ބުނަނީ އަދުހަމް, ރިމޯޓެއް ބޭނުންކޮށްގެން ބޮން ގޮއްވާލައި ކުށުގެ ވެށިން ފިލުމުން އޭނާއަށް އަންނައުނު ގެންގޮސްދީ, ކާރަކަށް އަރުވައިގެން ގެސްޓް ހައުސްއަކަށް ގެންގޮސްދިން ކަމަށެވެ. އަދި އެ ތަނުގައި އޭނާގެ ސިފަ ބަދަލުކޮށް ހުޅުމާލެއަށް ފޮނުވުމުގައި އެހީވި ކަމަށް ވެސް ބުނެ އެވެ. އެ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްތައް މީގެ ކުރިން ފުލުހުން އާންމުކޮށްފައިވެ އެވެ. މި ދެ ދައުވާ ސާބިތުވެއްޖެނަމަ, މުޖާޒުގެ މައްޗަށް 20 އަހަރަށްވުރެ ދިގު ހުކުމެއް އަންނާނެ އެވެ.

އެ ދައުވާތަކަށް ޖަވާބުދާރީވާން ބެންޗުގެ ރިޔާސަތުގައި އިންނެވި ގާޒީ އާދަމް މުހައްމަދު, މުޖާޒަށް ފުރުސަތު ދިނުމުން, ކޮޅަށް ތެދުވެ އޭނާ ބުނީ ދައުވާތަކަށް އިންކާރު ކުރާ ކަމަށެވެ. އޭނާ ބުނާ ގޮތުގައި, އެ ދައުވާތަކުގައި ދައްކާފައިވާ ވާހަކަތަކަކީ އޭނާއަށް އެނގޭ ވާހަކަތަކެއް ނޫނެވެ.

ގޮއްވާލި ސައިކަލް ރަޖިސްޓްރީކޮށްފައިވާ ތަހުމީނު އަހުމަދުގެ މައްޗަށް ވެސް ހަތަރު ދައުވާއެއް ދައުލަތުން އިއްވި އެވެ. އެއީ, ޓެރަރިޒަމްގެ އަމަލެއް ކުރުމާއި، އެފަދަ އަމަލެއް ރޭވުމުގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމާއި ގޮވާތަކެތި އެހެން ތަނަކަށް ގެންދިޔުމަށް އެހީވުމުގެ ދައުވާ އެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 50 އަހަރަށްވުރެ ދިގު މުއްދަތުގެ ހުކުމެއް އައުން ގާތެވެ.

މުޖާޒު މިއަދު ކުރިމިނަލް ކޯޓުން ނެރެގެން ގެންދަނީ: އޭނާ ވަނީ ދައުވާތަކަށް އިންކާރުކޮށްފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


މި ދައުވާތައް ތަހުމީނުގެ މައްޗަށް ކޮށްފައިވަނީ ހުޅުމާލޭގައި ނަޝީދުގެ ލޭ ހުއްދަކޮށް, އެމަނިކުފާނަށް އަމާޒުކޮށް ހަމަލާއެއް ދިނުމަށް ރާވައި, އޭނާގެ ނަން މަތީގައި އޮތް ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލާފައިވާތީ އެވެ. ދައުވާތައް އިއްވުމުން, ތަހުމީނަށް ވެސް ވަނީ ޖަވާބުދާރީވާން ފުރުސަތު ދީފަ އެވެ. އެއާއެކު, ކޮޅަށް ތެދުވެ ތަހުމީނު ވެސް ބުނީ ދައުވާތަކަށް އޭނާ އިންކާރު ކުރާ ކަމަށެވެ.

"ނުކުރާ ކަންތައްތަކެއްގަ ދައުވާ ކުރާތީ އެކަމުގައި އަޅުގަނޑު މި އިންކާރު ކުރަނީ," ތަހުމީން ބުންޏެވެ.

ދެން ދައުލަތުން ދައުވާ އިއްވާފައިވަނީ އަލީ ހައިޝަމްގެ މައްޗަށެވެ. އޭނާއަކީ ގޮއްވާލި ސައިކަލްގައި އައިއީޑީ ހުޅުމާލޭ ފްލެޓެއްގައި ކައިރީ ބަހައްޓައިގެން ހަރުކުރި ކަމަށް ދައުލަތުން ތުހުމަތު ކުރާ މީހާ އެވެ. އޭނާގެ މައްޗަށް ވެސް ތިން ދައުވާއެއް އިއްވި އެވެ. އެއީ, ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމާއި އެފަދަ އަމަލެއް ރޭވުމާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެދިނުމުގެ ދައުވާ އެވެ.

ހައިޝަމްގެ މައްޗަށް ކުރި ދައުވާތަކުގައި ބުނަނީ ނަޝީދުގެ ލޭ ހުއްދަކޮށް, ހަމަލާއެއް ދިނުމަށް ރާވައި ސައިކަލްގައި އައިއީޑީ, ހުޅުމާލޭ 106 ވަނަ ފްލެޓް ކައިރީގައި ބަހައްޓައިގެން ހަރުކޮށްފައިވާ ކަމަށެވެ. ދައުވާތަކަށް ހައިޝަމް މިއަދު ޖަވާބުދާރީ ވެފައިނުވެ އެވެ.

ތަހުމީނާއި މުޖާޒު, މިއަދުގެ އަޑުއެހުމަށް ވަކީލުންނާއެކު ހާޒިރުވެ ތިބި ނަމަވެސް, ހައިޝަމްގެ ވަކީލަކު ނެތެވެ. އޭނާ ބޭނުން ވަނީ ވަކީލަކާއެކު ޖަވާބުދާރީވުމަށެވެ. އެހެންވެ, ވަކީލަކު ހޯދަން އިތުރު ފުރުސަތު ދިނުމަށް އެދުނެވެ.

"ވަކީލުން ހޯދަން މި ދަނީ މައްސަތް ކުރަމުން, ޝޯޓް ލިސްޓްކޮށްފައި މިހާރު ހުންނާނީ, ވަރަށް އަވަހަށް ވަކީލަކު ފައިނަލް ކުރެވޭނެ ކަމަށް މި ބަލަނީ," ހައިޝަމް މިއަދު ބުންޏެވެ.

އެހެންވެ, ގާޒީން ވަނީ އޭނާއަށް ވަކީލަކު ހޯދުމަށް އިތުރު ފުރުސަތު ދީފަ އެވެ. އެކަމަކު ދެން އޮންނަ އަޑުއެހުމަކަށް ވަކީލަކު އައްޔަން ނުކުރެވުނު ނަމަވެސް ޖަވާބުރީވާން ޖެހޭނެ ކަމަށް ވެސް އެންގި އެވެ.

ތަހުނީމް މިއަދު ކުރިމިނަލް ކޯޓުން ނެރެގެން ގެންދަނީ: އޭނާ ވަނީ ދައުވާތަކަށް އިންކާރުކޮށްފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


ތަހުމީނާއި މުޖާޒުއާ ދެކޮޅަށް ގިނަ ހެކިތަކެއް

ދައުވާތަކަށް ތަހުމީނާއި މުޖާޒު އިންކާރުކޮށްފައިވާތީ, އެ ދެ މީހުންގެ މައްޗަށް ހުރި ހެކިތައް ދައުލަތުން މިއަދު ވަނީ ހާމަކޮށްފަ އެވެ. އެގޮތުން, ތަހުމީނާ ދެކޮޅަށް 113 ޝަފަވީ ހެއްކާއި 86 ކިތާބީ ހެކި ހުށަހަޅާފަ އެވެ. އޭގެ ތެރޭ 24 ސިއްރު ހެއްކެއް ހިމެނެ އެވެ.

މުޖާޒާ ދެކޮޅަށް ވެސް ހުށަހަޅާފައިވަނީ ގާތްގަނޑަކަށް އެއް ހެކިތަކެވެ. އެއީ, ޝަފަވީ 103 ހެއްކާއި ކިތާބީ 80 ހެއްކެވެ. އޭގެ ތެރޭ ގިނަ އަދަދެއްގެ ސިފައިންނާއި ފުލުހުން ވެސް ހިމެނެ އެވެ. އަދި, ފުލުހުން ހަދާފައިވާ ރިޕޯޓްތަކާއި ނަޝީދުގެ މެޑިކަލް ރިޕޯޓްތަކާއި ފެޑްރަލް ޕޮލިސްގެ ބައެއް ރިޕޯޓްތަކާއި އޮފިސަރުން ވެސް ހިމެނެ އެވެ.

ސިއްރު ނޫން ހެކިންގެ ވަނަވަރު މިއަދު ދައުލަތުން ހާމަކުރި އެވެ. ނަމަވެސް, އެ ހެކިންނަށް ނުރައްކަލެއް ވެދާނެތީ މީޑިއާގައި ނަންތައް ހާމަނުކުރުމަށް އަމުރުކޮށްދިނުމަށް ދައުލަތުން ގާޒީންގެ ކިބައިން އެދުނެވެ.

އެހެންވެ, ގާޒީ އާދަމް ވަނީ ހެކިންގެ ނަންތައް މީޑިއާއިން ހާމަނުކުރުމަށް އަންގަވައި, ހަމައެކަނި އަދަދުތައް ރިޕޯޓްކުރުމަށް އެދިވަޑައިގެންފަ އެވެ.

ދިފާއީ ހެކި ހުށަހަޅަން ދެ މީހުންނަށް ވެސް ޝަރީއަތުން ފުރުސަތު ދިނެވެ. ދެ މީހުންގެ ވަކީލުން ވެސް ބޭނުންވީ ލިޔުމުން ހެކިތައް ހުށަހަޅަން ފުރުސަތު ދިނުމަށެވެ. އެހެންވެ, އެކަމަށް 10 ދުވަހުގެ މުއްދަތެއް ދިނެވެ.

އަލީ ހައިޝަމް: މިއަދު ކޯޓަށް ގެނެސް މާލޭން ޖަލަށް ގެންދަނީ: ވަކީލަކު ހޯދަން 10 ދުވަހުގެ މުއްދަތެއް ދިން - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


އޭގެ އިތުރުން ތަހުމީނާއި މުޖާޒުގެ ވަކީލު ވެސް ވަނީ ދައުލަތުން ދީފައިވާ ބައެއް ލިޔުންތައް ނުސާފު ކަމަށް ބުނެ ޝަކުވާ ކުރައްވާފަ އެވެ. އެހެންވެ, ގާޒީން ނިންމެވީ ލިޔެކިޔުންތައް ހަމަކުރުމަށާއި އެއާ ގުޅިގެން ހުރި އިދާރީ ކަންކަން ހައްލުކުރުމަށް ދައުލަތުގެ ވަކީލުންނާއި ދިފާއީ ވަކީލުންނާއެކު އިދާރީ އަޑުއެހުމެއް ބޭއްވުމަށެވެ. އަދި, ލިޔުންތަކުގެ މައްސަލަތައް ހައްލުކުރުމަށެވެ.

މައްސަލާގައި ގިނަ އަދަދެއްގެ ހެކި ހުށަހަޅާފައިވާތީ, އެ ހެކިތަކުގެ ތެރެއިން ކޮންމެހެން ގެންނަން ނުޖެހޭ, ނުވަތަ ދެ ފަރާތަށް ވެސް އެއްބަސްވެވޭ ގޮތަކުން ހެކިންގެ އަދަދު މަދުކުރުމަށް އިދާރީ އަޑުއެހުމުގައި މަޝްވަރާ ކުރުމަށް ވެސް ދައުލަތަށާއި ދިފާއީ ވަކީލުންނަށް ގާޒީ އާދަމް އެންގެވި އެވެ.

ބަންދަށް ލުޔެއް ނުދިން, އެންގީ ރިމާންޑް ޖަލަށް ބަދަލުކުރަން

ދައުވާ ލިބޭ ތިން މީހުން ވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ކޮންމެ 30 ދުވަހަކުން އެ ބަންދު ރިވިއު ކުރަން ޖެހޭތީ އެކަމަށް ދައުލަތުން މިއަދު ހުށަހެޅި އެވެ.

ދައުލަތުގެ ވަކީލް އަހުމަދު ނައުޝާދު އެދުނީ, އެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރި ހާލަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާތީ އެ ބަންދު ދެމެހެއްޓުމަށެވެ. ތިން މީހުންގެ ފަރާތުން ވެސް އެކަމަށް އިއުތިރާޒުކޮށް ވާހަކަ ދައްކާފައެއް ނުވެ އެވެ.

ނަމަވެސް, ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުން ބައިތިއްބަން ޖެހެނީ ރިމާންޑް ޖަލެއްގައި ކަމަށްވާއިރު, މިހާތަނަށް ވެސް އެފަދަ ޖަލަކަށް ތިން މީހުން ވެސް ބަދަލުކޮށްފައިނުވާތީ އެކަމުގެ ޝަކުވާ ކުރި އެވެ. ދައުލަތުގެ ވަކީލް ނައުޝާދު ވިދާޅުވާ ގޮތުގައި, ރިމާންޑް ޖަލަކަށް ބަދަލުކުރުން ލަސްވަނީ ކޮވިޑާ ގުޅިގެންނެވެ.

ނަމަވެސް, ވަކި އުސޫލަކުން ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުން ރިމާންޑް ޖަލަށް ބަދަލު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާޒީ އާދަމް މުހައްމަދާއި ސޮފްއަތު ހަބީބާއި މުހައްމަދު މިސްބާހު ތިއްބަވާ ބެންޗުން ނިންމެވީ ތިން މީހުންގެ ބަންދު އެ އޮތް ގޮތަށް ދަމަހައްޓާށެވެ. ނަމަވެސް, އެމީހުން ރިމާންޑް ޖަލަކަށް ބަދަލު ނުވެ އޮތް ސަބަބާއި އެފަދަ ޖަލަކަށް އެންމެ އަވަހަށް ބަދަލު ކުރެވޭނެ ތާރީހެއް ހޯދައި, އެންގުމަށް ދައުލަތަށް އެންގެވި އެވެ.

އެއަށްފަހު, ތިން މީހުންނާ ގުޅޭ ޝަރީއަތުގެ އަޑުއެހުން ގާޒީން ނިންމަވާލެއްވި އެވެ.