Advertisement

ކުޅިވަރުގެ ދާއިރާ އިން ކުރިއަށްދާން ސަޖަން އަށް ބޮޑު ފުރުސަތެއް

22 ސެޕްޓެންބަރު 2021 - 09:55 0

2016 ވަނަ އަހަރުގެ އޮލިމްޕިކްސް އަށް ދިއުމުގެ ކުރިން ސަޖަން ގައުމީ ދިދަ ހިފައިގެން.


ކުޅިވަރުގެ ދާއިރާ އިން ކުރިއަށްދާން ސަޖަން އަށް ބޮޑު ފުރުސަތެއް

22 ސެޕްޓެންބަރު 2021 - 09:55 0

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފެތުންތެރިޔާ އައިމިނަތު ސަޖަން އަށް ކުޅިވަރުގެ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރުމުގެ ބޮޑު ފުރުސަތެއް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) މެދުވެރިކޮށް ލިބިއްޖެ އެވެ.

މިއީ ސަޖަންގެ ކެރިއަރުގައި އޭނާ ހާސިލްކޮށްފައިވާ އެކި ކަންކަމަށް ބަލައި އޭނާ ވަކި ކްރައިޓީރިއާތަކެއް ފުރިހަމަ ވެފައި ހުރުމުން ލިބުނު ފުރުސަތެކެވެ. އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން އޮލިމްޕިއަނުންނަށް ހާއްސަކޮށް ދޭ ސްކޮލަޝިޕެކެވެ. ސަަޖަން އަކީ މި ފުރުސަތު ލިބުނު ރާއްޖޭގެ ފުރަތަމަ އޮލިމްޕިއަނެވެ.

ރިއޯ އޮލިމްޕިކްސްގައި 2016 ވަނަ އަހަރު ވާދަކުރި ސަޖަން އަށް އޮލިމްޕިކްސް ސޮލިޑާރިޓީގެ ފަރާތުން ފަހިވި ފުރުސަތެއްގައި މިހާރު ވަނީ ކުޅިވަރުގެ ބޮޑު ޕްރޮގްރާމެއްގައި ބައިވެރިވުމަށް ބެލްޖިއަމަށް ގޮސްފަ އެވެ. ބެލްޖިއަމްގެ ކޭޔޫ ލޫވަން ޔުނިވާސިޓީން ސަޖަން ފުރިހަމަކުރާނީ މާސްޓާސް އިން ސްޕޯޓްސް އެތިކްސް އެންޑް އިންޓެގްރިޓީ ޕްރޮގްރާމް އެވެ.

މި ޕްރޮގްރާމްގެ ތެރެއިން ސްޕޯޓްސްގެ އެތިކްސްގެ ތެރެއިން ތަފާތު ސަގާފަތްތައް ނަގަހައްޓާނެ ގޮތާއި ތައުލީމު ދީގެން ކުޅިވަރު ޑިވެލޮޕްކުރެވޭނެ އެކި އެކި ގޮތްތައް އުނގަނައިދޭނެ އެވެ. މިއީ ކުޅިވަރުގައި ގިނަ ބަޔަކު ތަމްރީން ކުރުމަށް ވެސް އެކި ގޮތްގޮތުން ފައިދާކުރާނެ ޕްރޮގްރާމެކެވެ.

ކާމިޔާބު ފެތުންތެރިޔާ ސަޖަން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އެތުލީޓްސް ކޮމިޝަންގެ މެމްބަރުކަން ވެސް ފުރާފައި.


މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ބުނީ މި ޕްރޮގްރާމް ފުރިހަމަ ކޮށްގެން ސަޖަން ރާއްޖެ އައިސް ދިވެހި ކުޅިވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ އެކުލަވާލި އެތުލީޓްސް ކޮމިޝަންގައި ހިމެނޭ ސަޖަން އަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ކާމިޔާބު ހޯދާފައިވާ ފެތުންތެރިއެކެވެ.

ސަޖަން އަކީ 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީ އާއި ޝިލޯންގައި ކުރިއަށްދިޔަ ސައުތު އޭޝިއަން ގޭމްސްގެ 800 މީޓަރު ފްރީސްޓައިލް ފެތުމުގެ އިވެންޓުން ރާއްޖެ އަށް ލޯ މެޑަލް ހޯދައިދީ ސަރަހައްދުގެ ގޭމްސް އެއްގައި ސްވިމިން އިން ރާއްޖެ އަށް ގެނައި ފުރަތަމަ މެޑަލް ހޯދައިދިން ފެތުންތެރިޔާ އެވެ.

ބްރެޒިލްގައި 2016 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަަރަފް ހޯދި ސަޖަން ވަނީ ރާއްޖޭގެ މޮޅު ފެތުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އަދި ސިންގަޕޫރުގައި ބޭއްވި ޔޫތު އޮލިމްޕިކްސްގައި ވެސް ވާދަކޮށްފައިވާ ސަޖަން ވަނީ ގައުމީ ފެންވަރުގެ ގިނަ އެވޯޑްތަކެއް ވެސް ހޯދައިފަ އެވެ.

މެލޭޝިއާގެ ލިމްކޮކްވިންގް ޔުނިވާސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން ބެޗްލާ އިން ސްޕޯޓްސް މެނޭޖްމަންޓް ފުރިހަމަކޮށްފައިވާ ސަޖަން ޕްރޮފެޝަނަލްކޮށް ފެތުން ހުއްޓާލީ މީގެ ތިން އަހަރެއްހާ ދުވަސް ކުރިންނެވެ.