Advertisement

އަންހެން ކުދިންގެ ސްކޫލުތައް ވަރަށް އަވަހަށް ހުޅުވާނަން: ތާލިބާން

22 ސެޕްޓެންބަރު 2021 - 08:30 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކަށް ގޮވާލައި އަފްގާނިސްތާނުގައި ބޭއްވި މުޒާހަރާއެއް.-- ފޮޓޯ: އޭއެފްޕީ


އަންހެން ކުދިންގެ ސްކޫލުތައް ވަރަށް އަވަހަށް ހުޅުވާނަން: ތާލިބާން

22 ސެޕްޓެންބަރު 2021 - 08:30 0

ކާބުލް، އަފްގާނިސްތާން (ސެޕްޓެމްބަރު 21) - އަފްގާނިސްތާނުގެ އަންހެން ކުދިންނަށް "ވަރަށް އަވަހަށް" އެނބުރި ސްކޫލުތަކަށް ދެވޭނެ ކަމަށް ތާލިބާނުން ބުނެފި އެވެ.

އަފްގާނިސްތާނުގެ ހައި ސްކޫލުތައް މިދިޔަ ހޮނިހިރު ދުވަހު ހުޅުވީ ހަމައެކަނި ފިރިހެން ކުދިންނަށެވެ. ވަޒީފާއަށް ވެސް ދެވެނީ ފިރިހެން މުވައްޒަފުންނަށް އެކަންޏެވެ.

އަންހެން ކުދިންނަށް ސްކޫލަށް ދާން ހުއްދަ ނުދޭ މައްސަލާގައި ހިތްހަމަނުޖެހުން ބޮޑުވެފައި ވަނިކޮށް ތާލިބާނުންގެ ތަރުޖަމާނު ބުނީ "ވީ އެންމެ އަވަހަކަށް" އެ ފުރުސަތު ދޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި ދަނީ އެންމެ ފަހުގެ ނިންމުންތައް ނިންމަމުން. ވީ އެންމެ އަވަހަކަށް އަންހެން ކުދިންނަށް ސްކޫލަށް ދާން ފުރުސަތު ލިބޭނެ،" ކާބުލްގައި އޮތް ޕްރެސް ކޮންފަރެންސެއްގައި ޒަބީހުﷲ މުޖާހިދު ބުންޏެވެ.

ނަމަވެސް އަންހެން ކުދިންނަށް ސްކޫލަށް ދާން ފުރުސަތު ދިނުމުން ކުރިން "ރައްކާތެރި އުނގެނުމުގެ މާހައުލެއް" ގާއިމްކުރަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

އޭގެ އިތުރުން ތާލިބާނުން މިއަދު ވަނީ އެ މީހުންގެ ސަރުކާރުގެ ތިބޭނެ މީހުން ވެސް އިއުލާނުކޮށްފަ އެވެ. ސަރުކާރުގެ އެންމެ އިސް ލީޑާޝިޕް އިއުލާނު ކުރީ ސެޕްޓެމްބަރު ކުރީކޮޅު އެވެ.

އަންހެން މިނިސްޓަރަކު ނެތް

އާ ސަރުކާރު އިއުލާނު ކުރަމުން ދިޔައިރު، މިދިޔަ ހަފުތާގައި ބަންދު ކުރި އަންހެނުންގެ ކަންކަމާ ގުޅޭ މިނިސްޓްރީގެ އެއްވެސް ވާހަކައެއް މުޖާހިދު ފާހަގައެއް ނުކުރެ އެވެ.

ތާލިބާނުންގެ ސަރުކާރަކީ އެންމެންގެ ބައިވެރިވުން ހިމެނޭ ސަރުކާރަކަށް ހަދަން ވައުދުވި ނަމަވެސް ކެބިނެޓުގައި އެންމެ އަންހެން މިނިސްޓަރަކު ވެސް ނުހިމެނެ އެވެ.

ތާލިބާނަށް މިހާރު ކުރިމަތިލާން ޖެހިފައިވާ މަސައްކަތަކީ ބޭރުގެ އެހީއަށް ބަރޯސާވެފައިވާ އަފްގާނިސްތާނު ފުރިހަމައަށް ހިންގުމުގެ މަސައްކަތެވެ. ނަމަވެސް ތާލިބާނުން ވެރިކަމަށް އައުމާއެކު ބޭރުގެ އެހީތައް ވެސް ވަނީ ހިފަހައްޓާފަ އެވެ.

ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ނުދޭތާ މިހާރު ވެސް އެތައް މަހެއް ވެފައި ވާއިރު، ކާބޯތަކެތީގެ އަގުތައް ވެސް ދަނީ އުފުލެމުންނެވެ.

"އަޅުގަނޑުމެންގެ އަތުގައި ފަންޑު އެބަ ހުރި. އެކަމަކު މަސައްކަތް ފެށުމަށް ވަގުތު ބޭނުންވޭ،" މުޖާހިދު ބުންޏެވެ.

ތާލިބާނުން ވަނީ އަންހެނުން ވަޒީފާއަށް ނުކުތުން މަނާކޮށްފަ އެވެ. "ރައްކާތެރި މާހައުލެއް" ގާއިމް ކުރެވެން ދެން ގޭގައި ތިބުމަށް ހުރިހާ އަންހެން މުވައްޒަފުންނަށް އަންގާފައި ވެ އެވެ.