Advertisement

އަދުހަމް އިއުތިރާފްވުމުން ޝަރީއަތް ސިއްރުކޮށްފި

21 ސެޕްޓެންބަރު 2021 - 14:24 0

ނާޒިމް ހަސަން

ނާޒިމް ހަސަން

މެއި6 ގެ ހަމަލާގައި ދައުވާކޮށްފައިވާ އަދުހަމް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު


އަދުހަމް އިއުތިރާފްވުމުން ޝަރީއަތް ސިއްރުކޮށްފި

21 ސެޕްޓެންބަރު 2021 - 14:24 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލި އަހުމަދު އަދުހަމަށް ކުރާ ދައުވާތަކަށް ޝަރީއަތުގައި އޭނާ މިއަދު އިއުތިރާފުވެއްޖެ އެވެ.

އަދުހަމަކީ މެއި ހަވަނަ ދުވަހުގެ ރޭ އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ ހުރެ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އަދުހަމް ރިމޯޓެއް ބޭނުންކޮށް ބޮން ގޮއްވާލި މީހާ އެވެ.

އަދުހަމްގެ މައްޗަށް ކުރަން ނިންމީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި، އެފަދަ އަމަލެއް ރޭވުމުގެ އިތުރުން ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުން އަދި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އެވެ.

އޭނާ ވަނީ ކުށަށް އިއުތިރާފުވެ، ދައުލަތާއެކު އެއްބަސްވުމަކަށް ގޮސްފައިކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އެއާއެކު މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގައި އަދުހަމްގެ މައްޗަށް ކުރާ ހަތަރު ދައުވާ ވެސް ދައުލަތުން އިއްވުމާއެކު، އޭނާ ވަނީ އެ ދައުވާތަކަށް ސާފުވާ ކަމަށް ބުނެފަ އެވެ. އަދި, ދައުވާއަށް ޖަވާބުދާރީވާން ފުރުސަތު ދިނުމުން އެ ދައުވާތަކަށް އިއުތިރާފުވި އެވެ.

އޭގެފަހުން, "މެއި ހައެއް..." މިހެން ބުނެ ވާހަކަ ފައްޓަން އޭނާ މަސައްކަތް ކުރި އެވެ. ނަމަވެސް, ގާޒީ އަދުހަމް ހުއްޓުވި އެވެ. އަދި, ދައުވާތަކަށް އިއުތިރާފުވީ އެއްވެސް ނުފޫޒެއް ނޫނީ ބިރުވެރިކަމެއް އޮވެގެންތޯ އެއްސެވި އެވެ.

އަދުހަމް ބުނީ ދައުވާތަކަށް އިއުތިރާފްވަނީ އެއްވެސް ބިރުވެރިކަމެއް އަދި ނުފޫޒެއް ވެސް ނެތި ކަމަށެވެ. އެއާއެކު, ބެންޗުން ވަނީ އަޑުއެހުން ސިއްރުކޮށް, ނޫސްވެރިން މަޖިލީހުން ނެރެން ނިންމަވާފަ އެވެ.

އަޑުއެހުން ސިއްރުކުރަން ނިންމި ސަބަބެއް ކަމަށް މައްސަލަ ބައްލަވާ ގާޒީންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ގާޒީ އާދަމް މުހައްމަދު ވިދާޅުވީ, މުޖުތަމައުއަށް ނުރައްކާވެދާނެ ހާލަތެއް އޮތުމުން ކަމަށެވެ.

އަޑުއެހުން ސިއްރުކޮށްދިނުމަށް ދައުލަތުގެ ފަރާތުން ވެސް އޮތީ އެދިފަ އެވެ.

ހަރުކަށި ފިކުރުގެ ގަބޫލުކުރުންތަކުގައި ސިކުނޑި ދޮވެވިފައި ހުރި ކަމަށް އާއިލާއިން ވެސް ބުނެފައިވާ އަދުހަމް ވަނީ ބޮން ގޮއްވާލި ކަމަށް އިއުތިރާފްވެ، އެ ހަމަލާއާ ގުޅޭގޮތުން އޭނާއަށް އެނގި ހުރި ގިނަ މައުލޫމާތުތައް ތަހުގީގަށް ދީފަ އެވެ.

އޭނާ ތަހުގީގަށް ދީފައިވާ މައުލޫމާތު ތަކުގެ ތެރޭގައި ނަޝީދު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލުމުގެ ޓާސްކް ސެލްގެ ވެރިޔާ ކަމަށް ތުހުމަތު ކުރެވޭ އިސްހާގު ހަވާލުކުރުމުން އަދުހަމް އެ ކަންކަމާ ގުޅޭ ގޮތުން ސުވާލުކުރި ކަމަށާއި، އެކަމަކު ސުވާލު ގިނަ ކުރުމަކީ ދީނުގައި ހަރާމް ކަމެއް ކަމަށް ބުނެ އިސްހާގު އޭނާގެ ސުވާލުތައް ހުއްޓުވައި, ހަވާލުކުރި ޓާސްކު ކުރިއަށް ގެންދަން އެންގިކަމަށް އެނގިފައިވެ އެވެ.

ފުލުހުން އާންމުކުރި ގޮތުގައި ބޮން ގޮއްވުމުގެ ތުހުމަތަށް ހައްޔަރުކޮށް ދައުވާ އުފުލައިދޭން އެދިފައިވާ އެންމެން ވެސް ނިސްބަތްވަނީ އެއް ސެލްއަކަށެވެ. އެހެންވެ އެ އެންމެންނަށް ވެސް އެކަކު އަނެކަކު އެނގެ އެވެ.

އެކަމަކު ބޮން ގޮއްވާލުމުގައި, ހުރިހާ ރޭވުންތަކެއް އަދުހަމަށް ސާފެއް ނޫނެވެ. އޭނާ އަށް އޮޅުންފިލުވައިދީފައި އޮތީ, އެނގިފައިވާ ގޮތުގައި, ހަވާލުކުރި ޓާސްކް އެކަންޏެވެ. އަދި ހަމަލާގައި ހަރަކާތްތެރިވި ކޮންމެ މީހަކަށްވެސް އެނގޭނީ އެ މީހަކު ފުރިހަމަ ކުރަންޖެހޭ ޓާސްކު އެކަނިކަމަށް ވެސް އަދުހަމް ތަހުގީގުގައި ބުނެފައިވެ އެވެ.

އަދުހަމް، ނަޝީދަށް ފާރަލާން ފެށީ ހަމަލާގެ ތިން ދުވަސް ކުރިންނެވެ. ބޮން ހަރުކޮށްފައިވާ ސައިކަލް މަޖީދީމަގާއި ނީލޯފަރުމަގު ގުޅުނު ކަންމަތީގައި ބެހެއްޓީ ހަމަލާގެ އެއް ދުވަސްކުރިންނެވެ. ހުރިހާ ތައްޔާރީތައް ނިންމައި އަދުހަމް ރިމޯޓާ އެކު ގޮސް ނަޝީދުގެ އިންތިޒާރުގައި ހުރީ ހަމަލާގެ ގަޑިއެއްހާ އިރު ކުރިން ކަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ނެރުނު ރިޕޯޓުގައިވެސް އޮތެވެ.

އޭނާ މަޑުކޮށްގެން ހުރީ އަތަމާ ޕެލަސް އިމާރާތުގެ އެތެރޭގަ އެވެ. ނަޝީދު ކެނެރީގެއިން ނުކުމެވަޑައިގެން ކާރުކޮޅާ އަރާ ހަމަވުމާ އެކު ބޮން ގޮއްވާލުމަށް ފަހު އަދުހަމް އަތަމާ ޕެލަސް އިން ނުކުމެ ދުއްވައިގަތީ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ގޮސް ބައްދަލުކުރީ, ހަމަލާގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މުޖާޒް އަހުމަދާ އެވެ.

އޭގެ ފަހުން އެ މީހުން އެކުގައި އެތަނުން ނުކުމެގެން ގޮސް ޓީވީއެމް ކުރިމަތީގައި އޮންނަ ޕާކުގައި ވެސް މަޑުކޮށްގެން ތިއްބެވެ. ހަމަލާއަށް ފަހު ދެ މީހުން ދަތުރުކުރި މަގުތަކާއި މަޑުކުރި ތަންތަން އެނގޭ ވީޑިއޯއެއް ފުލުހުން އޮތީ އާންމު ވެސް ކޮށްފަ އެވެ.

ރާއްޖޭގައި މިހާތަނަށް ގޮއްވާލި އެންމެ ބާރުގަދަ އައިއީޑީ ހަދާފައި ވަނީ ބާޒާރުން އާއްމުކޮށް ލިބެން ހުރި ބާވަތްތައް ބޭނުންކޮށްގެންނެވެ. އޭގެއިން ދޭ ގެއްލުން ބޮޑުކުރަން އަޅާފައި ހުރީ ރޭޒާ ފުއްތަކެކެވެ.