Advertisement

ސާފު ހަކަތަ އުފައްދަން ބިލް ގޭޓްސް 1 ބިލިއަން ޑޮލަރު ހޯދައިފި

22 ސެޕްޓެންބަރު 2021 - 06:22 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބިލް ގޭޓްސް.


ސާފު ހަކަތަ އުފައްދަން ބިލް ގޭޓްސް 1 ބިލިއަން ޑޮލަރު ހޯދައިފި

22 ސެޕްޓެންބަރު 2021 - 06:22 0

ނިއު ޔޯކް، އެމެރިކާ (ސެޕްޓެމްބަރު 20) - ސާފު ހަކަތައިގެ ދާއިރާ އަށް ފަންޑު ކުރުމަށް ބޮޑު ހަތް ކުންފުންޏެއްގެ އަތުން އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ބިލް ގޭޓްސްގެ އެންޖީއޯ، ބްރޭކްތްރޫ އެނާޖީ އިން ހޯދައިފި އެވެ.

"ކެޓެލިސްޓު"ގެ ނަން ދީގެން ހިންގާ ޕްރޮޖެކްޓުގައި އާސެލޯމިޓަލް، ޖެނެރަލް މޮޓޯޒް، އެމެރިކަން އެއާލައިންސް، ބޭންކް އޮފް އެމެރިކާ، ބްލެކްރޮކް، ބޮސްޓަން ކޮންސަލްޓިން ގްރޫޕު އަދި މައިކްރޯސޮފްޓް ވަނީ ބައިވެރިވެފައި ކަމަށް ބްރޭކްތްރޫ އެނާޖީ އިން ބުނެ އެވެ.

އެ ޖަމިއްޔާގެ ތަރުޖަމާނަކު ބުނީ ފައިސާގެ ހިލޭ އެހީ އާއި ހިއްސާ އާއި އެހެނިހެން ގޮތްގޮތުން ހަދިޔާކުރި ޖުމްލަ އަދަދު އެއް ބިލިއަން ޑޮލަރަށް ވުރެ މަތި ކަމަށެވެ.

ޖޫން މަހު ލޯންޗުކުރި "ކެޓެލިސްޓް" ޕްރޮޖެކްޓުން ވަނީ ޔޫރަޕިއަން ކޮމިޝަނާއި، ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކު އަދި އެމެރިކާގެ ޑިޕާޓްމަންޓު އޮފް އެނާޖީއާ އެކު ޕާޓްނާޝިޕް ހަދާފަ އެވެ.

އެ ޕްރޮޖެކްޓު ހިންގާނީ މޫސުމީ ބަދަލާ ދެކޮޅަށް މުޅިން އާ ގޮތްގޮތަށް ސާފު ހަކަތަ އުފައްދަން މަސައްކަތް ކުރާ ފަރާތްތަކަށް ފަންޑުކޮށްގެންނެވެ. ބައެއް ބޮޑެތި އެހެން ކުންފުނިތަކުން ވެސް ވަނީ ޕްރޮޖެކްޓުގައި ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ފުރަތަމަ މަރުހަލާގައި ޕްރޮޖެކްޓުން ބަލާނީ މައިގަނޑު ހަތަރު ޓެކްނޮލޮޖީ އަކަށެވެ. އެއީ ޑައިރެކްޓް ކާބަން ކެޕްޗާ، ގްރީން ހައިޑްރޮޖެން، ދިގު މުއްދަތަށް ހަކަތަ ރައްކާތެރި ކުރުން، އަދި ވައިގެ ދަތުރުފަތުރަށް ތިމާވެއްޓާ ރައްޓެހި ފިޔުލް ހޯދުމެވެ.

އޭގެ އިތުރުން ދަގަނޑާއި ސިމެންތިން އުފެދޭ ކާބަން މަދު ކުރުން އަލަށް އުފައްދާ ޓެކްނޮލޮޖީތަކަށް ވެސް ފުރުސަތު އޮންނާނެ އެވެ.

"މޫސުމީ ކާރިސާ ހުއްޓުވޭނީ މުޅިން އާ ސިނާއީ އިންގިލާބެއް ގެނެސްގެން. ކާބަން ބޭރު ކުރުން މަދު ކުރަން ބޭނުންވާ ޓެކްނޮލޮޖީތައް އަދިވެސް އެކަށީގެންވާ މިންވަރަކަށް ނެތް. ހުރި ޓެކްނޮލޮޖީއަކީ ވެސް އަތްފޯރާ ވަރަށް ވުރެ އަގު ބޮޑު ޓެކްނޮލޮޖީ،" ބިލް ގޭޓްސް ވިދާޅުވި އެވެ.

މައިކްރޮސޮފްޓް ކުންފުނީގެ ފައުންޑަރު ވިދާޅުވީ ކެޓެލިސްޓް ޕްރޮޖެކްޓުގެ ދަށުން ސާފު ހަކަތައިގެ ޓެކްނޮލޮޖީއަށް އިންވެސްޓް ކުރަން ފަސޭހަވާނެ ކަމަށެވެ.