Advertisement

ހިތްފަސޭހަ ހުޅުމާލޭ ބީޗަށް އޮތީ ހިތްގައިމު ޕްލޭނެއް

24 ސެޕްޓެންބަރު 2021 - 09:37 1

އަހުމަދު ސާއިލް އަލީ

އަހުމަދު ސާއިލް އަލީ

ހުޅުމާލޭ ގޮނޑުދޮށުގައި ބަޔަކު ވޮލީ ކުޅެނީ: އެއީ މާލެ ސަރަހައްދުގައި އޮތް އެންމެ ބޮޑު ގޮނޑުދޮށް. -- ފޮޓޯ: ހުސައިން ވަހީދު/ އަދަދު


ހިތްފަސޭހަ ހުޅުމާލޭ ބީޗަށް އޮތީ ހިތްގައިމު ޕްލޭނެއް

24 ސެޕްޓެންބަރު 2021 - 09:37 1

ހުދު ދޮންވެލިގަނޑެކެވެ. ކުރިމަތީގައި ވަނީ ސާފު ރީތި މޫދެކެވެ. އެކި އުމުރުގެ މީހުން މޫދުގައި ހިތް އުފާ ކުރަނީ އެވެ. އެއްބަޔަކު ޖެޓްސްކީތަކާއި އެކިއެކި މޫދު ކުޅިވަރުތަކުގަ އެވެ. އަނެއް ބަޔަކު ފަތާލަނީ އެވެ. ރާޅުފެން ކުރީގައި ވެއްޔާ ކުޅެން ތިބި ކުދިން ވެސް ގިނަ އެވެ. އެއްގަމަށް ބަލާއިރު އެ ރީތި ސާފު ވެލިގަނޑުގައި އުފާ ކުރަން ތިބި މީހުން ވެސް މަދެއް ނޫނެވެ. އެކި ހިސާބުތަކުގައި ޕާޓީތައް ކުރިއަށް ދެ އެވެ. ކޭކު ފެޅުމާއި ކެއިން ބުއިމެވެ. ދެން ތިބީ އެކި ހިސާބުތަކުގައި އިށީންދެ މޫދަށް ބަލަހައްޓައިގެން ތިބި މީހުންނެވެ. މުޅި އެ ސަރަހައްދުގައި ވަނީ އުފާވެރިކަމެވެ.

މިއީ ރިސޯޓެއްގެ މަންޒަރެއް ނޫނެވެ. އަދި އަތޮޅުތެރޭ ރަށެއް ވެސް ނޫނެވެ. މިއީ މާލޭގެ ހަ ވަނަ އަވަށް ހުޅުމާލޭގެ ގޮނޑުދޮށެވެ. ހަލަބޮލި މާލޭ ސަރަހައްދުގައި އޮތް އެންމެ ހިތް އުފާވެރި އެއް ސަރަހައްދެވެ. ގުދުރަތުގެ ރީތިކަމާއި ސާފު ވައި ލިބޭ ދިގު ގޮނޑުދޮށެވެ. ޓޫރިސްޓުންގެ މެދުގައި ވެސް މަގުބޫލު މަންޒިލެކެވެ.

މިސަރަހައްދަކީ މިހާރު ގިނަ ބަޔަކު ހިތް އުފާކޮށްލުމަށް ގޮސް އުޅޭތަނެކެވެ. ހާއްސަކޮށް ބަންދު ދުވަސްތަކުގައި އޮންނަނީ ތަންކޮޅެއް ނުލިބިފަ އެވެ. އާއިލާތަކާއި ރައްޓެހިން އެކުގައި ދަތުރުއައިސް ކައިބޮއެ، ކުޅިވަރުތައް ކުޅެ އުޅޭ ސަރަހައްދެކެވެ.

ހުޅުމާލޭގައި ބަޔަކު ކެނޯ ޖަހަނީ: އެ ސަރަހައްދުގައި މޫދު ކުޅިވަރުތައް އޮވޭ. -- ފޮޓޯ: ހުސައިން ވަހީދު/ އަދަދު


"އަސްލު ވަރަށް އުފާވޭ މާލޭން މި ހިތްހަމަ ޖެހުން ލިބޭތީ. މިތާ ކައިރި ނެތް ދަތުރުދާނެ މާ ގިނަ ތަންތަނެއް ވެސް. ސައިކަލުގައި އަންނަ ގޮތަށް އައިސް މިތާ އުޅެވޭތީ ދެން ހަމަ ވަރަށް ސަޅި،" ރައްޓެހިންތަކަކާއެކު ހުޅުމާލޭ ގޮނޑުދޮށުގައި ޓޭކް އަވޭ ކޮފީއެއް ހިފައިގެން ހުރި އައިޝަތު ފަޒްލާ ބުންޏެވެ.

މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު މިސަރަހައްދަކީ ވިޔަފާރިތަކުގެ ޖަގަހަ ތަކެވެ. އެއްވެސް ކުއްޔެއް ދެއްކުމެއް ނެތި މުޅި ގޮނޑުދޮށް ހިފާފައި ތިބީ ކެފޭތަކުންނެވެ. އޭރު މުޅި ސަރަހައްދުގައި އޮންނަނީ ގޮނޑި މޭޒުން ފުރާލައިފަ އެވެ. ކެއުމާއި ކޮފީ ބުއިމަށް ގިނަ މީހުން ގޮސް ތިބޭއިރު ސިނގިރޭޓް ބުއިމާއި ހުތުރުބަހުން ވާހަކަ ދެއްކުން ފަދަ ކަންކަން އޮންނާތީ އޭރު އާއިލާތަކަށް މި ސަރަހައްދު އެހާ ހިތް ފަސޭހައެއް ނޫނެވެ.

ހުޅުމާލޭ ގޮނޑުދޮށުގައި މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަކީ ކެފޭތަކަށް ވަރަށް ބޮޑު ނަފާއެއް ލިބޭ ކަމެކެވެ. ކުއްޔެއް ދައްކަން ނުޖެހި އަދި ގިނަ ބަޔަކު ހިދުމަތް ހޯދަން އަންނާތީ އެވެ. އެހެންކަމުން އެ ފުރުސަތު އަނެއްކާ ވެސް ފަހިކޮށް ދިނުމަކީ މިހާރުގެ ސިޓީ ކައުންސިލްގެ ވައުދެކެވެ. ނަމަވެސް ސުވާލަކީ ރަނގަޅީ އެގޮތްތޯ ނުވަތަ މިހާރު މިއޮތްގޮތްތޯ އެވެ؟

"މިހާރު މާ ރަނގަޅު. އެހެން ނޫނީ ސިނގިރޭޓް ބޯތީވެސް މިތާ އުޅެވޭ ވަރު ނުވޭ. ހިނގާލެވެން ނޯވޭ. މިގޮތް މާ ރަނގަޅު އަސްލު ވެސް. ކިހާ ބަޔަކު މިހާރު މިތަން އެ ބޭނުން ކުރަނީ،" ހުޅުމާލޭގައި ދިރިއުޅޭ މުހައްމަދު ޝަހީމް ބުންޏެވެ.

ހުޅުމާލޭ ގޮނޑުދޮށުގައި ކުދިންތަކެއް ކުޅެނީ: އެއީ ގިނަ ބަޔަކު ހިތް އުފާ ކުރާ ސަރަހައްދެއް-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު


ހުޅުމާލޭ ގޮނޑުދޮށުން ކެފޭތަކަށް އަލުން ފުރުސަތު ދިނުމާ ގުޅޭގޮތުން ވާހަކަ ދައްކާލުމުން ހުރިހާ އާއްމުން ކަހަލަ ގޮތަކަށް ބުނަނީ ރަނގަޅީ މިހާރު އޮތްގޮތް ކަމަށެވެ. އަދި މިހާރަށް ވުރެވެސް ގިނައިން އިށީންނާނެ ތަންތަން ހަދައި އެއީ ހިތްއުފާ ކުރާ ސަރަހައްދެއްގެ ގޮތުގައި ބޭއްވުން މާ ރަނގަޅު ކަމަށް އެ މީހުންދެކެ އެވެ.

"އޭރަށް [ކެފޭތަކަށް ދީފިއްޔާ] ވާނެ ގޮތަކީ ސައިބޯން އައިއްޔާ ދަރިއަކު ގޮވައިގެން ވެސް މިތާ ތިބެވޭނީ. މިހާރު ވިއްޔާ އައިސް ހަމަ ތިބެންވީ (އަގެއް ނުދީ). އަނެއްކާ ކިހާ މީހުންނެއް މިތަން އެ ބޭނުން ކުރަނީ. ހުކުރު ދުވަސް ދުވަހު އޮންނަނީ ތަންކޮޅެއް ނުލިބިފައި. އަހަރެންވެސް ކޮންމެ ހުކުރެއްގައި އަންނަން،" 2005 ވަނަ އަހަރުން ފެށިގެން އާއިލާއާއެކު ހުޅުމާލޭގައި ދިރިއުޅޭ ހުސައިން އިޝްވާން ބުންޏެވެ.

ހުޅުމާލޭ ގޮނޑުދޮށަކީ ގިނަ ބަޔަކަށް ނަސީބެކެވެ. މާލޭގެ އުނދަގޫ ދިރިއުޅުމުން ހަމަޖެހުމެއް ގެންނަން އޮތް ވަސީލަތެކެވެ. އެހެންކަމުން މިހާރު އޮތް ހިތްފަސޭހަ ކަމުގައި އެ ސަރަހައްދު ބޭއްވުމަށް ގިނަ ބަޔަކު އެދެ އެވެ.

ގޮނޑުދޮށް ތަރައްގީ ކުރުމަށް އެޗްޑީސީގެ ބޮޑު ޕްލޭނެއް

ހުޅުމާލޭ ގޮނޑުދޮށަކީ ދެވަނަ ފިޔަވައްސާއެކު 3.23 ކިލޯ މީޓަރެވެ. އެއީ މާލެ ސަރަހައްދުގައި އޮތް އެންމެ ބޮޑު ގޮނޑުދޮށެވެ. ގޮނޑުދޮށް ތަރައްގީ ކުރުމުގެ ޕްލޭން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހެދީ އެ ސަރަހައްދު ބޭނުން ކުރާ މީހުން ހިމަނައިގެން ހެދި ދިރާސާއަކަށް ފަހުގަ އެވެ. ޕްލޭންގައި އޮތީ ހުޅުމާލެ ގޮނޑުދޮށަށް ވައިފައިގެ ހިދުމަތް ދީ، ދުވާ ޓްރެކަކާ އެކު ތަރައްގީ ކުރުމަށެވެ.

ޕްލޭން ހަދާފައިވާ ގޮތުން ގޮނޑުދޮށުގެ އެކި ހިސާބުތަކުގައި ފާހާނާތަކާއި ޕިކްނިކް ޓޭބަލްސްތަކާއި ޖޯލިފަތިތަކުގެ އިތުރުން އުނދޯލި ތައްވެސް ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ. ޕްލޭން ބުނާ ގޮތުން ބީޗްގެ އެކި ހިސާބުތަކުގައި ލައިފްގާޑް ޕޯސްޓްތައް ވެސް ހުންނާނެ އެވެ. އަދި ހިޔާކޮށްފައި ހުންނަ 12 ޝެލްޓާ ހެދުމަށް ވަނީ ނިންމައިފަ އެވެ. އެ ޝެލްޓާތަކުގައި އެކިއެކި އިވެންޓްތައް ބާއްވަން ފުރުސަތު ދޭން ވަނީ ނިންމައިފަ އެވެ.

ހުޅުމާލޭ ގޮނޑުދޮށުގައި ހަދާ ދުވާ ޓްރެކް: އެ މަޝްރޫ ވަރަށް އަވަހަށް ފަށަން ވަނީ ނިންމައިފައި--


މިހާރާ ހިލާފަށް ކުރިއަށް އޮތްތަނުގައި މުޅި ބީޗް ސަރަހައްދު އަލި ކުރަން ވެސް ވަނީ ނިންމައިފަ އެވެ. އަދި ބީޗް ސަރަހައްދަށް ވައިފައީގެ ހިދުމަތް ދިނުމާއެކު ޗާޖް ކުރާނެ ސްޓޭޝަންތަކެއް ހެދުމަށް ވަނީ ނިންމައިފަ އެވެ. ގިނަ ވިޔަފާރިތަކަކުން މޫދު ކުޅިވަރުގެ ހިދުމަތް ދިނުމަށް ވަކި ޕޯސްޓްތަކެއް ވެސް ގޮނޑުދޮށުގައި ހެދުމަށް ވަނީ ނިންމައިފަ އެވެ.

ކެފޭތަކަށް ވެސް ގޮނޑުދޮށުން ފުރުސަތު އެބައޮތެވެ. އެގޮތުން މޫދުގައި އަޅާ ރެސްޓޯރެންޓަކަށް 300 ސްކެއާ މީޓަރުގެ ސަރަހައްދެއް ވެސް ޕްލޭންގައި ވަނީ ހިމަނައިފަ އެވެ. އެ ރެސްޓޯރެންޓް އަޅަނީ ފާލަމަކުން ގޮސް އަރާ ގޮތަށެވެ. ރެސްޓޯރެންޓްގެ އިތުރުން ބީޗް މޯލްއެއް ހެދުމަށް 3،018 ސްކްއާ މީޓަރުގެ ސަރަހައްދެއް ގޮނޑުދޮށުން ވަނީ ކަނޑައަޅާފަ އެވެ. ބީޗް ތަރައްގީ ކުރަން ނިންމާފައިވަނީ ސްޓޭޖްތަކަކަށް ބަހާލައިގެންނެވެ.

ތޮއްޖެހިފައިވާ މާލޭން ހަމަޖެހުމެއް ބޭނުމެވެ. އަދިވެސް ޕާކް ތަކާއި ހިތް އުފާ ކުރާ ތަންތަން މަދީ އެވެ. އޭގެ ތެރެއިން ވެސް ހުޅުމާލޭ ގޮނޑުދޮށަކީ އެންމެ ގިނަ މީހުން ހިތް އުފާ ކުރާ ސަރަހައްދެވެ. އެހެންކަމުން އެތަން ހިތް އުފާ ކުރާ ސަރަހައްދެއްގެ ގޮތުގައި ބޭއްވުމަކީ ގިނަ ބައެއްގެ އެދުމެވެ. ހިތްފަސޭހަ ހުޅުމާލޭ ބީޗަށް އޮތީ އެޗްޑީސީން ކުރަހާފައި އޮތީ ހިތްގައިމު ޕްލޭނެކެވެ.