Advertisement

ބްރެޒިލްގެ ރައީސް ފަރިއްކުޅުއްވީ ނިއުޔޯކުގެ މަގުމަތީގައި ހުންނަވައިގެން

21 ސެޕްޓެންބަރު 2021 - 10:19 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ބްރެޒިލްގެ ރައީސް ޖެއާ ބޮލްސޮނާރޯ. -- ފޮޓޯ: އޭއެފްޕީ


ބްރެޒިލްގެ ރައީސް ފަރިއްކުޅުއްވީ ނިއުޔޯކުގެ މަގުމަތީގައި ހުންނަވައިގެން

21 ސެޕްޓެންބަރު 2021 - 10:19 0

އދ.، އެމެރިކާ (ސެޕްޓެމްބަރު 20) - އދ. ގެ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް މި ވަގުތު އެމެރިކާގައި ހުންނެވި ބްރެޒިލްގެ ރައީސް ޖެއާ ބޮލްސޮނާރޯ މަގުމަތީގައި ހުންނަވައިގެން ޕިއްޒާ ފަރިއްކުޅުއްވައިފި އެވެ.

ނިއު ޔޯކުގައި ކޮވިޑާ ގުޅިގެން އަޅާފައިވާ އުސޫލުތަކުގައިވާ ގޮތުން ރެސްޓޯރެންޓެއް ނުވަތަ ކެފޭއެއްގެ އިންޑޯ ޑައިނިން ހިދުމަތް ހޯދޭނީ ވެކްސިންގެ އެއް ޑޯޒް ޖަހާފައިވާ މީހުންނަށް އެކަންޏެވެ. ނަމަވެސް ބޮލްސޮނާރޯ ވިދާޅުވީ ވެކްސިން ޖައްސަވާފައި ނުވާ ކަމަށެވެ.

"ނިއު ޔޯކުގައި ލަގްޒަރީ ކެއުމެއް،" މަގުމަތީގައި ހުންނަވައި ބޮލްސޮނާރޯ ޕިއްޒާ ފަރިއްކުޅުއްވާ ފޮޓޯއަކާ އެކު ބްރެޒިލްގެ ސެކްރެޓޭރިއެޓް މިނިސްޓަރު ލުއިޒް އެޑުއާޑޯ ރާމޯސް ޓްވީޓު ކުރެއްވި އެވެ. ބޮލްސޮނާރޯއާ އެކު ބްރެޒިލް ވަފުދުގެ އެހެން ބޭފުޅުން ވެސް ތިއްބެވި އެވެ.

ޓޫރިޒަމް މިނިސްޓަރު ގިލްސަން މަޗާޑޯ އިންސްޓަގްރާމުގައި ޕޯސްޓު ކުރެއްވި ބޮލްސޮނާރޯގެ ފޮޓޯއަކާ އެކު ވިދާޅުވީ ރޭގަނޑުގެ ކެއުމަށް ހަމަޖެހިފައި ވަނީ ޕިއްޒާ އާއި ކޮކާ ކޯލާ ކަމަށެވެ.

އިންޑޯ ޑައިނިން އާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި ޖިމްތަކަށް ދިޔުމަށް ވެކްސިންގެ އެއް ޑޯޒް ޖެހުން ނިއު ޔޯކުގައި މަޖުބޫރު ކުރީ މިދިޔަ ހަފުތާގަ އެވެ.

އދ. ގެ އާއްމު މަޖިލީހުގެ ބަހުސް ކުރިއަށް ދަނީ ކޮންވެންޝަން ސެންޓަރެއްގައިކަން ފާހަގަކޮށް، އެ ތަނުގެ ތެރޭގައި ތިބެވޭނީ ހަމައެކަނި ވެކްސިން ޖަހާފައިވާ މީހުންނަށް ކަމަށް ބުނެ، ނިއު ޔޯކުގެ ސަރުކާރުން އދ. އާއްމު މަޖިލީހުގެ ރައީސަށް ސިޓީއެއް މީގެ ކުރިން ފޮނުވި އެވެ.

އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެންމެ ފުރަތަމަ އެކަމަށް ތާއީދު ކުރެއްވި ނަމަވެސް، ފަހުން ވިދާޅުވީ ވެކްސިން ނުޖަހާ ތިބި މީހުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ.

ކޮވިޑު ބަލިމަޑުކަމާ ގުޅިގެން އެޅި ފިޔަވަޅުތަކާ ހެދި ބޮލްސޮނޯރާ އަށް ބޮޑު ފާޑުކިޔުމެއް އަމާޒުވެފައި ވެ އެވެ. އޭނާ ވިދާޅުވެފައި ވަނީ ކޮވިޑު ވެކްސިނެއް ޖައްސަވާނެ އެންމެ ފަހު ބްރެޒިލް ރައްޔިތަކަށް ވާނީ އޭނާ ކަމަށެވެ. އެ ގައުމުގައި މިހާތަނަށް 222 މިލިއަން ޑޯޒް ދީފައި ވެ އެވެ.