Advertisement

ސިވިލް ސާވަންޓުންގެ އަގުވަޒަން ކުރާންވީ ވަގުތު އަދިވެސް ނުޖެހެނީތޯ؟

21 ސެޕްޓެންބަރު 2021 - 08:31 2

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


ސިވިލް ސާވަންޓުންގެ އަގުވަޒަން ކުރާންވީ ވަގުތު އަދިވެސް ނުޖެހެނީތޯ؟

21 ސެޕްޓެންބަރު 2021 - 08:31 2

ސިލިސް ސާވަންޓުންގެ މުސާރަ އާއި އިނާޔަތްތަކާމެދު ހިތްހަމަ ނުޖެހުން ފާޅުކުރުމުން، ބައެއް މީހުން އެކަމާ ފާޑުކިޔަ އެވެ. ކޮވިޑުގެ ދުވަސްވަރުވެސް ވަޒީފާ ކަށަވަރުވެފައިތިބި ހަމައެކަނި މީހުންނަކީ އެއީ ނޫންހޭ ބުނާ ބަޔަކު އެބައުޅެ އެވެ. ވަރުގެ ކޮޅަށް ނަލަހެދިން ބާރަށް ޓައީ އަޅައިގެން އަށްގަޑި އިރު ސަކަރާތްޖެހުމާއި ސައިގައި އުޅުމަށްފަހު މަސައްކަތެއް ނުކޮށް، ގެއަށް ފުރިހަމަ މުސާރަ ގެންދާ ބަޔަކީވެސް އެއީ ނޫންހޭ ކިޔާ ބަޔަކު އުޅެ އެވެ. އަސާސީ ޒިންމާތައް ކޮނޑުއަޅާ މީހުންނަކީ އެއީ ކަމަށްވާހިނދު، ޢާއްމު ޚިދުމަތްތައް އަދިވެސް ކުރި ނާރަނީ ސިވިލް ސާވަންޓުންގެ ނާޤާބިލުކަމުންނޭ ބުނާ ބަޔަކުވެސް އެބަ އުޅެ އެވެ.

އިރެއްގައި އަޅުގަނޑުވެސް މި ތަޢައްޞަބުތައް ގެންގުޅުނީމެވެ. އެހެންނަމަވެސް މީހެއްގެ ގޮތް އެނގޭނީ އެއް އޮޑީގައި ދަތުރުކޮށްލީމައޭ އެ ބުނާ ވާހަކައިގައި ހިކުމަތެއްވާކަން އަޅުގަނޑު ޤަބޫލުކުރަމެވެ.

ސިވިލް ސާވަންޓުންތަކީ އަސްލުގައިވެސް "ޚާދިމުން"ނެވެ. ޢާންމުންގެ ގިނަ ބަޔަކަށް ޤަބޫލުކުރެވެނީ އިދާރީ ޚިދުމަތްތަކުން ފެށިގެންގޮސް ޤައުމީ ސްޓްރެޓީޖިކް ޕްލޭންތައް ތަންފީޒުކުރުމާ ހަމައިގައިވެސް ބަސްކިޔާ މީހުންނަކީ ދިވެހި ސިވިލް ސާވިސްގައި ހިމެނޭ ފަންނީ މުވައްޒަފުންކަމަށެވެ. އެހެންނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ސަރުކާރުގެ އިދާރާތަކާއި ވުޒާރާތަކުގެ ކޮންމެ ނިންމުމެއްގައިވެސް އެންމެ ފަހުބަސް ބުނާ ފަރާތަކީ، އިޖުރާޢަތްތައް އަންގާގޮތުންނަމަ، ވެރިންކަމެވެ. ސިޔާސީ ވެރިންނެވެ. ގިނަ ވުޒާރާތައް މިހާރު ބައްޓަންވެފައި އޮންނަނީ ކޮންމެ ސެކްޝަނަކާއި ކޮންމެ ޑިޕާޓްމެންޓެއްގެ ދުވަހީ ކަންކަން ބެލުމާ ހިސާބަށްވެސް ސިޔާސީ ވެރިން ތިއްބަވާގޮތަށެވެ.

އެއް ސަރުކާރެއްގައި އެމީހުންނަށް ކިއީ ކޯޑިނޭޓަރުންނެވެ. އަނެއް ސަރުކާރެއްގައި އެމީހުންނަށް ކިޔަނީ ޕޮލިސީ ޑިރެކްޓަރުން ނުވަތަ ޕޮލިސީ އެޑްވައިސަރުންނެވެ. މަސައްކަތްތައް ރާވާ، މި ފަދަ ވެރިންގެ މޭޒުކޮޅުތަކުގައި ފުނިޖެހި، މަސައްކަތް ކުރިއަށް ނުގެންދެވި މަޑުޖެހޭ މަންޒަރު ފެންނަނީ އިދާރާތަކުގެ މުވައްޒަފުންނަށެވެ. މިއިން ކޮންމެ މަސައްކަތަކީ އެފަދަ ވެރިން ނިސްބަތްވާ ސިޔާސީ ފިކުރުތައް ތަމްސީލުކުރާ ލީޑަރުން ޕޯޑިއަމްތަކުގައި ވެލައްވާ ވަޢުދުތައް ފުއްދަން ކުރާ މަސައްކަތްތަކެވެ. ފަހު ވަގުތު ކަން ނުވުމުން، ނުވަތަ ފޭލިވުމުން ކުށްވެރި މި ވަނީ އެއްކަލަ ޚާދިމުންނެވެ. މިފަދަ ވެރިންގެ ތެރޭގައި މަސައްކަތް ކުރާ މީހުންވެސް ތިބެ އެވެ. އެހެންނަމަވެސް އަބަދަވެސް ފެންނާނީ ނުވެ އޮންނަ ކަންތައްތައް ނޫންތޯ އެވެ. ޤަބޫލުކުރަންޖެހެނީ، އިދާރާތަކާއި ވުޒާރާތަކުގެ "މަތި ބަރުވީމާ" މަސައްކަތް ކުރާނޭ އަތްތަކަށްވުރެ ގިނަވާނީ، ގޮތްކިޔާ މީހުންކަމެވެ.

ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅުގައި ހުންނާކަށް ލިބޭ މުސާރައަކުން ނުފުދެ އެވެ. މިހެން މި ދަންނަވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ދިރުނބާކޮޅޭ މި ދަންނަވަނީ ސިޔާސީ ލީޑަރުން ނުހިމަނަ އެވެ. ސަރުކާރު އިދާރާއެއް ނުވަތަ ވުޒާރާއެއްގައި ސިވިލް މުވައްޒަފުންގެ ތެރެއިން މެނޭޖުމަންޓަގައި ތިބޭ ސިވިލް ސާވަންޓުން ވާން މި ޖެހެނީ އެމީހަކު އަދާކުރާ ވަޒީފާއަށް ހެޓަކަށް ޤާބިލު، ލައްކަ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ. އެކަމަކު އެމީހުންގެ މުސާރައަކީ އެ ޢިލްމާ ތަޖުރިބާއާ އަޅާބަލާއިރު އެއްވެސް އެއްޗަކަށް ނުވެ އެވެ. އެހެންނަމަވެސް ކޮންމެވެސް ސަބަބަކާހުރެ އެ ފަދަ ވަޒީފާތަކަށް ދާ މީހުންގެ ޢިލްމާއި ތަޖުރިބާ އަށް މަލާމާތްކުރެވޭ މަންޒަރު ފެންނަނީ މަދެއްކޮށް ނޫނެވެ. ބޮޑެތި ބައްދަލުވުންތަކުގައި ފަންނީ މުވައްޒަފުން ދޭ ފަންނީ ލަފާގެ އަގުވަޒަންނުކޮށް ސިޔާސީ މުވައްޒަފުންނަށް ފެންނަ ގޮތް އެއީ މޮޅުގޮތްކަމަށް ނިންމައި، ކަން ކަން ތަންފީޒުކޮށް ނިންމާލުމުން، އޭގެ ހިތިފިލުވަން، ދެން އަންނަ ސަރުކާރެއްގައިވެސް ގަނަތެޅެން ޖެހެނީ އެއްކަލަ ސިވިލް ސާވަންޓުންނަށެވެ.

ރަށްރަށުގެ ބަނދަރު އެޅުމުން ފެށިގެން ގޮސް ސްކޫލްތަކުގެ މަންހަޖުންވެސް މީގެ މިސާލުތައް ފެންނާން އެބަހުއްޓެވެ. ކަން މިހެން އޮންނަ އިރު، އެ ދޭ މުސާރަ، އެ ތަހައްމަލުކުރަންޖެހޭ ލަދުވެތިކަމަކަށް ނުފުދެ އެވެ. ސިޔާސީ ހަލަބޮލިކަމުގެ ތެރޭ ސިވިލް ސާވިސް ވަޒީފާއެއް އަދާކުރުމަށްފަހު ދާއިރާއިން ނިކުމެ އާ ވަޒީފާއަކަށް ކުރިމަތިލާއިރު، ސީވީއަށް އިތުރުކޮށްލާނޭ ކާމިޔާބީއެއްވެސް ނުފެނެ އެވެ. ގިނަ ފަހަރަށް، ކާމިޔާބީއެއް ހާސިލުކުރެވުނަސް، އޭގެ ހުރިހާ ރީއްޗެއް ތަބަކަކަށްލާ ވެދުންކުރަން މި ޖެހެނީ ސިޔާސީ ލީޑަރުންނަށެވެ. އެހެންކަމަށްވަންޏާ ބަދަލުގައި އެ ހުރިހާ ކަމަކަށް ފުދޭ މިންވަރެއްގެ މުސާރައެއް ލިބުން ޙައްޤެއް ނޫންތޯ އެވެ.

ދެން އޮތީ ބަޖެޓުގެ ކަސްތޮޅުގެ ވާހަކަ އެވެ. އަމިއްލަ މަސައްކަތްތަކާ ޚިލާފަށް ސިވިލް ސާވިސްއަކީ ދައުލަތުގެ ބަޖެޓަށް ބަރޯސާވާ ޚިދުމަތެކެވެ. ކޮންމެ އިދާރާއެއް ނުވަތަ ވުޒާރާއެއްގައި މަސައްކަތްކުރިކަމުގައިވިޔަސް، ފުހޭ ރަބަރު ގަންނަން ބަޖެޓުން ޚަރަދުކުރާ ފަސް ރުފިޔާއަށްވެސް ސިވިލް ސާވަންޓު ޖަވާބުދާރީވާންޖެހެ އެވެ. އެތައް މިލިޔަން ޑޮލަރެއްގެ ބޮޑެތި މަޝްރޫޢުތައް ތަންފީޒުކުރާއިރު، ސިޔާސީ ފިއްތުންތަކާއި ޤާނޫނު ޢިމްލާކުރާ ހައްދުތަކުގެ ތެރޭ ތިމާ ތާށިވެފައި ހުންނައިރު، މާލިއްޔަތު ޤާނޫނުގެ ދެ ފޮޅުވަތް ދޭތެރެއިން ޖަލުގެ ތޭރިތައް ފެނެއޭ ހިވާފަދަ ފަދަ ބިރުވެރިކަމެއް އިހުސާސްކުރަންޖެހެ އެވެ. ބަޖެޓުގައި ފައިސާއެއް ލިބިފައި އޮތުން އަދި އެއީ ކަމެއް ކުރެވޭނޭ ކަމުގެ ގެރެންޓީއެއް ނޫންކަން ދަންނަން ޖެހެ އެވެ. ދައުލަތަށް ދިމާވާ ކުއްލި ޙާލަތްތަކުގައި އިދާރާތަކުގެ ބަޖެޓުން އުނިކުރުމަކީ ދައުލަތަށް އޮންނަ އިޚުތިޔާރެއްކަން ހަނދާނުގައި ބަހައްޓަންޖެހެ އެވެ. ކަން މިހެން ވުމުން މަޝްރޫޢުތައް ފައްޓައި، މެދުތެރެއިން ހުއްޓާލަން ޖެހި، އެތައް ބައެއްގެ އުއްމީދުތަކުގައި ކޮޅުފައި ޖަހާއިރު، އެކަންވެސް ފެންނާން އޮންނާނީ މުވައްޒަފުގެ އެޕްރެއިސަލްގަ އެވެ. އެއްކަލަ "ބަދުނާމު-ފޮށާ" އަޅަން މިޖެހެނީ ސިވިލް މުވައްޒަފުންނެވެ.

މިހުރިހާ ކަންކަން ތަހައްމަލުކޮށްގެން ވަޒީފާ އަދާކުރާނޭ މީހުން ހޯދުމަށް ހުށަހަޅާ ކުޑަ މުސާރައަށް ވަޒީފާ އަދާކުރާނޭ ރަނގަޅު ފެންވަރުގެ މުވައްޒަފުން ނުލިބުމުން، އެ މަޤާމަށް ހުށަހަޅާ މުސާރަ ބަދަލުކުރުމަކީ އޮންނަ އިޚުތިޔާރެއް ނޫނެވެ. އެކަން ކުރަންޖެހެނީ ދިގު، ކަވި އިޖުރާޢަތްތަކެއްގެ ތެރެއިންނެވެ. ދެން އޮންނަ އިޚުތިޔާރަކީ މަޤާމަށް ބޭނުންވާ މީހުންގެ ފެންވަރު ދަށްކޮށްގެން އަލުން އިޢުލާންކުރުމަށްފަހު، ފެންވަރު ނެތް މުވައްޒަފަކު ލައްވާ އޭނާގެ ޢިލްމާއި ތަޖުރިބާއާ ނުބައްދަލު މަސައްކަތްތައް ކުރުވުމެވެ. ނަތީޖާއަކަށް ވަނީ އެންމެ އެދެވޭ ފެންވަރަށް މަސައްކަތް ނުކުރެވި، އެ މުވައްޒަފުވެސް ޕްރެޝަރަށް ހުށަހެޅި މަސައްކަތަށް ފޫހިވުމެވެ. ކަން މިހެން އޮންނަ އިރު، އެއްކަލަ ސިޔާސީ މަޤާމުތަކުގައި ތިބޭ މީހުންގެ ތެރެއިން އެންމެ ދަށް މަޤާމުގައި ހުންނަ މުވައްޒަފަކަށްވެސް؛ އެއީ އަދި މަތީ ތަޢުލީމެއް ތަޖުރިބާއެއް ނެތް މީހެއް ކަމުގައިވިޔަސް؛ މަދުވެގެން ވިއްސަކަށްހާސް ރުފިޔާ ގެއަށްގެންދަން ލިބޭ އިރު، ސިވިލް ސާވިސްގެ އެންމެ މަތީ މަޤާމުތަކަށްވެސް؛ މުސާރަ އާއި އިނާޔަތްތައް އެކުލަވާލައިގެންވެސް؛ އަށާރަހާސް ރުފިޔާޖެހޭ ވަރު އޮންނަނީ ނުވެފަ އެވެ.

މިގޮތަށް ކަންކަން ލިސްޓުކުރާން ވެއްޖެ ނަމަ، ކޮޅުން ނުލާނެ އެވެ. ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ސިވިލް ސާވިސް ދޯދިޔާ ކަމަށް އެންމެންވެސް ތުހުމަތުކުރާއިރު، އެކަމަށް އެދެވޭ ހައްލެއް ގެނެވެން އޮތީ، ސިވިލް ސާވަންޓުންނާ މެދު ގެންގުޅޭ ޘަޤާފަތް ބަދަލުކޮށްގެންކަމެވެ. އެމީހުން ކުރާ އިޙުތިޖާޖުގައި ދައްކާ އުޒުރުތަކަކީ ބަހަނާއެއް ނޫންކަން، އެއީ ހަމަ ޙަޤީޤަތްކަން ބަލައިގަނެގެންނެވެ. ސިވިލް ސާވަންޓުންގެ އަގުވަޒަންކުރެވިގެންނެވެ.