Advertisement

ރައީސް ސޯލިހު އދ. ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދުއާ ބައްދަލުކުރައްވައިފި

21 ސެޕްޓެންބަރު 2021 - 07:48 1

ރައީސް ސޯލިހު، އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ ބައްދަލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް


ރައީސް ސޯލިހު އދ. ގެ އާންމު މަޖިލީހުގެ ރައީސް ޝާހިދުއާ ބައްދަލުކުރައްވައިފި

21 ސެޕްޓެންބަރު 2021 - 07:48 1

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އދ. އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ ބައްދަލުރައްވައިފިއެވެ.

އދ. ގެ މައި އިދާރާގައި ބޭއްވަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ، ޝާހިދުގެ ރިޔާސަތުގައި ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ކަންކަން ހާސިލުކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.

އަންނަ އަހަރުގެ ނިޔަލަށް މުޅި ދުނިޔޭގެ އާބާދީއަށް، ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހައި ނިންމުމަށާއި، ތިމާވެއްޓަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް އިސްކަން ދެއްވާނެ ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރުގެ ގޮތުގައި ހުންނެވި ޝާހިދު އދ. އާންމު މަޖިލީހުގެ ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، އެ މަގާމުގެ ހައިސިއްޔަތުން ދެ ބޭފުޅުން ރަސްމީކޮށް ބައްދަލުކުރެއްވުން ރައީސް ސޯލިހު ސިފަކުރެއްވީ ތާރީހީ ވަގުތުކޮޅެއްގެ ގޮތުގަ އެވެ.

ރައީސް ސޯލިހުގެ ޓްވީޓް


އދ. އާންމު މަޖިލީހުގެ ރައީސްގެ މަގާމަށް ކުރިމަތިލެއްވުމާ ހަމައިން ފެށިގެން ރައީސް ސޯލިހު ކުރެއްވި އިތުބާރާއި ދެއްވި އެއްބާރުލެއްވުމަށްޓަކައި މި ބައްދަލުވުމުގައި ޝާހިދު ޝުކުރު އަދާކުރެއްވެވި އެވެ.

ދިވެހި ދަރިޔަކަށްވެ އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވުމަށް ފުރުސަތު ލިބުމަކީ ޝަރަފެއް ކަމަށާއި، ރާއްޖޭގެ ހާރިޖީ ސިޔާސަތު ބިނާވަނީ ބޭރު ގައުމުތަކާއެކު މިހާރު އޮންނަ ގުޅުންތައް ދެމެހެއްޓުމާއެކު އާ ގުޅުންތައް ގާއިމު ކުރުމަށް ކަމުގައި ޝާހިދު ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމު ކާމިޔާބުކުރުން ރަމްޒުކޮށްދެނީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ ހާރިޖީ ސިޔާސަތު ބަލައިގެންފައިވުން ކަމަށާއި ރާއްޖޭގެ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމުގައި ހޯއްދަވާފައިވާ ކާމިޔާބީ އަށް ރައީސް ސޯލިހަށް، ޝާހިދު ޝުކުރު އަދާކުރެއްވެވި އެވެ.

މި ބައްދަލުވުމުގައި ދެ ބޭފުޅުންވެސް ވަނީ، ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަނެ އިގުތިސޯދީ އަދި އިޖްތިމާއީ ހާލަތު ރަނގަޅުކުރުމުގައި ބޭނުންވާ ފަރާތްތަކަށް ހަމަހަމަކަމާއެކު ވެކްސިން ލިބޭނެ މަގު ތަނަވަސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މިންތީގެ ހަމަހަމަ ކަމަކީ އދ. ގެ މި ފަހަރުގެ ރިޔާސަތުގައި އިސްކަން ދެއްވާނެ ދާއިރާއެއް ކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، ރާއްޖޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ރައީސް ސޯލިހު މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ސަފީރުންގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންކަން ޝާހިދު ފާހަގަކުރެއްވެވި އެވެ.

ޝާހިދު ރިޔާސަތު ބަލަހައްޓަވާ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ބައްދަލުވުމުގައި ރައީސް ސޯލިހް މިއަދު ތަގުރީރުކުރައްވާނެ އެވެ.