Advertisement

ބައިނަލްއަގުވާމީ އެކަހެރިކަމުން ދުނިޔޭގެ ރިޔާސަތާ ހަމައަށް!

21 ސެޕްޓެންބަރު 2021 - 09:40 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކެބިނެޓް ޖަލްސާއެއްގެ ހަވާސާގެ ތެރެއިން މަޝްވަރާކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް


ބައިނަލްއަގުވާމީ އެކަހެރިކަމުން ދުނިޔޭގެ ރިޔާސަތާ ހަމައަށް!

21 ސެޕްޓެންބަރު 2021 - 09:40 0

144 - 46؛ އެއީ އ.ދ ގެ ބާރުގަދަ ސެކިއުރިޓީ ކައުންސިލުގެ ނޮން ޕާމަނަންޓް ގޮނޑި ރާއްޖެއަށް ނާކާމިޔާބުވި ފަރަގެވެ.

އެއީ މީގެ ތިން އަހަރު ކުރި އެވެ. އޭރު ރާއްޖޭގައި ނިއުޅެމުންދިޔަ ސިޔާސީ ޒާތެއްގެ ހަނގުރާމައެއްގެ ހިތި އެންމެ ބޮޑަށް ކުރީ ބައިނަލްއަގުވާމީ މައިދާނުގައި، އެތަކެއް ޒަމާނެއްގެ މަސައްކަތުން ކުޑަކުޑަ ދިވެހިރާއްޖޭން ހޯދާފައި އޮތް ފަހުރުވެރި މަގާމަށެވެ.

ޒަމާނުއްސުރެ އުފެދިފައި އޮތް ގާތް ގުޅުންތައް އޮތީ ފަހު ފަށުގަ އެވެ. ޑިމޮކްރެޓިކް ހަމަތަކަށް މޫނު އަނބުރާލި ކޮންމެ ފަހަރަކު ރާއްޖެއަށް ފުރަގަސްދެމުންދިޔަ ގައުމުތަކުގެ ލިސްޓު ދިޔައީ އިތުރުވަމުންނެވެ.

ގޮތް ދޫނުކުރުމާއި ގަދަފައި ވިއްދުމުން ރާއްޖެ އޮތީ ބޭރު ދުނިޔޭގައި ބާކީވެ އެކަހެރިވެފަ އެވެ.

ވިދިގެން އައި ސަރުކާރުގައި ރާއްޖެއަށް ޒަމާނުއްސުރެ ގިނަ އެހީތަކެއް ދެމުން އައި ކޮމަންވެލްތު ޖަމިއްޔާއާ އަލުން ގުޅުނުން ރިޔާސީ ވައުދު ނާމާގައި ހިމަނަންޖެހުމަކީ، ބައިނަލްއަގުވާމީ މައިދާނުގައި އޭރު ރާއްޖެ ވެއްޓިފައި އޮތް މިންވަރު ދަލީލުކޮށްދޭ ސާފު މިސާލެކެވެ.

ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ އިއްޒަތާއި ގަދަރު ރުޖޫއުއަކުރަން ރާއްޖޭގެ ހާރިޖީ ސިޔާސަތު އާ ފެށުމަކުން ފަށަން ޖެހުނެވެ.

ވާހަކަ ފެށެނީ 2018 އިން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމާއެކު ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ ހޯދާފައިއޮތް މަގާމު އަނބުރާ ހޯދުމަށް އެންމެ މަތީ ފަންތީގައި މަޝްވަރާ ކުރެވުނުކަމަށް ވެ އެވެ.

އެންމެ އިސްކަމެއް ދެވުނީ ކޮމަންވެލްތާ އަލުން ގުޅި، ގިނަ ގައުމުތަކާއެކު ހީނަރުވެފައިއޮތް ގުޅުންތައް ބަދަހިކޮށް، ދުނިޔޭގެ އިތުބާރު ހޯދުމަށެވެ.

އޭޝިއާ ޕެސިފިކް ގައުމުތަކަށް 2021 ވަނަ އަހަރު ކަނޑައަޅާފައިވާތީ، އ.ދ ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ ހިޔާލު އެންމެ ފުރަތަމަ ފާޅުކުރެވުނީ އޭރު މަޝްވަރާތަކުގެ ތެރެއިންނެވެ.

ފޮރިން މިނިސްޓަރުގެ މަގާމު އަބްދުﷲ ޝާހިދާ ހަވާލުކުރައްވައި، އެ ބުރަ އެކަމަކު މުހިންމު މަސައްކަތް ރާއްޖޭން ފަށައިގަތެވެ.

ލިބުނު ކޮންމެ ފުރުސަތެއްގެ ބޭނުންހިފައި ފަހަރަކު ގައުމަކާ ބައްދަލުކޮށް، ރާއްޖޭގެ އިސްލާހީ މަސައްކަތްތަކުގެ ކާމިޔާބީ ހިއްސާކުރަމުން ގެންދިޔަ އެވެ.

އެކަމަކު އެ ވާހަކަތަކުގެ ހަވާސާގައި، އ.ދ ގެ އާންމު މަޖިލީހުގެ ރައީސްކަމުގެ ޝައުގު ގައުމުތަކުގެ އިސްވެރިންނާ ހަމައަށް މަޑުމަޑުން ދޫކުރަމުން ދިޔަ އެވެ.

ކޮވިޑު؛ ގުޅުންތަކުގެ ބޮޑު އިމްތިހާނު

ސަރަހައްދީ އަދި ދޭދޭ ގައުމުތަކުގެ މެދުގައި އޮތް ގުޅުމުގައި ހުރި ބާގަނޑުތައް ބެއްދުމުގެ މަސައްކަތުގެ ދުވެލި އެންމެ ބާރުކުރި ދަނޑިވަޅުގައި، ފަހުގެ ތާރީހެއްގައި ފެތުރުނު އެންމެ ނުރައްކާތެރި ބަލިމަޑުކަމާއެކު މުޅި ދުނިޔެ ބަންދުކޮށްލި އެވެ.

ޓޫރިޒަމަށް ބަރޯސާކޮށްފައިއޮތް ރާއްޖޭގެ އިގުތިސޯދު ހުއްޓި، އާމްދަނީ ލިބޭ މަގު ބަންދުވެގެން ދިޔަ އެވެ.

ކޮވިޑުގެ ބަލިމަޑުކަން ވެގެންދިޔައީ ދުނިޔެއާއެކު އޭރާ ހަމައަށް ބަދަހިކުރެވިފައިވާ ގުޅުންތަކުގެ ހަގީގީ އިމްތިހާނަކަށެވެ. މި ފަހުން ބޭރުގެ އެހީތެރިކަމަށް ރާއްޖެއަށް އެންމެ ބޭނުންޖެހުނު ވަގުތުވީމަ އެވެ. ދައުލަތުގެ ހަރަދުތައް ދެކޮޅު ޖައްސަން ފައިސާގެ އެހީ އެވެ. ރާއްޖޭގައި ސިއްހީ ވަސީލަތްތައް ހުރި ނިކަމެތިކަން ހާމަވެގެން ދިޔަ ދަނޑިވަޅު ވީމަ އެވެ.

ކުރިއަރާފައިވާ ބައެއް ގައުމުތައް ވެސް މާލީ އަދި ސިއްހީ ކާރިސާއަކަށް ވެއްޓިގެން ދިޔައިރު، ރާއްޖޭގެ ހާލަތު ނިސްބަތުން ހިފެހެއްޓުނީ އޭގެ ކުރިން ކުރެވުނު މަސައްކަތުގެ ނަތީޖާއިންނެވެ.

މުޅި ދުނިޔެ ބެލްތު ބާރުކޮށްލި ދަނޑިވަޅުގައި ވެސް ދޭދޭ ގައުމުތަކާއި ބޭރުގެ މާލީ އިދާރާތަކުގެ އެހީ ހޯދައި، ކޮވިޑު ވެކްސިން ދޭން ފެށި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނެވެ.

ދައުލަތުގެ މުވައްޒަފުން ވެސް ވަޒީފާއިން ވަކިނުކޮށް، އިންކަމް ސަޕޯޓް އެލަވަންސާއި ވިޔަފާރިތައް ފެނުން މަތީގައި ބައިތިއްބަން ދިން ލުއި ލޯނުތައް ފާހަގަކޮށްލެވެ އެވެ.

އޮންލައިންކޮށް ކުރި ކެމްޕޭނު

ބަލި ފެތުރުން ކޮންޓްރޯލް ކުރަން އެންމެން ގޭބަންދަށް ދާންޖެހުނު ދަނޑިވަޅުގައި ފޮރިން މިނިސްޓްރީގެ މުވައްޒަފުން ދިޔައީ ފަރުދާގެ ފުރަގަހުގައި ތިބެގެން ހާއްސަ ކެމްޕޭނެއް ކުރަމުންނެވެ.

އދ. އާންމު މަޖިލީހުގެ ގޮނޑިއަށް އަވަށްޓެރި އިންޑިއާގެ ތާއީދު ކަށަވަރު ކުރެވުމާއެކު، އަފްގާނިސްތާނުން ދޫނުދެނޭނެކަން ޔަގީންވުމުން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން މިޝަންތަކުން ދިޔައީ އެހެން ގައުމުތަކުގެ ތާއީދަށް ލޮބީ ކުރަމުންނެވެ.

މުޅި ދުނިޔޭގެ ދަތުރުފަތުރު އެކީގައި ހުއްޓި، އެ ބައްދަލުވުންތައް ކުރިއަށް ގެންދަންޖެހުނީ އޮންލައިންކޮށެވެ. ޔޫރަޕުގެ ބޮޑެތި ގައުމުތަކުގެ ތާއީދު ބޮޑު އަފްގާނިސްތާނާ ދެކޮޅަށް، ގައުމުތަކުގެ ވެރިންނާ ސީދާ ބައްދަލުނުވެ އެވެ.

ގައުމުތަކާ ވަގުތުގެ ގޮތުން އޮންނަ ފަރަގު ސަބަބުން، ދަންވަރާއި ފަތިހު ވެސް ފޮރިން މިނިސްޓްރީގެ މުވައްޒަފުން ހީވާގިކަމާއެކު އެ މަސައްކަތް ކުރި އެވެ.

އާންމު މަޖިލީހުގެ ރައީސްކަމުގެ އިންތިހާބު ޖޫން މަހު ބާއްވަން ތާވަލުކުރެވުނުއިރު ވެސް، އެ ގޮނޑި އޮތީ ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ.

މިނިސްޓްރީގެ ހުރިހާ މުވައްޒަފުންގެ މަސައްކަތުގެ ނަތީޖާ އެވެ. ހާއްސަކޮށް ބޭރު މިޝަންތަކުގައި ތިބި ދިވެހި ޑިޕްލޮމެޓުންގެ ބެކް ޗެނަލްތަކުގެ ވަރުގަދަ ކަމެވެ. އެންމެ ތިން އަހަރު ދުވަހުގެ ތެރޭގައި ލިބުނު ކުރިއެރުންތަކެވެ. ހާރިޖީ ގުޅުންތައް އަލުން ބަދަހިކުރެވިފައިވާ މިންވަރެވެ. ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭ އުފުލިފައިވާ ދަރަޖަ އެވެ.

މިދިޔަ ޖޫން މަހުގެ ހަތް ވަނަ ދުވަހުގެ ދަން ވަގުތެކެވެ. އދ.ގެ 193 ގައުމުގެ މަންދޫބުންގެ އަތްތިލަބަޑީގެ ތެރެއިން ޝާހިދު ރިޔާސަތާ ހަމައަށް ހިންގަވާފައިވާ ވަޑައިގެންނެވި އެވެ.

ދިވެހިންގެ ހާރިޖީ ތާރީހުގައި ފަހުރުވެރި ވަގުތުކޮޅެކެވެ.

143 - 48 އެވެ؛ އަފްގާނިސްތާނާ ވާދަކޮށް، ދުނިޔޭގެ ރިޔާސަތަށް ކުޑަކުޑަ ރާއްޖެ އިންތިހާބުވެގެންނެވެ.