އދ. ގައި ތަގުރީރުކުރެއްވި ދިވެހި ވެރިން (ކ-ވ) ޝަކީލާ، ފަތުހުﷲ، އަބްދުއްސައްތާރު، ނަޝީދު، އަހުމަދު ހިލްމީ، މައުމޫން އަދި ވަހީދު. -- ގްރެފިކްސް: އަބްދުﷲ ޝަފީޢު (އަބޯ) / އަދަދު
ދިވެހިރާއްޖެ އަށް މިނިވަންކަން ލިބި، އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާއާ ގުޅުނު ފަހުން، މި ގައުމުގެ ފަރާތުން އދ. އާންމު މަޖިލީހުގެ 52 ބައްދަލުވުމުގައި ވަނީ ބައިވެރިވެފަ އެވެ. އިބްރާހިމް ނާސިރުގެ ވެރިކަމުގައި، 1965 ގައި އދ. ގެ މެމްބަރަކަށްވެ، އެ އަހަރުގެ އާންމު މަޖިލީހުގައި ރާއްޖެ ތަމްސީލު ކުރެއްވީ އަހުމަދު ހިލްމީ ދީދީ އެވެ.
އދ. ގެ އާންމު ބައްދަލުވުމުގައި މިހާތަނަށް ވާހަކަ ދައްކަވާފައި ވަނީ ދިވެހިރާއްޖޭގެ އެންމެ ހަތަރު ރައީސުންނެވެ. އަދި މި ވޭތުވެދިޔަ އަހަރުތަކުގައި ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާ އދ. ގައި ތަގުރީރު ކުރައްވާފައި ވަނީ އެންމެ 10 ފަހަރެވެ.
ހިލްމީ ރާއްޖޭގެ ފަރާތުން ފުރަތަމަ ތަގުރީރު ކުރެއްވި ފަހުން ނާސިރުގެ ވެރިކަމުގައި ރާއްޖެ ތަމްސީލު ކުރެއްވީ އަބްދުއްސައްތާރު މޫސާ ދީދީ (ދެ ފަހަރު) އާއި މައުމޫން އަބްދުލްގައްޔޫމާއި ފަތުހުﷲ ޖަމީލެވެ. އދ. ގެ އެއްވެސް ބައްދަލުވުމަކަށް ނާސިރު ވަޑައިގެންފައެއްނުވެ އެވެ. އަދި ނާސިރުގެ ވެރިކަމުގައި ރާއްޖޭގެ އެއްވެސް މަންދޫބެއް އދ. އަށް ފޮނުވާފައި ނެތް ހަ އަހަރެއް ވެއަތުވެފައި ވެއެވެ.
ރައީސް މައުމޫން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމަކަށް ވަޑައިގެންނެވީ ހަތް އަހަރު ފަހުން 1985 ވަނަ އަހަރެވެ. އޭގެ ކުރިން ފޮނުއްވާފައި ވަނީ ފަތުހުﷲ ޖަމީލް (ހަ ފަހަރު) އާއި އަހުމަދު ޒަކީ އެވެ. ރައީސް މައުމޫން ޖުމްލަ ހަތް ފަހަރު އދ. ގައި ތަގުރީރު ކުރެއްވި އެވެ. އޭގެ ތެރޭގައި 2000 ވަނަ އަހަރު ބޭއްވި ހާއްސަ ސަމިޓު ވެސް ހިމެނެ އެވެ.
އދ. ގައި އެންމެ ގިނައިން ދިވެހިރާއްޖެ ތަމްސީލު ކުރައްވާފައި ވަނީ ކުރީގެ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލެވެ. އެމަނިކުފާނު ވަނީ ޖުމްލަ 25 ފަހަރު އދ. ގައި ތަގުރީރު ކުރައްވައިފަ އެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ތަގްރީރު ކުރެއްވީ 1977 ގަ އެވެ. އަދި އެންމެ ފަހު ތަގުރީރު ދެއްވީ 2004 ވަނަ އަހަރެވެ.
އދ. ގައި ދިވެހިރާއްޖެ އެންމެ ފުރަތަމަ ތަމްސީލުކޮށްފައި ވަނީ އެ ޖަމިއްޔާގެ 21 ވަނަ ދައުރުގަ އެވެ. ރާއްޖެ އެ ޖަމިއްޔާގެ މެމްބަރަކަށްވީ އޭގެ އަހަރެއްހާ ދުވަސް ކުރިން މިނިވަންކަން ލިބުމާއެކު ސެޕްޓެމްބަރު، 1965 ގަ އެވެ. އދ. ގެ މި ސެޝަންގައި ދިވެހިރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވާފައި ވަނީ އެ ޖަމިއްޔާއަށް ރާއްޖެއިން ކަނޑައެޅި ފުރަތަމަ ސަފީރު އަހުމަދު ހިލްމީ އެވެ.
ހިލްމީގެ ވާހަކަފުޅުގައި، ވަރަށް ދިގުކޮށް، ދުނިޔެއަށް އެ ޒަމާނުގައި ދިމާވެފައިވާ މައްސަލަތަކުގެ ވާހަކަތައް ދެއްކެވި އެވެ. އަދި އެ މައްސަލަތަކާމެދު ރާއްޖެއިން ދެކޭ ގޮތް ހާމަ ކުރެއްވި އެވެ. ހާއްސަކޮށް، ސައުތު އެފްރިކާގެ އަޕާތޭ ސްޓޭޓުން ހިންގަމުންދިޔަ ލާއިންސާނީ އަނިޔާތައް ރާއްޖެއިން ކުށްވެރިކުރި އެވެ. އަދި ވިއެޓްނާމްގެ ހަނގުރާމައާ ދެކޮޅަށް ވެސް ރާއްޖެއިން ވަރުގަދަ ބަސްތަކެއް ބުންޏެވެ.
އަހުމަދު ހިލްމީ ދީދީ އދ. ގައި ތަގުރީރުކުރައްވަނީ.
"އަޅުގަނޑުމެންގެ ހަޔާތުގައި ދުނިޔެ އަލިފާން އަނދަވަޅަކަށް ވެއްޓި، އަގު ނުކުރެވޭނެ ފަދަ ގެއްލުންތަކެއް ތަހައްމަލްކޮށް، އެތައް މިލިއަން އިންސާނުން ވަނީ މަރުވެފައި. މިއަދު އަޅުގަނޑުމެން ހަނދާން ކުރަންވީ ކަމަކީ، ބޮޑު ހަނގުރާމަ ކުރެވިފައި ވަނީ ޓެކްނޮލޮޖީ އާއި ސައިންސް، އާދަޔާ ހިލާފް ބާރުމިނެއްގައި ކުރިއަރަމުން ގޮސް މިއަދު އަޅުގަނޑުންނަށް މި ފެންނަ ތަރައްގީ އައުމުގެ ކުރިންކަން،" ހިލްމީ ވިދާޅުވި އެވެ.
އދ. ގެ އެ ބައްދަލުވުމުގައި ހިލްމީ ވަނީ އެކުވެރި ދައުލަތްތަކުގެ މުހިންމުކަމާއި ހަތިޔާރު އުފުލައި ހަނގުރާމަ ކުރުމުގެ ބަދަލުގައި މަޝްވަރާ ކުރުން އިސްކުރުމަށް ގޮވާލައްވައިފަ އެވެ. އަދި ގައުމުތަކުގެ މެދުގައި ޖެހޭ މައްސަލަތައް، ހަނގުރާމައަކާ ހަމައަށް ދިޔުމުގެ ކުރިން، ހައްލު ކުރުމަށް އދ. އިން އިސްނެގުމަށް ރާއްޖެއިން އެދުނެވެ.
"މިއަދު އިންސާނީ ދަރިފަސްކޮޅު މިތިބީ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް ނުހަނަ ބޭނުންޖެހިފައި. އަދި ހަލާކާއި ފަނާވުމުން ސަލާމަތްކޮށްދޭނެ އުއްމީދީ އަލިވޮއްގަނޑެއްގެ ގޮތުގައި ދުނިޔެ މިއަދު ދެކެނީ އެކުވެރި ދައުލަތްތަކުގެ މި ޖަމިއްޔާ. ހަނގުރާމައިގެ ނުރައްކާތެރިކަން އަޅުގަނޑުމެން އަބަދުވެސް ވަޒަން ކުރަންޖެހޭ. ނަމަވެސް އެކަން ކުރަންޖެހޭނީ ގަދަބާރަކުން ނޫން، އެކަމަކު އެކަން ކުރެވޭނެ އެންމެ ސުލްހަވެރިކޮށް،" އޭނާ ވިދާޅުވި އެވެ.
މައުމޫނަކީ ރާއްޖެ ތަމްސީލު ކުރައްވައި އދ. ގައި ވާހަކަ ދެއްކެވި ތިން ވަނަ ބޭފުޅާ އެވެ. ހިލްމީއަށް ފަހު، 1976 އާ ހަމައަށް ރާއްޖެ އދ. ގައި ތަގުރީރެއް ދީފައި ވަނީ އެންމެ ދެ ފަހަރެވެ. އެ ދެ ފަހަރު ވެސް ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ އަބްދުއްސައްތާރު މޫސާ ދީދީ އެވެ. އެއިރު އަބްދުއްސައްތާރަކީ ރާއްޖެއިން އދ. އަށް ކަނޑައަޅާފައި ހުންނެވި ދާއިމީ ސަފީރެވެ.
މައުމޫން އދ. ގައި ދެއްވި ތަގުރީރުގައި ވެސް ވަރަށް ގިނަ މައްސަލަތާ ގުޅޭ ގޮތުން ވާހަކަ ދެއްކެވި އެވެ. ރާއްޖޭގެ އިގްތިސާދީ މަސައްކަތްތަކާއި ހާރިޖީ ގުޅުންތަކަށް ވެސް މައުމޫންގެ ވާހަކަފުޅުގައި އަލިއެޅުއްވި އެވެ. އަދި މިފަހަރު ވެސް، ދުނިޔޭގެ ސުލްހައަށް އދ. އަށް ކުޅެވޭނެ މުހިންމު ރޯލުގެ ވާހަކަ ރާއްޖޭގެ ފަރާތުން އެކުވެރި ގައުމުތަކަށް ހިއްސާ ކުރި އެވެ.
"މިއަދު ދުނިޔެއަށް ދިމާވެފައިވާ ސިޔާސީ އަދި އިގްތިސާދީ މައްސަލަތަކަށް އެކަށީގެންވާ ގޮތެއްގައި ކުރިމަތިލުމަށް އދ. ގެ ނިޒާމު ވަރުގަދަ ކުރަންޖެހޭ. މީގެ އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި، ބޭނުންވާ ކޮންމެ ގައުމަކަށް އދ. ގެ މެމްބަރަކަށްވުމުގެ ފުރުސަތު ހުޅުވާލަންޖެހޭ. ރާއްޖެ ދެކެނީ، މިނިވަން މުސްތަގިއްލު ކޮންމެ ގައުމަކަށް އދ. ގެ މެމްބަރަކަށް ވެވެންޖެހޭނެ ކަމަށް،" މައުމޫން ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދު މަސްވެރިކަމަށް އެކަނި ބަރޯސާވެފައި އޮތުމުން އޭގެ ކަންބޮޑުމުން އދ. ގައި މައުމޫން ފާހަގަ ކުރެއްވި އެވެ. އަދި މުޅިން އަލަށް ފަށައިގަނެފައިވާ ޓުއަރިޒަމް އިންޑަސްޓްރީއަށް އުއްމީދުގެ ވާހަކަ އާއި ދިވެހިރާއްޖޭގެ ގުދުރަތި ވަސީލަތްތަކުގެ މަދުކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
"މިއަދާ ހަމައަށް، އިގްތިސާދީ އަދި އިޖްތިމާއި ކުރިއެރުން ހޯދުމަށް ދިވެހިރާއްޖެ މަސައްކަތްކޮށްފައި ވާނީ، އެއީ އަދި ކިތަންމެ މަދު ތަކެތި ކަމުވައިވި ނަމަވެސް، މިގައުމުން ލިބޭ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން. އަދި މި ގޮތުން ދިވެހިރާއްޖެ ހޯދާފައިވާ ކުރިއެރުންތަކާމެދު އަޅުގަނޑުމެން ހައްގު ގޮތުގައި ފަހުރުވެރިވޭ،" މައުމޫން ވިދާޅުވި އެވެ.
މިލީނިއަމް ސަމިޓަކީ 21 ވަނަ ގަރުނުގެ ދުނިޔޭގައި އދ. އަށް ކުޅެވިދާނެ ރޯލާމެދު ދުނިޔޭގެ ވެރިން ބަހުސް ކުރެއްވުމަށް ބޭއްވި ހާއްސަ ސަމިޓެކެވެ. މިއީ އެ ދުވަހާ ހަމައަށް އެންމެ ގިނަ ދައުލަތްތަކުގެ ވެރިން އެއްތަންވި ފުރަތަމަ ފަހަރެވެ. ސެޕްޓެމްބަރު 3، ގައި ފަށައި ތިން ދުވަހަށް ކުރިއަށްގެންދިޔަ މި ސަމިޓުގައި "ޔުނައިޓެޑް ނޭޝަންސް މިލީނިއަމް ޑެކްލެއަރޭޝަން" ގައި ގައުމުތަކުގެ ވެރިން ސޮއި ކުރެއްވި އެވެ. ތިމާވެށި، ސުލްހަ، ބަނޑުހައިހޫނުކަން، އިންސާނީ ހައްގުތައް، އަދި ދެރަ ނިކަމެތީންނާމެދު އަމަލު ކުރާނެ އުސޫލު ހިމެނޭ ގޮތަށް 60 ގޯލެއް އެ ޑެކްލެއަރޭޝަންގައި ލިޔެފައިވެ އެވެ.
މައުމޫން އަބްދުލް ގައްޔޫމް ތަގުރީރުކުރައްވަނީ.
މިލީނިއަމް ސަމިޓަކީ ރައީސް މައުމޫން އދ. ގައި ވާހަކަފުޅު ދެއްކެވި ހަ ވަނަ ފަހަރެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަނަވާ އދ. އާ މުހާތަބް ކުރާ ފަސް ވަނަ ފަހަރެވެ. ސަމިޓުގައި ރައީސް މައުމޫނަށް ލިބިވަޑައިގެންނެވި ފަސް މިނެޓުގައި އެމަނިކުފާނު ވަނީ އދ. ގެ ކާމިޔާބީ ފާހަގަ ކުރައްވައި، އެ ޖަމިއްޔާއަށް ނުހުއްޓުވުނު މުސީބާތްތަކުގެ ވާހަކަ ވެސް ދައްކަވައިފަ އެވެ.
"ހަނދުމަފުޅު ބަހައްޓަވާ ބަނޑުހައިހޫނުކަމުގައި މަރުވަމުންދާ ކުޑަކުދިން. މެދުއިރުމައްޗާއި އޭޝިޔާ އަދި އެފްރިކާގައި މަރަމުންދާ މީހުންގެ ހަނދާނަށް ގެންނަވާ. އެކި ގޮތްގޮތުން ހިންގަމުންދާ ޓެރަރިޒަމްގެ އަމަލުތަކާމެދު އަދި ޓްރިލިއަނުން ހަރަދުކޮށްގެން ހަތިޔާރުގެ ރޭހުގެ ކުރި ހޯދުމަށް ކުރާ މަސައްކަތާމެދު ވިސްނާލައްވާ. ހަލުވިކަމާއެކު ހަލާކުވަމުންދާ ތިމާވެށީގެ މަތިން ހަނދާންނައްތާނުލައްވާ. ގަތުލްއާންމުތަކާއި ހަނގުރާމަތަކާއި ބަލިތަކުން މަރުވާ މީހުންގެ ހަށިގަނޑުތައް ދަނީ ގިނަވަމުން،" މައުމޫން ވިދާޅުވި އެވެ.
އޭގެ އިތުރުން، މި ގަރުނުގައި ތިމާވެއްޓާމެދު އިތުރަށް ސަމާލުވެ، ދިވެހިރާއްޖެ ފަދަ ލޮނުގަނޑު އުސް ގައުމުތައް ސަލާމަތް ކުރުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކަށް ރައީސް މައުމޫން ގޮވާލެއްވި އެވެ. އަދި ދުނިޔެ ހޫނުވުން މައިތިރި ކުރުމަށާއި ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ކުޑަ ކުރުމަށް އދ. އިން ހާއްސަ މަސައްކަތްތަކެއް ކުރުމަށް މައުމޫން އެދިވަޑައިގެންނެވި އެވެ.
"މީގެ ގަރުނެއްފަހުން، އދ. ބައްދަލުވާއިރު، ދިވެހިރާއްޖެ އަދި ބިން ތިރި ގައުމުތައް ހާޒިރުވެ ތިބޭނެބާ؟ މިއީ ހިތާމަވެރި އަދި ނިހާޔަތަށް ކަންބޮޑުވާންޖެހޭ ކަމެއް،" މައުމޫން ވިދާޅުވި އެވެ. "ޕޯޑިއަމްގައި އަޅުގަނޑަށް ލިބުނު އަޖަލު މިހާރު ހަމަވެއްޖެ، އެކަމަކު އަޅުގަނޑުގެ ދުއާއަކީ ދިވެހިރާއްޖޭގެ ވަގުތު އަދި ނުޖެހޭނެ ކަމަށް."
އދ. ގެ 59 ވަނަ އާންމު ބައްދަލުވުމަކީ ފަތުހުﷲ ޖަމީލް އެ މަޖިލީހަށް ވަޑައިގެންނެވި އެންމެ ފަހު ފަހަރެވެ. ތަގުރީރުގައި ފަތުހުﷲ ވަނީ ބަނޑުހައިހޫނުކަމާއި އެނގުނުމާއި ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކުގެ އިތުރުން ޓެރަރިޒަމް އާއި ހަނގުރާމަތަކާއި ލޭއޮހޮރުވުންތަކުގެ ވާހަކަ ދައްކަވައި، އެކަންތައްތައް ކުށްވެރި ކުރައްވައިފަ އެވެ.
"މި ގޮންޖެހުންތަކުގެ ސަބަބުން، ކުޑަ ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެ އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި. އެއީ އަޅުގަނޑުމެންގެ ސަލާމަތް ބިނާވެގެންވަނީ މުޅި ދުނިޔޭގެ ވެސް ސުލްހައަށް އަދި ހުރިހާ ގައުމަކުން ވެސް ގާނޫނުތަކަށް ބޯލެނބުމުގެ މައްޗަށް ކަމަށް ކަމަށްވާތީ،" ފަތުހުﷲ ވިދާޅުވި އެވެ.
ފަތުހުﷲ ޖަމީލް ތަގުރީރުކުރައްވަނީ.
ސަރުކާރުތަކުގެ ބޭރުން މަސައްކަތް ކުރާ ޓެރަރިސްޓުންނާއި ބާޣީ ގޭންގުތަކާއި ރާވައިގެން ކުށް ކުރާ ޖަމާއަތްތަކުގެ ޝިކާރައަކަށް ކުދި ގައުމުތަށް ވަމުންދާ ކަމަށް ފަތުހުﷲ ފާހަގަ ކުރެއްވި އެވެ. އަދި އޭގެ ސަބަބުން ގައުމުތަކުގެ ކުރިއެރުން ފަހަތަށްޖެހި ބޮޑެތި ގެއްލުންތައްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އދ. އިން ފާސްކޮށްފައިވާ ރެޒޮލިއުޝަންތަކާ އެއްގޮތްވާ ގޮތުގެ މަތިން ބޮޑެތި ގައުމުތަކުން ކުދި ގައުމުތަކަށް ހިމާޔަތްދޭންޖެހޭނެ. ދުނިޔޭގެ ގައުމުތައް އަދި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު އެންމެ ބޮޑަށް ފަހިވެފައި އޮތީ އދ. އަށް ކަމަށްވާތީ މި މައްސަލައަށް އެންމެ ރަނގަޅަށް އިންސާފު ކުރެވޭނީ ތި ޖަމިއްޔާއަށް،" އޭނާ ވިދާޅުވި އެވެ.
މިއީ ޑިމޮކްރެޓިކް އިންތިހާބެއް 2008 ވަނަ އަހަރު ބޭއްވި ފަހުން ރާއްޖެއިން އދ. ގައި ތަގުރީރު ކުރި ފުރަތަމަ ފަހަރެވެ. އދ. ގެ 64 ވަނަ ބައްދަލުވުމުގައި ރައީސް ނަޝީދު ރާއްޖެ ތަމްސީލު ކުރެއްވުމުން، 1978 ވަނަ އަހަރުން ފެށިގެން ރައީސް މައުމޫން ނުވަތަ އެމަނިކުފާނު ފޮނުއްވި ބޭފުޅެއް އެކުވެރި ދައުލަތްތަކުގެ ކުރިމަތީގައި ރާއްޖެ ތަމްސީލު ކުރެއްވި ކުރެއްވުން ނިމުމަކަށް އައީ އެވެ.
މިއީ ރައީސް ނަޝީދު އދ. ގައި ތަގުރީރު ކުރެއްވި ހަމައެކަނި ފަހަރެވެ. ނަޝީދުގެ ތަގުރީރުގައި އެމަނިކުފާނު ވަނީ ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ވާހަކަ ދައްކަވައިފަ އެވެ. އަދި މައުމޫންގެ ސަރުކާރުގައި ސިޔާސީ ކުށްވެރިއެއްގެ ގޮތުން ޖަލުގައި ތަހައްމަލް ކުރެއްވި އަނިޔާގެ ވާހަކަތައް ވެސް ނަޝީދު ދެއްކެވި އެވެ.
"މިއީ ޑިމޮކްރެޓިކް އިންތިހާބެއްގެ ދަށުން ވެރިކަމަށް އައި ރައީސަކު ދިވެހިރާއްޖޭގެ ފަރާތުން އދ. ގެ އާންމު އެސެމްބްލީގައި ވާހަކަ ދައްކާ ފުރަތަމަ ފަހަރު. މިތަނަށް އާދެވުނީތީ އަޅުގަނޑު މި ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި. ވެއެތުވެދިޔަ މިފަދަ ވަރަށް ގިނަ ބައްދަލުވުންތައް ކުރިއަށްދިޔައިރު އަޅުގަނޑު ހުރީ ހޫނު، ދިލަ، ގޮޅިއެއްގައި ފަހަތަށް ބިޑި އަޅުވައި، ފަޔާއެކު ބަންދު ކުރެވިފައި. މީގެ ސަބަބަކީ ދިވެހިރާއްޖޭގެ ތިން ލައްކައެއްހާ ރައްޔިތުންނަކީ މިނިވަން، ގަދަރުވެރި، ބިރުވެތިކަމުން މިންޖުވެ، އަމާންކަމާއެކު އުޅެންޖެހޭ ބައެއް ކަމަށް އަޅުގަނޑު ހިތުގެ އަޑިން ގަބޫލު ކުރުން،" ނަޝީދު ވިދާޅުވި އެވެ.
ޑިކްޓޭޓާޝިޕެއް ވައްޓާލައި ޑިމޮކްރަސީ ރާއްޖޭގައި ގާއިމް ކުރެވުނީ ބައިނަލްއަގްވާމީ ދުނިޔޭގެ ވަރަށް ބޮޑު އެހީތެރިކަން ލިބިގެން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ރާއްޖެ ގިރާކޮށްފައިވާ ހަރުފަތްތަކާމެދު އދ. ގެ ގައުމުތަކުން ފަހުރުވެރިވުން ހައްގު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެކަމަކު ޑިމޮކްރެޓިކް ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮތުމަށް ރަހުމަތްތެރި ގައުމުތަކުގެ އެއްބާރުލުން އަބަދުވެސް ބޭނުންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ބޭރު ގައުމުތަކުގެ އެހީ ރާއްޖެއިން ބޭނުންވާ އެކި ދާއިރާތައް އެބަހުރި. އެންމެ ފުރަތަމަ ކަމަކީ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް. ޑިމޮކްރެޓިކް މުޖްތަމައެއްގައި ހިމެނޭ ތަނބުތަކުގެ ތެރެއިން އިންސާނީ ހައްގުތަކާއި ހެޔޮ ވެރިކަމާއި މުސްތަގިއްލު ކޮމިޝަންތަކާއި މިނިވަން ނޫސްވެރިކަމެއް ބިނާކޮށް ޖަމިއްޔާ ޖަމާއަތްތަކުގެ ދައުރު ހަރުދަނާ ކުރުމަށް ރާއްޖެއިން އެހީ ބޭނުންވޭ،" ނަޝީދު ވިދާޅުވި އެވެ.
އދ. ގެ 67 ވަނަ އާންމު އެސެމްބްލީއަކީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވައި ރާއްޖެ ތަމްސީލު ކުރެއްވި ފުރަތަމަ ފަހަރެވެ. އޭގެ ކުރިން މި އެސެމްބްލީގައި ދެ ފަހަރަކަށް ނައިބު ރައީސްގެ މަގާމުގައި އެމަނިކުފާނު ވަނީ ރާއްޖެ ތަމްސީލު ކުރައްވައިފަ އެވެ. އޭގެ އިތުރުން މިލީނިއަމް ގޯލްސްއާ ގުޅޭ ގޮތުން 2010 ވަނަ އަހަރު ބޭއްވި އދ. ގެ ހައި ލެވެލް ބައްދަލުވުމެއްގައި ވެސް ރާއްޖޭގެ ފަރާތުން ވަހީދު ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި ވަހީދު ވަނީ ރައީސް ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ވާހަކަ އާއި ރައީސް ނަޝީދުގެ އިސްތިއުފާދެއްވި ހާދިސާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އަދި ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބޭނުންކޮށްގެން ތަރައްގީއަށް ހުރަސް އެޅުމަކީ އެއްވެސް ފަރާތަކުން ހިންގައިގެންވާނެ އަމަލެއް ނޫން ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
ޑރ. ވަހީދު އދ. ގައި ތަގުރީރުކުރައްވަނީ.
"ޑިމޮކްރަސީ ހަރުދަނާ ކުރުމަށް މި ފާއިތުވި އަށް މަސް ދުވަހަކީ ދިވެހިރާއްޖެ ދަތި، އުނދަގޫ ދުވަސްވަރެއް. ގައުމުގެ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ފެބްރުއަރީ މަހު އިސްތިއުފާ ދެއްވުމަށްފަހު ފަހުން ވިދާޅުވަމުންދަނީ އެކަން ކުރެއްވީ މަޖުބޫރީ ހާލަތެއްގައި ކަމަށް. ސަރުކާރުން މި މައްސަލަ ތަހުގީގު ކުރުމަށް އިންކުއަރީ ކޮމިޝަނެއް އެކުލަވާލި. އަޅުގަނޑުމެންގެ ބައެއް އެކުވެރިން، ބަސް ބުނުމަށް އަވަސްވެގަތް އަދި އޭގެ ނަތީޖާ އަޅުގަނޑުމެންނަށް ރަނގަޅެއް ނޫން. ބައެއް ކުދި އަދި ބޮޑެތި ދައުލަތްތަކުން ދާހިލީ، ސިޔާސީ މައްސަލައެއްގައި ވަކި ކޮޅަކަށް ބުރަވެ، ގޯސްކޮށް އޮތް މަސްރަހު އިތުރަށް ގޯސް ކުރުމުގައި ބައިވެރިވެވުނު،" ވަހީދު ވިދާޅުވި އެވެ.
އޭގެ އިތުރުން، ފަލަސްތީނުގެ މައްސަލަ އާއި ސީރިޔާގެ ދާހިލީ ހަނގުރާމަ އާއި ޓިއުނީޝިޔާ އަދި މިސްރުގެ އިންގިލާބަށްފަހު ބޭއްވި ފުރަތަމަ އިންތިހާބުގެ ވާހަކަ ވެސް ވަހީދު ދެއްކެވި އެވެ. އަދި ގޮވާލެއްވީ ހުރިހާ ގައުމެއް ވެސް ސުލްހަ އިސްކުރުމަށެވެ.
"އަޅުގަނޑުމެން ގަބޫލު ކުރަނީ ތަފާތު ހިޔާލުތައް ބަލައިގަތުމާއި އެކަކު އަނެކަކަށް އިހުތިރާމް ކުރުމަކީ ތަފާތު ދީންތަކާއި ސަގާފަތްތަކުގެ މެދުގައި އޮތް ތަފާތު ނައްތާލެވި، އަޅުގަނޑުމެންގެ މި ދުނިޔެއަކީ މުސްތަގްބަލުގެ ދަރިންނަށް ސުލްހަމަސަލަސްކަން އޮތް ތަނެއްގެ ގޮތުގައި ވާރުތަކޮށްދެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
މަރިޔަމް ޝަކީލާއަކީ އދ. ގެ އާންމު މަޖިލިހުގައި ދިވެހިރާއްޖެ ތަމްސީލު ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާ އެވެ. އެއިރު ޝަކީލާ ހުންނެވީ އެކްޓިން ފޮރިން މިނިސްޓަރުގެ މަގާމުގަ އެވެ. އދ. ގެ މަޖިލީހުގެ ޕޯޑިއަމަށް ޝަކީލާ އަރައިވަޑައިގެންނެވީ ހުސެއިން ހިލްމީ އެ ޕޯޑިއަމަށް އަރައިވަޑައިގެންނެވިތާ 47 އަހަރު ފަހުންނެވެ.
ޝަކީލާގެ ތަގުރީރުގައި ދުނިޔޭގެ ސުލްހައަށް އދ. ގެ މުހިންމުކަން ފާހަގަ ކުރައްވައި އެ ޖަމިއްޔާގެ ސެކިއުރިޓީ ކައުންސިލް އިސްލާހު ކުރުމަށް މެމްބަރު ގައުމުތަކުގެ ކިބައިން އެދިވަޑައިގެންނެވި އެވެ. ހަމައެކަނި ބާރުގަދަ ގައުމުތަކުގެ ބަސް ވިކުމުގެ ބަދަލުގައި ކުދި ގައުމުތަކުގެ ބައިވެރިވުން ވެސް އދ. މުހިންމުކަން ޝަކީލާ ފާހަގަ ކުރެއްވި އެވެ.
"ސެކިއުރިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމުގެ އިތުރުން އެ ކައުންސިލް މަސައްކަތް ކުރަމުން ގެންދާ އުސޫލުތަކަށް ވެސް ބަދަލު ގެންނަންޖެހޭ. އދ. ގެ ނަޒާހާތްތެރިކަން، ބާރު އަދި ސައްހަކަން އިޔާދަ ކުރެވޭނެ ހަމައެކަނި ގޮތަކީ އެއީ،" ޝަކީލާ ވިދާޅުވި އެވެ.
އޭގެ އިތުރުން، އދ. އިން ކަނޑައެޅި މިލީނިއަމް ޑިވެލޮޕްމަންޓް ގޯލްސްގެ ތެރެއިން ވަރަށް ގިނަ ކަންކަން ތާވަލަށް ވުރެ ކުރިން ރާއްޖެއިން ވާސިލްވެފައިވާ ކަމަށް ވެސް ޝަކީލާ ވިދާޅުވި އެވެ. ބައެއް ލަނޑުދަނޑިތަކަށް ވާސިލްނުވެވި ހުރި ނަމަވެސް ބައެއް ކަންކަމުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
ޑރ. ޝަކީލާ އދ. ގައި ތަގުރީރުކުރައްވަނީ.
"ޖިންސުގެ ހަމަހަމަކަން ކަށަވަރު ކުރުމުގައި، ހާއްސަކޮށް ސިއްހީ އަދި އުނގެނުމުގެ ދާއިރާގައި ރާއްޖެއިން ވަނީ ކުރިއެރުން ހޯދާފައި. ގާތްގަނޑަކަށް ދިވެހިރާއްޖޭގެ ހުރިހާ ހިސާބެއްގައި އުޅޭ އަންހެނުންނަށް ވެސް ސިއްހީ ނިޒާމް ބޭނުން ކުރުމުގެ ފުރުސަތު އޮވޭ އަދި ފިރިހެން ކުދިންނެކޭ އެއްފަދައިން އަންހެން ކުދިން ވެސް ލިޔަންކިޔަން ދަންނަ ނިސްބަތުން ވަރަށް ގިނަ،" ޝަކީލާ ވިދާޅުވި އެވެ.
ރާއްޖޭގައި އެ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމި، ނަމަވެސް މޮޅުވި ކެންޑިޑޭޓެއް ނޭނގޭތީ މައްސަލަ ސުޕްރީމް ކޯޓުގައި އޮތް ކަމަށް ޝަކީލާ ވިދާޅުވި އެވެ. އެކަމަކު އެ ދަނޑިވަޅުގައި ވެސް ބައެއް ގައުމުތަކުން ރާއްޖެއަށް ނުފޫޒު ފޯރުވަން އުޅޭ ކަމަށް ވިދާޅުވެ އެކަންތައް ޝަކީލާ ކުށްވެރި ކުރި އެވެ.
"ދިވެހިރާއްޖެއަކީ ކުޑަ ގައުމެއް. އަޅުގަނޑުމެންގެ އިދާރާތައް އަދި ވަރަށް ޅަ. އެކަމަކު އޭގެ މާނައަކީ ބާރުވެރި ގައުމުތަކުން ދިވެހިރާއްޖޭގެ ދާހިލީ މައްސަލަތަކުގެ ތެރެއަށްވަދެ، ކަންކަމުގެ ނަތީޖާ ވަކި ގޮތަކަށް ނެރުމަށް މަސައްކަތް ކުރަންޖެހޭ ސަބަބެއް ނޫން،" އޭނާ ވިދާޅުވި އެވެ.
Comment