Advertisement

އަފްގާނުން އިންޑިއާއަށް އެތެރެކުރަން އުޅުނު 2.7 ބިލިއަން ޑޮލަރުގެ ހެރޮއިން ހިފަހައްޓައިފި

20 ސެޕްޓެންބަރު 2021 - 22:30 2

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަފްގާނިސްތާނުން ބޭރު ކުރި މަސްތުވާތަކެތި އިންޑިއާއާ ހަމައަށް ދިޔެއީ އިރާން މަގުން.


އަފްގާނުން އިންޑިއާއަށް އެތެރެކުރަން އުޅުނު 2.7 ބިލިއަން ޑޮލަރުގެ ހެރޮއިން ހިފަހައްޓައިފި

20 ސެޕްޓެންބަރު 2021 - 22:30 2

އަހްމަދުއާބާދު، އިންޑިއާ (ސެޕްޓެމްބަރު 20) - މަގުމަތީގެ އަގުން 2.7 ބިލިއަން ޑޮލަރަށްވާ ތިން ޓަނުގެ ހެރޮއިން އިންޑިއާއަށް އެތެރެކުރަން އުޅަނިކޮށް އެ ގައުމުގެ ހުޅަނގުގެ ބަނދަރަކުން ހިފަހައްޓައިފި އެވެ.

ޓެލްކަމް ޕައުޑާ ނުވަތަ ރީތިވުމަށް ބޭނުން ކުރާ ފުށުގެ ގޮތުގައި ލޭބަލްކޮށްފައިވާ ދެ ކޮންޓެއިނަރަކުން މަސްތުވާތަކެތި ފެނުމާއެކު އިންޑިއާގެ ދެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އެ ތަކެތި ފެނުނީ ހުޅަނގު ގުޖަރާތު ސްޓޭޓުގެ މުންޑްރާ ބަނދަރުން ޑައިރެކްޓަރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރްއައި) އޮފިޝލުންނަށެވެ.

އެއް ކޮންޓެއިނަރުގައި 2،000 ކިލޯގެ ހެރޮއިން އަދި ދެ ވަނަ ކޮންޓެއިނަރުގައި 1،000 ކިލޯގެ ހެރޮއިން ހުއްޓެވެ. އެ ތަކެތި ބޭރުކޮށްފައި ވަނީ އަފްގާނިސްތާނުންނެވެ. އިންޑިއާއާ ހަމައަށް އެ ތަކެތި ފޯރީ އިރާނުން ފުރި ބޯޓެއްގަ އެވެ.

މަސްތުވާތަކެތި ފެނުމާ ގުޅިގެން އިތުރު އޮޕަރޭޝަންތައް ދަނީ އަހްމަދުއާބާދު، ދިއްލީ، ޗެންނާއީ، ގާންދީދާމް އަދި މަންދްވީގައި ހިންގަމުން ކަމަށް ޑީއާރްއައި އިން ބުނެ އެވެ.

ހިފެހެއްޓި ޝިޕްމަންޓުގެ އަގަކީ 2.7 ބިލިއަން ޑޮލަރު ކަމަށާއި މިކަމުގައި އަފްގާން ރައްޔިތުންގެ ބައިވެރިވުން ވެސް ހިމެނޭ ކަމަށް ޑީއާރްއައި އިން ނެރުނު ބަޔާނެއްގައު ބުންޏެވެ.

ނަމަވެސް އިންޑިއާގެ ދެ މީހުން ފިޔަވައި އިތުރު އެއްވެސް ބަޔަކު މިހާތަނަށް ހައްޔަރުކޮށްފައެއް ނުވެ އެވެ.

އަފްގާނިސްތާނަކީ އެންމެ ގިނައިން ހެރޮއިން ސަޕްލައި ކުރާ ގައުމެވެ. އެގޮތުން ދުނިޔޭގެ ބާޒާރަށް ނެރޭ ހެރޮއިންގެ 80-90 ޕަސެންޓު ސަޕްލައި ކުރަނީ އެ ގައުމުންނެވެ.

ފަހަކަށް އައިސް ހެރޮއިން އުފެއްދުމުގެ ވިޔަފާރި އަފްގާނިސްތާނުގައި އަލުން ފުޅާވެފައި ވާއިރު، މިދިޔަ އޯގަސްޓު މަހު ވެރިކަމަށް އައި ތާލިބާނުންގެ ކަންކަމަށް ފަންޑު ކުރަނީ އެ ފައިސާއިން ކަމަށް ތުހުމަތުކުރެވެ އެވެ.