Advertisement

ފަސް އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ރައްކާތެރި

21 ސެޕްޓެންބަރު 2021 - 05:50 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކޮވިޑާ ދެކޮޅަށް ފައިޒާ އިން އުފެއްދި ވެކްސިން.


ފަސް އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ރައްކާތެރި

21 ސެޕްޓެންބަރު 2021 - 05:50 0

ފްރެންކްފާޓް، ޖަރުމަނު (ސެޕްޓެމްބަރު 20) - އުމުރުން ފަސް އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާގެ ކޮވިޑް ވެކްސިން ރައްކާތެރި ކަމަށާއި ވަރަށް އަވަހަށް ހުއްދަ ހޯދަން އެދޭނެ ކަމަށް ފައިޒާ އަދި ބަޔޯއެންޓެކުން ބުނެފި އެވެ.

ނަމަވެސް 11 އަހަރުން ދަށުގެ ކުދިންނަށް ދޭނީ އެ އުމުރުން މަތީގެ ކުދިންނާއި މީހުންނަށް ދޭ ޑޯޒަށް ވުރެ ކުޑަ ޑޯޒެކެވެ.

"ޓެސްޓުގައި ބައިވެރިވި އުމުރުން ފަސް އަހަރާއި 11 އަހަރުގެ ކުދިންނަށް ވެކްސިން ރައްކާތެރި. ބައްޔާ ދެކޮޅަށް ހަށިގަނޑުގައި ރަނގަޅަށް އެންޓިބޮޑީ އުފެދޭ،" ފައިޒާ އާއި ބަޔޯއެންޓެކްގެ ބަޔާނެއްގައި ބުންޏެވެ.

ބަޔާނުގައިވާ ގޮތުން އެ އުމުރުގެ ކުދިންނަށް ވެކްސިން ދޭން ފެށުމުގެ ގޮތުން އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ރެގިއުލޭޓަރީ އިދާރާތަކުގެ ހުއްދައަށް އެދި ވަރަށް އަވަހަށް ހުށަހަޅާނެ އެވެ.

މިއީ އެ އުމުރުފުރާގެ ކުދިންގެ މެދުގައި ކޮވިޑް ވެކްސިނެއް ޓެސްޓު ކުރުމަށް ފަހު ލިބުނު ފުރަތަމަ ނަތީޖާ އެވެ. މޮޑާނާ އިން ވެސް ދަނީ އުމުރުން ހަ އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް އެ ކުންފުނީގެ ވެކްސިން ދީގެން ޓެސްޓުތައް ހަދަމުންނެވެ.

މިހާރު ވެސް ފައިޒާ އާއި މޮޑާނާގެ ވެކްސިން 12 އަހަރުން މަތީގެ ކުދިންނަށް ވަރަށް ގިނަ ގައުމުތަކުގައި ދަނީ ދެމުންނެވެ.

ކޮވިޑުގެ ނުރައްކާ ކުޑަކުދިންނަށް އޮންނަނީ ކުޑަ މިންވަރަކަށް ނަމަވެސް ހަލުވިކަމާއެކު ފެތުރޭ ޑެލްޓާ ވޭރިއެންޓު ޖެހިއްޖެ ނަމަ ކުޑަކުދިންގެ މެދުގައި ވެސް ސީރިއަސް ގިނަ ކޭސްތައް ފެނިދާނެކަމާ މެދު ތަޖުރިބާކާރުން ކަންބޮޑުވެ އެވެ.

ބަލިމަޑުކަން ނިމުމަކަށް ގެނެސް، އަލުން ސްކޫލުތައް އެއްކޮށް ހުޅުވާލެވޭނީ ކުޑަކުދިންނަށް ވެސް ވެކްސިން ދީގެން ކަމަށް ގައުމުތަކުން ގަބޫލުކުރެ އެވެ.

އުމުރުން ފަސް އަހަރާޢި 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ އިން ދިނީ 10 މައިކްރޯގްރާމްގެ ދެ ޑޯޒެވެ. ދެ ޑޯޒް ދެމެދުގައި 21 ދުވަސް ހޭދަކުރި އެވެ. އުމުރުން 12 އަހަރުން މަތީގެ އުމުރުފުރާއަށް ފައިޒާ ވެކްސިންގެ ދެ ޑޯޒް ދެނީ 30 މައިކްރޯގްރާމުންނެވެ.

ސައިޑްއިފެކްޓުތައް ފެނުނީ އެހެން އުމުރުތަކާ ވެސް އެއް ވަރަށް ކަމަށާއި އެންމެ ގިނައިން ދިމާވީ ވެކްސިން ޖަހާ ތަނުގައި ރިއްސުމާއި، ދުޅަވުމާއި، ބޮލުގައި ރިއްސުމާއި، ފިނިވުމާއި ހުން އައުން ކަމަށް ފައިޒާ އިން ބުންޏެވެ.