Advertisement

ޖޫނީ، "ޖޫނިއާ" އެއް ނޫން؛ މިއީ ދިވެހި މިއުޒިކްގެ އެންމެ ތާޒާ އަޑު

28 ސެޕްޓެންބަރު 2021 - 09:19 2

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު މިހުނާ ނާސިހް

އާއިޝަތު ޖޫނީ ޖިނާހު. --- ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު


ޖޫނީ، "ޖޫނިއާ" އެއް ނޫން؛ މިއީ ދިވެހި މިއުޒިކްގެ އެންމެ ތާޒާ އަޑު

28 ސެޕްޓެންބަރު 2021 - 09:19 2

ސާފް ޗެމްޕިއަންޝިޕުގެ ރާއްޖޭގެ ކެމްޕެއިން ތީމުން އާއިޝަތު ޖޫނީ ޖިނާހް (ޖޫނީ) ގެ އަޑު އިވިގެން ދިއުމަކީ މި ޒުވާން ހުނަރުވެރި ލަވަކިޔުންތެރިޔާ އަށް ލިބުނު ފަޚްރަކާއި ޝަރަފެއް އެކަންޏެއް ނޫނެވެ. އޭނާ ދެކޭ ގޮތުގައި މިއީ މިވީ އަށް ވަރަކަށް އަހަރު ކެޑިނޭޅި މި ރޮނގުން ކުރިއަށް ދިއުމަށް އޭނާ ކުރި މިންނެތް މަސައްކަތް މީހުން ބަލައިގަތް ކަމުގެ ފެށުން ވެސްމެ އެވެ.

އުމުރުން އަދި އެންމެ 15 އަހަރު ނަމަވެސް ލަވަ އާއި މިއުޒިކުގައި ޖޫނީގެ ތަރި ފިޔަޖާހަމުން އަންނަނީ ވަރަށް އުހުގަ އެވެ. ލަވަކިޔުމަށް ޖޫނީގެ ހިތުގައި އޮތް ހާއްސަ ލޯބި އޭނާގެ މައިންބަފައިންނަށް ވިސްނައިގެނުވުނީ އުމުރުން އެންމެ ފަސް އަހަރުގަ އެވެ.

އާއިޝަތު ޖޫނީ ޖިނާހް (ޖޫނީ). --ފޮޓޯ: ހުސެއިން ޝަޔާހް / އަދަދު


އޭރުއްސުރެވެސް ގޭތެރޭގައި ގިޓައެއް ހިފައިގެން އެކިގޮތްގޮތަށް ލަވަކިޔުމުގައި ޖޫނީ ނިކަން އަވަދިނެތި އުޅެމުން އައިއިރު ލަވަ މުބާރާތެއްގައި އޭނާ ބައިވެރިކުރުވަން ފުރަތަމަ ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. އެހެންނަމަވެސް މަޝްހޫރު ހިންދީ ލަވައެއްކަމުގައިވާ، "ލަކްޑި ކި ކާތީ" ކިޔާފައި އޮތް ވީޑިއޯ އެއް ޖޫނީ އޭރު ކިޔަވަމުން ދިޔަ ގަލޮޅު މަދަރުސާ ޕްރީ ސްކޫލްގެ އާންޓީ އަކަށް ފެނުމުން އެ މުބާރާތުން ކޮންމެހެންވެސް ޖާގަ ލިބެންޖެހޭ ކަމަށް ދެކި އެ ފުރުސަތު ޖޫނީ އަށް ތަނަވަސްކޮށްދިނެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް މި ޒުވާން ތަރީގެ މިސްރާބު ދަނީ ހަމަ ކުރިއަށެވެ.

ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 9 ގައި ޖޫނީ މިހާރު ކިޔަވަމުންދާއިރު މިއުޒިކީ ދާއިރާގައި އޭނާގެ ބިންގާ އެޅިގެން ދިޔައީ މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓާ (އެމްއެމްއޭސީ) އިންނެވެ. ހުސްވަގުތެއް ލިބިއްޖެނަމަ އަބަދުވެސް ގިޓާކުޅެލަމުން ކޮންމެވެސް ލަވައެއް ކިޔާލުމުގައި ޖޫނީ އުޅޭއިރު ގޭތެރެއިން އެނގުނު އެއްޗެއްގެ އިތުރަށް ތަމްރީނުތަކެއް ހަދާ ހުނަރު ތަރައްގީކުރުމުގެ ގޮތުން އެމްއެމްއޭސީގައި ގިޓާ އާއި ވޯކަލް ކްލާހުގައި ޖޫނީ ބައިވެރިވީ 2013 ގަ އެވެ.

ވަކި ގިންތި ތަކަކަށް ބަހާލައިގެން އެމްއެމްއޭސީގައި ކްލާސްތައް ނަގައިދެމުންދާއިރު، ޖޫނީ ބައިވެރިވި ޕްރޮގްރާމްގައި ތަމްރީނުތަކަށް ފަހު ފުރިހަމަ ކުރަންޖެހެނީ ޓްރިނިޓީ ކޮލެޖް ލަންޑަންގެ އިމްތިހާނެކެވެ. މިއީ ޕާފޯމިން އާޓްސްގެ ދާއިރާއާ އެހެނިހެންވެސް ދާއިރާތައްވެސް ހިމެނޭހެން ދުނިޔޭގެ 70 އަށް ވުރެ ގިނަ ގައުމުގައި ހަދާ އިމްތިހާނެކެވެ. މި އިމްތިހާނުގައި އޭނާ ހޯދަމުން އަންނަ ނަތީޖާތަކަކީ މުޅި އެމްއެމްއޭސީއާ އަދި ރާއްޖޭގެ މިއުޒިކީ އިންޑަސްޓްރީވެސް ފަހުރުވެރިވާފަދަ ނަތީޖާތަކެކެވެ.

"އެއް ފަހަރު ހަމަ 100 ވެސް ހޯދި، އެއީ ބަރާބަރު ފުލް މާކްސް، ދެން 2019 ގައި ގްރޭޑް ފޯ ލެވެލް އިން ގިޓާ އަދި ސިންގިން އިން ޓޮޕް ސްކޯރާ އެވޯޑް. 2020 ގައި ގްރޭޑް ފައިވް ލެވެލް ގެ ސިންގިން އިން ޓޮޕް ސްކޯރާ އެވޯޑް. މިހެން ގޮސް އެއް ފަހަރު ނޫނީ ހުރިހާ ފަހަރަކުވެސް ހަމަ ވަރަށް ފުރިހަމަ ޖޫނީގެ ނަތީޖާތައް،" ޓްރިނިޓީގައި ޖޫނީ ހޯދަމުންދާ ނަތީޖާ ތަކާއިމެދު ނިކަން އުފަލުން އޭނާގެ މަންމަ ބުންޏެވެ.

އާއިޝަތު ޖޫނީ ޖިނާހް (ޖޫނީ). --ފޮޓޯ: ހުސެއިން ޝަޔާހް / އަދަދު


މިހާތަނަށް ލިބިފައިވާ ބައެއް ކާމިޔާބީތައް:

• 2014 ޓީވީއެމް އިންޓަ ސްކޫލް ލަވަ މުބާރާތް: 9 އަހަރުން ދަށް - 1 ވަނަ / ޖޫނިއާ ގްރޫޕް 2 ވަނަ

• 2015 ޓީވީއެމް އިންޓަ ސްކޫލް ލަވަ މުބާރާތް: 9 އަހަރުން ދަށް -2 ވަނަ

• 2015 ޓީވީއެމް އިންޓަ ސްކޫލް މަދަހަ މުބާރާތް: 9 އަހަރުން ދަށް -1 ވަނަ

• 2016 ޓީވީއެމް އިންޓަ ސްކޫލް މަދަހަ މުބާރާތް: 11 އަހަރުން ދަށް 3 ވަނަ / ޖޫނިއާ ގްރޫޕް 3 ވަނަ

• ޓްރިނިޓީ ރޮކް އެންޑް ޕޮޕް ސިންގިން ގްރޭޑް 1،2،5 – 1 ވަނަ

• ޓްރިނިޓީ ރޮކް އެންޑް ޕޮޕް ގިޓާ ގްރޭޑް 3،4 – 1 ވަނަ

އަށް ގްރޭޑް އަށް ފަހު ޑިޕްލޮމާ ލެވެލްއާ ހިސާބަށް ދެވޭ ޓްރިނިޓީ ޕްރޮގްރާމްގައި ޖޫނީ މިހާރު ފުރިހަމަ ކުރަމުން ދަނީ ލެވެލް ހައެކެވެ. މި ޕްރޮގްރާމުގެ ބޭރުންވެސް އެމްއެމްއޭސީއިން އަމިއްލައަށް އިންތިޒާމް ކުރާ ގިނަ މުބާރާތްތަކެއްވެސް އޮންނައިރު މިފަހުން ޖޫނީ އަށްވަނީ އެމްއެމްއޭސީ އާއި މިނިސްޓްރީ އޮފް އާޓްސް އަދި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ގުޅިގެން 2020 ގައި ބޭއްވި "ގައުމުގެ ދުލުން" މުބާރާތުން މުޅި މުބާރާތުންނާއި، 16 އަހަރުން ދަށުގެ އުމުރު ފުރާއިންނާއި އަދި ސީނިއާ ގްރޫޕުންވެސް އެއްވަނަ ހޯދާފަ އެވެ. މީގެ އިތުރުން ޖޫނީއަކީ އެމްއެމްއޭސީގެ 2017 އަދި 2019 ވަނަ އަހަރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރެވެ. އަދި 2018 އަދި 2021 ގައި އޭނާވަނީ ހުރިހާ ގޮތަކުން ދެވަނަ ހޯދާފަ އެވެ.

މުބާރާތްތަކާއި އެއްވަރަށް ގިނަ ޕްލެޓްފޯމުތަކުގައި ލަވަ ހުށަހެޅުމުގެ ފުރުސަތުވެސް ޖޫނީ އަށް ލިބެމުންދާއިރު، އެންމެ ގިނަބަޔަކަށް ފާހަގަވާ އެއް ސިފައަކީ ކިތަންމެ ގިނަ އިރެއްވިއަސް އަދި ކިތަންމެ ފަހަރަކު ކިޔަން ޖެހުނު ނަމަވެސް އެއްވެސް ޝަކުވާއެއްނެތި ޖޫނީ އެނާގެ އެންމެ ބެސްޓް އަބަދުވެސް ދޭކަމެވެ.

ސާފްގެ ތީމް ލަވައިގެ ޝޫޓިންގެ ތެރެއިން-- ފޮޓޯ: ޢައިޝަތު އަޒަލް / ނޯވާ


ޖޫނީގެ އަޑުން އިވިފައިވާ ފަހުގެ ލަވަތަކަށް ބަލާއިރު މިނިވަން ދުވަހުގެ މުނާސަބަތުގައި މަޝްހޫރު ފެޝަން ޑިޒައިނަރު އަދި ނެށުންތެރިޔާ ޖާދުﷲ އިސްމާއިލް ޑައިރެކްޓްކޮށްފައިވާ "ގަލަމުންވެ ސޫރަ ރަންދެލީ" ލަވައާ، އެމްޓީސީސީ އިން ރަމަޟާން މަހަށް ތައްޔާރުކުރި ހާއްސަ ވީޑިއޯ އެޑްއެއްގައި ކިޔާފައިވާ "މިނިވަން ވަޔާ" ގެ ކަވާ ފާހަގަކޮށްލެވެ އެވެ. އަދި 2020 ގައި "ބެކް ޓު ސްކޫލް" ނަމުގައި ޔުނިސެފުން ތައްޔާރު ކުރި ހޭލުންތެރިކުރުވުމުގެ ލަވައެއްގައިވެސް ޖޫނީގެ އަޑު އިވިގެން ގޮސްފައި ވެއެވެ.

މިހުރިހާ ހުށަހެޅުންތަކުގެ ތެރެއިންވެސް އެންމެ ހާއްސަ އަދި ޝަރަފުވެރި ފުރުސަތަކީ ހަމަގައިމުވެސް ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގެ ކެމްޕެއިން ލަވަކަން ޔަގީނެވެ. ނޯވާ އެސޯސިއޭޓްސްއާ ހިސްޓޯރިއާގެ ފަރާތުން މި ފުރުސަތު ޖޫނީ އަށް ލިބިގެންދިޔައިރު ލަވައިގެ އޯޑިއޯ އެންމެ ދެގަޑިއިރު ތެރޭ ފުރިހަމަކޮށް ނިންމާލެވުނެވެ. އަދި ވީޑިއޯ އަށް ގިނަ އިރުތަކެއް ހޭދިވަނަމަވެސް އެއިން ކޮންމެ ވަގުތުކޮޅަކީވެސް ގައުމީ ރޫހުގައި ނުހަނު ލޯތްބާއި އެކު އޭނާ ކުރި މަސައްކަތެއްކަމަށް ޖޫނީ ބުންޏެވެ.

ޖޫނީގެ މިއުޒިކީ ހަޔާތުގެ ދުވެލި ނުހަނު ބާރަށް ކުރިއަށް ދިއުމުގައި އެމްއެމްއޭސީގެ ޓީޗަރުންނާއި، ހާއްސަކޮށް އަލީ ސަރ ވެދެއްވާ އެހީތެރިކަން ފާހަގަކުރެވޭއިރު ފަހުގެ ކާމިޔާބީތަކުގައި ލަވަކިޔުންތެރިޔާ އަދި ކޯޗް ތޭރަގެ އެހީވެސް ވަރަށް ޝުކުރުވެރިކަމާ އެކު ޖޫނީއާއި އޭނާގެ މައިންބަފައިން ބަލައިގަނެ އެވެ.

ސާފްގެ ތީމް ލަވައިގެ ޝޫޓިންގެ ތެރެއިން. -- ފޮޓޯ: އައިޝަތު އަޒަލް / ނޯވާ


މިއުޒިކީ މަސައްކަތްތަކުގެ އިތުރަށްވެސް ޖޫނީގެ ބޮޑެތި ޒިންމާތަކެއްވެ އެވެ. ޓިއުޝަން އާއި ނުލައި ދެ ސްޓްރީމް އެއްކޮށް ކިޔަވަމުން އަންނައިރު ކިޔެވުމުގައި ރަނގަޅު ނަތީޖާވެސް ޖޫނީ އަށް ވަރަށް މުހިންމެވެ. ސްކޫލްގެ ނެޓްބޯޅަ ޓީމުގެ މުހިންމު ކުޅުންތެރިއެއްގެ އިތުރުން، ސްޓޫޑެންޓް ކައުންސިލްގެ މެންބަރުކަންވެސް ޖޫނީ ކުރަމުންދާއިރު، ކެރިއާއެއްގެ ގޮތުގައި އިހުތިޔާރު ކުރާ ދާއިރާއެއް އަދި މިހާތަނަށް ނިންމާފައި ނުވާކަމަށް ޖޫނީ ބުނެ އެވެ. އެހެނަސް، ގިޓާ އާއި މައިކް އޭނާގެ އަތުން ދެން އިރާދަކުރެއްވިއްޔާ ދުލެއް ނުކުރާނެ އެވެ.