Advertisement

ރަޝިއާ އިންތިހާބުގައި މަކަރު ހެދި ކަމުގެ ތުހުމަތު

21 ސެޕްޓެންބަރު 2021 - 06:48 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރަޝިއާގެ އިންތިހާބުގައި މީހަކު ވޯޓުލަނީ.-- ފޮޓޯ: އޭއެފްޕީ


ރަޝިއާ އިންތިހާބުގައި މަކަރު ހެދި ކަމުގެ ތުހުމަތު

21 ސެޕްޓެންބަރު 2021 - 06:48 0

މޮސްކޯ، ރަޝިއާ (ސެޕްޓެމްބަރު 20) - ރަޝިއާގެ އާއްމު އިންތިހާބުގައި ވެރިކަން ކުރާ ޔުނައިޓެޑް ރަޝިއާ ޕާޓީއަށް ޕާލިމެންޓުގެ އަގުލަބިއްޔަތު ލިބުމާއެކު ވޯޓު އޮޅުވާލިކަމަށް އިދިކޮޅުން ތުހުމަތުކޮށްފި އެވެ.

ތިން ދުވަހަށް ވޯޓުލުން ކުރިއަށް ގޮސް އިއްޔެ ވޯޓު ގުނަން ފަށާފައި ވާއިރު، އިންތިހާބުގެ ކުރިން ނެގި ޕޯލްތަކުން ދެއްކި ގޮތުގައި ރައީސް ލެޑިމިއަ ޕޫޓިންގެ ޕާޓީއަށް މާ ބޮޑު ތާއީދެއް ނެތެވެ. ނަމަވެސް އެ ޕާޓީން ބުނެފައި ވަނީ ކުރި ލިބިފައިވާ ކަމަށެވެ.

ޕާލިމެންޓުގެ ތިރިގޭގެ ތިންބައި ކޮށްފައި ދެބައި ސީޓުތައް ލިބުނު ކަމަށް ޔުނައިޓެޑް ރަޝިއާ ޕާޓީގެ އަންދްރެއި ޓުރްޗަކް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން އެ ޕާޓީއަށް ލިބިފައި ވަނީ 450 ގޮނޑީގެ ތެރެއިން 315 ގޮނޑި އެވެ.

ނަމަވެސް އެއީ އިންތިހާބުގެ ކުރިން އެ ޕާޓީއަށް ލިބިފައި އޮތް 334 ގޮނޑިއަށް ވުރެ މަދު އަދަދެކެވެ. އެކަމަކު މިހާރު ކުރި ލިބިފައިވާ ވަރުން ވެސް ބޮޑެތި ގާނޫނުތައް ފާސްކޮށް، ގާނޫނު އަސާސީ އަށް ބަދަލު ގެނެވޭނެ އެވެ.

ވޯޓުގެ 85 ޕަސެންޓު ގުނައި ނިމިފައި ވާއިރު، ޔުނައިޓެޑް ރަޝިއާ އަށް ލިބިފައި ވަނީ 49.76 ޕަސެންޓު ވޯޓެވެ. ދެ ވަނައިގައި އޮތް ކޮމިއުނިސްޓު ޕާޓީ އަށް ލިބުނީ 19.61 ޕަސެންޓެވެ. ނަމަވެސް ކުރިން ނެގި ޕޯލްތަކުން ދެއްކީ ޔުނައިޓެޑް ރަޝިއާ އަށް ގިނަވެގެން ލިބޭނީ 30 ޕަސެންޓު ކަމަށެވެ.

ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ އަށް ތާއީދު ކުރާ ސިޔާސީ ފަރާތްތަކުން ބުނާ ގޮތުގައި ނަތީޖާ އެގޮތަށް އައިސްފައި ވަނީ މަކަރު ހެދުމުންނެވެ.

"މިއީ ގަބޫލުކުރަން ދަތި ހާލަތެއް. އަޅުގަނޑަށް އަނެއްކާވެސް އިހުސާސް ކުރެވެނީ 2011 ވަނަ އަހަރު އެ މީހުން ވޯޓުން ވައްކަން ކުރިއިރު ކުރެވުނު ފަދަ އިހްސާސެއް. އަނެއްކާވެސް މި ތަކުރާރު ވަނީ އެ މަންޒަރު،" ނަވަލްނީގެ ތަރުޖަމާނު ކީރާ ޔަރްމީޝް ވިދާޅުވި އެވެ.

ދެހާސް އެގާރަ ވަނަ އަހަރު އިންތިހާބުގައި ވެސް މަކަރު ހެދިކަމުގެ ތުހުމަތު ކުރެވުނެވެ. އެ ފަހަރު ނަވަލްނީ އިސްވެ ހުންނަވައި މުޒާހަރާ ކުރަން ފެށި އެވެ. މިދިޔަ ޖެނުއަރީ މަހުން ފެށިގެން ނަވަލްނީ ހުންނެވީ ޖަލުގަ އެވެ. އޭގެ ކުރިން ސަރުކާރުން ޒަހަރުދީ އޭނާ އަވަހާރަކޮށްލަން އުޅުނު ކަމަށް ތުހުމަތު ކުރެވުނެވެ.

އިދިކޮޅު ޕާޓީތަކުން ބުނީ އެ މީހުންނަށް ތާއީދު ބޮޑު މޮސްކޯގައި އީ-ވޯޓިންގެ ނަތީޖާ އިއުލާނު ކުރުން ތަކުރާރުކޮށް ލަސްކުރަމުން ދަނީ ވޯޓު އޮޅުވާލުމަށް ކަމަށެވެ.

އިންތިހާބާ ދިމާކޮށް ނަވަލްނީއާ ގުޅުން ހުރި ޖަމިއްޔާތައް ހިންގުން މަނާކުރި އެވެ. އަދި އޭނާއާ ގުޅުން ހުރި އިސް ފަރާތްތައް ހައްޔަރުކުރި އެވެ. ބޭނުމަކަށް ވީ އޭނާގެ ފަރާތުން އިންތިހާބުގައި މީހަކަށް ވާދަނުކުރެވޭނެ ގޮތް ހެދުމެވެ.

އެހެންކަމުން ނަވަލްނީގެ ޓީމުތަކުން އިދިކޮޅު ސަޕޯޓަރުންނަށް ގޮވާލީ ޔުނައިޓެޑް ރަޝިއާ ބަލިކުރެވޭނެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށެވެ. އެގޮތުން އެންމެ ގިނައީ ކޮމިއުނިސްޓް ޕާޓީގެ ކެންޑިޑޭޓުންނެވެ. "ސްމާޓް ވޯޓިން" ނަމުގައި ފެށި އެ ކެމްޕެއިން ވެސް ރަޝިއާގައި މަނާ ކުރި އެވެ.

އެގޮތުން ސްމާޓް ވޯޓިން ވެބްސައިޓް ބްލޮކުކޮށް، އެ ކެމްޕެއިނާ ގުޅޭ ވަޓްސްއެޕް އަދި ޓެލެގްރާމް ޗެނަލްތައް ވެސް ބަންދު ކުރަން މަޖުބޫރު ކުރި އެވެ. ރިޕޯޓުތައް ބުނާ ގޮތުން ސޯޝަލް ނެޓްވޯކްތަކުން އެ ޗެނަލް މަނާ ކުރީ މުވައްޒަފުން ހައްޔަރު ކުރާނެ ކަމުގެ އިންޒާރު ސަރުކާރުން ދިނުމުންނެވެ.