Advertisement

ގޭހުގެ އަގު ރިކޯޑު މިންވަރަށް މަތިވެ ޔޫކޭ އެލާޓުގައި

20 ސެޕްޓެންބަރު 2021 - 19:32 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން.


ގޭހުގެ އަގު ރިކޯޑު މިންވަރަށް މަތިވެ ޔޫކޭ އެލާޓުގައި

20 ސެޕްޓެންބަރު 2021 - 19:32 0

ލަންޑަން، އިނގިރޭސިވިލާތް (ސެޕްޓެމްބަރު 20) - އިނގިރޭސިވިލާތުގައި ގޭހުގެ އަގު ރިކޯޑު މިންވަރަށް މަތިވެފައި ވާތީ ސަރުކާރުން ކަމާ ގުޅޭ ފަރާތްތަކާ އެކު އެމެޖެންސީ ބައްދަލުވުންތައް ބާއްވަން ފަށައިފި އެވެ.

ހަކަތަ އުފައްދާ ގްރޫޕުތަކާއި ކޮންޒިއުމާ ގްރޫޕުތަކާ އެކު ހޯމަ ދުވަހު އެމެޖެންސީ ބައްދަލުވުމެއް ސަރުކާރުން ބޭއްވިއިރު، ގޭބިސީތަކުގެ ބިލުތަކަށް އަރާ މިންވަރު ދަނީ އުފުލެމުންނެވެ.

ކުރިއަށް އޮތް ފިނި މޫސުމާ ދިމާކޮށް ގޭބިސީތަކުގެ ކަރަންޓި ބިލު އިތުރަށް ބޮޑުވާނެކަމުގެ ބިރު އެބަ އޮތެވެ. އޭގެ އިތުރުން ގޭހުގެ އަގާ ހެދި ކަރަންޓު ފޯރުކޮށްދޭ ގިނަ ކުންފުނިތައް އިނދަޖެހުމުގެ ބިރު ވެސް އެބަ އޮތެވެ.

ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ އިސް ނެންގެވުމަށް ބޭއްވި އެމެޖެންސީ ބައްދަލުވުމުގެ ބޭނުމަކީ އެފަދަ ހާލަތަކަށް ނުދާނެ ކަމުގެ ޔަގީންކަން ކަށަވަރު ކުރުމެވެ. ކޮންޒިއުމާ ގްރޫޕުތަކާއި ހަކަތަ އިންޑަސްޓްރީގެ ގްރޫޕުތަކާ އެކު ބިޒްނަސް ސެކެޓްރީ ކްވާސީ ކްވާޓެންގް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

އެމެރިކާ އަށް ކުރެއްވި ދަތުރެއްގެ ތެރެއިން ޖޯންސަން ވިދާޅުވީ "ގޭސް ސަޕްލައި އާއި އެހެނިހެން ދަތިތަކާ ހެދި އިނގިރޭސިވިލާތާއި މުޅި ދުނިޔެއަށް ވެސް ބޮޑު މައްސަލަތަކެއް" ދިމާވަމުންދާ ކަމަށެވެ.

"މި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލު ކުރަން އެބަ މަސައްކަތް ކުރަން ޖެހޭ. ބޭނުންވާ ވަރަށް ސަޕްލައި ލިބޭނެކަން ކަށަވަރު ކުރަން ޖެހޭ. މި ހާލަތާ ހެދި ކުންފުނިތައް ބަނގުރޫޓު ވިޔަ ދީގެން ނުވާނެ. ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ޖެހޭ،" ޖޯންސަން ވިދާޅުވި އެވެ.

އިނގިރޭސިވިލާތުގައި ގޭހުގެ އަގު މީގެ ކުރިން ދުވަހަކު ވެސް ނުދާ މިންވަރަށް ވަނީ މަތިވެފަ އެވެ. އޯގަސްޓު މަހުން ފެށިގެން ގޭހުގެ ހޯލްސޭލް އަގު ވަނީ 70 ޕަސެންޓު އުފުލިފަ އެވެ.

ގޭހުގެ މާކެޓު އަގު މިދިޔަ ޖެނުއަރީ މަހާ އަޅާ ބަލާއިރު ވަނީ 203 ޕަސެންޓު މައްޗަށް ޖެހިފަ އެވެ.

ފަހަކަށް އައިސް ހަކަތަ ފޯރުކޮށްދޭ ގިނަ ކުންފުނިތަކެއް އިނގިރޭސިވިލާތުގައި އުފެދިފައި ވެ އެވެ. ބްރިޓިޝް ގޭސް ފަދަ ބޮޑެތި ކުންފުނިތަކުގެ ގިނަ ކަސްޓަމަރުން ވަނީ ކުދި ކުންފުނިތަކުގެ ހިދުމަތް ހޯދަން ވެސް ފަށާފަ އެވެ.

ނަމަވެސް އެފަދަ ކުދި ކުންފުނިތައް ބަންދުކުރަން ޖެހިދާނެ ކަމަށް ވަނީ ބެލެވެން ފަށާފަ އެވެ. ގްރީން ކުންފުނީގެ ޗީފް އެގްޒެކްޓިވްސް ޕީޓާ މެކްގްރާ ވިދާޅުވީ މި ފިނި މޫސުމާ ހަމައަށް ދާއިރު ކުންފުނި ބަންދުކުރަން ޖެހޭނެ ކަމަށެވެ.

"މި ކާރިސާއާ ކުރިމަތިލާނެ ފައިސާއެއް ނެތް. އަޅުގަނޑަށް ހީވަނީ ހުރިހާ ސަޕްލަޔަރުންނަށް ވެސް މި މައްސަލަ އެބަ އޮތް ހެން. އެކަމަކު ބައެއް ފަރާތްތަކުގެ މާލީ ހާލަތު ރަނގަޅުވުމުން ފަހަރުގައި މިކަމުން އަރައިގަނެވިދާނެ،" އޭނާ ގޮވާލެއްވީ ސަރުކާރުން ކުންފުނިތަކަށް އެހީވުމަށެވެ.

ވައިން ހަކަތަ އުފައްދަން ބޭނުންވާ ވަރަށް ވައި ނުޖެހުމާއި، ނިޔުކްލިއާ ހަކަތަ އުފައްދާ ފެސިލިޓީތަކުގެ މަސައްކަތަށް ބުރޫ އެރުމާއި، މޫސުމީ ބަދަލާ މެދު ކަންބޮޑުވާ ސަރުކާރުތަކުން ބޯޓުދެލި ނުވަތަ ކޯލަށް ބަރޯސާވުން ކުޑަކުރަމުން ދާތީ ޔޫރަޕުގެ ބައެއް ހިސާބުތަކަށް މިހާރު ވަނީ ހަކަތައިގެ ކާރިސާއަކާ ކުރިމަތިވެފަ އެވެ.

ރަޝިއާ އިން ބުނީ އެ ގައުމާއި ޖަރުމަނު ވިލާތާ ދެމެދު ދާދި ފަހުން ގާއިމްކުރި ނޯޑް ސްޓްރީމް-2 ގޭސް ހޮޅިއާއެކު ފިނި މޫސުމަށް ބޭނުންވާ ވަރަށް ގައުމުތަކަށް ގޭސް ލިބޭނެ ކަމަށެވެ.

ނަމަވެސް އެމެރިކާ އާއި ޔޫއަޕިއަން ޔޫނިއަން (އީޔޫ) ގެ ތާއީދު އޮތް ޔޫކްރެއިނުން ރަޝިއާގެ އެ މަޝްރޫއާ ދެކޮޅެވެ.