Advertisement

ކޭ-ޕާކު ރެޒިޑެންސް: އަހަރުގެ ނިޔަލަށް ނިންމަން މަސައްކަތުގެ ދުވެލި ބާރުކޮށްލައިފި

20 ސެޕްޓެންބަރު 2021 - 18:36 2

އަމަން ހަލީމް

އަމަން ހަލީމް

ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ހުންނަ ކޭ-ޕާކް ރެޒިޑެންސް: މިއީ ކޮރެއަން ސްޓައިލްގެ 110 ލަގްޒަރީ އެޕާޓަމަންޓުގެ ރެޒިޑެންޝަލް ޓަވަރެއް. -- ފޮޓޯ: އަދަދު


ކޭ-ޕާކު ރެޒިޑެންސް: އަހަރުގެ ނިޔަލަށް ނިންމަން މަސައްކަތުގެ ދުވެލި ބާރުކޮށްލައިފި

20 ސެޕްޓެންބަރު 2021 - 18:36 2

މީގެ ހަތަރު އަހަރު ކުރިން މަސައްކަތް ފެށި ކޭ-ޕާކް ރެޒިޑެންސްގެ މަސައްކަތް ދިގުލައިގެން ގޮސް، ތާރީހަކަށް ފަހު ތާރީހެއް ފަހަނައަޅާ ގޮސްފި އެވެ. އެކަމަކު މަސައްކަތް ނިމޭ ވަރެއް ނުވި އެވެ. އެޕާޓްމަންޓު ގަންނަން އަގުދައްކާފައި ތިބި މީހުންގެ ޝަކުވާތައް ހުރީ އިންތިހާގަ އެވެ.

އެކަމަކު މިހާރު ބާރު ސްޕީޑުގައި މަސައްކަތްތައް ފަށައިގެން ކުރިޔަށްދާއިރު، އިއްޔެ ފުރަތަމަ ފަހަރަށް ނޫސްވެރިންނަށް މިތަނުގެ އެތެރެ ބަލާލުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އަދި މަސައްކަތްތައް ކުރިޔަށް ދާގޮތާއި، މިހާރު އެންމެ ބޮޑަށް މަސައްކަތް ނިމިފައި ހުރި އެޕާޓްމަންޓުތައް ވަނީ ދައްކާލާފަ އެވެ.

އެޕާޓްމަންޓުތަކުގެ ޖާގަ ތަނަވަސް، ފަރުމާ ރީތި

ކޭ-ޕާކުގައި ޖުމްލަ 110 އެޕާޓްމަންޓު ހުރެ އެވެ. އޭގެ ތެރޭގައި ލޯންޑްރީ ރޫމް ހުންނަ ތިން ކޮޓަރީގެ އެޕާޓްމަންޓާއި ދެ ކޮޓަރީގެ އެޕާޓްމަންޓު ހިމެނެ އެވެ. މި ދެ ވައްތަރުގެ އެޕާޓްމަންޓަކީ ވެސް ޖާގައިގެ ގޮތުން ތަނަވަސް އެޕާޓްމަންޓުތަކެކެވެ. ސިޓިން ރޫމާއި ކޮޓަރިތަކާއި، ބެލްކަނީގެ ޖާގަ ވެސް ލަގްޒަރީ އެޕާޓްމަންޓަކަށް ފުދެ އެވެ.

ފިނިޝިން މަސައްކަތުގެ ބޮޑު ބަޔެއް ނިމިފައި ހުރި އިރު، އެޕާޓްމަންޓުގެ ތެރޭގައި ޓައިލްސް ޖެހުމާއި ބޮކި ހަރުކުރުމުގެ މަސައްކަތްތައް ހުރީ އެއްކޮށްހެން ނިމިފަ އެވެ. ބަދިގެ ސެޓާއި، ކޮޓަރިތަކާއި ސިޓިން ރޫމުގެ ކަބަޑުތަކުގެ މަސައްކަތާއި، ފާހަނައިގެ އިންޓީރިއާ މަސައްކަތް ވެސް ނިމިފަ އެވެ.

ކޭ-ޕާކުގެ ތިން ކޮޓަރި އެޕާޓަމަންޓެއްގެ ބަދިގެ


އިންޓީރިއާ އަދި ކަރަންޓާއި ފެން ވަޔަރިންގެ ބޮޑު ބަޔެއް ނިމުނު ނަމަވެސް، އަދި އެއްކޮށް ނުނިމެ އެވެ. އެގޮތުން ކަރަންޓު ވިއުގައިގެ ކުރެހުންތައް ވަނީ އެޕްރޫވަލްއަށް ފޮނުވިފަ އެވެ. އަދި ޕްލަމްބިން މަސައްކަތުގެ 90 ޕަސަންޓު ނިމި، ޔުޓިލިޓީ ކުންފުންޏާ ހަވާލުކުރަން އަންނަނީ ތައްޔާރުވަމުންނެވެ.

ކޭ-ޕާކް ރެސިޑެންސް އެޕާޓްމަންޓެއްގެ ފާހަނާ. --


މި އެޕާޓަމަންޓުތައް އެއްކޮށް ނިންމާލާއިރު، ފިނިޝިން އާއި ފަރުނީޗަރުގެ އިތުރުން އިލެކްޓްރޯނިކްސް އަދި އެޕްލަޔަންސްތައް ވެސް ހުންނާނެ އެވެ. އަދި މުޅި އެޕާޓްމަންޓުގައި ބޭނުންކުރާނީ ކޮރެއާ ބްރޭންޑްތަކާއި ކޮރެއާގެ އުފެއްދުންތަކެވެ.

ކޭ-ޕާކުގެ ދެ ކޮޓަރި އެޕާޓްމަންޓެއްގެ ސިޓިން ރޫމާއި ބަދިގެ. --


ޖުމްލަކޮށް އެޕާޓްމަންޓުތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު، ކޭ-ޕާކުން ބުނީ ދެވަނަ ފްލޯގެ ގިނަ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. އަދި ތިންވަނަ ފްލޯ އާއި ހަތަރުވަނަ ފްލޯ އެޕާޓްމަންޓުތަކުގެ 60 ޕަސެންޓު ނިމިއްޖެ އެވެ. އެކަމަކު އޭގެ މަތީ ފްލޯތަކުގެ އެޕާޓްމަންޓުތަކުގެ މަސައްކަތުގެ ނިމުނީ 25 ޕަސެންޓު މަސައްކަތެވެ.

މި ދުވެލީގައި އަހަރުގެ ނިޔަލަށް ނިންމާލެވޭނެ: ކޭ-ޕާކް

ކޭ-ޕާކުގެ ފަރާތުން މައުލޫމާތު ދެމުން ސޭލްސް އެންޑް މާކެޓިން އޮފިސާ ސާޔާ އާޒަރު ބުނީ، ބެލެވެނީ ރާވާފައިވާ ގޮތަށް އަހަރުގެ ނިޔަލަށް މަސައްކަތްތައް ނިންމާލެވޭނެ ކަމަށެވެ. އަދި އެހާތަނަށް މަސައްކަތް ނިންމަން އެޗްޑީސީއާ އެކު އެއްބަސްވެވިފައިވާ ކަން ވެސް އޭނާ ފާހަގަކުރި އެވެ.

ކޭ-ޕާކް ރެޒިޑެންސް އެޕާޓްމަންޓެއްގެ ބެލްކަނީ ވިއު. --


މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިތަނުގެ ޑިވެލޮޕަރު ހަންބޯއިން ބުނީ އަންނަ އަހަރު މިތަނުގައި ދިރިއުޅެން ފެށޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ. އަދި މަސައްކަތްތައް ނިންމުމަށް އިތުރު މުވައްޒަފުންނާއި ސާމާނު ގެނެސްގެން ކުރަމުން އަންނަ ކަމަށް ބުންޏެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ. އޭރު ލަފާކުރީ 2020 ވަނަ އަހަރުގެ ކުރިން އެޕާޓުމަންޓުތަކުގައި މީހުންނަށް ދިރިއުޅެން ފެށޭނެ ކަމަށެވެ.

އެކަމަކު އޭރު ލަސްވީ ކޮވިޑާ ހެދި ދިމާވި ގޮންޖެހުންތަކުގެ ސަބަބުން ކަމަށާއި، މިހާރު އެ މައްސަލަތައް ހައްލުކުރެވި އިތުރު ޑިލޭއެއް ނާންނާނެ ކަމަށް ކޭ-ޕާކުން ވަރަށް ބޮޑު ޔަގީންކަމެއް ދެ އެވެ. އަދި ބުނަނީ، "ކޮރެއާގެ ލަގްޒަރީ" ގައި ދިރިއުޅެން ފަށަން ދެން މާ ގިނަ ދުވަހު އިންތިޒާރު ކުރަން ނުޖެހޭނެ ކަމަށެވެ.