Advertisement

އަމީން ދޫކޮށްލި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި

20 ސެޕްޓެންބަރު 2021 - 13:22 0

ނާޒިމް ހަސަން

ނާޒިމް ހަސަން

އަމީން: އޭނާ ދޫކޮށްލި ހުކުމް ސުޕްރީމް ކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައި


އަމީން ދޫކޮށްލި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި

20 ސެޕްޓެންބަރު 2021 - 13:22 0

އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ، ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ދައުވާކޮށްފައިވަނީ މުއްދަތު ހަމަވި ފަހުން ކަނޑައަޅައި, އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ހައިކޯޓުން ބާތިލްކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް ވިދާޅުވީ އަމީން މައްސަލާގައި ހައިކޯޓުގެ ނިންމުމަށް ވާސިލުވެފައިވަނީ ސުޕްރީމް ކޯޓުގެ ހުކުމެއް މާނަކުރެއްވި ގޮތް ރަނގަޅު ނޫން ކަމަށެވެ. އޭގެ ތަފްސީލު އަމިއްލަ ބްލޮގްގައި ޝަމީމް ވަނީ ލިޔުއްވާފަ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނި ގޮތުގައި, އެ މައްސަލާގެ އިސްތިއުނާފު މިއަދު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.

ހައިކޯޓުގެ ހުކުމާއެކު އަމީން މިހާރު ބަންދުން ދޫކޮށްލާފައިވާއިރު, އޭނާގެ މައްޗަށް މޮނިކޮން އަމުރެއް ވަނީ ހައިކޯޓުން ނެރެފަ އެވެ.

އިކޯޓުގެ ތިން ފަނޑިޔާރެއްގެ އަގުލަބިއްޔަތުން އަމީން ދޫކޮށްލަން ދެއްކެވި ސަބަބަކީ, އޭނާގެ މައްޗަށް ދެ ގާނޫނެއްގެ ދަށުން އިޖުރާއަތް ހިންގާފައިވުމެވެ. އެއީ ހާއްސަ ގާނޫނެއް ކަމަށްވާ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާއި ޖިނާއީ އަދުލުގެ ނިޒާމުގެ އާންމު އިޖުރާއަތުތައް ބަޔާންކުރާ ޖިނާއީ އިޖުރާއަތުގެ ގާނޫނެވެ.

އަމީންގެ މައްޗަށް ބަންދު ޖަހާފައިވަނީ ޓެރަރިޒަމްގެ ގާނޫނުގެ ބަދަލުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުންނެވެ. ނަމަވެސް, ދައުވާ ކުރުމަށް މުއްދަތު ގުނާފައިވަނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުންނެވެ. ހައިކޯޓުން ކަނޑައެޅީ, ބަންދު ޖެހުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އަމަލުކޮށްފައިވާނަމަ, ދައުވާ ކުރުމުގައި ވެސް ގުނަން ޖެހޭނީ އެ ގާނޫނުގައިވާ މުއްދަތުތައް ކަމަށެވެ.

އެގޮތުގެ މަތިން އަމީންގެ މައްޗަށް ހައްޔަރުކުރިތާ 30 ދުވަސް ތެރޭ ދައުވާ ކުރަން ޖެހެ އެވެ. ނަމަވެސް, އަމީންގެ މައްޗަށް ދައުވާކޮށްފައިވަނީ 30 ދުވަސް ހަމަވިފަހުންނެވެ. ދައުވާކޮށްފައިވަނީ ޓެރަރިޒަމް ގާނޫނުގެ ދަށުން ލިބޭ 45 ދުވަސްވުމުގެ ކުރިންނެވެ.

އެހެންވެ, ދައުލަތުން އަމީންގެ މައްޗަށް ކުރި ދައުވާތަކަކީ ގާނޫނުގައި ބަޔާން ކުރާ މުއްދަތުގައި އުފުލާފައިވާ ދައުވާތަކެއް ކަމުގައި ބެލެވެން ނެތް ކަމަށް ހައިކޯޓުން ކަނޑައަޅައި އެ ދައުވާތައް ބާތިލުކުރީ އެވެ.

އަމީންގެ މައްޗަށް އޮތް ދެ ދައުވާ ބާތިލްކުރިއިރު އެއީ ސީރިއަސް ތުހުމަތުތަކެއް އޮތް ދެ ދައުވާ އެވެ.

އެގޮތުން ދައުވާގައި ބުނާ ގޮތުގައި، އައިއެސްގެ ރާއްޖޭގެ ލީޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ދީނީ ވަކި ވިސްނުމެއް ފެތުރުމަށް މަސައްކަތްކޮށްފައިވާތީ އެވެ. އަދި ސީރިއާގައި ހިނގަމުން ދިޔަ ހަނގުރާމައަށް ދިވެހިން ފޮނުވުމަށް މަސައްކަތްކުރި ކަމަށް ވެސް ތުހުމަތު ކުރެ އެވެ.

މީގެއިތުރުން ސީރިއާގެ ދާހިލީ ހަނގުރާމަ ނިމުމާ އެކު، އަފްގާނިސްތާނުގައި އޮތް އައިއެސް ޖަމާއަތުގެ ބައިގަނޑަކަށް، ރާއްޖޭގެ ސެލް ލީޑަރެއްގެ ގޮތުގައި މީހަކު ފޮނުވި ކަމުގެ ތުހުމަތު ވެސް ދައުލަތުން އަމީންގެ މައްޗަށް ކުރެ އެވެ.