Advertisement

ގާޒީންގެ ލީކުވި އޯޑިއޯގެ ތަހުގީގު އަދިވެސް ނުނިމޭ

20 ސެޕްޓެންބަރު 2021 - 15:48 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް


ގާޒީންގެ ލީކުވި އޯޑިއޯގެ ތަހުގީގު އަދިވެސް ނުނިމޭ

20 ސެޕްޓެންބަރު 2021 - 15:48 0

ކްރިމިނަލް ކޯޓުގެ ގާޒީންތަކެއްގެ އޯޑިއޯތަކެއް ލީކްވެ، އޭގައި ކަންބޮޑުވާ ފަދަ ވާހަކަތަކެއް ހުރުމުން އެކަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބަލަމުން އަންނައިރު، އެ އޯޑިއޯތައް ތަހުލީލުކުރުމަށް އެކަމުގައި ތުހުމަތުކުރެވޭ ގާޒީންގެ އޯޑިއޯ ސާމްޕަލް ނެގިފަހުން ތިން ހަފްތާ ވެގެން ދިޔައިރުވެސް ތަހުގީގު ނުމިމޭ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ޖޭއެސްސީގެ އޮފިޝަލަކު "އަދަދު"އަށް މިއަދު ވިދާޅުވީ ތަހުގީގާ ގުޅޭ އިތުރު އަޕްޑޭޓެއް ނެތް ކަމަށެވެ. އެ މަސައްކަތުގައި އިތުރު ކުރިއެރުމެއް ލިބިފައިވާކަން ނުވަތަ ނޫންކަންވެސް އެނގިފައިި ނުވާ ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވި ގޮތުގައި ލީކްވި އޯޑިއޯތަކުގެ މައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް ހިއްސާކުރެވޭނީ ފުލުހުންގެ ތަހުގީގު ނިމުމުންނެވެ.

ލީކްވި އޯޑިއޯތަކުގައި އިވެނީ ގާޒީންގެ އަޑުތޯ ޔަގީންކުރުމަށް ފުލުހުން ވަނީ ގާޒީންގެ އަޑުގެ ސާމްޕަލްއެއް ނަގައި އެ އެނަލިސިސްގެ މަސައްކަތް ފުލުހުން މިހާރުވެސް އަންނަނީ ކުރަމުންނެވެ.

"އެ މައްސަލައިގައި އިތުރު އަޕްޑޭޓެއް ދެވެން ނެތް. އިތުރު އަޕްޑޭޓެއް ދެވޭނީ އޯޑިއޯ އެނަލިސިސްގެ މަސައްކަތް ނިމުމުން." ޖޭއެސްސީގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ފުލުހުން ކުރަމުންދާ އެ މަސައްކަތް އަވަހަށް ނިންމުމަށްފަހު ޖޭއެސްސީއަށް ފޮނުވުމަށް އެދިފައިވާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި ލީކްވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީންތަކެއް ދެއްކެވި ވާހަކަތަކެކެވެ.

އެ ބެންޗުގައި ތިއްބެވީ އޭރު ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަދި މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދާއި ކުރިމިނަލް ކޯޓުގެ މިހާރުގެ އިސްގާޒީ އަހުމަދު ޝަކީލާއި ގާޒީ އަހުމަދު ސަމީރާއި ގާޒީ ހުސެއިން ފާއިޒު ރަޝީދާއި އަދި ގާޒީ އަލީ އާދަމެވެ.

ލީކްވީ، ގާޒީ ފާއިޒާއި އަލީ އާދަމް އަދި ސަމީރު ކަމަށް ބެލެވޭ ބައެއްގެ އަޑު އިވޭ އޯޑިއޯތަކެވެ.

އެ ބޭފުޅުން ވާހަކަ ދައްކަވާފައިވަނީ ޔާމީނަށް އިއްވި ހުކުމާ ގުޅޭ ގޮތުންނެވެ. އެގޮތުން، ގާޒީ ފާއިޒު ކަމަށް ބެލެވޭ މީހާ ވަނީ އެ ހުކުމާ ގުޅިގެން އެކި ކަހަލަ ނުފޫޒުތައް އޮތް ކަމަށް ދޭހަވާ ފަދައިން ވާހަކަ ދައްކަވާފަ އެވެ.

އެ އޯޑިއޯތަކާ ގުޅިގެން ޖޭއެސްސީން ތަހުގީގެއް ފަށައި، ތުހުމަތުވާ ގާޒީންނާ ސުވާލުކޮށްފައިވާއިރު، އެކަމުގެ ތުހުމަތުވާ ގާޒީންވަނީ އެވާހަކަތައް ދޮގުކޮށްފަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ކަޅު ފައިސާ ދޮވުމުގެ ކުށް ސާބިތުވެ ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ ނޮވެމްބަރު 8، 2019 ގަ އެވެ. ފަސް ފަނޑިޔާރުންގެ ބެންޗަކުން ބެއްލެވި އެ ޝަރީއަތުގެ އިންސާފުވެރިކަމާމެދު ސުވާލު އުފައްދާފައި ވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރެއްގެ އަޑު ހިމެނޭ ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވުމާއެކު އެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ ގާޒީންނާއި ގުޅޭ އެ އޯޑިއޯތަކުގެ ފޮރެންސިކް ތަހުލީލަކާއި އެކު މިނިވަން އިންސާފުވެރި އަދި ފުރިހަމަ ތަހުގީގެއް ހިންގަވާ ދެއްވާ އެއޯޑިއޯ ތަކުގެ އަސްލު ދެނެގަތުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންގޮސް ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އަރިހުގައި އެދިފައެވެ.