Advertisement

ފަތުރުވެރިކަމަށް އަސަރު ކުރާތީ މަދިރި ހިފަން ހާއްސަ މެޝިނެއް

20 ސެޕްޓެންބަރު 2021 - 12:04 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މަދިރި ހިފަން ހާއްސަ ގިސްތާ މެޝިނެއް.


ފަތުރުވެރިކަމަށް އަސަރު ކުރާތީ މަދިރި ހިފަން ހާއްސަ މެޝިނެއް

20 ސެޕްޓެންބަރު 2021 - 12:04 0

މަދިރި ގިނަވެ ފްރާންސްގެ ހިޔޭ އަވަށުގެ ފަތުރުވެރިކަމަށް އަސަރު ކުރަން ފެށުމުން، މަދިރި ހިފަން ހާއްސަ 300 އަށް ވުރެ ގިނަ މެޝިން ބަހައްޓައިފި އެވެ.

"ގިސްތާ މެޝިން" ބޭނުން ކުރާ ޓެކްނޮލޮޖީ އަކީ އިންސާނުން ނޭވާލާ ގޮތަށް މެޝިނުގެ ތެރެއަށް ވައި ދަމައިގަނެ، އެތެރޭގައިވާ ނެޓުގެ ތެރޭގައި މަދިރިތައް ބަންދުކުރާ ޓެކްނޮލޮޖީ އެކެވެ.

ހިޔޭ އަވަށުގެ ވަށައިގެންވާ ފެންގަނޑުތަކުގައި މަދިރި އާލާވެ، މަދިރީގެ އުނދަގުލާ ހެދި ފަތުރުވެރިން އައުން މަދުވުމުން، ގިސްތާ މެޝިން ބަހައްޓަން ނިންމީ އެ ސަރަހައްދުގެ ސަރުކާރުން ފަންޑުކޮށްގެންނެވެ.

އެ މެޝިންތައް އުފައްދާ ގިސްތާ ކުންފުނިން ބުނީ އޭގެ އެހީގައި މަދިރި އުޅޭ މިންވަރު 88 ޕަސެންޓު ކުޑަކުރެވޭނެ ކަމަށެވެ. މިއީ ތިމާވެއްޓާ ރައްޓެހި މެޝިނެއް ކަމަށް ކުންފުނިން ބުނެ އެވެ.

ގިސްތާ ކުންފުނީގެ ދެ ފައުންޑަރުން.


"ގިސްތާގެ ތިމާވެއްޓާ ރައްޓެހި، ބޭނުން ކުރަން ފަސޭހަ މި ސްމާޓް ޓެކްނޮލޮޖީއާ އެކު މަދިރި ކޮންޓްރޯލް ކުރަން ގެންގުޅޭ އުކުޅުތަކަށް އިންގިލާބީ ބަދަލެއް އަންނާނެ،" ކުންފުނީގެ ވެބްސައިޓުގައި ވެ އެވެ.

ސައިންޓިފިކް ޓެސްޓުތަކަށް ފަހު ކާމިޔާބުކަމާ އެކު މަސައްކަތް ކުރާ ކަމަށް ނިންމައި، ޕޭޓެންޓުކޮށްފައިވާ މި ޓެކްނޮލޮޖީ މިހާރު 16 ގައުމެއްގައި 6،000 މެޝިންގެ އެހީގައި ދަނީ ބޭނުން ކުރަމުންނެވެ.

ގިސްތާ މެޝިން މަސައްކަތް ކުރަނީ ކިހިނެއް؟

މި މެޝިނުން އިންސާނުން ނޭވާލާ ގޮތަށް މަސައްކަތް ކުރުމުން، އަންހެން ނުވަތަ ލޭބޯ މަދިރިތައް އެއާ ކައިރިއަށް ދެ އެވެ. ކައިރިވުމުން މެޝިނުގެ ތެރެއަށް ދަމައިގަނެ، އޭގެ ނެޓުގައި ތާށިވެ އެވެ.

މެޝިން މަސައްކަތް ކުރަނީ ތިން މަރުހަލާއެއްގެ މަތިންނެވެ. އެއީ:

1. ރީސައިކަލްކޮށްފައިވާ ކާބަންޑައިއޮކްސައިޑް ބޭރުކޮށް، އިންސާނުން ނޭވާލާ ފަދަ ޓެކްނޮލޮޖީއާ އެކު މަދިރިތަކުގެ ޝައުގުވެރިކަން އުފެއްދުން

2. އިންސާނުންގެ ގައިން ދުވާ ފަދަ ވަސް ބޭރުކޮށް މަދިރިތައް މެޝިނާ ވީހާވެސް ކައިރިއަށް ގެނައުން

3. ސަކްޝަން ނުވަތަ ދަމާ ބާރުގެ އެހީގައި މަދިރިތައް މެޝިނުގެ ތެރެއަށް ދަމައިގަނެ، ނެޓުގައި ތާށިކުރުވުން

ބަޔޯޑައިވާސިޓީ ރައްކާކުރުމުގެ ގޮތުން މި މެޝިނަށް ޝައުގުވެރިކަން އުފެދި، މިއާ ކައިރިވާނީ ހަމައެކަނި އަންހެން މަދިރި އެވެ. ފިރިހެން މަދިރި އާއި އެހެން ސޫފާސޫފިއަށް މީގެން ގެއްލުމެއް ނުވާނެ އެވެ.

އެ މެޝިނާއެކު ހިމެނޭ ގިސްތާ އެޕަކީ ރިމޯޓުކޮށް މެޝިން މަސައްކަތް ކުރަން އެހީވެދޭނެ އެޕެކެވެ. މެޝިން މަސައްކަތް ކުރާނީ ވަށައިގެން 60 މީޓަރު ސަރަހައްދަށެވެ. މެޝިނުން ދަމައިގަންނަ މަދިރީގެ އަދަދު ވެސް އެޕުން ބަލައިލެވޭނެ އެވެ.

މީގެ އާދައިގެ މެޝިން ނުވަތަ "ސްމާޓް ބޭމް" ވިއްކަނީ 1195 ޑޮލަރަށެވެ. އެއީ ވަކިވަކި ފަރުދުންގެ ބޭނުމަށް ހާއްސަ މެޝިނެވެ. "އާބަން ސްމާޓް ބޭމް" ވިއްކަނީ 2،601 ޑޮލަރަށެވެ. އެއީ ކޮމިއުނިޓީ ފެސިލިޓީތަކަށް ހާއްސަ މެޝިނެވެ.