Advertisement

ލ. ގަމުގައި ހިމާޔަތްކޮށްފައި ހުރި ނިކަ ގަހެއް ކަނޑާލި މައްސަލައެއް

21 ސެޕްޓެންބަރު 2021 - 10:09 0

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

ލ. ގަމުގައި ހިމާޔަތްކޮށްފައި ހުރި ނިކަ ގަހެއް ކަނޑާލާފައި. އެ މައްސަލައިގަ ބައެއް ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ. --ފޮޓޯ: ދަ އައިލެންޑާޒް އެސޯސިއޭޝަން


ލ. ގަމުގައި ހިމާޔަތްކޮށްފައި ހުރި ނިކަ ގަހެއް ކަނޑާލި މައްސަލައެއް

21 ސެޕްޓެންބަރު 2021 - 10:09 0

ލ. ގަމުގައި، 70 އަށް ވުރެ ގިނަ އަހަރުވެފައިވާ ކަމަށް ބުނާ ހިމާޔަތްކޮށްފައި ހުރި ނިކަ ގަހެއް ކަނޑާލި މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ގަމުގެ، މަތިމަރަދޫ އަވަށުގައި ހުރި އެ ގަސް މިދިޔަ ހަފްތާތެރޭ ކަނޑާލާފައި ހުއްޓާ ފެންނަ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ. އެކަމަކު އެ ގަސް ކަނޑާލީ ކޮން ބައެއް ކަމެއް އަދި ދަނެގަނެވިފައި ނުވެ އެވެ.

ލ. ގަމުގެ ކައުންސިލް ނައިބު ރައީސް އިބްރާހިމް ރަޝީދު ވަނީ އެ ގަސް އިމަޖެންސީކޮށް ހުއްދަ ދެވޭ ހާލަތްތަކަށް ރިއާޔަތްކޮށް ނުރައްކާތެރި ކަމަކުން ރައްކާތެރިވުމަށް ގަހުގެ ގޮފިތަކެއް ކަނޑާލަން ހުއްދަ ދިން ކަމަށް ވިދާޅުވެފަ އެވެ.

އެ ގަހަކީ ހިމާޔަތްކޮށްފައިވާ ގަހެއްކަން ކައުންސިލަށް އެނގޭ ކަމަށާއި އެ ގަސް ކަނޑާލުމަށް ކައުންސިލުން އެއްވެސް ހުއްދައެއް ދޫކޮށްފައިނުވާނެ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ހިމާޔަތްކޮށްފައިވާ ގަހެއް ކަނޑާލެވޭނީ އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ހުއްދަ ލިބިގެންނެވެ. ނަމަވެސް, ގަހުގެ ގޮފިތައް ކަނޑައި، މެއިންޓެއިންކުރުމަކީ ކައުންސިލަށް ހުއްދަ ދެވޭނެ އަދި ކުރެވޭނެ ކަމެކެވެ.

"މީގެ ދެ ތިން ދުވަސް ކުރިން ވިއްސާރައިގެ ސަބަބުން ގަހުގެ ގޮނފިގަނޑެއް ވެއްޓިގެން ގެއަކަށް ގެއްލުން ލިބުން. އަޅުގަނޑުމެން ހުއްދަ ދިނިން ގޭގެ އެތެރެއަށް ވާ ގޮތަށް އޮންނަ ބައި ކަނޑާލަން، މިބުނީ ގޮފިތައް، އެކަަމަކު މުޅި ގަސް ކަނޑާކަށް ހުއްދައެއް ނުދެން ކައުންސިލަކުން،" ރަޝީދު ވިދާޅުވި އެވެ.

އެކަމަކު, ފޮޓޯތަކުން ފެންނަ ގޮތުން ގަހުގެ ހުރިހާ ގޮފިތަކެއް ވަނީ ކޮށާލާފަ އެވެ. ރަޝީދު ވެސް ވިދާޅުވީ ގަސް ކަނޑާލައި އޭގެ ބުޑުން އަންދާލާފައިވާ ކަމަށެވެ.

"ނޭނގެ ކޮން ބައެއް ކަމެއް އެހެން މުޅި ގަސް ކަނޑާލީ. ގަހުގެ ބުޑުވެސް މިހާރު އެހެރީ ރޯކޮށްލާފަ،" ރަޝީދު ވިދާޅުވި އެވެ.

ގަސް ކަނޑާލުން ކުށްވެރި ކުރި އެންމެ ފުރަތަމަ ޖަމިއްޔާ ކަމަށްވާ ދަ އައިލެންޑާޒް އެސޯސިއޭޝަނުން ބުނަނީ އެ ގަހަކީ 70 އަހަރުވީ ގަހެއް ކަމަށެވެ. އެކަމަކު ގަހަށް 70 އަހަރެއް ނުވާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

މިކަމާ ގުޅިގެން އެންވަޔަރަންމެންޓް މިނިސްޓްރީން ބުނީ އެފަދަ އެއްވެސް މައްސަލައެއްގެ ޝަކުވާއެއް މިނިސްޓްރީއަށް ލިބިފައިނުވާކަމަށެވެ.

އަދި އީޕީއޭ އިން ބުނީ ބައެއް ހާލަތްތަކުގައި ނިކަ ގަސް ފަދަ ބޮޑެތި ގަސްތަކުން އާންމުންނަށް އުނދަގޫވުމުގެ ސަބަބުން، ނުވަތަ އުމްރާނީ ތަރައްގީއެއްގެ މަސައްކަތް ކުރުމަށް ގަސް ކަނޑަން ހުއްދަ ދޭ ކަމަށެވެ. އެހެންނަމަވެސް އެ ހާލަތުގައި ގަމުގައި ހުރި އެ ގަސް ކަނޑަން ހުއްދައެއް ނުދޭ ކަމަށް އީޕީއޭ އިން ވެސް ބުންޏެވެ. އަދި އާންމުކޮށް އެފަދަ ގަހެއް ކަނޑާލަން ހުއްދަ ދިނުމުގެ ބަދަލުގައި އާންމުކޮށް ހުއްދަ ދެނީ އެ ގަހެއް ރިލޮކޭޓް ކުރުމަށް ކަމަށް ވެސް އީޕީއޭއިން ބުނެ އެވެ.

އެ ނިކަ ގަހަށް ގެއްލުންދީ ކަނޑާލައިފައިވާއިރު، ދަ އައިލެންޑާޒް އެސޯސިއޭޝަނުގެ އިތުރުން ސޭވް މޯލްޑިވްސް ޖަމިއްޔައާއި ޓްރާންސްޕެރެންސީ އެމްވީ އިން ވެސް ވަނީ އެ އަމަލު ކުށްވެރިކޮށްފަ އެވެ.

އަދި އެފަދަ ދުވަސްވީ ގަސްތައް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ހިމާޔަތްކުރުމަށް ކުރާ މަސައްކަތް ދެމެހެއްޓުމަށް ވަނީ ގޮވާލާފަ އެވެ. އަދި މިފަދަ ގަސްތައް ކަނޑަމުންދާއިރު، އެކަމުގެ ހިލަމެއް ކަމާބެހޭ އިދާރާތަކަށް ނުވަނީ ކީއްވެގެންތޯ ވެސް ވަނީ ސުވާލު އުފައްދާފަ އެވެ.