Advertisement

ދިގު ވާހަކަ: ސަނީ

20 ސެޕްޓެންބަރު 2021 - 09:13 3

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


ދިގު ވާހަކަ: ސަނީ

20 ސެޕްޓެންބަރު 2021 - 09:13 3

(17 ވަނަ ބަޔާ ގުޅޭ)

"އަހަންނަށް މަޢާފުކުރޭ. އަހަންނަށް އަސްލަކީ ކޮބައިކަން، ލޯތްބަކީ ކޮބައިކަން އޮޅުނީ." ޖުމާނާއަށް ގިސްލެވެން ފެށުނެވެ.

ޖުމާނާގެ ވާހަކަ އެހައި ހިސާބަށް ދިޔައިރަށް ހަސަނު ޕަކަޕަކަ ލައިފައި ހޭންފެށި އެވެ. އޭނާގެ ހުނުމުގެ އަޑުން މުޅި ތަން ގުގުމައިލި އެވެ. އެހެންވެ ޖުމާނާ ހުއްޓައިލި އެވެ. ވޭނުން ފުރިގެންވާ ގޮތަކަށް އޭނާ ބަލައިލީ ސީދާ ނަވާޒާ ދިމާއަށެވެ.

"މަ ކިޔައިދީފާނަން ވީ ގޮތް." ހަސަނު ހުއްޓައިލަމުން މަޑުމަޑުން ކުރިއަށް ޖެހިލި އެވެ.

ނަވާޒު ހައިރާން ކަމާއެކު ބަލައިލީ ޖުމާނާގެ މޫނަށެވެ.

"އަހަރެން ޖަހައިލީ އެންމެ ޓަތްކެއް. ފުރަތަމަ ހުރީ ގޮތެއްގެ މަތީގައި، ވަފާތެރިއެއް ގޮތުގައި. އިހުލާސްތެރިއެއްގެ ހެދުން އަޅައިގެން. އިއްފަތްތެރި ކަމުގެ ކަމަރެއް ބަނދެލައިގެން. ނަމަވެސް ދުނިޔެ ހުސްގަޔާ ހުއްޓާ ވިއްސާރަ ދުނި ބޯމަތިން ދައްކާލީމަ އެހައި ހިސާބުން މަންޒަރު ބަދަލަވީ. ވަޅު ކަށްޓަފުޅި ދާންޏަށް އެރީ." ހަސަނު ހޭންފެށި އެވެ.

"ނޫން. ނޫން. އެއީ ހުސް ދޮގު." ހަސަނުގެ ވާހަކައަށް ޖުމާނާ ދެ ކޮޅު ހެދި އެވެ.

"ދެން ކަލޭ އަނެއްކާ އާ ވާހަކައެއް ހަދައިލަމުން ކިޔައިލަންވީނު." ހަސަނު ރުޅި އިސްކުރި އެވެ.

ނަވާޒު ގާތަށް ވެސް ރުޅި އައެވެ. އޭނާ ފުފިގަތް މަންޒަރު ހަސަނަށް ފެނުނެވެ. ކޮންމެ ވެސް ގޮތަކުން ހަސަނުގެ ހިތް ބަދަލުވި ކަހަލަ އެވެ. އެހެންވެ އޭނާ ހިމޭންވި އެވެ. ނަވާޒު ބަލައިލީ ޖުމާނާގެ މޫނަށެވެ. ވާހަކަ ކުރިއަށް ގެންދާށޭ ބުނާ ފަދަ ގޮތަކަށް އޭނާ ބަލައިލި އެވެ.

"އެއީ ވިއްސާރަ ރެޔެއް. އަހަންނަށް އެންމެ ފުރަތަމަ އޭނާ ފެނުނީ ވެސް އެރޭ. ކަން ދިމާ ކުރި ގޮތުން އަހަންނަށް ހުރެވުނީ ގޭގައި އެކަނިމާ އެކަނި. ކުއްލިއަކަށް ދޮރުގައި މީހަކު ޓަކިދޭ އަޑަށް އަހަރެން ގޮސް ދޮރު ހުޅުވި އިރު ކުރިމަތީގައި ހުރީ މީނާ. މީނާ ހުރީ ތެމި ފޯވެފަ. ލައިގެން ހުރީ ތުނިތުނި ހުދު ގަމީކައި ހުދު ކުލައިގެ ސޯޓެއް. އޭނާއަށް ބަލައިލެވުމުން އަހަރެން ލަދުގަންނަ ގޮތްވި، އޭނާ އެދުނީ ހިޔާވަހިކަމެއް. އެ ތޫފާނީ ވަގުތު އަހަންނަށް އިސްކުރެވުނީ ހަމްދަރުދީ. އޯގާތެރިކަން. އެހެންވެ އެތެރެއަށް ވަންނަން ބުނީ." ޖުމާނާއަށް ގިސްލެވެން ފެށުނެވެ.

ޖުމާނާ އިރުކޮޅަކު ހުއްޓިލައިގެން ހުރުމަށްފަހު އަނެއްކާ ވެސް ފެށި އެވެ.

"އެދުނީ ތުވާއްޔެއް ދިނުމަށް. އަހަރެން ތުވާލި ދިނުމަށްފަހު ފާޚާނާއަށް ދިޔުމަށް އިޝާރާތްކޮށްލިން. އަދި ލައިގެން ހުރި އެއްޗެހި ބޭލުމަށްފަހު އަހަންނަށް ދިނުމަށް އެދުނިން. އެއީ ދޮވެލައި ހިއްކާލުމަށް ޓަކައި. ދެން އޭނާ ފާޚާނާއިން ނިކުންނަށް ވާއިރަށް ކޮފީއެއް ހަދައިލަން ބަދިގެއަށް ދިޔައިން. ކޮފީ ހިފައިގެން އައިރު ވެސް އޭނާ ފާޚާނާއިން ނުނިކުމޭ. އަހަރެން ފާޚާނާ ކައިރިއަށް ގޮސް ޓަކި ޖަހައިލިން. ފާޚާނާގެ ދޮރު ހުޅުވާލުމަށްފަހު އޭނާ ނުކުތީ ބޭރަށް. އަހަންނަށް ބަލައިލެވުނީ އޭނާއަށް. ލަދުން މޫނުގައި އަތް އަޅައިލެވުނު. އޭނާ އައި ގޮތަށް އައިސް އަހަރެންގެ ނޭފަތުގައި އަތް އެޅި. ދެން ވީ ނުވީ ގޮތެއް ނޭނގުނު."

އެހައި ހިސާބަށް ޖުމާނާއަށް ކިޔައިދެވުމާއެކު ޖުމާނާ ބަޑިފަޅައިގެން ދިޔަ އެވެ. އޭނާއަށް ވާހަކަ ނުދެއްކިގެން ހުއްޓައިލި އެވެ.

"ދެން ވީގޮތް ދޯ ކިޔައިދޭންވީ؟" ހަސަނު ލަސްލަހުން ބުނެލި އެވެ. "ދެން އޭނާ ބޭނުންވީ އަހަރެން. އޭނާ ބޭނުންވި ހުރިހާ ކަމެއް ކޮށްދިނިން. އޭނާގެ ރުހުމުގައި. އޭނާ އަހަންނަށް މަރުހަބާ ކިޔަމުން ދިޔައީ އުފަލުން. ހެމުން ހިނިތުންވަމުން. މީ ދޮގެއްތަ؟"

"ނޫން. ނޫން." ޖުމާނާ ދެކޮޅު ހެދި އެވެ.

"ހަގީގަތް ދޯ ބަލަން ބޭނުންވަނީ؟" ކުއްލިއަކަށް އެހެން މީހެއްގެ އަޑު އިވުމުން އެންމެން ބަލައިލީ އެ ދިމާއަށެވެ.

ވާހަކަދައްކަމުން ކުރިއަށް ހިނގަމުން އައީ ސަނިއްޔާ އެވެ. އޭނާ ހުރީ ލާނެތް ގޮތަކަށް ހެވިފަ އެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ވަނީ މަލާމާތެވެ. ބަދަލު ހިފުމުގެ ރޫހެވެ. ޖެއްސުމުގެ ކުލަވަރެވެ. އޭނާ އައިސް އަތުގައި އޮތް ޓެބްލެޓްގެ ސްކުރީނުގައި އިނގިލި ޖައްސާލަމުން ނަވާޒަށް ސްކުރީނު ދައްކައިލި އެވެ.

ނަވާޒަށް ބަލައިލެވުނީ ސަނިއްޔާ ދައްކަމުން ދިޔަ ސްކްރީނަށެވެ. އެއީ ޖުމާނާ އެ ކިޔައިދިން މަންޒަރުތަކެވެ. ޖުމާނާއާއި ހަސަނުގެ ގައިގޯޅި މަންޒަރުތަކެވެ. ނަވާޒަށް ބަލައިލެވުނީ ޖުމާނާއާ ދިމާއަށެވެ. ޖުމާނާ ލަދުން އިސްޖަހައިލި އެވެ. އަނެއްކާ ވެސް ނަވާޒު ބަލައިލީ ސްކްރީނަށެވެ. އޭނާ ބޭނުންވީ ޔަގީން ކުރާށެވެ. ޖުމާނާގެ ރުހުމުގައި ހަސަނަށް އޭނާ މަރުހަބާކީ ކަން ކަށަވަރު ކުރާށެވެ.

"މި މަންޒަރުތަކުން ކޮންކަމެއް ފެނުނީ؟ ގަދަކަމުން މީހަކު ކަމެއް ކުރި މަންޒަރުތަ؟ ނޫނީ ހިތުން ރުހުމުން ކަމެއް ކުރި މަންޒަރުތަ؟" ސަނިއްޔާ ސްކުރީނު ތިރިކޮށްލަމުން ޖުމާނާއާ ދިމާއަށް ހިނގައިގަތެވެ.

ސަނިއްޔާ ގޮސް ހުއްޓުނީ ޖުމާނާގެ ކައިރިއަށެވެ. އޭނާ ފުންކޮށް ބަލައިލީ ޖުމާނާގެ ދެ ލޮލަށެވެ. މަޑުމަޑުން ޖުމާނާގެ މޫނަށް ބަލައިލަމުން އޭނާގެ އަތް ޖައްސާލީ ޖުމާނާގެ ބަނޑުގަ އެވެ.

"ދެރަ ކަމަކީ ފާފައެއްގެ މައްޗަށް އިތުރު ފާފައެއް ކުރިކަން. ފާފަތައް ތަކުރާރުކުރިކަން،" ސަނިއްޔާ މަލާމާތުގެ ހިނިތުންވުމަކާއެކު އެނބުރިލީ ނަވާޒާ ދިމާއަށެވެ. "ދެރަކަމަކީ އެންމެ ލޯބިވި މީހާއަށް ދޮނެއް ކަޅެއް ވެސް އަންގައި ނުލާ ހުރިހާކަމެއް ނިންމައިލިކަން."

ސަނިއްޔާ ފަރިގޮތަކަށް ހިނގަމުން އައިސް ހުއްޓިލީ ނަވާޒުގެ ކުރިމައްޗަށެވެ. އޭނާގެ ޝަހާދަތް އިނގިލިން ނަވާޒުގެ ދަތްދޮޅި ހިއްލައިލި އެވެ.

"އާނ، ލޯބިވެރިޔާ ބަލިވެ އިނީ ހަސަނުގެ ދަރިއަކަށް. އެކަން ސިއްރުކުރާން ހަސަނު ދިން ބޭސް ކައިގެން އޭނާ އެ ކަން ވެސް ނިންމައިފި." ސަނިއްޔާ އަނެއްކާ ވެސް ސްކުރީނު ދައްކާލި އެވެ.

ނަވާޒު ބަލައިލީ ސަނިއްޔާގެ އަތުގައި އޮތް ސްކުރީނަށެވެ. އޭނާއަށް ފެނުނީ ސަނިއްޔާ އެ ކިޔައިދޭ މަންޒަރެވެ. ޖުމާނާއަށް ބޭސްގުޅައެއް ހަސަނު ދިން މަންޒަރެވެ. އެ ބޭސްގުޅަ ދިރުވާލި ތަނެވެ. އެއަށްފަހު ދެން ފެންނަން ފެށީ ލެއިން ތަތްތެޅިފައިވާ ފާޚާނާ އެވެ.

"ޔަގީންކުރޭ. މިއީ ހަގީގަތް. ސްޕައި ކެމެރާގެ އެހީގައި ހުރިހާ މަންޒަރެއް ރެކޯޑު ކުރީ ހަމައެކަނި ނަވާޒަށް މިކަން ސާބިތުކޮށްދޭން. މިކަމަށް އޭނާއަކަށް ދޮގެއް ނުހެދޭނެ. އޭނާގެ ދެފައިގައި އެވަނީ އެ ލޭ. އިތުރަށް ޔަގީންކުރާން ބޭނުން ނަމަ ޑޮކުޓަރަށް ދައްކާ. އޭރުން ފަޟީހަތްވާނީ ހަމަ އެ މައުސޫމު ނިކަމެތި ޖުމާނާ. ދުނިޔެއަށް ގިނަވާނީ ވެސް ހަމަ އޭނާ." ސަނިއްޔާ ހުއްޓައިލި އެވެ.

ނަވާޒު ރުޅިވެރިކަމާއެކު ހަޅޭއްލަވާގަތެވެ. އޭނާ ބަލައިލީ ޖުމާނާގެ މޫނަށެވެ. ޖުމާނާ އިސް ޖަހައިލި އެވެ.

"އެ ފެނުނު މަންޒަރުތަކާ ޖުމާނާގެ ތިޔަ ހިމޭންކަމުން އަހަންނަށް ޔަގީންކުރެވިއްޖެ. ދެން ހެޔޮ އަހަރެންގެ ކުރިމަތިން ރައްކާވާން އުޅޭ. ދުރަށްދާން އުޅޭ." ނަވާޒަށް ކޮންޓްރޯލު ނުކުރެވުނެވެ.

"އޭ އަދި އަޑުގަދަކޮށް ހަޅޭއްލަވާކަށް ނުވޭ. މި ފިލްމު ނިމޭއިރު ހުރިހާ ކަމެއް ސާފުވާންވާނެ." ސަނިއްޔާ ގޮސް ހުއްޓިލީ ޖުމާނާގެ ކައިރިއަށެވެ.

އޭނާ ނެގީ އަތުގައި އޮތް ޓެބުލެޓެވެ. ނެގުމަށްފަހު ސްކުރީނުގައި އިނގިލި ޖައްސާލިއެވެ. ޖުމާނާ ރޮމުން ގިސްލަމުން ނަމަވެސް ބަލައިލީ ސްކުރީނަށެވެ. އެއާއެކު އޭނާ ދެ ލޯ ބޮޑުވި އެވެ. ފެންނަމުން ދިޔަ މަންޒަރުތަކުންނެވެ. ސަނިއްޔާއާއެކު ނަވާޒުގެ ގައިގޯޅި މަންޒަރުތައް ފެންނަ ފޮޓޯތަކުންނެވެ. އެކި ގޮތްގޮތަށް ތިބެ ނަގައިފައިވާ ނަފުސީތަކުންނެވެ. ނަވާޒަށް ފެންނަ ގޮތަށް ސްކުރީނު ދައްކާލި އެވެ.

"ވަކި އަހަންނަށް ކިޔާ ވަރެއް ނޫނެއްނު." އެ މަންޒަރުތަކުން ޖުމާނާއަށް ލިބުނީ ހިތްވަރެކެވެ.

އެހެންވެ އޭނާ އަމިއްލަ ދިފާއުގައި ފެށި އެވެ. ރުޅިވެރިކަމާއެކު ނަވާޒުގެ މޫނަށް ބަލައިލި އެވެ.

"އަހަރެން ހީކުރީ އަހަންނަށް މިސްޓޭކެއް ހެދުނަސް ނަވާޒު ހުންނާނީ ތެދުވެރިއެއް ގޮތުގައި ކަމަށް. އިހުލާސްތެރިއެއް ގޮތުގައި ކަމަށް. އަހަރެންދެކެވީ ހަގީގީ ލޯބީގައި ސާބިތުވެ ކަމަށް. އެކަމަކު އެހެންނެއް ނުވިއެއްނު." ގިސްލަމުން ގިސްލަމުން ޖުމާނާ ކުރިއަށް ގެންދިޔަ އެވެ.

މަންޒަރު ބަލަން ހުރި ހަސަނަށް ކެތެއް ނުވި އެވެ. އޭނާގެ ހިޔާލު ބަދަލުވީ ކަން ނޭނގެ އެވެ. އަތް ޖަހަމުން އޭނާ ކުރިއަށް ޖެހިލި އެވެ.

"ކޮބާ ފިލްމު ވެސް ނިމުނީއެއްނު! އަހަންނަށް އޮތް ހަދިޔާ ކޮބާ؟" ހަސަނު ގޮސް ހުއްޓުނީ ސަނިއްޔާގެ ކުރިމަތީގަ އެވެ.

ސަނިއްޔާ ތަންކޮޅެއް ދުރަށް ޖެހިލި އެވެ. ހަސަނުގެ އަތުގައި ހިފައިގެންނެވެ.

"ކަލޭއަށް މަދުވީ ކޮން އެއްޗެއް؟ ކަލޭ ބުނި ވަރަށް ލާރި ދިނީމެއްނު. ކަލޭ ބުނިހާ ކަމެއް އަހަރެން ކޮށްދިނީމެއްނު." ސަނިއްޔާ ވައި އަޑުން ބުނެލި އެވެ.

ދުރުގައި ތިބި ޖުމާނާއާއި ނަވާޒަށް ނީވޭވަރަށެވެ. އެމީހުންނާ ދިމާއަށް ކަޅި އަޅަމުންނެވެ.

"ކަލޭ ދޭންބުނި ލާރިކޮބާ؟ ކަލޭއަށް ޓަކައި އަހަރެން ކިހާ ވަގުތެއް މި ހޭދަކުރީ. އެންމެ ވިހިހާސް ރުފިޔާއިން ނުކުރެވޭ ބޮޑެތި ކަންތައް ވެސް ކޮށްދީފީމެއްނު. ދެން؟" ހަސަނަށް ބާރުބާރަށް ބުނެލެވުނެވެ.

"ބާކީދޭނަމޭ. އެކަމަކު މި ހުރިހާ ކަމެއް ނިމުނީމައެއްނު. އަހަރެން އަތަކު މި ވަގުތު ލާރިއެއް ނެތޭ. ލިބުނުހާ އަވަހަކަށް ދޭނަމޭ." ސަނިއްޔާ އަވަސްއަވަހަށް ބުނެލި އެވެ.

"ލާރިއެއް ނެތޭ. އެކަމަކު ކަލޭ ބުނީ މިރޭ ލާރިދޭނަމޭ.. ނޫންތަ؟" ސަނިއްޔާ ދުރަށްކޮށްޕާލަމުން ހަސަނު ބުނެލި އެވެ.

"ދޭނަމޭ. ޕްލީޒް ދެން މި ވަގުތު ތި ވާހަކަ ނުދައްކާ! ޕްލީޒް." ސަނިއްޔާ ދުއްވައިގަތީ ހަސަނުގެ ފަހަތުންނެވެ.

"އަހަންނަށް އެނގޭ ކަލޭއަކީ ކާކުކަން. ކަލޭއަކީ އަމިއްލަ އެދުމާ ހެދި ފޯވެފައި ހުރި މީހެއް. ކަލޭތީ، ކަލޭ ބޭނުންވާ ކަންކަން ހާސިލުކުރުމަށް ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ މީހެއް." ހަސަނު ކުރިއަށް ހިނގައިގަތެވެ.

ސަނިއްޔާ ދުވެފައި ގޮސް ހަސަނު ހުއްޓުވި އެވެ. އޭނާ ބޭނުންވީ ހަސަނުގެ ހުއްޓުވާށެވެ. ނަވާޒަށް ކަންކަން އެނގިދާނެތީ އެވެ.

"ލާރި ގެނޭ. އެހެން ނޫނީ ހުރިހާ ކަމެއް ފަޅާއަރުވާލާނަން." ހަސަނު އިންޒާރު ދިނެވެ.

"މާދަމާ ދޭނަން. ޕްރޮމިސް. ހުވާ މިކުރީ." ސަނިއްޔާ ހިފަހައްޓައިލީ ހަސަނުގެ މުލައްދަނޑީގަ އެވެ.

"މާދަމާ، މާދަމާ. ތި މާދަމާއެއް ނައެއްނު. އިއްޔެ ވެސް ބުނީ މާދަމާއޭ، މިދިޔަ ހަފުތާގައި ވެސް ބުނީ މާދަމާއޭ. ނިމޭރެޔޭ. ދެން ކޮން ދުވަހަކު ތި މާދަމާ އަންނާނީ." ހަސަނު ގޮސް ހުއްޓުނީ ނަވާޒު ކައިރިއަށެވެ.

ނަވާޒު ހުރީ ވެގެން އުޅޭގޮތް ސާފު ނުވެފަ އެވެ.

"ކަލޭ، އަޑުއަހާ. ކަލޭއަށް ކުރިމަތިވި ހުރިހާ ކަމެއް ކުރިމަތި ކުރީ މި ޖައްބާރު އަންހެނާ. ޖުމާނާއަށް އެކަން ކުރީ ވެސް މީނާގެ ރޭވުމަށް. އަހަރެން އެރަށަށް ދިޔައީ ވެސް ސީދާ މީނާގެ އޯޑަރަށް. ދެން އެރޭ ކަލޭ އެ ކޮޓަރިއަށް ގެންގޮސް އެ ފޮޓޯތައް ނެގީ ވެސް މީނާ ބުނެގެން އަހަރެން. އަސްލަކީ ކަލޭ އެއްވެސް ކަމެއް ނުކުރާކަން. އޭނާއަކީ ދޮގުވެރިއެއް. މަށަށް ލާރިދޭނަމޭ ކިޔައިގެން މި ހުރިހާ ކަމެއް ކުރުވީ އޭނާ. ކަލޭއަށް ބިރުދައްކާ މާރާމާރީ ހިންގުވައިގެން ކަލޭ ދުވަސް ދުއްވާލަން އުޅުނީ ވެސް އޭނާ." ހަސަނު ފަތިވަރަކަށް އަމުނައިލި އެވެ.

ނަވާޒު ދެ ލޯ ބޮޑުވި އެވެ. އޭނާ ބަލައިލީ ސީދާ ސަނިއްޔާއާ ދިމާއަށެވެ.

"އަހަރެން އޮތީ އެންމެ ސުވާލެއް." ނަވާޒު އަސަރުން ފުރިގެންވާ ރާގެއްގައި ބުނެލި އެވެ.

ސަނިއްޔާ އިސް ޖަހައިލި އެވެ. ޖުމާނާ ވެސް ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. އެ ދިމާ ބަލާށެވެ. ބަދަލުވަމުން ދިޔަ ހާލަތާ އޭނާއަށް ފެންނަމުން، އިވެމުން ދިޔަ ވާހަކަތަކާ މެދު ހައިރާން ވެފަ އެވެ.

"ކަލޭ އަހަންނަށް މިހެން ހަދަން ޖެހުނީ ކީއްވެގެން؟ އަހަރެންގެ ކޮން ކުށެއް އޮވެގެން." ނަވާޒަށް ރުޅި އިސްކުރެވުނެވެ.

"ކަލޭ އަހަންނަށްވުރެ މޮޅުވާތީ. ކުލާހުގައި އެންމެންނަށް ކަލޭ މުހިއްމު ވާތީ. އެހެން މީހަކު ކުރިއަރާދާތަން ބަލާކަށް އަހަންނަކަށް ފަސޭހައެއް ނޫން. އަހަރެން ނޫން މީހަކު އެހެން މީހުންނަށް މުހިއްމުވެގެން އުޅޭ މަންޒަރު ބަލާކަށް އަހަންނަށް ފަސޭހައެއް ނޫން. އެކަން އަހަންނަށް ބަލައިގަންނަން ފަސޭހައެއް ނޫން." ސަނިއްޔާ ކުރިއަށް ޖެހިލި އެވެ.

ސަނިއްޔާގެ ވާހަކަ އިވިފައި ނަވާޒަށް ލިބުނީ ހައިރާންކަމެވެ.

"އެކަމަކު؟ މިހާ ބޮޑެތި ކަންތައް ނުކޮށް އަހަރެން ގާތު ސާފުކޮށް ބުނެލިނަމަ." ނަވާޒު ކުރިއަށް ޖެހިލި އެވެ.

"އާނ! އަހަންނަށް އަމިއްލަ އެދުން އިސްކޮށް ވަރަށް ބޮޑެތި ގޯސްތަކެއް ހެދިއްޖެ. މައާފު ނުލިބޭ ވަރުގެ ކަންތައްތަކެއް ކުރެވިއްޖެ. ދެން އަހަންނަށް ދުނިޔެއާ ކުރިމަތިލާނެހާ ހިތްވަރެއް ނުލިބޭނެ. އަހަންނަށް އެނގޭ މިއީ މާފު ހައްގުނުވާ ކުށެއްކަން." ސަނިއްޔާ ބޭރަށް ދުއްވާގަތެވެ.

އޭނާގެ ފަހަތުން ހަސަނު ވެސް ދުއްވާގަތެވެ. ނަވާޒު ބަލައިލީ ޖުމާނާއާ ދިމާއަށެވެ. ކަރުނައިގެން ތެމިފޯވެފައިވާ ހާލު ޖުމާނާ ވެސް ބަލައިލީ ނަވާޒަށެވެ. ޖުމާނާ މޫނުމައްޗަށް ހިނިތުންވުމެއް ވެރިކުރެވޭތޯ ބެލި އެވެ.

"ކުށެއް ނެތް. ހުރިހާ ގޯހެއް ހެދުވީ ސަނީ. އެއީ ސަނީއެއް ނޫން. އިބިލީހެއް. އަމިއްލަ އެދުމާހެދި މޮޔަވެފައިވާ ޖައްބާރެއް." ނަވާޒު ބުނެލި އެވެ.

"އާނ! މި ހުރިހާ ކަމަކުން އެނގުނު ކަމަކީ މީހަކު ކުރިއަރާ ދާތަން ބަލަން ކެތް ނުވާ މީހުން ތިބޭނެކަން. މީހަކު ކުރިއަރައިގެން ދާނަމަ އެކަން ހުއްޓުވާނެ މީހުންނާއި އެކަން ހަޖަމު ނުވާނެ މީހުން އުޅޭނެކަން. އަހަރުމެން އެކަމާ މެދު ވިސްނަން ޖެހޭނެކަން." ޖުމާނާ ލައްވެލީ ނަވާޒުގެ މޭގަ އެވެ.

"އާނ! އެންމެންގެ ވިސްނުން އެއްގޮތެއް ނުވާނެ. ދުނިޔޭގައި އެކި ވައްތަރުގެ މީހުން އުޅޭނެ. އެކަމަކު ޖުމާއަށް ތި ލިބުނީ ނުކުރާ ކުށެއްގެ ސަޒާއެއްނު. މަސްތު ކުރުވައިގެން އިއްފަތާއި އަބުރު ގެއްލުވާލާ ކުށެއްގެ މައްޗަށް ކުށެއް..." ނަވާޒު އެހެންބުނެ ނުނިމެނީސް ބާރު އަޑުފަށް ގަނޑެއް އިވުނެވެ.

ދެމީހުންނަށް ލިބުނު ސިހުމާއެކު ބޭރަށް ނުކުންނަން ހިނގައިގަތެވެ. ދެމީހުން ބޭރަށް ނުކުމެ ބަލައިލިއިރު އެ ތަނަށް މީހުން އެއްވަނީ އެވެ. ކައިރި ނުވަނީސް ވެގެން އުޅޭގޮތް ސާފުވާ ގޮތްވި އެވެ.

ދުއްވާފައި ދިޔަ ކާރެއްގައި ޖެހި ދެ މީހަކު ވިއްސައިގެން ގޮސް އޮތް މަންޒަރު ފެނުނެވެ. އެކަކު އޮތީ ހޮޅިދަނޑި ކައިރީގަ އެވެ. އެއީ އަންހެނެކެވެ. ފުންކޮށް ވިސްނައިލުމުން އެއީ ސަނިއްޔާކަން ކަށަވަރުވި އެވެ. ދެން އޮތީ ހަސަނެވެ. އޭނާގެ ބޯ އޮތީ ޗިސްޗިސްވެފައެވެ. ސިކުނޑި އޮތީ މަގުމަތީގަ އެވެ.

ނަވާޒު ދެ ލޯ މަރައިލި އެވެ. އޭނާ ޖުމާނާގެ ގައިގައި ބާރުބާރަށް ބައްދާލިއެވެ.

"ޖާހިލުންގެ ނިމުން ހިތިވާނެ. ހައްގަށް ނަސްރު ލިބޭނެ. ނަސީބަކީ ހުރިހާ ކަމެއް ސާފުވެ މަންޒަރު އަލިވިފަހުން މިކަން ހިނގިކަން." ނަވާޒު މަޑުމަޑުން ބުނެލި އެވެ.

"ލާމެހިފައިވާ ދުނިޔެއެއްގައި އުޅޭއިރު އެކަކު އަނެއްކަކަށް އިހުތިރާމުކޮށް، އެކަކު އަނެއްކެއްގެ ކުރިއެރުމަށް ހުންނަ ފުރުސަތުތަކުގައި އަތްއަޅަން މަސައްކަތް ނުކޮށް، އެ މީހެއްގެ ދާއިރާއިން އެ މީހަކު ކުރިއަށް ދިޔުމަށް ހުންނަ މަގުތައް ބަންދުކުރާން މަސައްކަތް ކުރުމީ ގޯހެއް. މިއީ މަދުން ނަމަވެސް އަހަރުމެންގެ މުޖުތަމައުން ފެންނަ ގޯސް އާދައެއް." ޖުމާނާ ލަސްލަހުން ބުނެލި އެވެ.

"އާނ! ސަނީގެ ފުށުން އަހަރުމެންނަށް ދަސްވި ކަމަކީ އެއީ. ސަނީ ދުނިޔެއަށް ދިން މެސެޖަކީ އެއީ. ހަސަދަވެރިކަމުގެ ނިމުން ހިތިވާނެކަން." ނަވާޒު ދެ ލޯ މަރައިލި އެވެ. (ނިމުނީ)