Advertisement

އެއިޑްސް ޖެހުމުން ވަކި ކުރި މެގަ މޯލްޑިވްސްގެ ކެބިން ކްރޫއަކަށް އެއް އަހަރުގެ ބަދަލެއް

19 ސެޕްޓެންބަރު 2021 - 22:55 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

މިހާރު އޮޕަރޭޝަންތައް ހުއްޓާލާފައިވާ މެގަ މޯލްޑިވްސްގެ މަތިންދާބޯޓެއް. -ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް


އެއިޑްސް ޖެހުމުން ވަކި ކުރި މެގަ މޯލްޑިވްސްގެ ކެބިން ކްރޫއަކަށް އެއް އަހަރުގެ ބަދަލެއް

19 ސެޕްޓެންބަރު 2021 - 22:55 0

އެޗްއައިވީއަށް ޕޮޒިޓިވްވުމުން ވަޒީފާއިން ވަކި ކުރި މުވައްޒަފަކަށް ބަދަލު ދިނުމަށް މެގަ މޯލްޑިވްސްގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

މާލީ ގޮތުން ގޮންޖެހުންތަކާ ގުޅިގެން މިހާރު އުވާލަން ނިންމާފައިވާ މެގަ މޯލްޑިވްސްގެ ކެބިން ކްރޫއެއްގެ މަގާމު މި މައްސަލައިގައި ހިމެނޭ މުވައްޒަފު އައްޔަނުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 2010 ވަނަ އަހަރެވެ.

ނަމަވެސް، 2012 ވަނަ އަހަރު އެ އެއްބަސްވުން ހަމަވުމުގެ ކުރިން، އެޗްއައިވީއަށް ޕޮޒިޓިވްވެފައިވާކަން ކުންފުންޏަށް އެންގި ހިސާބުން އެ މުވައްޒަފު ފްލައިޓަށް އަރުވައިފައެއް ނުވެ އެވެ.

އޭގެ ފަހުން، ބައިނަލްއަގުވާމީ ސިވިލް އޭވިއޭޝަން އިދާރާއަކުން ހަދާ މެޑިކަލްއަކުން އެ މުވައްޒަފު ފާސްވެފައިވާ ކަމުގެ ލިޔުން ހުށަހެޅުމުން، ވަޒީފާގެ އެއްބަސްވުން އެންމެ އެއް މަސް ދުވަހަށް އިތުރުކޮށް ދިނުމަށްފަހު، އޭގެ އިތުރަށް އެއްބަސްވުން އާކޮށްދީފައެއް ނުވެ އެވެ.

އޭނާއާއެކު އެއް މަގާމެއްގައި ތިބި އެހެން މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން ތިން އަހަރަށް އާކޮށްދީފައިވަނީ އޭނާއާ މެދު ބައްޔެއްގެ ސަބަބުން ތަފާތުކުރުމުގެ ތެރެއިން ކަމަށް ބުނެ އޭނާ ވަޒީފާއާބެހޭ ޓްރައިބިޔުނަލަށް ހުށަހެޅި އެވެ.

ޓްރައިބިޔުނަލުން އެ މުވައްޒަފާ އެއްކޮޅަށް މައްސަލަ ނިންމީ، އޭނާގެ ވަޒީފާ އިޔާދަ ކޮށްދިނުމަށް ނޫނީ އޭނާ އާއި އެއް މަގާމެއްގައި ތިބި މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން އާ ކޮށްދިން މުއްދަތުގައި މައްސަލަ ހުށަހެޅި ފަރާތް އެ ވަޒީފާގައި ދެމިހުރިނަމަ މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބޭނޭ އެންމެހާ ފައިސާ ބަދަލުގެ ގޮތުގައި ދިނުމަށެވެ.

އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން މެގާ މޯލްޑިވްސްއިން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރި އެވެ.

ނަމަވެސް، ހައި ކޯޓުން ވެސް ނިންމީ އެ މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ މަގުބޫލު އުޒުރެއްނެތި، އެ މުވައްޒަފަށް ޖެހިފައިވާ ބައްޔެއްގެ ސަބަބުން ކަމަށް ބުނެ މެގާ މޯލްޑިވްސްއާ ދެކޮޅަށެވެ.

އެއާއެކު އެ ކުންފުނިން ސުޕްރީމް ކޯޓަށް ދިޔައީ އެ މުވައްޒަފަށް ބަދަލުގެ ގޮތުގައި ކަނޑައަޅާފައިވާ ތިން އަހަރުގެ ދުވަހުގެ މުސާރަ އާއި އިނާޔަތްތަކާ ގުޅިގެންނެވެ.

އެ ކުންފުނިން ބުނީ ހައިކޯޓުން ދޭން އަންގާފައިވާ ބަދަލަކީ ވަޒީފާ އާއި ބެހޭ ގާނޫނުގައި ބަޔާން ކުރާ ފަދަ އެކަށީގެންވާ އަދުލުވެރި ބަދަލެއް ނޫން ކަމަށެވެ.

އެ މައްސަލަ ބެލުމަށްފަހު މި މަހުގެ އަށް ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ވަޒީފާއިން ވަކިކުރި މުވައްޒަފާ އެއްކޮޅަށް ޓްރައިބިޔުނަލްއިން ނިންމި ނިންމުމުގައި، ބަދަލުގެ ގޮތުގައި ނަގައިދޭން ކަނޑައެޅި މުއްދަތު ސީދާ ސާފުނުވާ ކަމަށެވެ.

އަދި ވަޒީފާ އިޔާދަކުރަން ބޭނުން ނުވާ ކަމަށް އެ މުވައްޒަފު ބުނެފައިވުމުގެ އިތުރުން، ޓްރައިބިޔުނަލުން އެ މައްސަލަ ބަލައި ނިންމިއިރު ވެސް، އެ މުވައްޒަފު އެހެން ވަޒީފާއެއް އަދާކުރަމުންދާކަން އެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމްގައި ވަނީ، އެ މުވައްޒަފަށް ބަދަލުގެ ގޮތުގައި ނަގާދެވޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށްވާ މުސާރަ އާއި އިނާޔަތްތަކަށް ވާ ފައިސާ ކަމަށެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވީ އުއްތަމަ ފަނޑިޔާރު މުއްތަސިމް އަދުނާނާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ.