Advertisement

ފީފާގެ ހުއްދަ ނުލިބޭތީ ބަންގްލަދޭޝްގެ ސާފް ޗެމްޕިއަންޝިޕް ސްކޮޑުން ނައިޖީރިއާ ފޯވާޑް ބާކީކޮށްފި

27 ސެޕްޓެންބަރު 2021 - 19:28 0

ބަންގްލަދޭޝް ޓީމުގައި ހިމަނަން މަސައްކަތް ކުރި އެލެޓާ ކިންގްސްލީ.


ފީފާގެ ހުއްދަ ނުލިބޭތީ ބަންގްލަދޭޝްގެ ސާފް ޗެމްޕިއަންޝިޕް ސްކޮޑުން ނައިޖީރިއާ ފޯވާޑް ބާކީކޮށްފި

27 ސެޕްޓެންބަރު 2021 - 19:28 0

އަންނަ ހުކުރު ދުވަހު ރާއްޖޭގައި ފަށާ އުރީދޫ ސާފް ޗެމްޕިއަންޝިޕަށް ބަންގްލަދޭޝް އިން އިއުލާނުކުރި ފައިނަލް ސްކޮޑުން ނައިޖީރިއާ އަށް އުފަން ފޯވާޑް ކެލެޓާ ކިންގްސްލީ ބާކީކުރަން ޖެހިއްޖެ އެވެ.

ރާއްޖޭގެ ނިއު ރޭޑިއަންޓަށް ކުރިން ކޯޗުކޮށްދިން ސްޕެއިންގެ އޮސްކާ ބްރުޒޮން މި ފަަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝަށް ކޯޗުކޮށްދޭއިރު، އޭނާ އެންމެ ފުރަތަމަ އިއުލާނުކުރި 26 ކުޅުންތެރިންގެ ސްކޮޑުގައި އުމުރުން 31 އަހަރުގެ ކިންގްސްލީ ހިމެނެ އެވެ. ކިންގްސްލީ އަކީ އޮސްކާގެ ކޯޗުކަމުގައި ބަޝުންދަރާ ކިންގްސް އަށް ކުޅޭ ކުޅުންތެރިއެކެވެ.

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަން ބަންގްލަދޭޝް މާދަމާ ރާއްޖެ އަންނަން ފުރާއިރު، ޓީމުގައި ކިންގްސްލީ ނުހިމެނޭނެކަން ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް)ގެ ޖެނެރަލް ސެކްރެޓަރީ އަބޫ ނައީމް ޝޮހާގް ވަނީ މީޑިއާ އަށް ކަށަވަރު ކޮށްދީފަ އެވެ.

"ފީފާ އިން ލިބެން ޖެހޭ ހުއްދަތައް އަދި ނުލިބޭ. ސާފްގެ ކުރިއަކުން ޔަގީނުން ވެސް ނުލިބޭނެ. އެހެންވެ، މި ފަހަރުގެ ސާފްގައި ކިންގްސްލީ ނުކުޅޭނެ،" ޝޮހާގް ވިދާޅުވި އެވެ.

ބަންގްލަދޭޝްގައި 2011 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ކިންގްސްލީ ވަނީ އެ ގައުމުގެ ތިން ކްލަބަކަށް ކުޅެފަ އެވެ. އޭނާ އަށް ބަންގްލަދޭޝްގެ ޕާސްޕޯޓް ދިނީ މި އަހަރު އެވެ.

ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުގެ ގައުމީ ޓީމު ކޮމިޓީން މިދިޔަ ހަފްތާގައި ނިންމީ ބަންގްލަދޭޝް ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި އިނގިރޭސި ކޯޗު ޖޭމީ ޑޭގެ ކޮންޓްރެކްޓުގައި ބާކީ އަހަރެއް އޮތްއިރު، އޭނާ ވަކިނުކޮށް އޭނާ ދެ މަސް ދުވަހަށް ގައުމީ ޓީމުގެ ޒިންމާ އިން ވީއްލާށެވެ. އަދި ސާފް ޗެމްޕިއަންޝިޕްގައި ޓީމު ލީޑުކުރުމުގެ ޒިންމާ އޮސްކާއާ ހަވާލުކުރާށެެވެ.

ފުރަތަމަ ފަހަރަށް ގައުމީ ޓީމަކާ ހަވާލުވެ މުބާރާތަކަށް ނުކުންނަން ތައްޔާރުވަމުން އަންނަ އޮސްކާ މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ކަނޑައަޅާފައިވާ ޓާގެޓަކީ ފައިނަލަށް ދަތުރުކުރުމެވެ.

ސަރަހައްދުގެ ޗެމްޕިއަންކަން އެއް ފަހަރު ހޯދާފައިވާ ބަންގްލަދޭޝް އިން އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕެއްގެ ފައިނަލުގައި ކުޅުނީ 2005 ވަނަ އަހަރު އެވެ. ޕާކިސްތާންގައި ބޭއްވި އެ މުބާރާތުގެ ފައިނަލުގައި ބަންގްލަދޭޝް ބަލިވީ އިންޑިއާ އަތުން 2-0 އިންނެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝާއި މުބާރާތް ހޯސްޓްކުރާ ރާއްޖޭގެ އިތުރުން ދެން ވާދަކުރާ ތިން ގައުމަކިީ ނޭޕާލާއި އިންޑިއާ އަދި ސްރީ ލަންކާ އެވެ. މުބާރާތް ރޭވިފައި އޮތީ ފަސް ގައުމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަންނަ ހުކުރު ދުވަހު ހަވީރު ނުކުންނާނީ ސްރީ ލަންކާއާ އެެވެ. ލަންކާ ސާފަށް ތައްޔާރުވަނީ ސައުދީ އަރަބިއްޔާގައި ކޭމްޕެއް ފުރިހަމަ ކުރުމަށް ފަހު އެެވެ.

ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަން އެންމެ ފުރަތަމަ ރާއްޖެ އައި ގައުމަކީ ނޭޕާލް އެވެ. މިއަދު ހަވީރު ނޭޕާލް ކުޅުންތެރިން ރާއްޖެ އައިއިރު، އެ ޓީމުން މުބާރާތަށް ތައްޔާރުވާން ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރީ ރާއްޖެ އެކޭ އެއްގޮތަށް ގަތަރުގަ އެވެ. ގަތަރު ޓްރެއިނިން ކޭމްޕްގައި ނޭޕާލް ކުޅުނު ފަހު މެޗުން ރޭ ވަނީ އޮމާން އަތުން 7-2 އިން ބަލިވެފަ އެވެ.

ނޭޕާލުން ސާފް ޗެމްޕިއަންޝިޕްގެ މި ފަހަރުގެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެރޭ ކުޅޭނީ ރާއްޖެއާ އެވެ.