Advertisement

ޖަލުން ފިލީ މަންމަ ގައިގާ ބައްދާލަން ބޭނުންވާތީ: ފަލަސްތީނު ގައިދީ

20 ސެޕްޓެންބަރު 2021 - 07:00 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިޒްރޭލުގެ ޖަލުން ފިލި ފަލަސްތީނުގެ މަހްމޫދު އަބްދުﷲ އަރްދާހް.-- ފޮޓޯ: އޭއެފްޕީ


ޖަލުން ފިލީ މަންމަ ގައިގާ ބައްދާލަން ބޭނުންވާތީ: ފަލަސްތީނު ގައިދީ

20 ސެޕްޓެންބަރު 2021 - 07:00 0

މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އިޒްރޭލުގެ ސެކިއުރިޓީ ވަރުގަދަ ގިލްބޯއާ ޖަލުން ފަލަސްތީނުގެ ހަ މީހަކު ފިލި އެވެ. އެއާއެކު އިޒްރޭލު އެލާޓަށް ދިޔަ އެވެ. ނަމަވެސް ފަލަސްތީނުގެ ގާޒާ އާއި ހުޅަނގު އައްސޭރީގައި ރައްޔިތުން ނުކުތީ އުފާ ފާޅުކުރާށެވެ. ގައިދީންތައް ޖަލުން ފިލުމުން، ފަލަސްތީނުގެ ހުރިހާ ރައްޔިތުންނަށް މިނިވަންކަމުގެ އިހުސާސް ކުރެވުނު ކަހަލަ އެވެ.

ހަ ގައިދީން ހޯދަން އިޒްރޭލުން ހިންގީ ވަރުގަދަ އޮޕަރޭޝަނެކެވެ. ޑްރޯންތައް މަތިން ދުއްވާ، މަގުތަކުގައި ޗެކްޕޮއިންޓް ގާއިމްކޮށް، އިޒްރޭލް ސިފައިން ގޮސް ހުޅަނގު އައްސޭރި ފުރާލި އެވެ. އޭގެ ތެރެއިން ހަތަރު މީހަކު ފެނުނީ މިދިޔަ ހަފުތާގަ އެވެ. ބާކީ ދެ މީހުން ފެނުނީ އިއްޔެ އެވެ. އެ މީހުން އެކަން ކުރި ގޮތުގެ ވާހަކަތައް ވަކީލުން މެދުވެރިކޮށް ވަނީ އިޒްރޭލާއި ފަލަސްތީނުގެ މީޑިއާތަކާ ހަމައަށް ފޯރާފަ އެވެ.

އިޒްރޭލުގެ މީޑިއާ އިން ސިފަ ކުރާ ގޮތުގައި ޖަލުން ފިލަން ރޭވުމުގެ "މާސްޓާމައިންޑަކީ" މަހްމޫދު އަބްދުﷲ އަރްދާހް އެވެ. އަރްދާހް އަކީ އިސްލާމިކް ޖިހާދާ ގުޅިގެން އުޅޭ ކަމަށް ސާބިތުވެ 2002 ވަނަ އަހަރު އުމުރަށް ޖަލަށް ހުކުމްކޮށްފައި ހުރި މީހެކެވެ. އަރްދާހް ބުނެފައި ވަނީ އޭނާގެ އިތުރުން ފަސް ގައިދީން އެކުގައި ޖަލުން ފިލަން ރާވަން ފެށީ މީގެ ނުވަސް މަސް ކުރިންނެވެ.

ޖަލުން ފިލުމަށް ކޮނުނު ހަނި މަގު


އެކަމުގައި އެހެން އެއްވެސް ގައިދީއެއްގެ އެހީތެރިކަން ނުލިބޭ ކަމަށް އޭނާ ބުނެ އެވެ. ނަމަވެސް އިޒްރޭލުން ތުހުމަތު ކުރަނީ 11 ގައިދީއަކު ބައިވެރިވި ކަމަށެވެ.

"މަހްމޫދު އަޅުގަނޑު ކައިރީގައި ބުނީ ބިމު އަޑީގެ މަގު ކޮންނަން ފެށީ މިދިޔަ ޑިސެމްބަރު މަހުގައި ކަމަށް،" އަރްދާހްގެ ވަކީލް އޭއެފްޕީ އަށް ވިދާޅުވި އެވެ.

ޖަލު ގޮޅީގެ ތެރެއިން ބޭރަށް ދެވޭނެ ބިމު އަޑީގެ މަގު ކޮންނަން ބޭނުން ކުރީ ސަމުސަލާއި ތައްޓާއި ސައިކުރައެއްގެ އަތްގަނޑު ކަމަށް އަރްދާހް ވަނީ ވަކީލު ކައިރީގައި ބުނެފަ އެވެ.

ޖަލުން ފިލުމަށް ފަހު، އެ މީހުން ހޯދަން ހިންގި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ވެސް ގަވާއިދުން އެއް ކުރަމުން ދިޔަ އެވެ. އެކަން ކުރީ ޖަލުން އެ މީހުންނާއެކު ގެންދިޔަ ކުދި ރޭޑިއޯތަކެއްގެ އެހީގަ އެވެ.

އެ މީހުން އެންމެ ފުރަތަމަ ދިޔައީ އަރަބިން ދިރިއުޅޭ ނައުރާ އަވަށަށެވެ. ގިލްބޯއާ ޖަލާ ހަތް ކިލޯމީޓަރު ދުރުގައި ހުންނަ އެ އަވަށަށް ފައިމަގުގައި ގޮސް، ފެން ވަރައި ހެދުން ބަދަލުކުރި އެވެ.

އޭގެ ފަހުން ހުޅަނގު އައްސޭރީގެ ޖެނިން އަވަށަށް އެ މީހުން ގެންގޮސްދޭނެ މީހަކު ވޭތޯ ބެލި އެވެ. ނަމަވެސް އެއްވެސް މީހަކު އެކަމަށް އެއްބަހެއް ނުވި އެވެ.

އެހެންވެ، ތިން މީހުންގެ ދެ ގްރޫޕަށް ބެހިގެން، ހުޅަނގު އައްސޭރި ހިސާބުން ސިފައިން މަދު ވަންދެން ފިލައިގެން އުޅުމަށް އެ މީހުން ނިންމި އެވެ.

ފިލައިގެން އުޅެނިކޮށް ފުރަތަމަ ހަތަރު މީހުން ހައްޔަރު ކުރީ މިދިޔަ ހަފުތާގަ އެވެ. އެ މީހުން ފިލައިގެން މަސައްކަތް ކުރީ ޓެރަރިސްޓު ހަމަލާ ދޭން ކަމަށް އިޒްރޭލުން ތުހުމަތު ކުރެ އެވެ. ނަމަވެސް އަރްދާހް އެކަން ދޮގުކުރެ އެވެ.

"އަހަރެން ބޭނުންވީ މިނިވަންކަން. މަންމަ ކައިރިއަށް ގޮސް މަންމަ ގައިގާ ބައްދާލަން."

ޖަލުން ފިލުމަށް ބިމު އަޑިން މަގު ކޮނުމަށް ސަމްސާ ބޭނުންކުރީތީވެ، ފަލަސްތީނުގައި މިހާރު ސަމްސާ ވެފައިވަނީ މިނިވަންކަމުގެ ރަމްޒަކަށް


ޖަލުން ފިލަން ސަމުސާ ފަދަ ތަކެތި ބޭނުންކޮށްފައި ވާތީ އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް ބޭނުން ކުރާ ނިޝާނަކަށް ސަމުސާ މިހާރު ވަނީ ވެފަ އެވެ. އިޒްރޭލާ ދެކޮޅަށް ފަލަސްތީނު ރައްޔިތުން މިހާރު ބާއްވާ އެއްވުންތަކުގައި ސަމުސާ ގެންގުޅެ އެވެ.

ޖަލުން ފިލަން ބޭނުން ކުރި އާލާތަކަށް ސަމުސާވެފައި ވާތީ އެކަމާ ގުޅޭ ބޮޑެތި އާޓްވޯކްތައް ވެސް މިހާރު ފެންނަން ފަށައިފި އެވެ. އެގޮތުން ކުވެއިތުގެ އާޓިސްޓު މައިތަމް އަބްދަލް ވަނީ ބޮޑު އަތަކުން ސަމުސަލެއް ހިފަހައްޓައިގެން އިންނަ ސްކަލްޕްޗާއެއް ހަދާފަ އެވެ. އެއަށް ދީފައި ނަމަކީ "މިނިވަންކަމުގެ ސަމުސާ" އެވެ.