Advertisement

ފްރާންސުން ބުނީ އޮސްޓްރޭލިއާ އާއި އެމެރިކާ އިން ހަދަނީ ދޮގު ކަމަށް

19 ސެޕްޓެންބަރު 2021 - 12:48 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފްރާންސުން ހިތްހަމަނުޖެހުނީ އޮސްޓްރޭލިއާ އިން އެމެރިކާގެ ސަބްމެރީންތައް ގަންނަން ނިންމުމުން.


ފްރާންސުން ބުނީ އޮސްޓްރޭލިއާ އާއި އެމެރިކާ އިން ހަދަނީ ދޮގު ކަމަށް

19 ސެޕްޓެންބަރު 2021 - 12:48 0

ޕެރިސް، ފްރާންސް (ސެޕްޓެމްބަރު 19) - ފްރާންސްގެ ސަބްމެރީންތައް ގަންނަން އޮސްޓްރޭލިއާ އިން އެއްބަސްވި ގޮތާ ހިލާފަށް އަމަލުކުރި މައްސަލައިގައި އެމެރިކާ އާއި އޮސްޓްރޭލިއާ ހަދަނީ ދޮގު ކަމަށް ފްރާންސުން ތުހުމަތުކޮށްފި އެވެ.

ފްރާންސްގެ ސަބްމެރީންތަކުގެ ބަދަލުގައި އެމެރިކާގެ ނިޔުކްލިއާ ސަބްމެރީން ގަންނަން އޮސްޓްރޭލިއާ އިން ނިންމުމުން، މިދިޔަ ހުކުރު ދުވަހު ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޯން ވަނީ އެ ދެ ގައުމަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުން އަނބުރާ ފްރާންސަށް ގެންގޮސްފަ އެވެ.

މިހާރު އުފެދިފައިވާ ކޯޅުމާ ހެދި އެމެރިކާގެ އާ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގައި ފްރާންސާއި އެމެރިކާގެ ގުޅުން ވަރުގަދަ ވާނެ ކަމަށް ކުރެވުނު އުއްމީދުތައް ވަނީ ނިމުމަކަށް އައިސްފަ އެވެ. އެމެރިކާ އާއި ހުޅަނގުގެ ގިނަ ގައުމުތައް ހިމެނޭ ނޭޓޯގެ ކުރިމަގާ މެދު ފްރާންސުން ދަނީ ސުވާލު އުފައްދަމުންނެވެ. ހަމަ އެއާއެކު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ސެކިއުރިޓީ ސްޓްރެޓެޖީ ވަރުގަދަ ކުރަން ވަނީ އިސްކަން ދޭން ފަށާފަ އެވެ.

ފްރާންސް-2 ޓެލެވިޝަން އަށް ދިން އިންޓަވިއުއެއްގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ޖޯން ޔްވެސް ލެ ޑްރިއަން އެމެރިކާ އާއި އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތާ ގުޅޭ ގޮތުން ވާހަކަ ދެއްކެވީ ވަރަށް ޑިޕްލޮމެޓިކް ނޫން ގޮތަކަށެވެ.

އޮސްޓްރޭލިއާ އާއި އެމެރިކާ އަދި އިނގިރޭސި ވިލާތް ހިމެނޭ ސެކިއުރިޓީއާ ގުޅޭ އެއްބަސްވުމެއް ބައިޑެން އިއުލާނު ކުރެއްވީ މިދިޔަ ބުދަ ދުވަހު އެވެ.

"މިކަމުގެ ތެރޭގައި އޮތީ ދޮގު ހެދުމާއި، ދެ ފަހަރު ދެ ގޮތަށް ވާހަކަ ދެއްކުމާއި، އޮޅުވާލުމާއި، އިތުބާރު ގެއްލޭ ފަދަ އަމަލުތައް ހިންގުން. މިއީ ބަލައިގަނެވޭނެ ކަމެއް ނޫން،" ލެ ޑްރިއަން ވިދާޅުވި އެވެ.

ފްރާންސުން އެމެރިކާ އާއި އޮސްޓްރޭލިއާ އަށް ކަނޑައަޅާފައިވާ ސަފީރުން ފުރަތަމަ ފަހަރަށް އަނބުރާ ގެންގޮސްފައިވާކަން ފާހަގަކުރައްވާ، ލެ ޑްރިއަން ވިދާޅުވީ އެއީ "ފްރާންސްގެ ހިތްހަމަނުޖެހުން ދެއްކުމަށާއި މި ކާރިސާގެ ސީރިއަސްކަން ހާމަކުރުމަށް ރަމްޒީ އަމަލެއް" ކަމަށެވެ.

އޮސްޓްރޭލިއާގެ ފިނޭންސް މިނިސްޓަރު ސައިމަން ބާމިންގްހަމް ތަކުރާރުކޮށް ވިދާޅުވަމުން ދަނީ ފްރާންސްގެ ސަބްމެރީންތަކުގެ ބަދަލުގައި އެމެރިކާގެ ސަބްމެރީން ގަންނަން ނިންމިކަން "ލިބުނު އެންމެ އަވަސް ފުރުސަތުގައި" ފްރާންސަށް އެންގި ކަމަށެވެ.

އޮސްޓްރޭލިއާގެ ގައުމީ ޓީވީ އޭބީސީ އަށް އޭނާ ވިދާޅުވީ ފްރާންސާއެކު ސޮއިކުރި އެއްބަސްވުން އުވާލުމަކީ އުނދަގޫ ނިންމުމަކަށް ވާނެކަން ކުރިން ވެސް އެނގުނު ކަމަށެވެ.

ފްރާންސްގެ ފޮރިން މިނިސްޓަރު ލެ ޑްރިއަން ވިދާޅުވީ މި މައްސަލައިގައި ހިމެނޭ އިނގިރޭސިވިލާތުގެ ސަފީރު އަނބުރާ ގެންގޮސްފައި ނުވަނީ އިނގިރޭސިންގެ "ސްޓޭންޑް" އަބަދުވެސް ސާފުވާތީ ކަމަށެވެ.

"އިނގިރޭސި ވިލާތަށް ކަނޑައަޅާފައި ހުރި ސަފީރު ގެނައުމުގެ ބޭނުމެއް ނެތް. އިނގިރޭސިންނަކީ ފުރުސަތުގެ ބޭނުން ހިފާ ބަޔެއްކަން އަޅުގަނޑުމެންނަށް ސާފު."

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެފައި ވަނީ މި މައްސަލައިގައި އިނގިރޭސި ވިލާތަކީ މާ މުހިއްމު ބައިވެރިއެއް ނޫން ކަމަށާއި އަންނަ އަހަރު އޮންނަ ނޭޓޯ ސަމިޓުގައި މި މައްސަލަ ސާފުކުރަން ޖެހޭނެ ކަމަށެވެ.

ދެހާސް ބާވީސް ވަނަ އަހަރު ފެށުމާއެކު އީޔޫގެ ރައީސްކަމަށް އަންނާނީ ފްރާންސެވެ. އެހެންވެ، ފްރާންސުން ބުނީ ދެން އިސްކަން ދޭނީ އީޔޫގެ ސެކިއުރިޓީ ސްޓްރެޓެޖީ ތަރައްގީ ކުރަން ކަމަށެވެ.

ނަމަވެސް ނޭޓޯގެ މިލިޓަރީ ކޮމިޓީގެ ޗެއާ، އެޑްމިރަލް ރޮބް ބޯޔާ ވިދާޅުވީ މި މައްސަލައިގެ ސަބަބުން ނޭޓޯ ތެރޭގައި އަސްކަރީ ގުޅުންތަކަށް އަސަރު ކުރާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

އެމެރިކާ، އޮސްޓްރޭލިއާ އަދި އިނގިރޭސި ވިލާތް ހިމެނޭ ސެކިއުރިޓީ އެއްބަސްވުމުގެ ދަށުން އެމެރިކާގެ ނިޔުކްލިއާ ސަބްމެރީން ޓެކްނޮލޮޖީ އާއި ސައިބަ ޑިފެންސް އަދި އެޕްލައިޑް އާޓިފިޝަލް އިންޓެލިޖެންސާއި ކަނޑު އަޑީގެ އަސްކަރީ އުފެއްދުންތައް އޮސްޓްރޭލިއާއަށް ވިއްކާނެ އެވެ.

އެފަދަ އެއްބަސްވުމެއްގެ ބޭނުމަކީ ޗައިނާ ކުރިއަރަމުން އަންނާތީ އެކަމާ ދެކޮޅަށް އެއްބަައިވުމެވެ.

ނަމަވެސް އެއްބަސްވުމާ ހެދި ފްރާންސުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އެއީ 36.5 ބިލިއަން ޑޮލަރުގެ އަގަށްވާ ފްރާންސްގެ ސަބްމެރީން އޮސްޓްރޭލިއާ އަށް ވިއްކަން 2016 ވަނަ އަހަރު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނިކޮށް، އެ އެއްބަސްވުމަށް އިހްތިރާމް ނުކުރުމުންނެވެ.

ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވީ ފްރާންސްގެ ސަފީރު އަނބުރާ ގެންދިޔުމުން ހިތާމަ ކުރާ ކަމަށާއި ދެ ގައުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސް މި މައްސަލަ ހައްލު ކުރާނެ ކަމަށެވެ.

ގައުމުތަކުގެ ސަފީރުން އަނބުރާ ގެންދިޔުމަކީ ދެ ގައުމެއްގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، ކާރިސާއަކާ ހަމައަށް ދިޔުމުން އެންމެ ފަހު ޑިޕްލޮމެޓިކް ފިޔަވަޅެއްގެ ގޮތުން ކުރާ ކަމެކެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ މި މައްސަލައާ ގުޅޭ މުހިއްމު މަޝްވަރާތައް ބާއްވާނެ ކަމަށާއި އަންނަ ހަފުތާގައި އދ. ގެ ހާއްސަ މަޖިލީހުގައި ވެސް މަޝްވަރާ ކުރާނެ ކަމަށެވެ. ފްރާންސްގެ ލެ ޑްރިއަން އާއި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ހާއްސަ މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.