Advertisement

މެސެޖުތަކެއް ލީކުކުރި މައްސަލައިގައި ނާޒިމްގެ ޝަކުވާ ޝުޖާއު އުސްމާންއާ ދެކޮޅަށް

19 ސެޕްޓެންބަރު 2021 - 09:40 1

އަހުމަދުﷲ އަބްދުލްހާދީ

އަހުމަދުﷲ އަބްދުލްހާދީ

(ކ-ވ) ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން، ގާނޫނީ ވަކީލް ނާޒިމް ސައްތާރު.


މެސެޖުތަކެއް ލީކުކުރި މައްސަލައިގައި ނާޒިމްގެ ޝަކުވާ ޝުޖާއު އުސްމާންއާ ދެކޮޅަށް

19 ސެޕްޓެންބަރު 2021 - 09:40 1

ހައި ކޯޓުގެ އިދާރީ މުވައްޒަަފަކަށް ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ފޯނުން ކުރި މެސެޖުތަކެއް އެ ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ސޯޝަލް މީޑިއާގައި ލީކުކޮށްލިކަމަށް ބުނެ އެ މައްސަލަ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބަލައިދިނުމަށް ހުށަހަޅައިފި އެވެ.

ނާޒިމް ފޮނުވި ޝަކުވާގެ ސިޓީގައިވާ ގޮތުންނަމަ މިދިޔަ އޯގަސްޓް މަހާއި މިމަހުގެ މުއްދަތެއްގެ ތެރޭ ނާޒިމް ހައި ކޯޓުގެ އިދާރީ މުވައްޒަފަކަށް ކުރި ފޯނު މެސެޖުތަކެއް ޝުޖާއު ވަނީ ޓްވިޓާގައި ލީކު ކޮށްލާފަ އެވެ. އަދި ނާޒިމް ވަނީ ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އާއިޝަތު ރިޒްނާއަށް އެޑްރެސްކޮށް އެ މައްސަލައިގެ ޝަކުވާ ހުށަހަޅަން ފޮނުވި ސިޓީގައި އެ މައްސަލަ ބަލާދިނުމަށް އެދިފަ އެވެ. ނާޒިމް ވަނީ ޝުޖާއު ލީކު ކޮށްލި ކަމަށް ބުނާ މެސެޖުތަކުގެ ޓްވިޓާ ލިންކުވެސް އެ ޝަކުވާ ސިޓީގައި ހިމަނާފަ އެވެ.

ލީކު ކޮށްލި މެސެޖުތަކުގައި ނާޒިމް ވަނީ އޭނާ ވަކާލާތުކުރަމުންދާ ގާނޫނީ މައްސަލައެއްގެ އިސްތިއުނާފް ދެ ދުވަސް ތެރޭ ލިބޭނޭކަމަށް އުންމީދުކުރާ ކަމަށާއި އަދި "މިފަހަރު މި މައްސަލަ ފަނޑިޔާރު ޝަހީދް/ފައިސަލްއަށް ނުދިނުމަށް އެދެން" މިހެން ވިދާޅުވެފަ އެވެ.

ޝުޖާއު އެ މެސެޖުތައް ޓްވިޓާއަށް ލާފައި ވަނީ ނާޒިމް ހައި ކޯޓުގައި ހުރި މައްސަލަތަކަށް ނުފޫޒު ފޯރުވާކަމަށް ވިދާޅުވެ އެވެ.

ޝުޖާއު ވަނީ ހައި ކޯޓުގައި ހުރި މައްސަލަތަކަށް ނުފޫޒު ފޯރުވާ އެއްބޭފުޅަކީ ނާޒިމް އަބްދުއްސައްތާރު ކަމަށް ތުހުމަތުކޮށް, ނާޒިމް އަމުރު ކުރަނީ އޭނާ ވަކާލާތުކުރާ މައްސަލަތަކަށް ބައެއް ފަނޑިޔާރުން ބެންޗުގައި ނުހިމަނަން ކަމަށް ވެސް ވިދާޅުވެފަ އެވެ.

އެ މައްސަލައާ ގުޅިގެން ނާޒިމް "އަދަދު" އަށް ވިދާޅުވީ ފަނޑިޔާރުންގެ ބެންޗު ބަދަލުކުރަން އެދުން އެއީ ވަކީލެއްގެ ހައިސިއްޔަތުން އޭނާއަށް އެދެވެން އޮންނަ ކަމެއް ކަމަށެވެ.

"ޑީޖޭއޭ އިން އެބަ ޖެހޭ ބައްލަވަން ކިހިނެތްތޯ މި ލީކުވީ،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމްގެ ޝަކުވާއާ ގުޅިގެން ޝުޖާއު "އަދަދު"އަށް ވިދާޅުވީ އެ މައްސަލައިގަ އޭނާ ބުނާނެ އެއްވެސް އެއްޗެއް ނެތް ކަމަށެވެ.

"އެކަމަށް ނެތް އަޅުގަނޑުގެ އެއްވެސް ކޮމެންޓެއް. ދެން ޝަކުވާއެއް ގޮތަށް ބައްލަވަންޏާ ބަލަންވީ ހަމަ، ނެތް އިތުރު ކޮމެންޓެއް އެކަމަށް،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު އުސްމާން ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވީ 2020 ވަނަ އަހަރުގެ އޯގަސްޓް މަސް ތެރޭގަ އެވެ. އިސްތިއުފާ ދެއްވަމުން ޝުޖާއު އޭރު ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމުގެ މަސައްކަތް ސިޔާސީކޮށްފައިވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

ޝުޖާއު މަގާމުން އިސްތިއުފާ ދެއްވާފައި ވަނީ އޭނާއާ ދެކޮޅަށް ޖޭއެސްސީން ތަހުގީގުކުރި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނިކޮށެވެ.