Advertisement

ޔޫއެންޑަބްލިޔުޓީއޯގެ ރީސްޓާޓް ޓޫރިޒަމް ކެމްޕެއިނުގެ ތެރެއިން 2000 ސްކޮލާޝިޕް ދެނީ

18 ސެޕްޓެންބަރު 2021 - 16:27 0

އަމަން ހަލީމް

އަމަން ހަލީމް

ޔޫއެންޑަބްލިޔުޓީއޯގެ ބައްދަލުވުމެއްގެ ތެރެއިން: މި ޖަމިއްޔާއިން އަންނަނީ ޓޫރިޒަމް އަލުން ދިރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން. -- ފޮޓޯ: ޔޫއެންޑަބްލިޔުޓީއޯ


ޔޫއެންޑަބްލިޔުޓީއޯގެ ރީސްޓާޓް ޓޫރިޒަމް ކެމްޕެއިނުގެ ތެރެއިން 2000 ސްކޮލާޝިޕް ދެނީ

18 ސެޕްޓެންބަރު 2021 - 16:27 0

ކޮވިޑު ބަލިމަޑުކަމާ ގުޅިގެން ހީނަރުވެފައިވާ ޓޫރިޒަމް ދާއިރާއަށް އެހީތެރިވެދިނުމުގެ ގޮތުން އދ. ގެ ޓޫރިޒަމާ ބެހޭ ޖަމިއްޔާ, ޔޫއެންޑަބްލިޔުޓީއޯ އިން 2000 ސްކޮލާޝިޕް ފުރުސަތު ހުޅުވާލަން ނިންމައިފި އެވެ.

މިކަން އިއުލާނުކުރަމުން ޔޫއެންޑަބްލިޔުޓީއޯއިން ބުނީ އެ ޖަމިއްޔާގެ "ރީސްޓާޓް ޓޫރިޒަމް" ކެމްޕެއިނުގެ ދަށުން ދޫކުރާ ސްކޮލާޝިޕްތައް ހާއްސަވަނީ ކުދި ޖަޒީރާ ގައުމުތަކާއި، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކަށް ކަމަށެވެ. އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކަށް ގިނަ ސްކޮލާޝިޕް ފުރުސަތު ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ ކުދި ޖަޒީރާ ގައުމުތައް ހިމެނޭ ގޮތަށް ހުޅުވާލާފައިވާ ފުރުސަތެއް ކަމުން، ޓޫރިޒަމް ދާއިރާއިން މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދިވެހިންނަށް ވެސް މި ސްކޮލަޝިޕްތަކަށް އެދެވޭނެ އެވެ. އަދި މެމްބަރު ގައުމުތަކަށް ލިބޭ އިތުރު ފުރުސަތުތަކުގެ ތެރެއިން ލިބޭ ފުރުސަތުތައް ވެސް ދިވެހިންނަށް ލިބޭނެ އެވެ.

މި ސްކޮލާޝިޕްގެ ފުރުސަތު އިއުލާނުކުރި ނަމަވެސް، އަދި ސްކޮލާޝިޕްތައް އެދެން ހުޅުވާލާފައެއް ނުވެ އެވެ. އެކަމަކު ދާދި އަވަހަށް މި ސްކޮލާޝިޕްއަށް އެދެން ފުރިހަމަ ވާން ޖެހޭ ޝަރުތުތަކާއި ކިޔެވޭނެ ދާއިރާތައް އިއުލާނުކުރާނެ އެވެ.

ޔޫއެންޑަބްލިޔުޓީއޯގެ ރީސްޓާޓް ޓޫރިޒަމް ކެމްޕެއިނަކީ ކޮވިޑާ ގުޅިގެން މަޑުޖެހިފައި ނުވަތަ ހުއްޓިފައި އޮތް ޓޫރިޒަމް ސިނާއަތް އަލުން ފެށުމަށް ނުވަަތަ ދިރުވަން އަމާޒުކޮށްގެން ހިންގާ ހާއްސަ ކެމްޕެއިނެކެވެ. މި ކެމްޕެއިނުގެ މައިގަނޑު އަމާޒަކީ ހުރިހާ ގައުމުތައް ގުޅިގެން އެއްހަމަ އުސޫލުތަކެއްގެ ތެރެއިން ޓޫރިޒަމް ހުޅުވާލާ، ކުރިން ޓޫރިޒަމުން ލިބުނު މަންފާ ލިބޭނެ ހިސާބަަކަށް ޓޫރިޒަމް ސިނާއަތް އަލުން ގެންދިޔުމެވެ.

ޔޫއެންޑަބްލިޔުޓީއޯއިން އަންނަނީ ރާއްޖެއާާ ގުޅިގެން ވެސް ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެ ޖަމިއްޔާއިން ބާއްވާ ޓޫރިޒަމް އެގްޒެކެޓިވް ޓްރޭނިން ޕްރޮގްރާމު ކުރިޔަށްދާނީ ރާއްޖޭގަ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ދުވަހާ ގުޅުވާ، އެ ޖަމިއްޔާގެ ސެކެޓްރީ ޖެނެރަލް ޒޫރަބް ޕޮލޮލިކާޝްވިލީ ރާއްޖެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖެއިން ޓޫރިޒަމް ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އޮކްޓޫބަރު 3 އެވެ.