Advertisement

ވެލާނާ އެއާޕޯޓަށް ބާރު ބޮޑުވާތީ ގަން އެއާޕޯޓަށް ފްލައިޓްތައް ޖައްސަން މަޝްވަރާކުރަނީ

18 ސެޕްޓެންބަރު 2021 - 13:27 0

އަމަން ހަލީމް

އަމަން ހަލީމް

ގަން އިންޓަނޭޝަނަލް އެއާޕޯޓު: މިހާރު މި އެއާޕޯޓު ބޭނުންކުރަނީ މަދު އިންޓަނޭޝަނަލް ފްލައިޓްތަކުން. -- ފޮޓޯ: ޓްވިޓާ/އިއުޖާޒް އަލީ


ވެލާނާ އެއާޕޯޓަށް ބާރު ބޮޑުވާތީ ގަން އެއާޕޯޓަށް ފްލައިޓްތައް ޖައްސަން މަޝްވަރާކުރަނީ

18 ސެޕްޓެންބަރު 2021 - 13:27 0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަށް ބާރު ބޮޑުވެ ޝަކުވާތައް އިތުރުވާތީ، ބައެއް ފްލައިޓްތައް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން މަޝްވަރާތައް ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ވީއައިއޭއަށް މިހާ ބާރު ބޮޑުވެގެން އުޅެނީ، ޖުލައި މަހުގެ ތެރޭގައި ރާއްޖެ ދަތުރުކުރަން ދިން ލުއިތަކާއެކު ޓޫރިސްޓުން އަންނަ އަދަދުތައް އިތުރުވީ ފަހުންނެވެ. މި މައްސަލައާއި ގުޅިގެން އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަށް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ.

އެއާޕޯޓުގެ ހުރި ތާށިކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް "އަދަދު" އަށް ވިދާޅުވީ، މިހާރު އެއާޕޯޓު އޮޕަރޭޓް ކުރަމުން ދަނީ ފިޒިކަލް ކެޕޭސިޓީ "ފުލްކޮށް" ކަމަށެވެ. ސަބަބަކީ އާ ޓާމިނަލްގެ މަސައްކަތް ނުފެށި އޮތުމާ، އެއާޕޯޓުގެ އަޕްގްރޭޑް މަސައްކަތާ ގުޅިގެން ބައެއް ފެސިލިޓީތައް ބޭނުންކުރުމުގެ ހުރި ހުރަސްތައް ކަމަށް ވިދާޅުވި އެވެ.

މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބައެއް ފްލައިޓްތައް ޖައްސާ ގޮތަށް، އެ އެއާލައިންތަކާ މަޝްވަރާކުރަމުންދާ ކަމަށް ވިދާޅުވި އެވެ. އެކަމަކު އެއީ އެގޮތަށް ކުރަން އެއާލައިންތަކަށް ވެސް އުނދަގޫ ކަމެއް ކަމުން، އަދި ފެހި ސިގްނަލް ނުލިބޭ ކަން ފާހަގަކުރެއްވި އެވެ.

"ބައެއް އެއާލައިންތަކާ އެބަ މަޝްވަރާކުރަން އެހެން އެއާޕޯޓުތަކަށް ފްލައިޓްތައް ޖައްސަން. އެއީ މި ވަގުތަށް ވީއައިއޭގެ ތާށިކަން ކުޑަކުރަން ކުރެވޭ މުހިންމު މަސައްކަތެއް" މައުސޫމް ވިދާޅުވި އެވެ.

މިހާރު ވެސް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ބައެއް އިންޓަނޭޝަނަލް ފްލައިޓްތަކުން ވަނީ ދަތުރުތައް ފަށާފަ އެވެ. އޭގެ ތެރޭގައި ސްރީލަންކަން އެއާލައިން އަދި އިންޑިގޯ ހިމެނެ އެވެ. އަދި ބައެއް ޗާޓަރު ފްލައިޓްތަކުން ވެސް އަންނަނީ އެއާޕޯޓު ބޭނުންކުރަމުންނެވެ.

މިހާރަށް އޮތީ ޕްރޮސެސް މެނޭޖްކުރުން: މައުސޫމް

މައުސޫމް ވިދާޅުވީ އުއްމީދަކީ މި މަޝްވަރާތަކާއެކި ޓޫރިޒަމްގެ ހައި ސީޒަނަށް މިހާރަށް ވުރެ ރަނގަޅަށް ފްލައިޓްތައް މެނޭޖްކުރެވި، ޓޫރިސްޓުންނަށާއި ޓޫރިޒަމް ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ނައްތާލުން ކަމަށެވެ. އަދި ވިދާޅުވީ މިހާރަށް އޮތް ގޮތަކީ، ޕްރޮސެސް މެނޭޖުކޮށްގެން ކުރިޔަށް ދިޔުން ކަމަށެވެ.

"ދެން ޕްރޮސެސް މެނޭޖްމަންޓުގެ ތެރެއިން ބޭނުންކުރެވެން ހުރި ހުރިހާ އުކުޅެއް ބޭނުންކޮށްގެން ހައްލެއް ލިބޭތޯ މި މަސައްކަތް ކުރަނީ. އަދި ހުރި ވަސީލަތްތަކުން މަސައްކަތްކުރަމުން މިދަނީ ހަމަޔަކަށް އަޅުވަން" މައުސޫމް ވިދާޅުވި އެވެ.

މީގެ އިތުރުން ފްލައިޓް ޝެޑިއުލިންގައި ހުރި މައްސަލަތަކާއި، ސީޕްލޭން ދަތުރުތައް ކުރާ ވަގުތުތަކާ ފްލައިޓްތައް އަންނަ ވަގުތުތަކާ ދިމާނުވާ މައްސަލައަށް ވެސް ހައްލެއް ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިކަމުގައި ވެސް ވާހަކަދައްކަން ޖެހޭ ފަރާތްތަކާއެކު ޓޫރިޒަމް މިނިސްޓްރީ، އެމްއޭސީއެލް އަދި އެހެނިހެން ސްޓޭކްހޯލްޑަރުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

މިހާރު ރާއްޖެއަށް އެވަރެޖްކޮށް ދުވާލެއްގެ މައްޗަށް 4،000 އަށް ވުރެ ގިނަ ޓޫރިސްޓުން އާދެ އެވެ. އަދި ކުރިޔަށް އޮތް ހައިސީޒަނުގެ ތެރޭގައި މިޔަށް ވުރެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނާނެ ކަމަށް ބެލެވޭއިރު، ޓޫރިޒަމް ސިނާއަތުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މި މައްސަލަ ހައްލުނުވެ ދިގުލައިގެން ދިޔުމެވެ.