Advertisement

ޔޫކޭގެ ނިންމުމުން އާވީ ހުޅަނގު ޔޫރަޕު ހުޅުވާލުމުގެ އުއްމީދު

18 ސެޕްޓެންބަރު 2021 - 13:26 0

އަމަން ހަލީމް

އަމަން ހަލީމް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓޫރިސްޓުންތަކެއް. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ޔޫކޭގެ ނިންމުމުން އާވީ ހުޅަނގު ޔޫރަޕު ހުޅުވާލުމުގެ އުއްމީދު

18 ސެޕްޓެންބަރު 2021 - 13:26 0

އުފާވެރި ހަބަރެކެވެ. އެކިފަހަރު މަތިން އެ ނަގަނީ، މި ނިމުނީގައި އޮތުމަށް ފަހު، ޔޫކޭގެ ރެޑް ލިސްޓުން ރާއްޖެ ނަގައިފި އެވެ. ހަތަރު މަހަށް ވުރެ ގިނަ ދުވަހުގެ ބުރަ ބޮޑު މަސައްކަތަށް ފަހު، ޔޫކޭގެ ރައްކާތެރި މަންޒިލުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނިއްޖެ އެވެ. އިނގިރޭސީ ފަތުރުވެރިންނަށް ރާއްޖެ އާދެވޭނެ މަގުފަހި ވެގެން ގޮސްފި އެވެ.

އެކަމަކު ޔޫކޭ ރެޑް ލިސްޓުން ރާއްޖެ ނެގުން ހާއްސަ ވަނީ ފަތުރުވެރިންގެ ނަމްބަރުތަކަށް ބޮޑު ބޫސްޓެއް ލިބޭނެތީއެއް ނޫނެވެ. އިނގިރޭސި ސަރުކާރުގެ "އެންޑޯސްމަންޓުން" ބޮޑީ މި ނިންމުމުގެ ފަހަތުގައި ނުސީދާ ގޮތުން ރާއްޖެއަށް ލިބޭނެ ފައިދާތަކެވެ.

ޔޫކޭގެ ނަމޫނާ: އެހެން ގައުމުތަކުން ބަލައިގަންނާނެ

ރެޑްލިސްޓުން ނެގުމުގެ ފައިދާތަކާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވި ގޮތުގައި މި ބަދަލު މިއީ އެންމެ ރަނގަޅު ވަގުތުގަ އެވެ. އިޝާރާތްކުރެއްވީ ކުރިޔަށް މިއޮތް ރާއްޖޭގެ "ހައި ސީޒަން" އަށެވެ. އަދި ވިދާޅުވީ މީގެ ސަބަބުން ހުޅަނގު ޔޫރަޕުގެ އެހެން ގައުމުތުކުން ރާއްޖެއަށް ދަތުރުކުރުމުގައި ހުރި ހުރަސްތައް ނަގާނެ ކަމުގެ އުއްމީދު ބޮޑު ވެއްޖެ ކަމަށެވެ.

"ޔޫކޭ އާއި ޔޫކޭ ޓްރެވަލާސްއަކީ ޓްރެންޑްސެޓާސް. ޓްރެވަލް އިންޑަސްޓްރީގައި އެ މީހުންގެ ނުފޫޒު ވަރަށް ގަދަ. މި ބަދަލުގެ ސަބަބުން ހުޅަނގު ޔޫރަޕުގެ އެހެން ގައުމުތައް ހުޅުވާލަން ލިބޭ ބޫސްޓަކަށް ވާނެ،" މައުސޫމް ވިދާޅުވި އެވެ.

މި ނޫހާ ވާހަކަދެއްކި ޓޫރިޒަމް ސިނާއަތުގައި އިސްކޮށް ހަރަކާތްތެރިވާ އެހެން ބޭފުޅުން ވެސް ފާހަގަކުރީ އެކަމެވެ. އެގޮތުން މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓްރެވަލް އެޖެންސީސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ ނައިބު ރައީސް އަބްދުﷲ ގިޔާސް ވިދާޅުވީ، މި ނިންމުން އެހެން ގައުމުތަކުން ނަމޫމާއެއް ގޮތުގައި ބަލައިގެން އިތުރު ލުއިތަކެއް ލިބޭނެ ކަމުގެ އުއްމީދު ބޮޑުކަމަށެވެ.

"އޮކްޓޫބަރުގައި މީގެ އިމްޕެކްޓް ބޮޑަށް ފެންނާނީ. ޔޫރަޕުން ގިނަ ޗާޓަރުތަކެއް އަންނަ ދުވަސްވަރު އެއީ. ޔޫކޭ ލިސްޓުން ނެގީމާ ހުޅަނގު ޔޫރަޕުގެ އެހެން ގައުމުތަކުން ވެސް ފޮލޯ ކުރާނެ ކަމަށް ބެލެވެނީ" ގިޔާސް ވިދާޅުވި އެވެ.

އެންމެ ބޮޑު އުއްމީދެއް މަތީ ފަންތީގެ ރިސޯޓުތަކާއި، ލިވްއެބޯޑްތަކަށް

އިނގިރޭސި ފަތުރުވެރިން އާންމުކޮށް ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަނީ މަތީ ފަންތީގެ ރިސޯޓުތަކުގަ އެވެ. އަދި މިހާރު ރާއްޖެއަށް އަންނަ ބައެއް އެހެން މާކެޓުތަކާ އަޅާ ކިޔާއިރު، އިނގިރޭސި ފަތުރުވެރިންގެ ހަރަދުކުރުމުގެ ގާބިލުކަން (ސްޕެންޑިން ޕަވާ) އިތުރެވެ. މިގޮތުން މަތީ ފަންތީގެ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންގެ އަދަދުތައް އިތުރުވާނެ ކަމަށް މައުސޫމް ފާހަގަކުރެއްވި އެވެ.

"ދުނިޔޭގެ އެންމެ ސްޕެންޑިން ޕަވާ ވަރުގަދަ އެއް ޓޫރިސްޓުންގެ ތެރޭގައި އިނގިރޭސިން ހިމެނޭ. އަބަދުވެސް ރާއްޖޭގެ ޓޮޕް 10 މާކެޓުގެ ތެރޭގައި ހިމެނޭ އަދި އެންމެ ހަރަދުކުރާ މީހުންގެ ތެރޭގައި ވެސް ހިމެނޭ. މީގެ ހެޔޮ އަސަރު ކުރާނެ" މައުސޫމް ވިދާޅުވި އެވެ.

މަތީ ފަންތީގެ ރިސޯޓުތަކުގެ އިތުރުން ލިވްއެބޯޑް ސިނާއަތަށް ވެސް މީގެ ފައިދާ ކުރާނެ އެވެ. އެއީ އެހެން ދާއިރާތަކަށް ވުރެ ލިވްއެބޯޑްުތަކުން ޔޫރަޕަށް، ހާއްސަކޮށް ހުޅަނގު ޔޫރަޕަށް ބަރޯސާވުން އިތުރުވީމަ އެވެ.

މިކަމާއި ގުޅިގެން ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) ގެ ރައީސް އަހުމަދު އަފްރާހު ވިދާޅުވީ މިއީ ސަފާރީ އިންޑަސްޓްރީން ވަރަށް އުއްމީދުކުރަމުން އައި ނިންމުމެއް ކަމަށެވެ. އަދި މީގެ ސަބަބުން ކުރިޔަށް މިއޮތް ހައި ސީޒަނުގައި ލިވްއެބޯޑްތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމުގެ އުއްމީދު އިތުރުވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް މުހިންމު މާކެޓެއް ޔޫކޭއަކީ. އޮވާރޯލްކޮށް ސަފާރީ އިންޑަސްޓްރީ އެންމެ ބޮޑަށް ބަރޯސާވަނީ ހުޅަނގު ޔޫރަޕް މާކެޓަށް. މި ނިންމުމުން އެ މާކެޓްތަކަށް ވެސް ކޮންފިޑެންސް ލިބޭނެ ކަމަށް ބެލެވެނީ" އަފްރާހު ވިދާޅުވި އެވެ.

ބްރިޓިޝް އެއާވޭސްގެ ފްލައިޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި: މިދިޔަ އަހަރުގެ ޑިސެމްބަރުގައި އަލުން ފެށި ޑައިރެކްޓް ފްލައިޓްތައް ހުއްޓާލީ މެއި މަހު ޔޫކޭ ރެޑްލިސްޓަށް ރާއްޖެ އެރުމުން. -- ފޮޓޯ: އެމްއޭސީއެލް


މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ވެސް އިނގިރޭސިވިލާތުން ރާއްޖެއަށް ދަތުރުތައް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ސްރީލަންކަން އެއާލައިންސްއިން އަންނަ އޮކްޓޫބަރުން ފެށިގެން ދަތުރުތައް ފަށަން ވަނީ ތައްޔާރުވެފަ އެވެ. އަދި ބްރިޓިޝް އެއާވޭސްއިން ވެސް ދާދި އަވަހަށް ޑައިރެކްޓް ފްލައިޓްތައް ފަށާނެ ކަމަށް ބެލެވެ އެވެ.