Advertisement

ސަބްމެރީން މައްސަލާގައި ފްރާންސްގެ ރުޅިގަނޑު އޮސްޓްރޭލިއާ އަދި އެމެރިކާ އަށް

18 ސެޕްޓެންބަރު 2021 - 12:23 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ފްރާންސުން ހިތްހަމަނުޖެހުނީ އޮސްޓްރޭލިއާ އިން އެމެރިކާގެ ސަބްމެރީންތައް ގަންނަން ނިންމުމުން.


ސަބްމެރީން މައްސަލާގައި ފްރާންސްގެ ރުޅިގަނޑު އޮސްޓްރޭލިއާ އަދި އެމެރިކާ އަށް

18 ސެޕްޓެންބަރު 2021 - 12:23 0

ޕެރިސް، ފްރާންސް (ސެޕްޓެމްބަރު 18) - ސަބްމެރީންތަކެއްގެ މައްސަލާގައި ފްރާންސުން އެމެރިކާ އާއި އޮސްޓްރޭލިއާއަށް ކަނޑައަޅާފައި ހުންނަ ސަފީރުން އަނބުރާ ގައުމަށް ގެންގޮސްފި އެވެ.

ފްރާންސުން ހިތްހަމަނުޖެހިގެން އުޅެނީ ނިޔުކްލިއާ ސަބްމެރީން ގަންނަން އޮސްޓްރޭލިއާއިން ފްރާންސްގެ ބަދަލުގައި އެމެރިކާ ހިޔާރު ކުރުމުންނެވެ.

ފޮރިން މިނިސްޓަރު ޖޯން ވެސް ލެ ޑްރިއަން ވިދާޅުވީ ސަފީރުން އަނބުރާ ގައުމަށް އައުމަށް އަމުރު ކުރެއްވީ ރައީސް އިމޭނުއެލް މެކްރޯން ކަމަށެވެ.

"ސެޕްޓެމްބަރު 15 ވަނަ ދުވަހު އެމެރިކާ އާއި އޮސްޓްރޭލިއާ އިން އިއުލާނު ކުރި ކަންކަމުގެ ސީރިއަސްކަމާ ހެދި، ފްރާންސްގެ ސަފީރުން ވަގުތުން ގައުމަށް އަނބުރާ އައުމަށް ވަނީ އަންގާފައި،" ލެ ޑްރިއަން ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

ސަބްމެރީންގެ ވިޔަފާރިއާ ގުޅޭ އެއްބަސްވުމެއް އެކުލަވާލުމަށް ފްރާންސާއި އޮސްޓްރޭލިއާ އިން 2016 ވަނަ އަހަރުން ފެށިގެން ދިޔެއީ މަސައްކަތް ކުރަމުންނެވެ. އެހެންވެ، ފްރާންސުން ބުނީ "މިއީ އެކުވެރި ބައިވެރިންގެ ފަރާތުން ބަލައިގަނެވޭނެ އުޅުމެއް" ނޫން ކަމަށެވެ.

އޮސްޓްރޭލިއާ އާއި އެމެރިކާ އަދި އިނގިރޭސި ވިލާތް ހިމެނޭ އެއްބަސްވުމެއް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއުލާނު ކުރެއްވީ މިދިޔަ ބުދަ ދުވަހު އެވެ.

އެ އެއްބަސްވުމުގެ ދަށުން އެމެރިކާގެ ނިޔުކްލިއާ ސަބްމެރީން ޓެކްނޮލޮޖީ އާއި ސައިބަ ޑިފެންސް އަދި އެޕްލައިޑް އާޓިފިޝަލް އިންޓެލިޖެންސާއި ކަނޑު އަޑީގެ އަސްކަރީ އުފެއްދުންތައް އޮސްޓްރޭލިއާއަށް ވިއްކާނެ އެވެ.

އެފަދަ އެއްބަސްވުމެއްގެ ބޭނުމަކީ ޗައިނާ ކުރިއަރަމުން އަންނާތީ އެކަމާ ދެކޮޅަށް އެއްބަައިވުމެވެ.

ނަމަވެސް އެއްބަސްވުމާ ހެދި ފްރާންސުން ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. އެއީ 36.5 ބިލިއަން ޑޮލަރުގެ އަގަށްވާ ފްރާންސްގެ ސަބްމެރީން އޮސްޓްރޭލިއާ އަށް ވިއްކަން 2016 ވަނަ އަހަރު އެއްބަސްވުމުގައި ސޮއިކޮށްފައި ވަނިކޮށް، އެ އެއްބަސްވުމަށް އިހްތިރާމް ނުކުރުމުންނެވެ.

ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވީ ފްރާންސްގެ ސަފީރު އަނބުރާ ގެންދިޔުމުން ހިތާމަ ކުރާ ކަމަށާއި ދެ ގައުމުގެ މަޝްވަރާތައް ކުރިއަށް ގެންގޮސް މި މައްސަލަ ހައްލު ކުރާނެ ކަމަށެވެ.

ގައުމުތަކުގެ ސަފީރުން އަނބުރާ ގެންދިޔުމަކީ ދެ ގައުމެއްގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، ކާރިސާއަކާ ހަމައަށް ދިޔުމުން އެންމެ ފަހު ޑިޕްލޮމެޓިކް ފިޔަވަޅެއްގެ ގޮތުން ކުރާ ކަމެކެވެ.