Advertisement

އިބްރާހިމް ހުސެއިން މަނިކުގެ ކުރުވާހަކަ: ވަކިވުމުގެ ކުރިން

18 ސެޕްޓެންބަރު 2021 - 10:06 1

ޓައިޕޯގްރަފީ: ހުސެއިން ވަހީދު/ ކުރެހުން: އަހުމަދު އިހުސާން (އަރަކަ)


އިބްރާހިމް ހުސެއިން މަނިކުގެ ކުރުވާހަކަ: ވަކިވުމުގެ ކުރިން

18 ސެޕްޓެންބަރު 2021 - 10:06 1

މާނިޔަނެތި އަޑަކުން ޢަރަބި ރާގަކަށް ސަލާން ގޮވާލި އަޑަށް ދޮން ކަނބުލޮ ގުޑުގުޑާގެ ނޮޅިން އަތް ދޫކޮށްލުމަށްފަހު ފުންމައިގެން ތެދުވެ ސަލާން ބަލައިގަތީ ސިހުމަކާ ހައިރާން ކަމެއްގެ ތެރޭގައެވެ. އަނީސާގެ ކަފުގައި ފިރާގުވަދެގެން އައި އިރު ހުރިހާ ލޮލެއް ހުއްޓިފައި ހުރީ ފިރާގާ ދިމާއަށެވެ. ކުނަލެއް ނެތް ބޮޑު އުނދޯލީގައި ތިބި ޙުސެނާއި އޭނާގެ އެކުވެރިން މާދަމާ ކުޅެވޭ މުހިންމު ފުޓްބޯޅަ މެޗުގެ ނަތީޖާ އާމެދު ކިޔަމުން އައި ހަރާދު މެދު ކަނޑާލިއެވެ. ޒަމާނުގެ ހިރަފުހާއި ކަލަލާއިކުޑަކުދިންގެ ކުރެހުންތަކުން ފާރުތައް ކަޅުވެފައިވާ ފެންޑާގެ އަނެއް ކޮޅުގައި ހޮޅިބުރީގެ އަލީގައި ޑިގު ކުޅެމުން ހާހޯލީ އަޙްމަދާ އޭނާގެ ބައިވެރިންވެސް މައިތިރި ވެލިއެވެ.

ދޮން ކަނބުލޮ ދެފަރާތަށް ބަލައިލިއެވެ. އަދި ފިރާގު ފަދަ މެހުމާނަކާ އެކަށީގެންވާ ގޮނޑިއެއްވެސް ގޭގައި ނެތްކަން ލަދުވެތި ކަމާއެކު ފާހަގަ ކުރަމުން އުނދޯއްޔާ ދިމާއަށް އަތް ދިއްކޮށްލަމުން ބުންޏެވެ. "ފިރާގު ދުރުވޭ އުނދޯއްޔަށް."

އުނދޯލީގައި ތިބި ހަތަރު ޒުވާނުން ވަގުތުން ތެދުވެ ފިރާގަށް ތަން ދެއްކިއެވެ. އޭރުވެސް ދޮން ކަނބުލޮ އުޅުނީ މާމަދަރިފުޅައިގެންނެވެ. ތިން އަހަރުވީ މާމަ ދަރިފުޅު ފަޒުނާ ހޭލައިގެން ފެށި ރުއިން ހުއްޓާލީ މާމަ އުރާލަން ބުނީމައެވެ. އަދި މެޓާ ގަނެދޭން ވަޢުދު ވީމައެވެ. އެހެންކަމުން ފަޒުނާ އުރާލައިގެން ދޮން ކަނބުލޮ ބޭރަށް ނުކުތީ ކަންމަތީ ކުޑަ ފިހާރަޔަށް ދާން ކަމަށެވެ. މަގުމަތީގެ ހާމަ ކަމުގެ ތެރެޔަށް ނުކުތުމާއެކު ރޭގެ ތާޒާ ވައި، ދުވަހުގެ މަސައްކަތުން ހާމަ ކަމުގެ ތެރެޔަށް ނިކުތުމާއެކު ރޭގެ ތާޒާ ވައި، ދުވަހުގެ މަސައްކަތުން ލިބިފައިވާ ވަރުބަލިކަމާއެކުވެސް ރޫޙު ދިރުވާލިއެވެ.

އަމިއްލަ ގޭ މަގު ފާރު ބުޑުގައި ދޮންކަނބުލޮގެ ތިންވަނަ އަދި އެންމެ ރީތި އަންހެން ދަރިފުޅު ޝާނީ އާއި އޭނާ ހިތާ ވެގެން އުޅޭ ޝާމީނު ތުން ގުޅާލައިގެން ތިބި ތަން ދޮން ކަނބުލޮ ދުށީ ނުރުހުމާއި ފޫހީގެ ލޮލަކުންނެވެ. ޝާނީވެސް ހިނގަމުން އެދަނީ އޭނާގެ ދައްތަވެސް ހިނގި މަގުންނެވެ. އުރުމުން އަށާރަ ފުރުނު އިރުވެސް އަށްވަނަ ކިލާހުން އަރާތަނެއް ނައެވެ. އޭނާއާއި ޝާމީނު ގުޅިފައިވަނީ ކިޔެވުމާމެދުވެސް ފިކުރެއް ޚިޔާލެއް ކުރެވޭ ވަރަށް ވުރެ ބޮޑަށް ހެން ހީވެއެވެ. އެ ދެކުދިންވަނީ ދިގުދެމިގެންދާ ބައްދަލުވުންތަކާއި ބަދަލުކުރެވޭ ލަވަރޯލު ތަކާއި ވާހަކަ ފޮތްތަކުގެ ދުނިޔެއެއްގައި ގެއްލިފައެވެ. ރެސްޓޯރަންޓްތަކުން ކެއުމާއި ދަތުރު ދިއުމުގެ އޮއިވަރެއްގައި ބެހިގެން ގޮސްފައެވެ. ރަނގަޅަށް ވިއްޔާ ދެން ފެންނާނީ ކިޔެވުން ހުއްޓާލާފައި ކައިވެނީގެ ހަޔާތެއް ފަށާތަނެވެ. ލިބިފައި ރަނގަޅު ތަޢުލީމެއް ދަސްވީ މަސައްކަތެއް ނެތް، ޅަ ޒުވާން ދެމަފިރިން އެކުގައި ފެށ ހަޔާތުގެ ދަތުރު ނިމޭނީ ވަރީގެ ފުއްޓަރުން ކަން ނޭނގެއެވެ. އެހާތަނުން ދަރިންނާއެކު ޝާނީ އެނބުރި އަންނާނީ އަމިއްލަ ގެއަށެވެ. އޭނާގެ ދެ ދައްތައެކޭ އެއްފަދައިންނެވެ. ހުރިހާވެސް ބުރައެއް މުސްކުޅި މައިމީހާއަށެވެ.

ފިހާރައިގެ ދޮރުމަތިން ދޮން ކަނބުލޮއާ ދިމާވީ ފިނިކުރި ކޯލާފުޅިއެއް ހިފައިގެން ވުސް އަޅާފައި ނިކުތް "ރަންހަދާގޭ" އަނީސާ އާއެވެ. އޭނާ ވަކިވީ ދޭންވެފައި އޮތް ވަރަށް އުފާވެރި ޚަބަރެއް އޮތް ވާހަކަޔާއި ވަރަށް އަވަހަށް ދޮން ކަނބުލޮމެންގެޔަށް ދޭނޭ ވާހަކަ ބުނަމުންނެވެ.

އޭރުއްސުރެ ދޮން ކަނބުލޮ އިންތިޒާރު ކުރަމުން އައީ އަނީސާއަށެވެ. ފިރާގު ގޮވައިގެން އައުމުން އަނީސާ ދޭން އުޅޭ އުފާވެރި ޚަބަރު ގުޅިފައިވަނީ ފިރާގާ ކަން އެނގިއްޖެއެވެ. އަދި އެއީ ކޮންކަހަލަ ޚަބަރެއްކަންވެސް އެނގިއްޖެއެވެ.

އަނީސާ ދޮން ކަނބުލޮ އަތުގައި ހިފައިގެން ބަދިގެޔާވީ ފަރާތަށް ލެފިލަމުން ވައިއަޑަކުން ބުންޏެވެ. "ދޮންކަނބުލޯ. ނަސީބު އަތުގައި ހިފައިފި. މިގޭ ޝާނީ ދެދުވަހަކު އަހަރެމެން ގޭ ތެރެއިން ފެނިލައްވައިގެން ފިރާގު ހީވަނީ ރަނގަޅަށް ޝާނީއާ ހިތްޕުޅާ ހަމަ ކުރައްވައިފިހެން."

ފިރާގަކީ ކިޔަވާ މޮޅުވެގެން ހުރި އުޅުން ރަނގަޅު ޒުވާނެއްކަމާއި އޭނާގެ މައިންބަފައިންނަކީ ކިހާ ވަރެއްގެ ކޮން ބައެއްކަން ދޮންކަނބުލޮ ދަނެއެވެ. އަދި ފިރާގު "ރަންހަދާގެ" އަށް އައިސް އުޅެނީ އަނީސާގެ ދޮށީ ދަރިފުޅު ފައްޔާޒުގެ ރައްޓެހިކަމުގައިކަން ވެސް އެނގެއެވެ.

"އަހަރެން ކުރެން އެއްސެވި ޝާނީއަކީ ކޮންކަހަލަ ކުއްޖެއްތޯ. އަހަރެން ނަންގަތިން. ވަރަށް ތޫނުފިލި ހިތްހެޔޮ، ހުރިހާ ވައްތަރެއްގެ ހުރިހާ އުމުރެއްގެ މީހުންނާ ގުޅޭ ވައްތަރުގެ ކުއްޖެކޭ. މާބޮޑަށް ވީއްލިފައި ހުރެ ބޮޑުވެފައި ހުއްޓަސް ރަނގަޅު ފިރިޔަކާ ޖެހެނިކޮށް ރަނގަޅު އަނތްބަކަށް ވާނެއޭ."

ޝާނީ ބޮޑުވެފައި ހުރީ މާބޮޑަށް ވީއްލިފައި ހުރެ ކަމަށް ބުނުމުން ދޮންކަނބުލޮ ވަރަށް ބޮޑަށް ނުގަބޫލު ވިއެވެ. ނަމަވެސް އެއީ ތެދުކަމުގައި އޭނާގެ ޒަމީރު ހެކިވެއެވެ. އޭނާ ބުންޏެވެ. "ފިރާގު ކީއްވެބާ ސީދަ ޝާނީއާ ނުގުޅުއްވީ؟"

"އޭނާގެ ލަދުރަކިކަމުން ތޯއްޗެއް؟"

ދެ އަވަށްޓެރިންނަށް ހީނގަނެވުނީ އެކުއެކީގައެވެ. ދޮންކަނބުލޮ ވަރަށް އުފާވެފައި ބުންޏެވެ. "ފިރާގު ޝާނީއާ ގުޅިލެއްވުމީ އަހަރެން ލޮލާ ބޮލުން އެދޭ ކަމެއް. ނަންގަނޭ ލަދަކާ ހެދި ތަދެއް ނުފިލާނޭއޭ. މިގެއަށް ދެން އާދަކޮށް ދުރުވެ އުޅުއްވާށޭ."

ދޮންކަނބުލޮ ފެންޑާ މައްޗަށް އެނބުރި އައިސް ދަރި ކުލުނާއި އޯގާވެރިކަމުން ފުރިގެންވާ ކަޅިއެއް ފިރާގާ ދިމާއަށް އެއްލަމުން އަހާލިއެވެ. "ސިނގިރެޓް ބައްލަވަންތޯ؟ ދުއްސަވަންތޯ؟"

ފިރާގު ބޯހޫރާލިއެވެ. ކުރުކޮށް ކޮށާފައިވާ ބޮލާއި ތުނބުޅި އޭނާގެ ޒުވާން ދޮން މޫނަށް ގެނެސް ދީފައިވަނީ ސީރިއަސް ކުލަވަރެކެވެ.

"އެހެންވިއްޔާ ފިނިހިއްޕެވުމެއް ގެނެސް ދެންތޯ؟"

"ވަރަށް ބޮޑަށް ޝުކުރިއްޔާ. އެއްވެސް އެއްޗެއް ގެންނަވާނެ ކަމެއް ނެތް. ފިނިއެއްޗެއް ބުއީ ދެންމެއަކު."

ދޮންކަނބުލޮ އޭނާގެ ކުދިން ތިބި އަދަދާ އަދި މިވަގުތު އެތާތިބި ހުސޭނަކީ ޝާނީގެ ބޭބެކަމާއި އަޙުމަދަކީ ޝާނީގެ ކޮއްކޮ ކަމަށް ދެބެންގެ ތަޢާރަފުގައި ބުންޏެވެ. "ޙުސެން މަދަރުސާއިން ކަނޑާލީ ހަވަނަ ކިލާހުން ފޭލިވެގެން، އަޙުމަދު ކަނޑާލީ ސިޔާސަކަމުން އޮބި ނޯވެގެން. އަޅުގަނޑުގެ ހުރިހާ ކުދިންވެސް މަދަރުސާއަށް ވެއްދިން. އެ ކުދިން ކިޔަވަން ނޫޅުނީތާ. ފިރާގު ކިޔަވާ ވިދާޅުވީ މަދީނާއިން ކަމުގައި ބުނާ އަޑު އެހިން."

ފިރާގު ބޯ ޖަހާލިއެވެ.

"މިހާރު މުއްސަނދިންގެ ދަރިން ކިޔަވަން ފޮނުވަނީ ސިންގަޕޫރަށް ނޫނީ ލަންޑަނަށް ނޫންތޯ؟"

"ބައްޕަ އިސްކަން ދެއްވީ އިސްލާމީ ވެށްޓެއްގައިދެވޭ އިސްލާމީ ތަރުބިއްޔަތަކަށް. ދީނީ ބިންގަލެއްގެ މައްޗަށް ބިނާވެފައިވާ ތަޢުލީމަކަށް، މަދީނާއިން ބީ.އޭ ފާސް ނެގުމުން ބައްޕަވެސް ބޭނުންވެލައްވަނީ އަޅުގަނޑު އެމް.އޭ ފާހަށް ކިޔަވަން ވިލާތަށް ފޮނުއްވަން."

"ކޮން އިރަކުންތޯ ފުރުއްވަނީ؟"

"ބައްޕަ ބާރު އަޅުއްވާ ކަމެއް ފުރިހަމަ ވީހާ އަވަހަކަށް."

"އެއީ އަނެއްކާ ކޮން ކަމެއްތޯ؟"

ފިރާގުގެ މޫނު ރަތްވެގެން ދިޔައެވެ. އޭނާ އަޅައިގެން އިން ހެދުމުގެ ވައްތަރުން ހީވަނީ ޖަނާޒާއަކަށް ހާޒިރުވީ މީހެއްހެންނެވެ. ކަރު ގޮށާއި އަތުކުރީ ގޮށް އަޅާފައިވާ ހުދު ގަމީހެކެވެ. ފައިކުރި ތަނބިކައްޓާ ހަމަޔަށް ނުފޯރާ ކަޅު ފަޓުލޫނުގެ ތިރިން ހުދު އިސްޓާކީނާއި ކަޅު ބޫޓެވެ.

ފިރާގުގެ އިސްޖެހުމާއި ފަސްޖެހުން ފެނުމުން އަނީސާ ހީނގެންފައި ބުންޏެވެ. "ފިރާގުގެ ބައްޕަ ބާރު އަޅުއްވަނީ ފިރާގު ވިލާތަށް ފުރުއްވުމުގެ ކުރިން ކައިވެނި ކުރައްވާ، އަނބިކަނބަލުންވެސް ގޮވައިގެން ފުރުއްވަން."

"ކޮބައިތަ ޝާނީ؟" ދޮންކަނބުކޮ ހުސެން ކުރެން އަހާލިއެވެ. ހުސެންގެ ކަޅި ދަތުރުކުރީ ފެންޑާއަށް ހުޅުވޭ ގޮތަށް ހުރި ކޮޓަރިއާ ދިމާއަށެވެ. އެއްޗެކޭ ބުނަން އުޅެފައިމެ އޭނާ ހަމަހިމޭނުން އިނީ ކޮންމެވެސް އެއްޗެއް ވިސްނިގެން ތޯއްޗެކެވެ.

އިރުކޮޅެއް ފަހުން، ޑިގު ކުޅެން ތިބި ބައިގަނޑުގެ ތެރެއިން ކައުޓޭ އާފުރިލުމާއެކު ތެދުވެ ދާން ހިނގައިގަތެވެ. އަމުދުން ހަމަހުގެ ކުޑަ ދަރިފުޅު ބަލިވެ އުޅޭއިރު ބޭރުގައި މާލަސްވެއްޖެނަމަ އަނެއްކޮޅުން މައްސަލަ ޖައްސާނޭ ކަމަށް ބުނަމުންނެވެ. އޭނާގެ އެކުވެރިންގެ ފޮށުމާއި ހުނުމަށް މާބޮޑު ބެލުމެއްނެތިއެވެ. އޭނާ ނުހިފޭއްޓޭނެކަން އެނގުމުން އަޙުމަދު، ފިރާގަށް ގޮވާލުމުން ކައުޓޭގެ ގޮނޑި ފުރުމަށް ދައުވަތު ދިނެވެ. ފުރަތަމަ އިންކާރު ކުރި ނަމަވެސް ދޮންކަނބުލޮގެ އެދުމާއި ހިތްވަރު ދިނުމުގެ މަތިން ފިރާގު އެންމެ ފަހުން ދައުވަތު ގަބޫލު ކުރިއެވެ. އަދި އުނދޯލިން ތެދުވެގެން ގޮސް މޭޒުދޮށުގައި ކޮޅުފިލާގޮނޑީގައި ޖައްސާލިއެވެ.

އަޙްމަދު ސިނގިރެޓެއް ރޯކޮށްލަމުން ފިރާގާ ދިމާއަށް ބަލާލާފައި ބުންޏެވެ. "އަޅުގަނޑުމެންގެ ވަރަށް ގާތް، މަސްވެރި ކަމުން ކައި ބޮއި އުޅޭ ރާއްޖެތެރޭގެ ރައްޓެއްސަކު އެބަ އޮތް އޭނާގެ ދޯނީގައި އަޅަން އިތުބާރު ސެކެންޑް ހޭންޑް އިންޖީނެއް ހޯދަން ޙަވާލު ކޮށްފާ. ފިރާގު ގެ ބައްޕަ ގެ ބޮޑު ފިހާރައިން ތަން ކޮޅެއް ހެޔޮ އަގަކަށް ނޯންނާނެތޯ އެ ފަދަ އިންޖީނެއް ލިބޭކަށް؟"

"ބައްޕަ އަކީ ބާ އިންޖީނު ވިއްކަވާ ބޭކަލެއް ނޫން. ބައްޕަ ވިއްކަވަނީ އާ އެއްޗެހި."

"ބާ އެއްޗެހީގެ ފައިދާ ކުޑައީތޯ؟"

"ބައްޕަ ބައްލަވަނީ ހަމައެކަނި ފައިދާ އަކަށް ނޫން. ބައްޕަ ގެ ރީތި ނަމަށް ވެސް ބައްލަވާ. އަޅުގަނޑުމެންގެ ފިހާރަ އަކުން ވިއްކޭ އެއްޗެއް ކަމު ނުގޮސްގެން ބަދުނާމެއް ލިބޭކަށް ބައްޕަ އެދިއެއް ނުލައްވާ. ބައްޕަ ގެ ފަލްސަފާ އަކީ މީހަކު ގެންގުޅެލާފައި ހުރި އިންޖީނެއް ނުވެސް ގަތުން. ނުވެސް ވިއްކުން. އެ ފަދަ އިންޖީނަކާ ވައި ވެސް ނޭޅުން. އަޅުގަނޑުގެ ފަލްސަފާ އަކީވެސް މީ. އަހުމަދުގެ ރަހްމަތްތެރިޔާގެ މުޅި ދިރިއުޅުމަކީ އޭނާގެ މަސް ދޯނި ކަމުގައި ވާއިރު ކީއްވެބާ އޭނާ ބާ އިންޖީނެއް ހޯދަން ތި އުޅެނީ. އާ ދޯންޏަކަށް ރަނގަޅު ވާނީ އާ އިންޖީނެއް."

ޑިގު ގެ ބުރަކަށް ފަހު ބުރެއް ފޯރީގައި ކުރިއަށް ދެއެވެ. ގިނަ ގިނައިން ހިނިތުން ވިޔަސް އަހްމަދުމެންގެ ރަނބަ ތެޅުވުމުގައި ފިރާގު އެއްގޮތަކަށްވެސް ބައިވެރިއެއް ނުވެއެވެ. އޭނާ އިނީ ހަމަ ހިމޭނުން ނެވެ. އޭނާގެ ސަމާލުކަން ހުއްޓިފައި ވަނީ އަތް ބަޔަށެވެ. ނެގޭ އަދި ފައިބާ ގަނޑުތަ ކަށެވެ. އޭނާ ގަނޑެއް ނަގަނީވެސް ގަނޑެއް ދޫ ކުރަނީވެސް ބަލާފައެވެ. އެނާގެ މި ހުޝިޔާރު ކުޅުމުގެ ކުރިމަތީގައި އޭނާގެ ބައިވެރިންނަށް ލިބޭ ކާމިޔާބު ދިޔައީ މަދު ވަމުންނެވެ. އޭނާގެ ނަންބަރު ދިޔައީ މަތި ވަމުންނެވެ. އަމުދުނން އޭނާގެ ވައި ދަށުގައި ސައިއްޓޭއަށް ޑިގު ގޮވުމަކީ ނުކުރެވޭ ކަމަކަށް ވެއްޖެއެވެ. ގިނަނ ފަހަރަށް ޑިގު ގޮވަނީވެސް ފިރާގެވެ.

ދޭތެރެ ދޭތެރެއިން އަތު ކުރީ ގަޑިއަށް ބަލައިލަމުން ފިރާގު ގެޔަށް ދިޔުން ލަސްވެގެން ޝަކުވާ ކުރެއެވެ. ނަމަވެސް ދޮންކަނބުލޮގެ ހިތްވަރު ދިނުމާއި ބައިވެރިންގެ އެދުމުގެ މަތިން އިތުރު ގަނޑެއް ކުޅެން އެއްބަސް ވަނީ އެވެ. ހަގީގަތުގައި ދޮންކަނބުލޮ ވެސް ފިރާގު ވެސް އިންތިޒާރު ކުރަމުން އައީ ޝާނީ އަށެވެ. ދޮންކަނބުލޮ ހީކުރީ ޝާނީ އަދިވެސް ގެއަށް ނާންނަނީ ކަމަށެވެ.

އޭރުވެސް ދޮންކަނބުލޮ ފިރާގާ ދިމާއަށް ބަލަމުން އައީ ރުހުމާއި އިޙްތިރާމްގެ ލޮލަކުންނެވެ. އުއްމީދެއްގެ ފޮނިކަމާ އެކުވެސް އާވަމުން ދިޔަ ހިތި ހަނދާން ތަކެއްގެ ތެރޭގައެވެ. އެއްދުވަސްވަރެއްގައި ދޮން ކަނބުލޮ އަކީވެސް ރީތި ޒުވާން އަންހެން ކުއްޖެކެވެ. އެތަކެއް ފިރިހެނުންގެ ބެލުންތަކާއި ހުށަހެޅުން ތަކުގެ އަމާޒެވެ. ދޮންކަނބުލޮއަށް ހިތް ދޫ ކޮށްލެވުނީ އޭގެ ތެރެއިން އެންމެ ސަޅި މީހާއަށެވެ. އެއީ ކުދިންގެ ބައްޕައެވެ. އޭނާގެ ވަޢުދު ތަކަކީ ނުފުދޭނެ އެއްޗެއް ކަމާއި އޭނާއަކީ ކާކުކަން ދަސްވީ މާލަސްވީ ފަހުންނެވެ. ވަކި ނުވެވޭނޭ ގުޅުމަކުން ބެނދެވުމުންނެވެ. އެ ގުޅުމަކީ ފަހަކަށް އައިސް ލޯތްބެއް ނޫނެވެ. ދަރިންނެވެ. މަޖުބޫރެވެ. ނަތީޖާއަކީ އަރާމެއް ނެތް ދިރިއުޅުމެކެވެ. ހަސަންފުޅަކީ ދެދުވަހު ހަމަޔަށް އެއް ވަޒީފާއެއްގައި ދެމިހުރެވޭ މީހެއްނޫނެވެ. އޭނާ އަންނަނީ އެކިކަމަށް ޝައުޤުވެރިވާ އެކި ދުވަސްވަރެވެ. މި ދުވަސްވަރަކީ އެކިއެކި ދަންނަބޭކަލުންގެ ފަސް ހަނގުރާމަ ބެލުމުގެ ދުވަސްވަރެވެ. ތިމާގެ އަމިއްލަ ދިރިއުޅުން ތަރައްޤީ ކުރުމީ އަނބިދަރިންނަށް ތަނަވަސް ދުނިޔެއެއް ހޯދައި ދިނުމީ އޭނާ ޚިޔާލު ކުރާ ކަމެއްނޫނެވެ. މަސްއޫލު ވުމަކީ ޒިންމާ އުފުލުމަކީ އޭނާ ކުރާނެ ކަމެއްނޫންކަން ޔަޤީންވުމުން ދޮންކަނބުލޮއަށް މަޖުބޫރުވީ ދަރިންނަށްޓަކައި ދިރިއުޅުމަށްޓަކައި މަންމައެއްގެ ބައިގެ އިތުރަށް ބައްޕަގެ ބައެއްވެސް އަދާ ކުރާށެވެ. ބޮޑު ޢާއިލާގެ ޚަރަދުތައް މިހާރުވެސް ހަމަޖައްސަނީ ދޮންކަނބުލޮގެ މަސައްކަތުންނެވެ. ހެދިކާ ހަދައިގެން ވިއްކައިގެންނެވެ. އެންމެ ދޮށްޓަށް ތިބި ދެ އަންހެން ދަރިންބޮޑުވެ މީހުންނާ އިނުމުން އެކުދިންގެ ފިރިން ފުށުންނަމަވެސް ފަސޭހަ ދުނިޔެއެއް ފެނިދާނެކަމުގެ ދަޅަތައް ފެނުނެވެ. އެއީ ބިލާހެއްކަން އެނގުނީ މާމަކިޔާ ދެތިންދަރިންވެސް ދޫކޮށް އެމީހުންގެ އަނބިން ވަރިކޮށްފައި ދިޔައީމައެވެ. ނަމަވެސް މިފަހަރު ހީވަނީ އަނީސާ ބުނިހެން ނަސިބު އަތުގައި ހިފައިފިހެންނެވެ.

ރޭގަނޑު ދިހަގަޑީގެ ޚަބަރަށްފަހު ދިވެހިރާއްޖޭގެ އަޑުން "ވަކިވުމުގެ ކުރީގެ" ލަވަތަކަށް ފަށައިފިއެވެ. އޮމާން އަޑެއްގެ ވެރި އަންހެން އެނައުންސަރު ލަވައިގެ މާނައަށްވެސް އިޝާރާތް ކުރަމުން ލަވަ ކިޔުންތެރިޔާގެ ތަޢާރަފުވެސް ހިމެނޭ ގޮތުން ދެމާނަ އެކުލެވޭ މޭރުމަކުން ބުންޏެވެ. "އެނާވަނީ އަބަދަށްޓަކައި އަޅުގަނޑުމެންނާ ވަކިވެފާ. ނުފިލާ ހުރީ އޭނާގެ އަސަރު. އެނާގެ ހަނދާން."

އަޑެއް ކިޔާފައި ފެންޑާގެ އިރުމައްޗަށް ހުރި ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ހުރިހާ ލޯތަކެއް ދަތުރު ކުރި އެދިމާއަށެވެ. ނިދާ ހެދުމުގައި ނިކުތީ ދޮން ބަށްޓެއްކަހަލަ ޝާނީއެވެ. އޭނާގެ ކަޅުފޮއި ރެއެއް ކަހަލަ ކުރަނގި ލޮލުގައިވަނީ ވަރުބަލިކަމެވެ. ޗާލު މޫނާއި ތުންފަތްވަނީ ލޭ އަރާ ރަތްވެފައެވެ. އޭނާގެ ފަހަތުން މާބޮޑަށް އުފާވެފައި އިނގިރޭސި ލަވައެއް ކިޔަމުން އަތުން ބައިސްކަލު ބައްތި ހިފައިގެން ނުކުތީ އޭނާގެ ލޯބިވެރިޔާ ޝާމީނެވެ. އޭނާގެ އީޓް މުށިކުލަ ޖައްސާފައިވާ ދިގުވެ ކޮނޑުމައްޗަށް ފައިބައިފައިވާ ބޯވެސް ވަނީ ހޭވިފައެވެ. ލައިގެން ހުރި ރީނދޫކުލައިގެ ގަންޖުފަރާހުގެ ގޮށްތައްވެސް ވަނީ ރަނގަޅަށް ނުއެޅުވިއެވެ. މީގެ ދެ ލޯބިވެރިންގެ ގުޅުމަކީ ކޮބައިކަން ދޮންކަނބުލޮއަށް އެނގުނެވެ. އެކަން ފިރާގަށްވެސް އެނގުނެވެ. ފިރާގު އަތުން އަތްބައި ދޫވިއެވެ. އޭނާގެ ކަޅު ކަޅިރަވައިން ފާޅުވޭވޭހުރީ ޒަޚުމީ ވިދުވަރެކެވެ. އޭނާގެ ސާފު މޫނަކީ އޭނާގެ ކަތިލެވުނު އިޙްސާސްތަކާއި ނުކުޅެދޭ އަސަރުތަކުގެ ކަންނާޑިއެވެ. އޭނާ ވޭނުން ފުރިގެންވާ ކަޅިއެއް ޝާނީއާ ދިމާއަށް އެއްލިއެވެ. ގަތްލަދާއި ވީދެރައާއި ލިބުނު ސިހުމާއެކު ދޮންކަނބުލޮ އިސްޖަހާލިއެވެ. ޝާނީ އޭނާގެ ލޯބިވެރިޔާ އެރެހައްޓަން ނިކުތީ ފިރާގާ ދިމާއަށް ބަލައިލަމުން ދެބުމަ ފިއްތާލުމާއެކު ހީނލުމަށް ފަހުގައެވެ. އޭރު ޝާނީގެ ބައްޕަ ބޭރުން އައިސް ދޮރޯށި ދޮށުގައި ކޮންމެވެސް ބަޔަކާ ވާހަކަ ދައްކަމުން ތުނބުޅި ބެހެއްޓުމާއި ފައިކުރި ކުރުކޮށް ބެހެއްޓުމަށް ފަތުވާދީ ނަސޭހަތްތެރިވާ އަޑު އިވެއެވެ.

ފިރާގު ތެދުވިއެވެ. އަދި މައިތިރި ނަމަވެސް ތުރުތުރެއް ހުރި އަޑަކުން މިހާރުވެސް މާލަސްވެއްޖެކަމަށާއި ދެންދަނީ ކަމުގައި ބުނަމުން ހިނގައިގަތެވެ. އޭނާ އެރެހައްޓަން ދޮންކަނބުލޮ ނިކުތްއިރު ޝާނީ އޭނާގެ ލޯބިވެރިޔާއާ ވަކިވުމުގެ ތަތްވެލުމަކަށްފަހު ގެޔަށް ވަންނަން އެނބުރިލަނީއެވެ.

ފިރާގު ރުވާފައި ދޫކޮށްލި ދުންޏެއްހެން ގޮސް ޖެހިގެން ހުރި "ރަންހަދާގޭ" ދޮށުގައި އޮތް އެނާގެ އާ ހުދު ކާރަށް އަރާ ބަންލާފައި ދޮރު ޖެހިއެވެ. އަދި ކާރު އިސްޓާޓްކޮށްލުމަށްފަހު އެންމެ ފަހުގެ ސަލާމަށް އަތް ހޫރާލިއެވެ. "އަދިވެސް އަޅުގަނޑުމެންގެއަށް ދުރުވަންވާނެ." އޭ ދޮންކަނބުލޮ ގޮވާލިއެވެ. ވަކި ޖަވާބެއް ނުދީ ކާރުގެ ދުވެލި ބާރުކޮށްލަމުން ފިރާގު ހީނލިއެވެ. ހިތް ހަލާކުވާފަދަ ހިތި ހިނިތުންވުމެކެވެ. ކާރު ދުރަށްގޮސް ގެއްލެންދެން ދޮންކަނބުލޮ މާޔޫސީ ގޮތަކަށް ބަލަހައްޓައިގެން ހުއްޓެވެ.

އެޑިޓަރުގެ ނޯޓް


މިއީ ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަޖިލީހުން ނެރެފައިވާ "އިބްރާހިމް ހުސެއިން މަނިކުގެ ކުރުވާހަކަތައް 1" ގައި ޝާއިއުކޮށްފައިވާ ވާހަކަ އެކެވެ. މި ވާހަކަ މި ނޫހުގައި ޖަހާފައިވަނީ، ޝާއިއުކުރި ފަރާތާއި ލިޔުންތެރިޔާގެ ހުއްދައާ އެކު އެވެ.