Advertisement

އެމެރިކާގެ ހަކަތައިގެ 45 ޕަސެންޓު އަވިން ހޯދުމުގެ އަމާޒެއް

18 ސެޕްޓެންބަރު 2021 - 10:27 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ހުސް ބިމެއްގައި އަވިން ހަކަތަ އުފައްދަން ސޯލާ ޕެނަލް އަތުރާފައި.-- ފޮޓޯ: އޭއެފްޕީ


އެމެރިކާގެ ހަކަތައިގެ 45 ޕަސެންޓު އަވިން ހޯދުމުގެ އަމާޒެއް

18 ސެޕްޓެންބަރު 2021 - 10:27 0

މި ގަރުނުގެ މެދަކާ ހަމައަށް ދާއިރު އެމެރިކާގެ ހަކަތައިގެ 50 ޕަސެންޓު އިއާދަކުރަނިވި ގޮތްތަކަށް ހޯދުމުގެ އަމާޒެއް ގެންގުޅެން ޖެހޭ ކަމަށް ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ބުނެފި އެވެ.

ޑިޕާޓްމަންޓް އޮފް އެނާޖީ (ޑީއޯއީ) އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން 2035 އާ ހަމައަށް ދާއިރު ހަކަތައިގެ 40 ޕަސެންޓު އަދި 2050 އާ ހަމައަށް ދާއިރު ހަކަތައިގެ 45 ޕަސެންޓު އަވިން އުފެއްދި ދާނެ އެވެ. މިހާރު އެމެރިކާގައި އަވިން އުފައްދަނީ އެންމެ ތިން ޕަސެންޓު ހަކަތަ އެވެ.

އެ ޑިޕާޓްމަންޓުގެ ބަޔާނެއްގައި ބުނީ އަވިން ހަކަތަ އުފެއްދުމުގެ އަމާޒަށް ވާސިލްވެވޭނީ ސޯލާ ޕެނަލްތަކުގެ ކެޕޭސިޓީ ކޮންމެ އަހަރަކު ވެސް ތިން ގުނަ ކޮށްގެން ކަމަށެވެ.

އޭގެ އިތުރުން އެމެރިކާގެ ހަކަތަ އުފެއްދުމުގެ ނިޒާމު ބިނާވެފައި އޮތީ ކޯލް އަދި ގޭހަށް ކަމަށް ވާއިރު، ކުރިއަށް އޮތް އަހަރުތަކުގައި އެ ނިޒާމު ބަދަލުކުރަން ބޮޑެތި އިންވެސްޓްމަންޓް ބޭނުން ވާނެ އެވެ.

މޫސުމީ ބަދަލު ކުޑަ ކުރުމަށް އިއާދަކުރަނިވި ހަކަތަ އާއި ތިމާވެއްޓާ ރައްޓެހި ގޮތްތައް ހިޔާރު ކުރުމުގެ ވިސްނުމަކީ ބައިޑެންގެ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.

އިއާދަކުރަނިވި ހަކަތައާ ގުޅޭ އަމާޒު އިއުލާނު ކުރުމުގެ ކުރިން ވައިޓް ހައުސް އިން ވަނީ އެމެރިކާގައި ވިއްކާ ކާރުތަކުގެ 50 ޕަސެންޓަކީ "ޒީރޯ އެމިޝަން" ނުވަތަ ވިހަ ގޭސް ބޭރު ނުކުރާ ކާރުތަކަށް 2030 ގެ ކުރިން ހަދާނެ ކަމަށް އިއުލާނުކޮށްފަ އެވެ.

މިދިޔަ މަހު އެމެރިކާގެ ބައެއް ހިސާބުތަކަށް އެރި ތޫފާން އައިޑާއާ ގުޅިގެން މޫސުމީ ބަދަލުގެ އަސަރު ކުރާ މިންވަރު ބޮޑުވެ، އިތުރުވެފައިވާކަމުގެ ކަންބޮޑުވުން އެކި ފަރާތްތަކުން ވަނީ ފާޅުކޮށްފަ އެވެ.

އެގޮތުން ތޫފާނުގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ނިއު ޔޯކާއި ނިއު ޖާޒީގެ ހިސާބުތަކަށް ވަޑައިގެން ބައިޑެން ވިދާޅުވީ މޫސުމީ ބަދަލާ ހެދި ދުނިޔެއަށް މިހާރު ދިމާވެފައި ވަނީ "ކޯޑް ރެޑް" ނުވަތަ އެންމެ ނުރައްކާތެރި ހާލަތު ކަމަށެވެ.