Advertisement

ލިވަޕޫލާއި ސިޓީ އަދި ރެއާލަށް މޮޅެއް، ޕީއެސްޖީ އެއްވަރު

16 ސެޕްޓެންބަރު 2021 - 02:37 0

ޕީއެސްޖީ މެޗުގެ ތެރެއިން މެސީ.-- ފޮޓޯ: އޭއެފްޕީ


ލިވަޕޫލާއި ސިޓީ އަދި ރެއާލަށް މޮޅެއް، ޕީއެސްޖީ އެއްވަރު

16 ސެޕްޓެންބަރު 2021 - 02:37 0

ލިވަޕޫލް (ސެޕްޓެމްބަރު 16) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ލިވަޕޫލާއި މެންޗެސްޓާ ސިޓީ އަދި ރެއާލް މެޑްރިޑުން މޮޅަކުން މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ސީޒަން ފެށިއިރު، ޕީއެސްޖީ ކުޅުނު މެޗުން އެއްވަރުވެއްޖެ އެވެ.

ހަތް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުގައި ވާދަކުރާ އޭސީ މިލާން އަތުން ލިވަޕޫލް މޮޅުވީ 3-2 އިންނެވެ. ފަހު ވަގުތު ރޮޑްރީގޯ ވައްދާލި ގޯލުން ރެއާލް ވަނީ އިންޓަ މިލާން ދަނޑުގައި 1-0 އިން މޮޅުވެފަ އެވެ. ޖަރުމަނުގެ އާރްބީ ލައިޕްޒިގުގެ މައްޗަށް ސިޓީ ކުރިހޯދީ 6-3 އިންނެވެ. ބެލްޖިއަމްގެ ކްލަބް ބްރޫޖާ ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ އެއްވަރުވީ 1-1 އިންނެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އެ ޓީމުން ލީޑުނެގީ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ޖެހި ބޯޅައެއް މިލާންގެ ޑިފެންޑަރު ފިކާޔޯ ޓޮމޯރީ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ގޯލުންނެވެ. އޭގެ އިރުކޮޅެއް ފަހުން މުހައްމަދު ސަލާހު ލިވަޕޫލްގެ ލީޑުފުޅާކުރަން ފޮނުވާލި ޕެނަލްޓީ މިލާންގެ ފްރާންސް ކީޕަރު މައިކް މައިންގްނަން ވަނީ މަތަކޮށްފަ އެވެ.

ލިވަޕޫލްގެ ކެޕްޓަން ހެންޑަސަން އެ ޓީމުގެ ތިން ވަނަ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ދެ މިނިޓް ތެރޭ ދެ ގޯލު ޖަހައިގެން މިލާނުން އެ ޓީމު ކޮޅަށް މެޗުގެ ނަތީޖާ އަނބުރާލި އެވެ. އެ ޓީމަށް އެއްވަރުކޮށްދިން ގޯލު ޖެހީ އަންޓޭ ރެބިޗް އެވެ. އަދި ލީޑުނަގައިދިނީ ބްރަހިމް ޑިއާޒް އެވެ. ދެ ވަނަ ހާފްގައި ކުޅެން އަރައި ފަސް މިނިޓް ތެރޭ ސަލާހު ވަނީ ގޯލެއް ޖަހައި ލިވަޕޫލަށް އެއްވަރުކޮށްދީފަ އެވެ. ލިވަޕޫލް މޮޅުކޮށްދިން ގޯލު ޖެހީ ކެޕްޓަން ޖޯޑަން ހެންޑަސަން އެވެ.

މި ގްރޫޕްގެ އަނެއް މެޗުން އެތުލެޓިކޯ މެޑްރިޑާއި ޕޯޓޯ ވަނީ ގޯލެއް ނުޖެހި އެއްވަރުވެފަ އެވެ.

ރެއާލުން އިންޓަ ދަނޑުގައި މޮޅުވީ ފަހު މިނިޓްގައި ގޯލު ޖަހައިގެންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ލޫކަ މޮޑްރިޗްގެ ބަދަލުގައި ކުޅެން އެރި އެޑޮއާޑޯ ކަމަވިންގާ ދިން ބޯޅައަކުން ބްރެޒިލްގެ ވިންގް ރޮޑްރީގޯ ވަނީ ގޯލު ޖަހައި ރެއާލަށް ތިން ޕޮއިންޓް ހޯދައިދީފަ އެވެ.

ސިޓީ ދަނޑުގައި އެ ޓީމުން ލައިޕްޒިގާ ދެކޮޅަށް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސިޓީގެ ގޯލުތައް ޖެހީ ނޭތަން އަކޭ، ރިޔާދު މާރޭޒް، ޖެކް ގްރީލިޝް، ޔޮއާއޯ ކަންސޭލޯ، ގަބްރިއެލް ޖީސޫސްގެ އިތުރުން ލައިޕްޒިގުގެ ނޯޑީ މުކިއޭލޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ލަނޑު ޖެހުމަށް ފަހު ގްރީލިޝް އުފާފާޅުކުރަނީ: އޭނާ އަކީ 2004 ވަނަ އަހަރުގެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ގޯލެއް ޖަހައި އެސިސްޓެއް ހެދި އިނގިރޭސި ފުރަތަމަ ކުޅުންތެރިޔާ.-- ފޮޓޯ: އޭއެފްޕީ


ލައިޕްޒިގުގެ ތިން ގޯލު ވެސް ޖަހައި ކްރިސްޓޮފާ އެންކުންކޫ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އޭނާ އަކީ ޗެމްޕިއަންސް ލީގުގައި ހެޓްރިކެއް ހެދި ލައިޕްޒިގުގެ ފުރަތަމަ ކުޅުންތެރިޔާ އެވެ. އަދި ސިޓީ ކޮޅަށް ޗެމްޕިއަންސް ލީގުގައި ހެޓްރިކެއް ހެދި ދެ ވަނަ ކުޅުންތެރިޔާ އެވެ.

ލައިޕްޒިގު މި މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އެ ޓީމުގެ ވާތުބެކް އެންޖެލީނޯ އަށް ދެ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. އެންޖެލީނޯ އަކީ ކުރިން ސިޓީ އަށް ކުޅުނު ކުޅުންތެރިއެެކެވެ.

ލިއޮނަލް މެސީ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ އަށް ކުޅެދިން ފުރަތަމަ މެޗުގައި އެ ޓީމުން ލީޑުނެގީ 15 ވަނަ މިނިޓްގައި އެންޑަ ހެރޭރާ ޖެހި ގޯލުންނެވެ. މިއީ ކީލިއަން އެމްބާޕޭ ދިން ބޯޅައަކުން ހެރޭރާ ޖެހި ގޯލެކެވެ.

ވަރުގަދަކޮށް ކުޅެމުން ދިޔަ ބެލްޖިއަމްގެ ބްރޫޖަށް އެއްވަރުކޮށްދިނީ 27 ވަނަ މިނިޓްގައި ހަންސް ވަނަކެން އެވެ. ޕީއެސްޖީ އަށް އަލުން ލީޑުނަގައިދޭން ފުރަތަމަ ހާފުގައި އޭރިއާބޭރުން މެސީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ. މެޗުގެ ފަހު ކޮޅުގައި އޭރިއާތެރެއިން މެސީ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.